އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން އެކަމާ ގުޅިގެން ބުނީ އަދަދު ނޫހުގެ އޮފީސް ބަލާފާސްކުރަމުންދަނީ ޖިނާއީ މައްސަަލައަކާ ގުޅިގެން ކުރަމުންދާ ތަހުގީގެއްގެ ތެރެއިން ކަމަށެވެ. އެ އޮފީސް ބަލާފާސް ކުރަމުންދަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންކަމަށް ފުލުހުން ބުންޏެވެ.
"ތަހުގީގުގެ ނަޒާހަތްތެރިކަމާއި އިތުބާރު ދެމެހެއްޓުމަށްޓަކައި އަދި ތަހުގީގު ބައެއް ކަންކަމުގެ ސިއްރު ހިފެހެއްޓަން ޖެހޭތީ، އިތުރު މައުލޫމާތު ހާމަކުރެވެން ނެތް. ނަމަވެސް އާންމުންނަށް މައުލޫމާތު ހާމަކުރެވޭ ހިސާބަށް ދިޔުމުން މައުލޫމާތު ހާމަކުރާނެ" ފުލުހުން ބުންޏެވެ.
ނަމަވެސް އަދަދު ނޫހުން ބުނީ ފުލުހުން އެ އޮފީސް ބަލައި ފާސްކުރަމުންދާ ކަމަށެވެ. ފުލުހުން އެ އޮފީސް ބަލައި ފާސްކުރަމުންދަނީ "އައިޝާ" ނަމުގައި ހެދި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންކަމަށް އަދަދުން ބުންޏެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުވަނީ އެ ޑޮކިއުމެންޓްރީގައި އެ މަނިކުފާނަށް އަމާޒުކޮށްފައިވާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ. އަދި ވަނީ އެ ޑޮކިއުމެންޓްރީގެ މައްސަލަ ބަލައި، ދައުވާކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެކަމަށް ވިދާޅުވެފައެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް