ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގުގެ 2025 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 8.70 ރުފިޔާ ބެހުމަށް އެ ކުންފުނީގެ 37 ވަނަ އަހަރީ އާންމު ޖަލްސާގައި ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފިއެވެ.
ޖެން މޯލްޑިވްސްގައި ބޭއްވި އެ ޖަލްސާގައި ފާސްކުރި ޑިވިޑެންޑްގެ ތެރޭގައި ހިމެނެނީ، 2025 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ބެހި 1.66 ރުފިޔާއާއި، ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ބެހުމަށް ހުށަހެޅި 7.04 ރުފިޔާއެވެ.
މިއީ އެ ކުންފުނީގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރުކުރުމަށް ދިރާގުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށް ދިރާގުން ވަނީ ފާހަގަކޮށްފައެވެ. މި ނިންމުމާއެކު، ދިރާގުގެ ހިއްސާދާރުންނަށް މާލީ ގޮތުން ބޮޑު ފައިދާއެއް ލިބިގެންދާނެއެވެ.
ހައިބްރިޑް މޮޑެލްއަކަށް ކުރިއަށްގެންދިޔަ މި ޖަލްސާގައި ޖުމްލަ 265 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަމިއްލައަށް ހާޒިރުވި 136 ހިއްސާދާރުންނާއި، ޕްރޮކްސީ ދީފައިވާ 129 ފަރާތެކެވެ. މި ޖަލްސާގައި 74،240،990 ހިއްސާ ތަމްސީލުކޮށްފައިވާ އިރު، ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީގެ އޮންލައިން ސިސްޓަމް ކަމަށްވާ 'ފަހިވޯޓް' މެދުވެރިކޮށެވެ.
ޖަލްސާއަށް ހުށަހެޅި މުހިންމު ހަތަރު ރިޒޮލިއުޝަނެއް ވަނީ ހިއްސާދާރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފައެވެ. އޭގެ ތެރޭގައި 2025 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމާއި، 2026 ވަނަ މާލީ އަހަރުގެ އެކްސްޓާނަލް އޮޑިޓަރުން އައްޔަނުކުރުން ހިމެނެއެވެ. އަދި 2026 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ވެސް ވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން، އެ ކުންފުނީގެ 39 ވަނަ އަހަރީ އާންމު ޖަލްސާ ނިމެންދެން، ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް އާސިއަތު ރިލްވީނާ ވަނީ އިންތިހާބުކޮށްފައެވެ.
ނިމިދިޔަ 2025 ވަނަ އަހަރަކީ މާލީ ގޮތުން ދިރާގަށް އާދަޔާހިލާފު ކާމިޔާބީތަކެއް ހާސިލުކުރެވުނު އަހަރެކެވެ. އެގޮތުން، ކުންފުނީގެ ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު 1.8 އިންސައްތައިގެ ކުރިއެރުމެކެވެ. އެ ކުރިއެރުން ލިބިފައިވަނީ ފިކްސްޑް ބްރޯޑްބޭންޑާއި، މޮބައިލް އަދި އެންޓަޕްރައިސް ސެގްމަންޓްގެ ހިދުމަތްތައް ފުޅާކުރުމުގެ ސަބަބުންނެވެ.
ކުންފުނީގެ ހިންގުމުގެ ހަރަދުތައް ކެނޑުމަށްފަހު ލިބޭ ފައިދާ ނުވަތަ އިބިޓާ (EBITDA) ވަނީ 1.9 އިންސައްތައިގެ ކުރިއެރުމަކާއެކު 1.6 ބިލިއަން ރުފިޔާއަށް އަރައިފައެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 949 މިލިއަން ރުފިޔާ ދިރާގުން ވަނީ ހޯދައިފައެވެ. މިއީ 2024 ވަނަ އަހަރަށްވުރެ 0.4 އިންސައްތަ އިތުރު އަދަދެކެވެ. މި މާލީ ނަތީޖާތަކުން ދައްކުވައިދެނީ ރާއްޖޭގެ މުވާސަލާތީ ދާއިރާގައި ދިރާގުން އަދާކުރާ އިސް ދައުރާއި، ކުންފުނީގެ ވިޔަފާރީގެ ހަރުދަނާކަމެވެ.
މާލީ ކުރިއެރުމުގެ އިތުރުން، އުމްރާނީ ގޮތުންނާއި ހިދުމަތުގެ ފެންވަރު މަތިކުރުމަށް ގިނަ މަސައްކަތްތަކެއް ދިރާގުން ވަނީ ކޮށްފައެވެ. އެގޮތުން، ރާއްޖޭގެ އެންމެ ފުރަތަމަ ޓިއާ-4 ސެޓިފިކޭޝަން ހޯދާފައިވާ ޑޭޓާ ސެންޓަރު ހުޅުމާލޭގައި ހުޅުވުމާއި، ނ. ވެލިދޫގައި ކުންފުނީގެ ތިންވަނަ ޑޭޓާ ސެންޓަރު ވަނީ ގާއިމުކޮށްފައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 100 އިންސައްތަ ހައި-ސްޕީޑް ފައިބާ ބްރޯޑްބޭންޑް ފޯރުކޮށްދީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ވަނީ ދިރާގަށް ހާއްސަ ފިލައެއް އަރުވައިފައެވެ. އެއާއެކު، ދުނިޔޭގެ ނިސްބަތުން މި ލަގަބު ހޯދާފައިވާ މަދު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވަނީ ހިމެނިފައެވެ.
ކުންފުނީގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އަންލިމިޓެޑް ފައިބާ ބްރޯޑްބޭންޑާއި 5ޖީ ނެޓްވޯކް ފުޅާކުރުމާއެކު، ކްލައުޑް ކޮމްޕިއުޓިން، ސައިބާ ސެކިއުރިޓީ އަދި މޮބައިލް ފައިނޭންޝަލް ސާވިސަސް ފަދަ ޒަމާނީ ޑިޖިޓަލް ޕްލެޓްފޯމްތައް ތައާރަފުކޮށް ވަނީ ހަރުދަނާކޮށްފައެވެ. ބައިނަލްއަގުވާމީ ގުޅުންތައް ވަރުގަދަކުރުމަށް ސީ.މީ.ވީ 6 ސަބްމެރިން ކޭބަލް މަޝްރޫއުގައި ބައިވެރިވުމާއި، ގޫގަލްއާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫގައި އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. އޭގެ އިތުރުން، 93 އިންސައްތަ މުވައްޒަފުންގެ ބައިވެރިވުމާއެކު 'ގްރޭޓް ޕްލޭސް ޓު ވޯކް' ސެޓިފިކޭޝަން ވެސް ދިރާގުން ވަނީ ހާސިލުކޮށްފައެވެ.
ދިރާގު
ދިރާގު
ދިރާގު
ދިރާގު