އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކަރަންޓުގެ މައްސަލަތައް ހައްލުކުރަން ދަސްކޮށްދޭ ކޯސްް "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފިއެެވެ.

އެޗްޑީސީން ބުނީ މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމަށް އެޗްޑީސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގެ އާ ބުރެއް މިއަހަރު ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރު ޕްރޮގްރާމްތަކެއް އެޗްޑީސީން ވަނީ މީގެ ކުރިންވެސް ކުރިއަށްގެންގޮސް، ކާމިޔާބުކަމާއެކު ނިންމާލައިފައެވެ.

އެޗްޑީސީން ބުނީ އެ ތަމްރީނު ޕްރޮގްރާމަކީ ގޭތެރޭގައި ބޭނުންކުރާ ކަރަންޓު ސާމާނަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރުމުގެ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ. އެ ޕްރޮގްރާމުގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުން ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ޕްރޮގްރާމަށް 2023 ވަނަ އަހަރު ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރުގެ ތަމްރީނުތަކުގެ ދާއިރާ ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، މިދިޔަ އަހަރު 323 ބައިވެރިންނާއެކު ކުރިއަށްގެންދިޔަ "ޑޮމެސްޓިކް އެޕްލައެންސަސް" މަރާމާތުކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުމަށް މިއަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ވަނީ ހިމަނައިފައެވެ.

26 އެޕްރިލް 2026: އަންހެނުން ބާރުވެރި ކުރުމަށް "ވިލުންވެރި ކަނބަލުން" ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލުން --- ފޮޓޯ/ އެޗްޑީސީ

އެމްއައިޓީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެފަދަ ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެ ކަމަށާއި އޭގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

މިއަހަރުގެ ޕްރޮގްރާމްގެ ކްލާސްތައް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 7 ގައެވެ. އެ ތަމްރީނުތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޗްޑީސީގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލެވޭނެއެވެ. ރަޖިސްޓްރީވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 3 އެވެ.

އަންހެނުންނާއި ޒުވާނުން ބާރުވެރިކުރުވުމުގެ އެފަދަ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެމުންގެންދާނެ ކަމަށް އެ އެޗްޑީސީން ބުންޏެވެ.