ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ މުޒާހަރާތައް ލައިވްކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށް އަންގައިފިއެވެ.
އާޓިފިޝަލް ބީޗު ސަރަހައްދުގައި ކޮންމެ ރެއަކު ކުރިއަށްގެންދާ މި މުޒާހަރާތައް ދެއްކުން ހުއްޓާލަން އަންގައި، މީޑިއާ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލް ސޮއިކުރައްވައި ފޮނުއްވި ސިޓީއެއް ލިބިފައިވާކަން ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޑެޓުން ވަނީ ކަށަވަރުކޮށްދީފައެވެ.
ކޮމިޝަނުން އެ ފިޔަވަޅު އެޅީ، ޕީއެންއެފްގެ މުޒާހަރާތައް ލައިވް ކުރަމުންދާއިރު އާންމު އިޖުތިމާއީ މިންގަނޑާއި މީޑިއާގެ ސުލޫކީ މިންގަނޑާ ހިލާފު ވާހަކަތަކާއި މަންޒަރުތައް ބްރޮޑްކާސްޓް ކުރަމުންދާކަން ފާހަގަކުރެވޭތީ ކަމަށް އެ ސިޓީގައި ބުންޏެވެ.
އެ މައްސަލަ މީޑިއާ ކޮމިޝަންގެ ސަމާލުކަމަށް އައުމާ ގުޅިގެން، މި މަހުގެ 20 ވަނަ ދުވަހު ވަނީ މުޒާހަރާ ލައިވްކުރުމުގައި އެއް މިނެޓުގެ "ޑިލޭ" އެއް ބޭނުންކުރުމަށް ޗެނަލް 13 އަށް އަންގާފައެވެ. މީގެ އިތުރުން، އެ އެންގުމަށް އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުން ދެ ފަހަރެއްގެ މަތިން ފޯނުން ގުޅައި، އެސްޓޭޝަނުގެ ވެރިންގެ ސަމާލުކަމަށް އެކަން ގެނައި ކަމަށް ވެސް ކޮމިޝަނުން ބުނެއެވެ.
ނަމަވެސް، ކޮމިޝަންގެ އެންގުންތަކާ ތަކުރާރުކޮށް ހިލާފުވެ، އެއްވެސް ޑިލޭއަކާ ނުލައި މުޒާހަރާ ލައިވް ބްރޮޑްކާސްޓް ކުރަމުންދާތީ، ގާނޫނާއި ގަވާއިދުތަކުގެ ދަށުން އެ މައްސަލައިގައި ވަކި ގޮތެއް ނިންމަންދެން ޕީއެންއެފްގެ މުޒާހަރާތައް ލައިވްކުރުން މެދުކަނޑާލަން މިހާރު ވަނީ އަންގައިފައެވެ.
ޕީއެންއެފްގެ ހަރަކާތްތަކަކީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެ ޕާޓީން ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
މުހައްމަދު އިޝާން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން