ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ 50 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބު ވިދާޅުވީ، ރަސްމާލެ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެ ފޭސް އެއްކޮށްލުމުންވާ ވަރުގެ ސަރަހައްދެއް މިހާރު ހިއްކައި ނިމިފައިވާ ކަމަށެވެ.

"ރަސްމާލެ މަޝްރޫއުގެ 50 ޕަސަންޓަށްވުރެ ބޮޑު ބައެއް މިހާރު ވަނީ ހިއްކިފައި. އެއީ 504 ހެކްޓަރު، އެއީ ނިސްބަތުން ބަލާ ކަމުގައިވަންޏާ ހުޅުމާލެ ދެ ފޭސް އެއްކޮށްލީމަ އެވަރުގެ ބިމެއް ގާތްގަނޑަކަށް ހިއްކިފަ އެއޮތީ، ބާކީ އޮތްބައި ހިއްކުމުގެ މަސައްކަތް ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫއުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މިނިސްޓަރު ވިދާޅުވީ، ރަސްމާލޭގެ މާސްޓަ ޕްލޭން ހެދުމުގެ މަސައްކަތްތަކާއި ލޭންޑްޔޫސް ޕްލޭނާއި ޓެކްނިކަލް މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ.

ރަސްމާލޭގެ ބިން ހިއްކަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެނެވެ. އެ މަސައްކަތަށް އެމްއޭސީއެލުން ވަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ އެއްފަހަރާ 46000 އަކަ މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ކްރިސްޓަބަލް ކޮލޮންވެސް ގެނެސްފައެވެ.