ބުލީ ކުރުމަކީ ގާނޫނީ ކުށެއް ކަމަށް ހެދުމަށްޓަކައި އެންޓި ބުލީންގެ ބިލެއް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ، ބުލީކުރުމަކީ، މިހާރުވެސް ގާނޫނީ ކުށެއް ކަމަށާއި ނަމަވެސް ބުލީކުރުން ގާނޫނީ ނިޒާމުގެ ތެރެއިން ހުއްޓުވުމަށް، ބުލީ ކުރުން އެއީ ގާނޫނީ ކުށެއް ކަމަށް ކަނޑައަޅައި، އެންޓި ބުލީ ގާނޫނެއް ހެދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީސް، އޭޖީ އޮފީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެޖީ އޮފީހުން އެ މަސައްކަތް (އެންޓި ބުލީ ބިލް ޑްރާފްޓުކުރުން) ގެ މަސައްކަތް ކުރައްވަނީ ފަންނީ ބޭފުޅުންގެ ލަފައާވެސް އެކުގައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ގާނޫނު އައުމުން ބުލީގެ މައްސަލަ ހައްލުކުރަން ބޮޑު ލުޔެއް ލިބޭނެ ކަމަށާއި އެ ގާނޫނުގައި ސާފުކޮށް ބުލީގެ އަމަލުތައް ބަޔާން ކުރާނެ ކަމަށާއި އަދި ގާނޫނު ހިނގާ ދާއިރާތައްވެސް ބަޔާން ކުރާނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ، އޮންލައިންކޮށް ބުލީކުރުން ހުއްޓުވުމަށްވެސް އެ ގާނޫނުގައި ހާއްސަ ކަންތައްތަކެއް ކަނޑައަޅާނެ ކަމަށެވެ.