ނަތަންޔާހޫ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދައިފިއެވެ.

އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެގެ ވަގުތެއްގައި އޭނާގެ ސިއްހީ ހާލަތާ ބެހޭ ހާއްސަ ރިޕޯޓު އާންމުކޮށްފައިވާ އިރު، އެ ރިޕޯޓުން ވަނީ ނަތަންޔާހޫ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދިކަން ހާމަވެފައެވެ.

ނަތަންޔާހޫ ޕްރޮސްޓޭޓް ކެންސަރަށް ފަރުވާ ހޯދިކަން އެނުއަލް މެޑިކަލް ރިޕޯޓުން ދައްކާ އިރު، އެކަމުގެ ތަފްސީލީ މައުލޫމާތު ނަތަންޔާހޫ ވަނީ އާންމުކޮށްފައެވެ.

ނަތަންޔާހޫ ވަނީ އޭނާއަށް ޕްރޮސްޓޭޓް ކެންސަރު ޖެހިފައިވާ ކަމަށާއި ފަރުވާއަށްފަހު ބަލިން މުޅިން ފަސޭހަވެފައިވާ ކަމަށްވެސް ފާހަގަކޮށްފައެވެ.

އެކްސް މެދުވެރިކޮށް ނަތަންޔާހޫ ވަނީ، ކެންސަރު ޓިއުމަރު ޑޮކްޓަރުންނަށް ފެނިފައިވަނީ ވަރަށް ކުރީކޮޅު ކަމަށާއި އިތުރަށް ނުރައްކާ ނުވަނީސް ފަރުވާއަށްފަހު ރަނގަޅުވެފައިވާ ކަމަށް ބުނެފައެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ އެކަމުގެ އިތުރު މައުލޫމާތު ހިމެނޭ ޑޮކްޓަރުންގެ ލިޔުންތަކެއްވެސް އާންމުކޮށްފައެވެ.

ނަތަންޔާހޫގެ މެޑިކަލް ރިޕޯޓުތައް އާންމުކުރުން ފަސްކޮށްފައިވާ އިރު، އެކަން ފަސްކޮށްފައިވަނީ އިރާނުގެ ހަނގުރާމައިގެ ސަބަބުން އިތުރު ޕްރޮޕެގެންޑާއެއް ފެތުރިދާނެތީ ކަމަށް އޮފިޝަލުން ބުނެއެވެ.