ކޮޓަރީގެ ސޯފާގައި އިން އަޒީލާގެ ނަޒަރު އިރުއިރުކޮޅާ އޮފީހަށް ދާން ތައްޔާރުވާން ހުރި މަސްރޫރަށް ހުއްޓެއެވެ. މިއަދު ހެނދުނު ޒަރާރްއާއެކު މަސްރޫރު ފެނުނީއްސުރެން އަޒީލާގެ މުޅި ދުވަސް ޚަރާބުވެފައިވާ ކަހަލައެވެ. މަސްރޫރު ޒަރާރްއާއި ދެއްކި ވާހަކައެއް ހޯދަން އޭނަގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ގޮސްފިއެވެ. ދެބަފައިންގެ ދެމެދަށް ވެރިވެފައި އޮތް ހާސްކަމާއި، ބީރައްޓެހިކަމަކީ އެތައް އަހަރެއް ވަންދެން އޭނަ ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. މަސްރޫރުގެ ފަރާތުން ބައްޕައެއްގެ ލޯބި ލިބެން އޭނަ ބޭނުންވަނީ ހަމައެކަނި ދައްޔާނަށެވެ. އޭނަގެ ނުބައިކަމުން މަސްރޫރުގެ ހަޔާތުން ޒަރާރް ބޭކާރުކޮށްލީ އެމުހުތާދުތައް ހާސިލްކުރުމަށެވެ.
ރީތިވާ މޭޒުގެ ވަތްގަނޑުގައި ހުންނަ ގަޑިތަކުން ރޮލެކްސް ގަޑިއެއް ނަގައި އަތުކުރީ އަޅަމުން މަސްރޫރު ބަލައިލީ އަޒީލާ އަށެވެ. އަޒީލާގެ ތޫނު ނަޒަރު އޭނައަށް ފާހަގަވާތާ އިރުކޮޅެއް ވެއްޖެއެވެ. އަޒީލާގެ ދެލޮލުގައިވި ސުވާލުތައް އޭނައަށް ފަހުމުކުރެވުނެވެ. އެކަމާ ގުޅިފައިވާ ސަބަބު ވެސް ނަގައިގަނެވުނެވެ. ނޭނގޭ ކަމަށް ހެދީ ގަސްދުގައެވެ. އަޒީލާ ދެކެ ހިތްހަމަނުޖެހިފައި ހުރުމުންނެވެ. އަޒީލާގެ މަޤްސަދާ މެދު އޭނަގެ ހިތުގައި ޝައްކާ ވަހުމު އުފެދެމުންދާތީއެވެ. އޭނަ ޒަރާރްއާ ވާހަކަދައްކަން ގަސްދުކުރިޔަސް އެތަނަކަށް އަޒީލާ އާދެއެވެ. އޭނައަށް ފާރަލަމުން އުޅޭ ކަހަލައެވެ. އެގުޅުމުގެ އަސްލު ފެށިގެން އައީ ވެސް ދޮގާއި މަކަރާ ހީލަތުގެ ތެރެއިންކަމަށްވުމުން އަޒީލާއަށް އިތުބާރުކުރަން މަސްރޫރަށް ފަސޭހައެއް ނޫނުނެވެ. ކަނު ލޯބީގެ ތެރެއިން ކޮންމެވެސް ވަރަކަށް އޭނަގެ ލޯހުޅުވެންފަށައިފިއެވެ. މަސްރޫރުގެ އިހުސާސްތަކުގެ މައްޗަށް ޒާރާގެ ޚިޔާލުތަކުން ކުރިހޯދާތީއެވެ. ޒާރާއަށް ވެވުނު ބޭވަފާތެރިކަމުން ދިރިހުރުން ސަޒާއަކަށް ވާ ހިސާބަށް ގޮސްފިއެވެ.
އޭނަ ޒާރާއާއި ކައިވެނި ކުރީ ލޯބި ވާތީއެވެ. އެއީ އޭނަގެ އަލަތު ލޯބި ވެސް މެއެވެ. ލޯބީގެ އިހުސާސް ދަސްކުރީ ޒާރާއާއެކުގައެވެ. އޭނައާއި ޒާރާގެ ކައިވެންޏަކީ ދެޢާއިލާގެ ހުވެފެނެކެވެ. ޒަމާންވީ އެކުވެރިކަން ޢާއިލީ ގުޅުމަށް ބަދަލުކުރަން ހުޅުވިގެން ދިޔަ ދޮރެއް ވެސް މެއެވެ. ކައިވެނީގެ ކުރީކޮޅު ޒާރާއާއެކު އުޅެވުނު އުފާވެރި ދުވަސްތައް ހަނދުމަވާ ކޮންމެ ހިނދަކު މަސްރޫރު މާޔޫސްކޮށްލައެވެ. ޒާރާގެ ލޮލުން ފޭބި ކަރުނައާއި އާދާސްތައް ތަސައްވަރުކުރެވި އޭނަގެ ހަމަޖެހުން ނަގާލައެވެ. ހިތި ނިމުމެއް އައި ގުޅުމަކަށް ވިޔަސް، އެލޯބީގެ ފުރިހަމަކަން ރަމްޒުކޮށްދޭނެ ނިޝާނެއްގެ ގޮތުގައި ޒަރާރް އަބަދުވެސް ވާނެއެވެ. އެދަރިފުޅުގެ މަޢާފްހޯދަން އޭނަގެ ހިތް އެދި ގޮވަނީ އެހެންވެގެންނެވެ.
''ކޮން ވިސްނުމަކަށް ގެއްލިފަ ހުންނަ ދުވަހެއްތަ؟...'' ކޮޓަރިއަށް ވެރިވެފައި އޮތް ހަމަހިމޭންކަމަށް ނިމުމެއް ގެންނަމުން މަސްރޫރު ސުވާލުކޮށްލިއެވެ. އެހިމޭންކަމުން ރަމްޒުކޮށްދެނީ ހީނަރުވަމުންދާ ދެމަފިރިންގެ ގުޅުމެވެ. މަސްރޫރަށް ވިސްނާލެވުނެވެ.
މަސްރޫރުގެ ސުވާލާއެކު އަޒީލާ ސޯފާއިން ތެދުވިއެވެ. ސަމާލުވެ މަސްރޫރަށް ބަލަމުން އޭނަ ހިނގައިގަތީ މަސްރޫރުގެ ގާތަށެވެ. އޭނަގެ އުފާވެރިކަމަށް އެޅިފައި އޮތް ހިރާސްތަކަށް ދާއިމީ ހައްލެއް ލިބެން އޮތީ މަސްރޫރުގެ މައްޗަށް ނުފޫޒު ފޯރުވައިގެންނެވެ.
''އަހަރެން މި ވިސްނަނީ ދާންއާ މެދުގަ...'' ސީދާ އޭނަގެ މައުޟޫޢުއަށް ދިއުމުގެ ބަދަލުގައި އަޒީލާ ސުވާލުއުފައްދަން ފެށީ ދައްޔާނުގެ މުސްތަޤުބަލާ ގުޅުވައިގެންނެވެ. ދައްޔާންދެކެ މަސްރާރު ވާލޯބި އެނގޭތީ އެގުޅުން އޭނަ ބޭނުންކުރީ ހަތިޔާރެއްގެ ގޮތުގައެވެ.
''މިހާރު ކިހިނެއްވީ؟...'' މަސްރޫރަށް ބުމަގޮށްޖަހާލެވުނެވެ. އޭނަގެ މޫނަށް ވެރިވީ ހިތްހަމަނުޖެހުމުގެ އަސަރެވެ.
''ކަމެއް ނުވެޔޭ...'' އަޒީލާއަށް ތެޅިގަނެވުނެވެ. އޭނަ އަވަސްވެގަތީ ދައްޔާންގެ ފަރާތުން ގޯސްކަމެއް ނުވާކަން ހާމަކުރާށެވެ. ދައްޔާން ދެކެ މަސްރޫރު ހިތްހަމްނުޖެހުން އެއީ ނުބައި ފާލެކެވެ. ހިތުގެ ދުލުން އޭނައަށް ކިޔާލެވުނީ ޒަރާރްގެ ނަމެވެ. އޭނަ ހީކުރި ވަރަށް ވުރުން ޒަރާރްގެ ނުރައްކާ ބޮޑުވެއްޖެއެވެ.
''އެހެންވެއްޖެއްޔާ ރަނގަޅު، އަޒީލާ އެބަޖެހޭ އެސޮރަށް ވިސްނައިދޭން، އަހަރުމެން އަބަދު ތިބޭނެކަމަށް ބަލައިގެން ނުވާނެ، އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުގެ ޤާބިލިއްޔަތުކަން ވެސް ހުންނަންވާނެ، މިއީ ދޮގެއްތަ...'' އަޒީލާއާއި ހަތަރުކަޅި ހަމަކުރަމުން މަސްރޫރު ބުންޏެވެ. ދެބަސްވުމެއްގެ ކޮޅުމަތި މަސްރޫރުގެ ދެލޮލުން އަޒީލާއަށް ފާހަގަކުރެވުނެވެ.
''ހީ އިޒް ޓްރައިންގް...'' ދައްޔާންގެ ދިފާއުގައި އަޒީލާ ބުންޏެވެ.
''ނޮޓް ގުޑް އިނަފް!، އަހަރެން ދޭ ނަސޭހަތުގައި ހިފުން ދާންއަށް މުހިންމެއް ނުވޭ، ގިނަފަހަރު ވަނީ ބޭކާރުކަމަކަށް، އަބަދު ރައްޓެހިންނާއެކު ކޮންމެވެސް ދަތުރެއްގަ ނޫނީ ރިސޯޓެއްގަ، ވަޒީފާއަށް ނިކުންނަނީ މަހަކު ދެތިން ދުވަހު...'' ކޮޓަރިން ނިކުންނަން ހިނގައިގަންނަމުން މަސްރޫރު ބުންޏެވެ. މަސްރޫރުގެ ފަހަތުން އަޒީލާ ހިނގައިގަތެވެ. އޭނަ ހުރީ ރުޅިއައިސްފައެވެ. މަސްރޫރަށް ވިޔަސް އެފަދަ މޭރުމަކުން ދައްޔާނާއި ދިމާއަށް އެއްޗެއް ބުނުމުގެ ހައްޤެއް ލިބިގެން ނުވެއެވެ. ހަޤީޤަތް ހާމަކުރުމުން އަޒީލާއަށް ހަޖަމުނުކުރެވުނެވެ.
''ދާން ކިތަންމެ ރަނގަޅަށް އުޅުނަސް މިގޭގަ އުޅޭ މީހުނަށް ފެންނާނެތަ؟... އެކަމާ އެއްފަހަރު ވެސް މަސްރޫރު ވިސްނާލިންތަ؟... ދާންއާއި ޒަރާރް ތަފާތުކުރާ މިންވަރު ހަމަ ނުފެންނަނީތަ؟...'' އަޒީލާގެ ކެތްތެރިކަން ކޮޅުންލުމާއެކު މޭގައި އުފެދެމުން އައި ރުޅިވެރިކަމުގެ ހޫނު ބޭރުކޮށްލެވުނެވެ.
ކޮޓަރީގެ ތަޅުގައި ހިފާލި މަސްރޫރުގެ ހަރަކާތްތައް މަޑުޖެހިލިއެވެ. ފަސްއެނބުރި އަޒީލާއަށް އޭނަ ބަލައިލިއެވެ.
''ކީއްވެ އެއްޗެއް ނުބުނެ ތިހުންނަނީ؟... ތީ ދާންގެ ބައްޕަ، އެދަފިރުޅުގެ ހައްޤު ހޯދައިދޭން މަސްރޫރު މަސައްކަތްކުރަން ޖެހޭނެ...'' އަޒީލާ ދުލެއް ނުކުރިއެވެ. މަސްރޫރަށް މުޖުބޫރުކުރަން އޭނަ އުޅުނެވެ. އެކަމުގެ ނަތީޖާ ހިތިވެދާނެ ކަމަކަށް އޭނައަށް ވިސްނާނުލެވުނެވެ.
''ޒަރާރްއަކީ ވެސް އަހަރެންގެ ކުއްޖެއް، އަހަންނަށް ބައްޕައޭ ކިޔާ ގޮވާލި ފުރަތަމަ ކުއްޖާ، އެދަރިފުޅަށް ވެސް ހައްޤުތަކެއް ލިބިގެންވޭ!، އެހައްޤުތައް ހޯދައިދޭން އަހަރެން މަސައްކަތްކުރަން ޖެހޭނެ، ނޫންތަ؟...'' މަސްރޫރު ބުންޏެވެ. އޭނަގެ ދެލޮލުން މޮޅިވެރިކަމުގެ ލިސާންތައް ފާޅުވިއެވެ. ޒަރާރްއަށް ރަނގަޅު ބައްޕައަކަށް ވާން އޭނަ ބޭނުމެވެ. ގެއްލިގެން ގޮސްފައިވި ވަގުތު އަނބުރާ ނުލިބޭނެ އެވެ. ނަމަވެސް ލިބިފައި އޮތް ދެވަނަ ފުރުސަތުގެ ބޭނުން އޭނައަށް ހިދިފާނެ އެވެ. ކެތްތެރިކަމާއި ސާބިތުކަމާއެކުގައެވެ.
މަސްރޫރުގެ ޖުމްލައާއެކު އަޒީލާ ސިހުނެވެ. ދުލުގައި ލެވުނު ތަޅާއެކު މަސްރޫރަށް ބަލަން ހުއްޓެވެ. ހަމައެފަދައިން މަސްރޫރު ވެސް ހުރީ ބަލަހައްޓައިގެންނެވެ. އެއާއެކު ކޮޓަރިއަށް ވެރިވީ އާދަޔާ ޚިލާފު ހިމޭންކަމެވެ. އަޒީލާގެ މޭގައި ވިންދުޖަހަންފެށީ ބިރުވެރިކަމެވެ. އޭނަގެ ކަންފަތުގައި ތަކުރާރުވަމުން ދިޔައީ މަސްރޫރުގެ ޖުމްލަ އެވެ.
''އަޒީލާ، އަހަރެން ބޭނުމެއް ނޫން ޒުވާބުކުރާކަށް... މީގެ ފަހުން ޒަރާރްއާ ގުޅުވައިގެން އެއްވެސް ޝަކުވާއެއް އަޑުއަހަން އަހަރެން ބޭނުމެއް ނޫން، އަހަންނަށް ރަނގަޅީ ޒަރާރްގެ ވާހަކަ އަޒީލާ ނުދެއްކިއްޔާ... ޒަރާރްއަށް އެމަޤާމު ލިބުނީ ޤާބިލިއްޔަތުކަން ހުރުމުން، ކޮންމެހެން ބައްޕަ އެމަޤާމު ދޭން ބޭނުންވެގެންނެއް ނޫން، ހަމައެކަނި ބައްޕަގެ ނިންމުމަކުން ދެވޭނެ މަޤާމެއް ނޫން އެއީ... މިބުނި އެއްޗެއް އަޒީލާއަށް ސާފުވާނެކަމަށް އަހަރެން އުއްމީދުކުރަން، ދެން ދައްޔާން، އެދަރިފުޅު ރަނގަޅު ޒުވާނަކަށް ހަދަން އަހަރެން އެބަ މަސައްކަތްކުރަން، އެކަމަކު އެދަރިފުޅުގެ ނުބައި އާދަތަކަށް އަޒީލާ ދެނީ ހިތްވަރު... އަހަންނަށް ދައްޔާންގެ ފަރާތުން އަހަރެން ބޭނުންވާ ފަދަ ބަދަލެއް ފެނުމުން ޕްރޮމޯޝަން ލިބޭނެ...'' މަސްރޫރު ބުންޏެވެ. އިތުރަށް ކޮޓަރީގައި މަޑުކުރުމުގެ ޚިޔާލެއް އޭނަ ނުކުރިއެވެ. ކޮޓަރިން ނިކުންނަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ބޮލުގައި ތޫނު ރިހުމެއް އުފެދުނެވެ. އަހަރުތަކެއް ވަންދެން ދެމަފިރިންގެ ދެމެދުގައި އޮތް ނުތަނަވަސްކަން މިހާރު މުޅިން އެހެން ސިފައެއް ޚިޔާރުކުރަން ފަށައިފިއެވެ. ލަސްތަކެއް ނުވެ ދެމަފިރިންގެ ކައިވެންޏަށް ނިމުން އަތުވެދާނެހެން ހީވާ ކަހަލައެވެ. އެވަގުތު މަސްރޫރަށް އޭނަގެ ނަފުސާއި ސުވާލުކޮށްލެވުނެވެ. އަޒީލާއާއި ވަކިވާން ޖެހިއްޖެނަމަ އޭނަ ދެރަވާނެ ހެއްޔެވެ؟ ހިތާމަކުރާނެ ހެއްޔެވެ؟ ނޫނީ ހިތާއި ރޫހަށް ލިބޭނީ ހަމަޖެހުން ހެއްޔެވެ؟
*****
ކޮޓަރީގައި އެކަނިވުމާއެކު އަޒިލާއަށް އޭނަގެ ރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. ސޯފާގައި އިށީންނަމުން ބުމަ ގޮށްޖަހާލިއެވެ. ބުޅި އިސްތަށިގަނޑު އޮތީ ހޭވިފައެވެ. އަޒީލާ ފެންނަނީ ބިރުވެރިކަމާއެކުގަ އެވެ. ރުޅީގެ ހޫނުން ދޮންމޫނު ރަތްވެ ދެލޮލަލާއި ކަންފަތުން ދުން ބޭރުނުވާކަމެވެ.
''މިހުރިހާ ކަމެއް އެވަނީ އެޒަރާރްއަކާ ހެދި، މިހުރިހާ އަހަރެއް ފަހުން އޭނަ އައިސްގެން އުޅެނީ ޒާރާގެ ނުބައި ވަސްވާންތަކަށް ހެއްލިގެން، މަރުވިއިރުގަ އަހަރެންގެ ފަރާތުން ބަދަލު ހިފަން ފޮނުވާފަ އެހުރީ، ނޫނޭވާ ކުޅަދާނަ އަންހެނެއް، މަސްރޫރަށް ބޭނުންވާ ލޯބި އޭނައަށް ދެވުނު ނަމަ އަހަރެންގެ ގާތަކަށް ނާންނާނެ، އެކަމުގެ ޒިންމާ ނަގަންވީ އަހަރެން؟... ކުށްވެރި ވަނީ އަހަރެން؟.... ހަސަދަވެރިކަމުގެ ތެރޭގަ އޭނަގެ ފިރިހެންދަރިފުޅު ބޮޑުކޮށްފަ އެފޮނުވީ އަހަރެންގެ ދިރިއުޅުން ހަލާކުކުރަން... މަސްރޫރަށް ނުފެންނަނީބާ؟، ކިހިނެއްވެފަތަ އެހުންނަނީ؟... އަހަރެން ހާދަ މަސައްކަތެއް ކުރީމޭ މަސްރޫރާއި ޒަރާރް ދުރުކުރަން، އެކަމަކު މިހާރު މިފެންނަނީ މުޅިން އެހެން މަންޒަރެއް، ކީއްވެގެންތަ މަސްރޫރު އޭނަ ދިފާއު ކުރަނީ؟...'' އަމިއްލަ ނަފުސާ ކުރަމުން ދިޔަ މަޝްވަރާތަކާއެކު އަޒީލާގެ މޫނަށާއި ބުމައަށް ގޮތްގޮތް ހަދާލައެވެ. ސޯފާއިން ތެދުވެ ކޮޓަރީގައި ކުރުކާލި ކަނޑަން ފެށިއެވެ.
''މިވީ ގޮތުން ވިސްނުންތެރިކަމާއެކު ކުރިއަށް ދާން ޖެހެނީ، އެޒަރާރް އަހަރެން ހީކުރިވަރަށް ވުރެން މަކަރުވެރި... އަހަރެން ބަލާނަން ކުރިއެރުން ލިބެނީ ކާކަށްތޯ...'' ހަށަން ބަނދެލަމުން އަޒީލާ ބުންޏެވެ. އޭނަގެ މުއްސަނދި ޝާހީ ދިރިއުޅުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުމާ ކުރިތަލާން އަޒީލާ ނިންމީ ހީލަތްތެރިކަމާއެކުގައެވެ. ޒާރާގެ ދިރިއުޅުމަށް ޒަހަރުލީ އުސޫލުންނެވެ.
*****
ދެ ދުވަސް ފަސް...
ހެނދުނެވެ. ކުރީ ދުވަސްތަކާއި އަޅާބަލާއިރު މިއަދުގެ މޫސުން ކުރިއަށް ވުރެން ގޯސްކަމަށް ދައްކައެވެ. ހެނދުނުއްސުރެން ވެހެން ފެށި ވާރޭ މިއިން ޒަމާނަކު އަލިކޮށްފާނެކަމުގެ ނިޝާނެއް ނުފެނެއެވެ. އުޑުގައި މަތިމައްޗަށް ކޮޅުނަގާފައިވި ވިލާތަކުން ވެހެމުންދާ ވާރެއިން މަގުތަކުގައި ފެންބޮޑުވާން ފަށައިފިއެވެ. ޒަރޫރީ ބޭނުމަކަށް ނޫނީ މަގުމައްޗަށް މީހަކު ނުނިކުމެއެވެ. ޖެހިލާ ރޯޅިތަކުގެ އަޑުފަށްގަނޑާއި ގުގުރީގެ އަޑު އެކުވުމުން ނާމާންކަމެއް ފަޒާއަށް ފެތުރިފައި އޮތެވެ.
ކާރުގެ ކުރީ ސީޓުގައި އިން ތަނާލްގެ ނަޒަރު ހުއްޓިފައިވަނީ ކާރުގެ ކުޑަދޮރަށް ހަމަލާދެމުންދާ ވާރޭ ތިކިތަކަށެވެ. ޚިޔާލުތައް ފުނިޖެހިފައިވި އޭނަގެ ސިކުނޑިއަށް އެމަންޒަރުން ލުޔެއް ހޯދައިދިނެވެ. މިއަދަކީ އޭނަ އޮފީހަށް ނިކުންނަ ފުރަތަމަ ދުވަހެވެ. ރޭއްސުރެން އެކަމާ ވިސްނަން ހަދައިގެން އޭނައަށް ލިބިފައިވަނީ ނުތަނަވަސްކަމެވެ. އޭނަ ފެނުމުން އެކުގައި މަސައްކަތްކުރި މުވައްޒަފުންތައް ދެކޭނީ ކިހިނެއް ބާވައޭ އަމިއްލަ ޒަމީރާ ސުވާލުކުރެވުނު އަދަދެއް ނޭނގެއެވެ. ބައްޕަގެ ވާހަތަކުން އޭނަގެ ކުރީގެ ޓީމުގެ މެންބަރުން އަދިވެސް ކުންފުނީގައި މަސައްކަތްކުރާކަން އެނގުނެވެ. އެތައް އަހަރެއްގެ މެދުކެނޑުމަކަށްފަހު އޭނަގެ ކުރީގެ މަގާމަށް އައުމުން އޭނަގެ ޤާބިލިއްޔަތާ މެދު ސުވާލު އުފައްދަފާނެ ހެއްޔެވެ؟
ސިކުނޑިއަށް ކުރުވަމުންދާ ބާރުގެ ސަބަބުން، ހެނދުނު ނާސްތާއަށް ފަހުގައި އޭނަ ހުރީ ބޭސް ކައިގެންނެވެ. ބޭހުގެ ޒަރިއްޔާއިން ކުޑަނަމަވެސް ލުޔެއް ލިބިދާނެ ކަމަށެވެ. އެހެނަސް ފިކުރުތަކާއި ދުރުވެވޭ ގޮތެއް ނުވެއެވެ. ލަސްނޭވާތަކެއް އެތެރެއަށް ލައި، އިރުކޮޅެއް ވަންދެން ހިފަހައްޓާލުމަށްފަހު ދޫކޮށްލަނީ މޭގައި އުފެދިފައިވި ވާންކަމަށް ނިމުމެއް ގެނެވޭތޯއެވެ.
''ދަރިފުޅާ، ތަނޫ...'' ތަނާލް ސިހުނީ ބައްޕަގެ އަޑަށެވެ. ވަށައިގެންވި މާހައުލަށް ސަމާލުވެލެވުނީ ދެނެވެ. އޭރު އޮފީހާ ހަމައަށް އާދެވިއްޖެއެވެ. ކާރު ޕާކްކޮށްފައި އޮތީ އިމާރާތުގެ ތިރީގައި އޮއްނަ ޕާކިން ޒޯންގައެވެ. ފުންނޭވާއެއް ދޫކޮށްލަމުން ބައްޕައާއި ދިމާއަށް ތަނާލް އެނބުރުލިއެވެ.
''ދަރިފުޅު ބޭނުމިއްޔާ މިތާ މަޑުކޮށްލަމާ...'' ހާރޫން ބުންޏެވެ. ތަނާލްގެ މޫނުގައިވި ހާސްކަމުގެ އަސަރުތައް އޭނަގެ ތަޖުރިބާކާރު ސިކުނޑިއަށް ނަގައިގަނެވުނެވެ.
ޝުކުރުވެރިކަމުގެ ހިނިތުންވުމެއް ބައްޕައާ ބަދަލުކޮށްލަމުން ސީޓަށް ތަނާލް ލެނގިލިއެވެ. ސިކުނޑިއަށް ބާރުބޮޑުވާ ވަގުތު ކުޑަ ބްރޭކެއް ނަގާލުމަށް ރާނިޔާ ވަނީ އިރުޝާދު ދީފައެވެ. ކުޅަދާނަ ނުވާނެވަރުގެ ބުރަ ނުއުފުލުމަށް ވެސް މެއެވެ.
''ޑޯންޓް ޕުޝް ޔޯރ ސެލްފް...'' ރާނިޔާގެ ޖުމްލަ ކަންފަތުގައި ތަކުރާރުވިއެވެ.
ހަށިގަނޑުގެ ބަރުދަން ސީޓަށް ދޫކޮށްލަމުން އޭނަ ލޯ މަރައިލިއެވެ. އެސްފިޔަތަކުގެ ތެރެއިން ސިފަކުރެވުނީ ޒަރާރް އެވެ. މިފަހަރު ވެސް ހިތުގައި އުފެދުނީ ތަފާތު ޖަޒުބާތެކެވެ. އެއިހުސާސާ މެދު ވިސްނުމަށް ވުރެން އޭނަ ސަމާލުވެލީ ތަރިތަކުގެ ދަރުބާރަށެވެ. ވިދާ ބަބުޅަމުން ދިޔަ ތަރިތަކުގެ މެހެފިލް އޭނައަށް ސިފަކުރެވުނެވެ. އޭނަގެ ކަންފަތަށް ޒަރާރްގެ ބަރު ފިރިހެންވަންތަ އަޑު އިވޭ ކަހަލައެވެ. އެރޭ ފަދައިން ތަނާލް ލަސްލަހުން ގުނަން ފެށިއެވެ. ގުނަމުން ދިޔަ ވަރަކަށް އަމިއްލަ ނަފުސަށް އޮތް އިތުބާރު އަނބުރާ ލިބެން ފެށިއެވެ. ކުރުވެފައިވި ނޭވާތައް ހަމައަކަށް އެޅުނެވެ.
''އައިމް ރެޑީ...'' ފުންނޭވާއެއް ދޫކޮށްލުމަށްފަހު ތަނާލް ބުންޏެވެ.
ތަނާލްއަށް ބަލަން އިން ހާރޫން ބޯޖަހާލިއެވެ. ތަނާލް ކާރުން ފައިބަންދެން ހާރޫން މަޑުކޮށްގެން އިނެވެ. ޝައްކާއި ވަހުމުގެ މޫތަކަށް ދިރުން ލިބެން ހާރޫން ޖާގައެއް ނުދިނެވެ. އޭނަގެ މަދަދަށް ބޭނުންވެއްޖެނަމަ ތަނާލް އޭނަ ގާތަށް އަންނާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުންނެވެ.
*****
އޮފީހުގެ ހުރިހާ މުވައްޒަފުން ތިބީ ތަނާލްއަށް ހޫނު މަރުހަބާއެއް ކިޔަން ތައްޔާރުވެގެންނެވެ. ''ވެލްކަމް ބެކް ތަނޫ'' ޖަހާފައި ހުރި ބެނާއެއްގެ އިތުރުން ތަނާލްއަށް އެންމެ ކަމުދާ ބްލޫބެރީ ޗީޒްކޭކެއް ވެސް ތައްޔާރުކޮށްފައި ހުއްޓެވެ. ހާރޫންގެ ފަރާތުން ޚަބަރު ލިބުނީއްސުރެން އެކަމަށް ދިޔައީ ތައްޔާރުވެގެންނެވެ. ކޮންމެ މުވައްޒަފެއްގެ މޫނުން ފެންނަނީ އުފާވެރިކަމެވެ. ތާނަލް ނެތް ކަމުގެ ފަޅުކަމަށް ނިމުމެއް މިއަދުން ފެށިގެން ނިމުމެއް އަންނާނެ ވިއްޔާއެވެ. އެންމެންގެ ލޯތްބާއި، އިހުތިރާމާއި ލޯބި ތަނާލް ވަނީ ހޯދާފައެވެ.
ބައްޕަގެ ފަހަތުން ލިފްޓުން ފޭބި ތަނާލްއަށް ފެނުނު މަންޒަރުން އޭނަގެ ހިތުގައި ވަކިހިއްޕާލާފައިވި ވަހުމުތަކަށް ނިމުމެއް ގެނެސްދިނެވެ. ލިބުނު ހޫނު މަރުހަބާތަކުން ތަސައްލީއެއް ލިބުނެވެ. ތަނާލްއަށް އެންމެ ބޮޑު ހަމަޖެހުމެއް ގެނެސްދިނީ ހިދާންގެ މަރާއި ގުޅުވައިގެން ހަމްދަރުދީގެ ބަހެއް ނުލިބުނީތީއެވެ. ޒުވާން އުމުރުގައި ފިރިމީހާ މަރުވެ ހުވަފަތްވުމުން މީހުންގެ ހަމްދަރުދީ ނުލިބޭނެ ގޮތެއް ނޯންނާނެއެވެ. ފަހަރެއްގައި އެބަސްތަކުން އުދާސްތަކަށް ލުޔެއް ލިބިދާނެ ކަމަށް އުއްމީދުކުރެވޭތީކަމަށް ވެދާނެއެވެ. ނަމަވެސް ހަޤީޤަތަށް ބުނާނަމަ އެއީ ހިދާންގެ ފަޅުކަން އޭނައަށް ހަނދުމަކޮށްދޭ އުދާހުން ފުރިގެންވާ ލަފްޒުތަކެކެވެ. ތަޤުދީރުގެ ނިޔާއާ މެދު ޝަކުވާގިނެވެއެވެ.
''ތަނޫ އަންނަންވާއިރަށް ކުރީގެ ކެބިން ވެސް ތައްޔާރުކޮށްފަ ހުންނާނީ...'' ހާރޫން ބުންޏެވެ. ތަނާލްގެ އުފާވެރިކަމުން ހާރޫނަށް ހިނިތުންވެވުނެވެ. އޭނަ އަތުން އިޝާރާތްކޮށްލީ ކުރިއަށް ދިއުމަށެވެ.
ބައްޕަގެ ފަހަތުން ތަނާލް ހިނގައިގަތެވެ. ކެބިންގެ ދޮރާއި އަރާހަމަވުމުން، ކެބިންގެ ފާރުގައި ހުރި ނަން ބޯޑަށް އޭނަ ބަލައިލިއެވެ. ''ތަނާލް ހާރޫން، އިންޓީރިއާރ އާޓިޓެކްޓް''، އޭނަގެ ނަމާއި މަޤާމު ފެނުމާއެކު ޖަޒުބާތުގެ އޮޔެވަރު އުފެދުނެވެ.
''ޔޫ ކޭން ޑޫ ދިސް، ނަތިންގް ހޭޒް ޗޭންޖްޑް...'' ފަސްއެނބުރި ފަހަތުގައި ތިބި މުވައްޒަފުންނަށް ބަލަމުން ތަނާލް ބުންޏެވެ. ކެބިންއަށް ވަންނަން ހުރި ބިއްލޫރި ދޮރު ބައްޕަ ހުޅުވާލަ ދިނުމާއއެކު ތަނާލް އެތެރެއަށް ވަނެވެ. އެއާއެކު އޭނައަށް ވަށައިގެން ހޯދާލެވުނެވެ. ކުރިއާ ޚިލާފަށް މުޅި ކެބިންގެ ޑިޒައިން ވަނީ ބަދަލުކޮށްލާފައެވެ. ފަރުނީޗަރުތަކުން ފެށިގެން ގޮސް ފާރުގެ ކުލަތަކާއި ކެބިންގެ ބްލައިންޑްތައް ވެސް ހުރީ ބަދަލުކޮށްފައެވެ. ޝުކުރުވެރިކަމާއެކު ބައްޕައަށް ތަނާލް ބަލައިލިއެވެ. މާޒީން ނިކުންނަން އޭނައަށް ބައްޕަ ފަސޭހަކޮށްލަދީފިއެވެ. އޭނަގެ ހިތްވަރެއްކަމުގައި އަބަދުމެ ބައްޕަވާނެކަމުގެ ޔަޤީންކަމާއެކު ތަނާލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
''ކަމުދޭތަ؟...'' ތަނާލްއަށް ބަލަމުން ހާރޫން ސުވާލުކޮށްލިއެވެ. ތަނާލް ބޯޖަހާލިއެވެ.
''ދަރިފުޅާއެކު ބައްޕަ ބޭނުން ކުރިއަށް ހުރި ޕްރޮޖެކްޓްތައް ޑިސްކަސްކޮށްލަން...'' ކެބިންގައި ހުރި ސޯފާއަށް އިޝާރާތްކޮށްލަމުން ހާރޫން ބުންޏެވެ. ތަނާލް ގޮސް ސޯފާގައި އިށީނެވެ. ތަނާލް ގާތަށް ދިއުމުގެ ކުރިން، ކެބިންގެ މޭޒުގައި ހުރި ފޯނުން އެކްސްޓެންޝަނަކަށް ގުޅައި ފައިލުތަކެއް ގެނެސްދިނުމަށް ހާރޫން އެދުނެވެ. އެއަށްފަހު އޭނަ ވެސް ސޯފާގައި އިށީނެވެ. އޭގެ އިރުކޮޅެއް ފަހުން ކެބިންގެ ދޮރު ހުޅުވާލާފައިވަނީ ހާރޫންގެ ޕީ.އޭ އެވެ. ގެނައި ފައިލުތައް ސޯފާ ކުރިމަތީ ހުރި މޭޒުމަތީ ބަހައްޓަމުން ޕީ.އޭ ނިކުތެވެ.
''ގިނަ ޕްރޮޖެކްޓްތައް މިހާރު ހުރީ ނިމުމާ ގާތުގަ، އެކަމަކު ކުރިން ބައްޕަ ބުނިހެން ވަރަށް ފަހުން ލިބިފަ އެބައޮތް ސަރުވާ އިންޑަސްޓްރީސްގެ ޕްރޮޖެކްޓެއް، ބައްޕަ ބޭނުންވަނީ ދަރިފުޅު އެޕްރޮޖެކްޓާ ހަވާލުވާން، މިހެން ބުނީމަ ހާސްނުވައްޗޭ، ދަރިފުޅަށް އިރުޝާދުދޭން ބައްޕަ ހުންނާނަން...'' ޕީ.އޭ ގެނެސްދިން ފައިލުތަކުން ފައިލެއް ނަގަމުން ހާރޫން ބުންޏެވެ.
''މެންދުރު އޮންނާނެ މީޓިންގެއެއް، ބައްޕަ ދާނަން ދަރިފުޅާއެކު، އޭރުން މަސްރޫރަށް ދަރިފުޅު ތަޢާރަފްކޮށްލެވޭނެތާ، ބައްޕަ ހުރީ ކުރީރޭގެ ހަފްލާ ތެރެއިން ތަޢާރަފްކޮށްލަދޭން، އެކަމަކު ބައްޕައަށް ހީވަނީ މީޓިންގަ ވާހަކަދައްކާލުން މާ ރަނގަޅުވާނެހެން...'' އަތުގައި އޮތް ފައިލު ތަނާލްއަށް ދިއްކޮށްލަމުން ހާރޫން ބުންޏެވެ. ''އެކޮޅުން ވެސް މީޓިންގްއަށް ބަދަލުތަކެއް ގެނެސްފަ އޮތީ، މިހާރު އެޕްރޮޖެކްޓާ ހަވާލުވާނީ ޒާރާރް، ނިއު ސީ.އީ.އޯ...''
ޒަރާރްގެ ނަން އިވުމާއެކު ފައިލުގައި ހިފަން އުޅުނު ތަނާލްގެ ހަރަކާތްތައް މަޑުޖެހުނެވެ. ބައްޕައަށް ފާހަގަވުމުގެ ކުރިން އަވަސްއަވަހަށް ތަނާލް ފައިލު ހޯދިއެވެ. ފައިލު ހުޅުވާލަމުން އޭގައި ހުރި ލިޔުންތައް ބަލައިލިއެވެ. ފުރަތަމަ ވެސް ތަނާލްގެ ލޮލުގައި އަޅައިގަތީ ޒަރާރްގެ ނަމާއި މަގާމެވެ. އެރޭގެ ހަފްލާގައި ޒަރާރްއާ ބެހޭ ގޮތުން ތަފާތު ވާހަކަތަކެއް އޭނަގެ ކަންފަތާ ހަމައަށް ފޯރާފައި ވެއެވެ. ތުންތުންމަތިން ދެކެވުނު ވާހަކަތަކަށް ބަރޯސާވާން ތަނާލްގެ ޒަމީރު ދެކޮޅު ހެދިއެވެ. އޭނަގެ ހަނދާނުގައި ބިންވަޅުނެގިފައިވަނީ ޒަރާރްގެ ހިތްހެޔޮކަމެވެ. އޭނައަށް ވެދިން އިހުސާސްތެރިކަމެވެ. އެއީ ޒަރާރްގެ ހެޔޮ ނިޔަތް ބަޔާންކޮށްދިންކަމެކެވެ. ޒަރާރްއަކީ ކޮންކަހަލަ ޒުވާނެއްކަން ނިންމާނީ އޭނަ އަމިއްލައަށެވެ. ޒަރާރްއަށް ޝުކުރުއަދާކުރަން ބޭނުންވެފައި ހުއްޓާ މިލިބުނު ފުރުސަތުގެ ބޭނުން ހިފާނެ ގޮތަކާ މެދު ތަނާލްއަށް ފިކުރު ހިންގާލެވުނެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
ވަރަށް ސަޅި. ވެއިޓިންގް ފޯރ ނެކްސްޓް އެޕިސޯޑް.
ހަޔާ - 2 މަސް ކުރިން
ވވ.ރީތިމިބައިވެސް މާށާﷲ ❤️❤️❤️
ފާތު - 2 މަސް ކުރިން
ވާހަކަ ވަރަށް ރީތި
ނިންނި - 2 މަސް ކުރިން