މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ލިބުން ދަތިވެފައިވުމުގެ ސަބަބުން ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ޓައިމްލައިނަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

ހަނގުރާމައިގެ ސަބަބުން ހިލަ ލިބުން ދަތިވެ ބައެއް މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށް މިނިސްޓަރު ވަނީ މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައިވެސް ވިދާޅުވެފައެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، އިމާރާތްކުރުމުގެ ދާއިރާގެ ތަކެތި ލިބުމުގައި ދަތިތަކެއް ހުރިނަމަވެސް އެ ތަކެތި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ތެލުގެ އަގު ބޮޑުވެފައި ވާތީ ބަނދަރު ހެދުމާއި ބިން ހިއްކުން ފަދަ ގިނަ އަދަދަކަށް ތެޔޮ ބޭނުންކޮށްގެން ކުރަން ޖެހޭ މަސައްކަތްތަކުގައި ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ

"މިވަގުތު އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ހަރަދު ކުޑަވާނެ ގޮތަކަށް ބަލައިގެން މަޝްރޫއުތައް ކުރިއަށް ގެންދިއުން. އެއްވެސް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ބަދަލުގައި ޓައިމްލައިނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން ރާވާފައިވާ ގޮތް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ އިސްކަމެއްދެނީ އަސާސީ ކަންކަން ބަރާބަރަށް ގެންދިއުމަށް ކަމަށެވެ.