ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، އެ ދާއިރާއިން ދޭ ވަގުތީ އަދި ދާއިމީ އެހީތެރިކަން ފުޅާކުރުމަށް ފަންނީ ބޭފުޅުންނާއެކު މަސައްކަތް ކުރަމުންދާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިފަހުން ހިނގި އަމިއްލައަށް މަރުވުމުގެ ހިތާމަވެރި ހާދިސާތަކާ ގުޅިގެން މިނިސްޓްރީން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ނަފްސާނީ ގޮތުން އަސަރުކުރާ އެފަދަ ކަންކަމާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އަދި މި ދަނޑިވަޅަކީ އެކަކު އަނެކަކަށް ހަމްދަރުދީވެ، އޯގާތެރިކަމާއެކު މުއާމަލާތް ކުރަންޖެހޭ ވަގުތެއްކަމަށް މިނިސްޓްރީން ބުންޏެވެ.

ނަފްސާނީ ދުޅަހެޔޮކަމަކީ ހާއްސަ ސަމާލުކަމެއް ދޭންޖެހިފައިވާ މުހިންމު ކަމެއްގެ ގޮތުގައި ބަލައިގަނެ، އެ މިނިސްޓްރީން ބުނީ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ދެމެހެއްޓެނިވި ނިޒާމެއް ގާއިމުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން، ސޯޝަލް މީޑިއާގައި ހަގީގަތާ ހިލާފު ވާހަކަތަކާއި ހިތްދަތި މަންޒަރުތައް ފެތުރުމުގެ ސަބަބުން، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހުންނަށާއި ވަކިވެދިޔަ ފަރާތްތަކުގެ އާއިލާތަކަށް ނުހަނު ބޮޑެތި އަސަރުތަކެއް ކުރާނެކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، ކަށަވަރުނުވާ މައުލޫމާތު ނުފެތުރުމަށާއި، އޭގެ ބަދަލުގައި އެކަކު އަނެކަކަށް އުއްމީދާއި ހިތްވަރުދޭ މެސެޖުތައް ފެތުރުމަށް އިލްތިމާސްކުރާކަމަށް މިނިސްޓްރީން ބުންޏެވެ.