ކޮފީ ތައްޔާރުކުރަން ހުރި ޝަބާނާއާއި ވާހަކަދައްކަން ހުރި ޒަރާރްގެ ސަމާލުކަން ބަދިގެއަށް ވަން ދައްޔާނަށް ހުއްޓުނެވެ. ކިޗެން ކެބިނެޓަށް ލެނގިގެން ހުރެފައި އޭނަ އެނބުރުނީ ދައްޔާނާއި ދިމާއަށެވެ. ދައްޔާން ހުރީ ޖިމަށް ދާން ތައްޔާރުވެގެންނެވެ. އަތުގެ މުލައްދަނޑި ހާމަވާނެހެން ހުރި ސްލީވްލެސް ޓީޝާޓަކާއި ސޯޓެއްގައެވެ. ނިދީގެ އަސަރު ދެލޮލުގައި ވިއެވެ. އޭނަގެ ކޮނޑުގައި ޖިމަށް ދާން ގެންގުޅޭ ދަބަސް އަޅުވާފައި އޮތެވެ. ބަދިގެއަށް ވަންނަމުން އޭނަ އަމުރުކުރީ ކޮފީ ތައްޔާރުކުރުމަށެވެ. އަދަބު އިހުތިރާމެއް ނެތެވެ. މުއްސަނދިކަމުގެ ދުނިޔެއެއްގައި ބޮޑުވެފައިވުމުން އެހެން މީހުންނަށް ލިބެންވާ ކަރާމާތަށް އަރައިގަންނަން އޭނަ ފަހެއް ނުޖެހެއެވެ. ގޭގައި އުޅޭ ޚާދިމުންނަށް އަމުރުކޮށް ހަދަނީ އަޅުން ފަދައިންނެވެ.
ދައްޔާންގެ ރާގާ މެދު ޒަރާރް ހިތްހަމަނުޖެހުނެވެ. އެއްޗެއް ބުނަން އުޅެފައި އޭނަ ދޫކޮށްލީ ފުން ނޭވާއެކެވެ. ކޮއްކޮއާއި އޮތް ގުޅުން އިތުރަށް ހީނަރުވާން ބޭނުން ނުވާތީއެވެ. މިހާރު ވެސް އެދެމެދުގައިވަނީ ބީރައްޓެހިކަމެވެ. އެދުރުމިނަށް ނިމުމެއް ގެންނާނީ ކިހިނެއްކަމެއް ޒަރާރްއަކަށް ނޭނގެއެވެ. އުމުރުން ބޮޑު ބައެއް ގޮސްފައިވަނީ ދައްޔާން ހަމަލޮލަށް ނުފެނިއެވެ. ބޭބެއާއި ކޮއްކޮއާ ދެމެދު އޮންނަޖެހޭ ގާތްކަން ނެތީ އެހެންވެގެންނެވެ. އޭނަ ރާއްޖެ އައިފަހުން ދައްޔާން އުޅެނީ ދުރުދުރުންނެވެ. ގުޅުން ބަދަހިކުރަން އިސްވެ ޒަރާރް ވާހަކަދެކިޔަސް، ދައްޔާންގެ ފަރާތުން ފެންނަނީ ފަރުވާކުޑަކަމެވެ.
''އަވަސްކޮށްބަލަ!، ގަޑި ޖެހެނީއޭ!...'' އަތުގައި އޮތް އެޕަލްވޮޗް އަލްޓްރާއަށް ދިން އަވަސް ނަޒަރާއެކު ދައްޔާން ވާހަކަދެއްކީ ހަރުކަށިކަމާއެކުގައެވެ. ދައްޔާން ވަނީއްސުރެން މާހައުލަށް ވެރިވެފައި އޮތް ނުތަނަވަސްކަން ޒަރާރްއަށް އަންދާޒާ ކުރެވުނީ ދެނެވެ.
''ބަލަ އަޑެއް ނީވޭތަ؟، އަވަސްކުރާށޭ، އަހަރެން އަތަކު ނެތް ބޭކާރުކުރާނެ ވަގުތެއް، މިހާރު ވެސް ސެޝަންއަށް ގަޑި ޖެހިއްޖެ...'' ޒަރާރް ހަޅޭއްލަވަގައިގަތުމާއެކު ޚާދިމުންތައް ސިހުނެވެ. ޒަރާރްއަށް އެއްޗެއް ނުބުނެ ހުންނަން އުނދަގޫވީ ދެނެވެ.
''ދާން، ތަންކޮޅެއް ރީއްޗަށް ވެސް ބުނެވިދާނެހެން އަހަންނަށް ހީވަނީ...'' ޒަރާރް ބުންޏެވެ. ''އިތުރު މަސައްކަތެއްގަ ތިއްބާ އެހާ އަވަހަށް ތައްޔާރުނުވާނެއެއްނު، ލަސްވެގެން އުޅެންޏާ ދޮންބެގެ ކޮފީ ގެންދަންވީނު؟، ދާންއަށް ކިހިނެއްތަ ކޮފީ ކަމުދަނީ؟.... ބްލެކް؟...''
ޒަރާރް މަސައްކަތްކުރީ ދައްޔާންގެ ރުޅިގަނޑު ފިނިކުރެވޭތޯއެވެ. ހާދިމުންގެ މޫނުތަކުން ފެންނަނަން ފެށި ނުތަނަވަސްކަމަށް ނިމުމެއް ގެނެވޭނީ އޭރުންނެވެ.
ދައްޔާން ޚިޔާރުކުރީ ހިމޭންކަމެވެ. އޭނަ އަނގިން ނުބުންޏެވެ.
''ޖިމަށްތަ ދަނީ؟... ދޮންބެ ވެސް އިރުކޮޅަކުން ދާންކަމަށް މިއުޅެނީ...'' ދެބެއިންގެ ޝައުޤުވެރިކަން ހުރި މައުޟޫޢުއަކަށް ޒަރާރް އަލިއަޅުވާލިއެވެ. ކުރިއެރުމެއް ލިބޭތޯއެވެ.
''ދެން؟...'' ސޯޓުގެ ޖީބުން ފޯނު ނަގަމުން ދައްޔާން ބުނެލިއެވެ. ޒަރާރްއަށް ބަލައިލަން ބޭނުންނުވާކަން ދައްޔާންގެ ހަރަކާތްތަކުން ހާމަކޮށްދިނެވެ. އެއާއެކު ޒަރާރް ކުރިއަށް ގެންދަން އުޅުނު މައުޟޫޢުގެ ކުރި މަރުވެއްޖެއެވެ.
''ބަލަ އަވަސްކުރޭ!...'' އަތުގެ އިނގިލަތައް ސްނެޕްކޮށްލަމުން ދައްޔާން ބުނެލިއެވެ.
ސުލްހަވެރިކަން ގާއިމުކުރަން އުޅުނު ޒަރާރްގެ ބުމަގޮށްޖެހުނެވެ. ކޮންމެ އިންސާނަކަށް ވެސް އަދަބާއި އިހުތިރާމް ލިބިގެން ވެއެވެ. އެހައްޤަށް އަރައިގަތުމުން އަންގައިދެނީ އެމީހެއްގެ ބޮޑާކަމާއި ކިބުރުވެރިކަމެވެ. އެވަގުތު ޒަރާރްގެ އަތުގައި ޝަބާނާ ނުހިފެހެއްޓިނަމަ ނުރުހުމާއެކު އެއްޗެއް ބުނެވުނީހެވެ. ހިމޭންކަމުގެ ދުލުން ޝަބާނާ ކުރި އާދޭސް ޒަރާރްއަށް ފަހުމުކުރެވި އޭނައަށް މަޖުބޫރުވީ އަމާންކަން ދޭށެވެ.
ޒަރާރްއަށް ތައްޔާރުކުރި ކޮފީތަށި ގެންގޮސް ދައްޔާނަށް ޝަބާނާ ދިއްކޮށްލިއެވެ. ނުރުހުމާއެކު ޝަބާނާގެ އަތުން ކޮފީތަށި ދައްޔާން ޖަހައިގަތެވެ. އެއަށްފަހު އާވިއަރަމުން ދިޔަ ތަށްޓަށް ތުނބުން ފުމެލަމުން ކޯވަރެއް ބޯލިއެވެ.
ދައްޔާން އެނބުރުނީ ބަދިގެއިން ނިކުންނާށެވެ. ދޮރުކުރިމައްޗަށް ހުއްޓެމުން ފަސްއެނބުރި ޒަރާރްއަށް އޭނަ ބަލައިލިއެވެ. ދައްޔާންގެ ފަރާތުން އެފެނުނު ޝައުޤުވެރިކަމުން ޒަރާރްއަށް ކުޑަ ނަމަވެސް އުއްމީދެއް ލިބުނެވެ. ހެޔޮ ފާލެއްކަމުގައި ދެކެމުން ދަނިކޮށް ދައްޔާން ބުނެލި ޖުމްލައިން ޒަރާރްގެ މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. ދައްޔާންގެ ރާގުގައި އެކުލެވިގެންވި މަލާމާތުން، އޭނައަށް ލިބުނު ކާމިޔާބީއާ މެދު ކޮއްކޮ ނުރުހޭކަން ހާމަކުރެވުނެވެ.
''އޯހ، އަދި ކޮންގްރޭޖުލޭޝަންސް ނުދީދޯ މިހުރެވެނީ؟، އައި ގެސް ޔޫ އާންޑް އިޓް؟...'' ދައްޔާން ހަށަން ބަނދެލިއެވެ. އަތުގެ މުލައްދަނޑީގެ މަސްތަކަށް ވާންކަން ގެނުވައި ކުރިއަށް ވުރެން މީހާ ބިޔަކަމަށް ދައްކާލިއެވެ. ރޭ މަންމަ ދިން ނަސޭހަތަށްފަހު ޒަރާރްދެކެ އަންނަ ރުޅިގަނޑުގައި ގަދަ އަލިފާން ހިފައި ރޯވާން ފަށައިފިއެވެ. ރުހުމުގެ ލޮލަކުން ޒަރާރްއަށް ބަލައިލަން އޭނަގެ ނަފުސު ދެކޮޅު ހެދިއެވެ. އެހެންކަމުން ޒަރާރްއަށް ބަހުގެ ހަމަލާއެއް އަމާޒުކޮށްފައި ބަދިގެއިން ނިކުތެވެ.
''ޒަރާރް...'' ދައްޔާން ދިޔަ ދިމާއަށް ބަލަން ހުރި ޒަރާރް ސިހުނީ ޝަބާނާގެ އަޑަށެވެ. މޫނަށް ވެރިވި މާޔޫސްކަމުގެ ކުލަވަރު ސިއްރުކުރުމުގެ ނިޔަތުގައި އޭނަ ހިނިތުންވެލިއެވެ. ނަމަވެސް ޝަބާނާއަށް އެހިތުގެ އިހުސާސްތައް ވަންހަނާކުރުމުގައި ޒަރާރްއަށް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. ޝަބާނާގެ ދެލޮލުން މޮޅިވެރިކަމުގެ ޝުއޫރުތައް ޒަރާރްއަށް ފެނުނެވެ.
''ޝަބާނާއްތަ ދެރަނުވައްޗޭ، ހުރިހާ ކަމެއް އަދި ރަނގަޅުވާނެ، ދާން ދެންމެ އެދިޔައީ އަޅުގަނޑާ ވާހަކަދައްކާފައެއްނު...'' ޒަރާރް ހިނިތުންވެލިއެވެ. ސިކުނޑިއަށް ވެރިވާން ފެށި ހާސްކަމާ ދުރުވެލަން އޭނަ މަސައްކަތްކުރިއެވެ. ޚިޔާލުތަކުގެ ފުންކަނޑުގެ ތެރެއަށް ގެނބިގެން ގޮސްފިނަމަ ހަމަޖެހުން ގެއްލިގެން ހިނގައިދާނެއެވެ. ނުރުހުމާއި ދެކޮޅުވެރިކަމުގެ ބުރަ އުފުލޭނެވަރުގެ ކުޅާދާނަކަން އޭނައަށް ލިބިފައިވެއެވެ. ކުރިއެރުން ލިބެންދެން އޭނަ މަސައްކަތްކުރާނެއެވެ. އެހާ ފެސޭހައިން ބަލި ޤަބޫލުކުރުމުގެ ވިސްނުމެއް އޭނަގެ ނެތެވެ.
ޒަރާރް ދެކޭ ގޮތުގައި ދަތި އުނދަގޫތަކަށް ފަހު ފަސޭހަތަކެއް ވާނެއެވެ. އޮތީ ހިތްވަރާއެކު ކުރިމަތިލުމެވެ. ދިރިއުޅުމުގެ ކޮންމެ އިމްތިހާނަކުން ވެސް އަގުހުރި ފިލާވަޅުތަކެއް ލިބޭނެއެވެ. މީހާގެ ޝަހުސިއްޔަތު ވަރުގަދަކުރަން ގެނެސްދޭނެ ތަޖުރިބާތަކެއް ވާނެއެވެ.
''ޒަރާރްއަށް އެމަޤާމު ލިބުނީ ޤާބިލިއްޔަތުކަން ހުރުމުން، އެއްވެސް މީހަކަށް ޒަރާރްގެ އަމިއްލަ ނަފުސަށް އޮތް އިތުބާރު ކުޑަވުމުގެ ފުރުސަތު ދީގެން ނުވާނެ، މިއަދު ޒާރާ ދުނިޔޭގައި ހުރިނަމަ ޒަރާރްއާ މެދު ފަހުރުވެރިވާނެ، އެކަން އަބަދު ވެސް ސިކުނޑީގައި ބާއްވައްޗޭ...'' ދައްޔާންގެ ވިހަގަދަ ބަސްތަކުން ޒަރާރްއަށް އަސަރުކޮށްފާނެތީ ޝަބާނާ ބުންޏެވެ. ޒާރާގެ ނަން އޭނަގެ ދުލުން ބޭރުވުމާއެކު ޒަރާރްގެ ދެލޮލުން ފެނުނު ވޭން ޝަބާނާއަށް ސިއްރެއްނުވިއެވެ. ވަގުތުން ޒަރާރްގެ އަތުގައި ޝަބާނާ ހިފިއެވެ.
''މިއަދު ދައްތައަށް ޒަރާރްގެ ފަރާތުން ފެންނަނީ ޒާރާގެ ހިތްހެޔޮކަމާއި އޯގާތެރިކަމުގެ ރީތި ސިފަތައް، ޒަރާރްއަށް ބަލައިލާ ކޮންމެ ފަހަރަކު ޒާރާގެ އުފާވެރި ހިނިތުންވުންތައް ދައްތައަށް ސިފަކުރެވޭ، ފަހަރެއްގައި މިހެން ދައްތަ މިބުނަނީ ޒަރާރް ދެރަކުރާކަށެއް ނޫން، އެއީ ޒަރާރްއަށް ލިބިފައިވާ ފުރިހަމަ ހަދިޔާއަކަށް ވާތީ އެކަން ހަނދުމަކޮށްދޭން... ދުވަހަކު ޒަރާރްގެ ތިހިނިތުންވުންތައް މިލައިގެން ދިއުމުގެ ފުރުސަތު ނުދޭތީ... އެއީ އެހެން މީހުނަށް ވެސް ލިބިގެންދާނެ އުއްމީދެއް...'' ޝަބާނާ ބުންޏެވެ. ޖަޒުބާތުގައިބެހުމާއެކު އޭނަގެ ލޮލުން ކަރުނަ ނީރާލިއެވެ. އަވަސްއަވަހަށް ޝަބާނާ ކަރުނަ ފޮހެލިއެވެ.
ޝުކުރުވެރިކަމުގެ ހިނިތުންވުމެއް ޒަރާރްގެ ތުންފަތުގައި ދުވެލިއެވެ. އެނަސޭހަތުގެ މަތީގައި ދެމިހުންނަން އޭނަ އަޒުމުކަނޑައެޅިއެވެ. މަންމަގެ އުފާވެރި ހަނދާންތަކެއް ޝަބާނާ އާލާކޮށްލަދިނީތީ އެކަމަށް ޝުކުރުވެރިވެވުނެވެ. އެހަނދާންތަކުގެ ތެރޭގައި އުޅެލަން ހިތް އެދުނެވެ. ނަމަވެސް އެއީ މާޒީ އެވެ. މާޒީގެ ތެރޭގައި ވަގުތު ހޭދަކުރަންވެއްޖެނަމަ ބޭޤަރާރުކަމުގެ އޮޔެވަރު އުފަންވެގެން ހިނގައިދާނެއެވެ.
*****
ކޮފީ ތަށި ހިފައިގެން ޒަރާރް ދިޔައީ ކާކޮޓަރިން ނިކުމެވެން ހުރީ ޕާޓިއޯއަށެވެ. ވާރޭ ނުވެހޭނެހެން ހިޔާކޮށްފައި ހުރި ހިސާބުގައި ހަމަޖެހިލައިގެން ތިބޭވޭނެހެން ކްރީމް ކުލައިގެ ބޮޑު ސޯފާއެއް ހުއްޓެވެ. ސޯފާ ކުރިމަތީގައި ބިއްލޫރި ދިގު މޭޒެކެވެ. ވަށަގައިގެން އިންދާފައި ހުރި ރަތާއި އޮރެންޖްކުލައިގެ ބޯގަންވިލާ ގަހުން އެހިސާބު ހިސާރުކޮށްފައިވުމުން ހިތްގައިމުކަމެއް އެކުލެވިގެންވިއެވެ.
ސޯފާގައި އިށީން ވަގުތު ޒަރާރްއަށް ފޯނުކޯލެއް އައެވެ. ޖިންސުގެ ޖީބުން ފޯނު ނަގައި ބަލައިލެވުނެވެ. ސްކްރީނަށް އަރާފައި އިން ރަހުމާގެ ނަން ފެނުމާއެކު، ފޯނު ނަގައި ކަންފަތުގައި ޖައްސާލެވުނެވެ.
''ދައްތަ ބުނީމެއްނު ހަފްލާ ނިންމާފަ ގުޅާށޭ...'' ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން ރަހުމާ ޝަކުވާކޮށްލިއެވެ. އެޝަކުވާތަކުގެ ފަހަތުގައި ފޮރުވިފައިވި ކަންބޮޑުވުންތައް ޒަރާރްއަށް ނަގައިގަނެވުނެވެ.
''ވަރަށް ލަސްވިފަހުން މާލެ އާދެވުނީ، ދެން ޓަޔަޑްވެފަ ހުރީމައާއެކުގަ ނިދާލީ، އެނގޭ އެގަޑީގަ ދައްތަ ވެސް އޮންނާނީ ނިދާފަކަން، އެހެންވެ ނުގުޅުވީ، ފަތިސް ނަމާދުކޮށްލައިގެން އައިސް ގުޅަން އުޅެނިކޮށް ތިގުޅީ...'' ޒަރާރް ބުނެދިނެވެ. ރަހުމާގެ ސުވާލުތަކަށް ނިމުމެއް ނާންނާނެތީ އޭނަ ހުރީ ކެތްތެރިކަމާއެކު ކޮންމެ ސުވާލަކަށް ޖަވާބުދޭން ތައްޔާރަށެވެ.
''ދެން ޒަރާރްއަށް އިނގެއެއްނު ދައްތަ ކަންބޮޑުވާނެ މިންވަރު... ކިހިނެއްތަ ހަފްލާ ދިޔައީ؟...'' ހުރިހާ މަޢުލޫމާތެއް އޮޅުންފިލުވުމުގެ ނިޔަތުގައި ރަހުމާ ސުވާލުކުރިއެވެ. ހެވިފައި އިނދެ ތަފުސީލީ ރިޕޯޓެއް ޒަރާރް އިއްވާލިއެވެ.
''ދައްތަ ބޭނުން ޒަރާރްއަށް ތި ލިބުނު ކާމިޔާބީއަށް މަރުޚަބާ ކިޔަން، އެކަމަކު ދައްތައަށް ވިސްނެނީ ދަރިފުޅަށް ތިކަމުން ދިމާވާނެ އުނދަގޫތަކާމެދު... އަޒީލާ ހުންނާނީ ރުޅި އައިސްފަ، ދަރިފުޅުގެ ކާމިޔާބީ ބަލަން އޭނައަށް ފަސޭހައެއް ނުވާނެ...'' ޒަރާރްއަށްޓަކައި އުފާވާން ރަހުމާ ބޭނުމެވެ. އެފުރުސަތު ނުދިނީ އޭނަގެ ޒަމީރެވެ. އަޒީލާގެ ދެކޮޅިވެރިކަން ގޮސްދާނެ ހަރުފަތެއް ނޭނގޭތީ އޭނަ ހާސްވެއެވެ.
''ދައްތާ، އަޅުގަނޑު ކުރިން ވެސް ބުނީމެއްނު އެންމެނަށް ޗާންސެއް ދޭން ބޭނުމޭ، މާޒީގަ ކަންތައް ކުރެވުނު ގޮތުން މަޢާފަށް އެދެފިނަމަ އަޅުގަނޑު މަޢާފްކޮށްދޭނަން...'' ޒަރާރް ބުންޏެވެ. މަންމައާއި މެދު އަޒީލާ ކަންތައް ކުރި ގޮތުން ހިތުގައި ވިންދުޖަހަމުން އައި ނަފުރަތު އެއްފަރާތްކޮށްލަން ޒަރާރް ހުރީ ތައްޔާރަށެވެ. އަޒީލާއަށް ލިބެންޖެހޭ އިހުތިރާމާއި ޤަދަރަށް އުނިކަމެއް އައިސްދާނެކަމުގެ ބިރަށެވެ. ހިތް ނޭދުނަސް މިއަދު އޭނަގެ ދޮންމަންމަގެ މަޤާމުގައި އެހުރީ އަޒީލާއެވެ. ޢާއިލާގައި އުފެދުނު ހަމަނުޖެހުންތަކުގެ އަސްލަކީ ވެސް އެއެވެ.
''ދައްތަ ނެތީމޭ ޒަރާރްގެ ނިންމުމާ ދެކޮޅު ހަދާކަށް، އެކަމަކު ދައްތަ ދިން ނަސޭހަތުގައި ހިފުމަށް ތަކުރާރުކޮށް ހަނދާންކޮށްދޭނަން...'' ރަހުމާ ބުންޏެވެ. މަޢާފްހޯދުމާއި މަޢާފްކުރުމުގެ ރީތި އާދަ ޒަރާރްއަށް ދަސްވެފައިވީތީ ރަހުމާ އުފާކުރެއެވެ. ޒަރާރްގެ ހަރުދަނާ ވިސްނުމާ މެދު ފަހުރުވެރިވެއެވެ.
އަޒީލާއަށް މަޢާފްކުރަން އެއީ ރަހުމާއަށް ފަސޭހަކަމަކަށް ނުވާނެއެވެ. ޒާރާއަށް ދިމާވި ހާލަތުން އެންމެ ބޮޑަށް ކުށްވެރި ކުރެވެނީ ވެސް އަޒީލާއެވެ. އެކަމުގައި މަސްރޫރު ވަކި އިސްތިސްނާ ވަނީއެއް ނޫނެވެ. އަނބިމާހައަށް ސިއްރުން ނަހަމަ ގުޅުމެއް ބާއްވަން މަސްރޫރު ގަސްދުކުރި ހިސާބުން އިތުބާރުގެއްލުނީއެވެ. ހަމައެއާއެކު މަސްރޫރަކީ މީހެއްގެ ފިރިއެއްކަން އެނގިހުރެ އެގުޅުން ކުރިއަށް ގެންދަން އަޒީލާ އެއްބަސްވުން އެއީ އަޒީލާގެ ނުބައި ނިޔަތާއި ހަސީލަތް އަންގައިދިން ކަމެކެވެ. ދިރިއުޅުމެއް ހަލާކުކޮށްލުމަށްފަހުގައި އުފާވެރިކަން ހާސިލްވެދާނެކަމަށް އުއްމީދުކުރުމަކީ ވެސް ގޯހެކެވެ. ކުރެވުނު ކަންތަކާ މެދު އަޒީލާ ހިތާމަކޮށްފަނެކަމާ މެދު އޭނައަށް ޝައްކެވެ. ޒަރާރްއަށް އަންގައިދޭން ރަހުމާ ބޭނުންވަނީ އެހަޤީޤަތެވެ.
''އަބަދު އެއް ވާހަކައެއް ތަކުރާރުކުރަން ދައްތަ ބޭނުމެއް ނޫން، ޒަރާރްއަށް އަމިއްލަ ދިރިއުޅުމުގެ ނިންމުންތައް ނިންމުމުގެ އިހުތިޔާރު ލިބިގެންވޭ... ދެން ބުނެބަލަ، މަސްރޫރާ ވާހަކަދެކެވުނުތަ؟...'' ރަހުމާ އަހާލިއެވެ. އޭނަ އެނގެން ބޭނުންވީ މަސްރޫރާއި ޒަރާރްގެ ގުޅުމަށް އެއްވެސް ބަދަލެއް އައިސްފައިވޭތޯއެވެ. މަސްރޫރުގެ ލޯތްބަށް ޒަރާރް ބޭޤަރާރުވެފައިވާ މިންވަރު އޭނައަށް ފެންނާތީއެވެ.
ވެރިވެގެން ދިޔަ ހިމޭންކަމުން ރަހުމާގެ ސުވާލަށް ޖަވާބު ލިބުނެވެ. ރަހުމާ ގާތަށް އައީ ރުޅިއެވެ. މަސްރޫރު ދެކެ ވީ ފޫއްސެއްގެ ބޮޑުކަމުން އެއްޗެއް ނުބުނެ ހުންނަން އޭނައަށް ފަސޭހައެއް ނުވިއެވެ. އެވަގުތު ރަހުމާގެ ގާތުގައި ހުރި އަލީއަށް ރަހުމާގެ މޫނަށް ވެރިވި ރުޅިވެރިކަމުގެ އަސަރުތައް ފެނި، ރަހުމާގެ އަތުން ފޯނު އަތުލިއެވެ. ވާހަކައިގެ މިސްރާބު ބަދަލުކޮށްލީ އަލީ އެވެ. އޭނަ މުޅިންހެން އަލިއަޅުވާލީ ވިޔަފާރި އަށެވެ. ޒަރާރު އުފުލަން ޖެހޭނެ މަސްޢޫލިއްޔަތާއި، އެމަޤާމުގައި ކާމިޔާބުވުމަށް ކުރަންޖެހޭނެ ކަންތަތައްތައް އަލީ ބުނެދިނެވެ. ޒިންމާދާރު ވެރިޔެއްގެ ހުންނަން ޖެހޭނެ ސިފަތައް ކިޔައިދިނެވެ. ދިރިއުޅުމުގެ ކަންކަމުގައި ޒަރާރްއަށް އެންމެބޮޑު އެއްބާރުލުމެއް ލިބެނީ އަލީގެ ފަރާތުންނެވެ. އަގު ނުކުރެވޭނެ ފަދަ އެތައް ނަސޭހަތެއް އަލީގެ ފަރާތުން ލިބުނެވެ.
އަލީއާއި ރަހުމާއާއި ވާހަކަދައްކާލަމުން ޒަރާރް ފޯނު ބޭއްވިއެވެ. ޕާޓިއޯއަށް ނިކުންނަ ބިއްލޫރި ދޮރު ކަހާލި އަޑު ޒަރާރްއަށް އިވުނެވެ. އޭނަ ހީކުރީ އެއީ ޝަބާނާ ކަމަށެވެ. ހުސްވެފައި ހުރި ކޮފީތަށި ބަލާ އައީ ކަމަށެވެ. އިސްއުފުލާލި ޒަރާރްއަށް ފެނުނީ އޭނަ އުއްމީދުކުރި މޫނެއް ނޫނެވެ. އޭނައަށް އިނދެވުނީ ހަރަކާތެއްކޮށްލަން ނޭނގިފައެވެ. ޕާޓިއޯއަށް ނިކުތީ ބައްޕައެވެ. މީގެ ދެދުވަސް ކުރިން ވެސް ޒަރާރް އެތާ އިންދާ ބައްޕަ ނިކުމެއްޖެއެވެ. އެފަހަރު އޭނަ ފެންނައިރަށް ވަނީ އެތެރެއަށެވެ. މިފަހަރު ކަންތައް ކުރާނެ ގޮތެއް ބަލަން ޒަރާރް އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހިތުގެ ކަނަކުން އެދި ގޮވާލީ ބައްޕަ އޭނައާއި ވާހަކަދެއްކުމަށެވެ. ދެރައާއި ހިތާމައިގެ ޖަޒުބާތުތަކުން ފުން އަސަރުތަކެއް ކުރުވިއެވެ.
ޒަރާރް ފެނުމާއެކު މަސްރޫރުގެ ފިޔަވަޅުތައް މަޑު ޖެހިލިއެވެ. މިފަހަރު ވެސް އަނބުރާލާފައި ވަންނަން އޭނަގެ ޒަމީރު އިރުޝާދު ދިނެވެ. ޒަރާރްއާއި ކުރިމަތިލާން ފަސްޖެހޭތީއެވެ. އުނދަގޫވާތީއެވެ. ކުށްވެރިކަމުގެ ކަސްތަޅުތަކުން މިންޖުނުވާތީއެވެ. ޒާރާއާއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުން ދަނިކޮށް، ރަހުމެއް ނެތި ޒާރާގެ ދިރިއުޅުން ނަރަކައަށް ހަދާލީ އެދެއަތުންނެވެ. އަޒީލާއާއި ލޯބީގެ ގުޅުން ބޭއްވީ ޒާރާއަށް ދޮގުހަދައި އޮޅުވާލަމުންނެވެ. ޒާރާ އޭނައަށް ކުރި އިތުބާރުގެ ނާޖާއިޒް ފައިދާ ނަގަމުންނެވެ. ޒާރާގެ މައުސޫމްކަމަށް މަލާމާތްކުރަމުންނެވެ. ޒާރާއަށް ބޭވަފާތެރިވީ ހިނދު އޭނަގެ އަމަލުތަކުން ޒާރާގެ މައްޗަށް ބޭއިންސާފުވެވޭނެ މިންވަރު ތަސައްވަރެއް ނުކުރެވުނެވެ. އަޒީލާގެ ލޯބީގައި އާވާރާވުމުން ޒާރާގެ އިހުސާސްތަކަށް ޤަދަރުކުރާކަށް ބޭނުމެއް ނުވިއެވެ. އޭނަ ދެކެ ވީ ތެދުވެރި ލޯތްބަށް އިހުތިރާމެއް ނުކުރެވުނެވެ. އޭނައަށް ޒާރާގެ ހިތުގައި ޖެއްސިފައިވަނީ މަޢާފް ލިބުން ހައްޤުނުވާނެ މިންވަރަށެވެ. އޭނަގެ ސަބަބުން ދެމަފިރިންގެ ދެވަނަ ދަރިފުޅު ދުނިޔެއަށް ނޭވާ ލުމުގެ ނިއުމަތުން ވެސް މަހުރޫމް ވިއެވެ. އެކަނިވެރިކަމުގެ އަނދީގައި ޒާރާ ދުނިޔެއަޅާ ދިއުމުން އެމަރުގެ ތުހުމުތު އެޅިފައިވަނީ އޭނަގެ ބޮލުގައެވެ.
''މަސްރޫރު...'' ދުރު ހަނދާނެއް އާލާވާން ފެށިއެވެ. މަސްރޫރަށް ހީވީ ޒާރާގެ ގިސްލުމުގެ އަޑު ކަންފަތުގައި ޖެހުނު ހެންނެވެ. އެއާއެކު ވަށައިގެންވި މަންޒަރުތައް ބަދަލުވެއްޖެއެވެ. އޭނަގެ ހަނދާންތައް އޭނަ ގެންގޮސްދިނީ އަހަރުތަކެއް ފަހަތަށެވެ. އެއީ އޭނައާއި އަޒީލާގެ ސިއްރުގުޅުން ޒާރާއަށް ހާމަވެގެން ދިޔަ ދުވަހެވެ. ފަރުދާގެ ފުރަގަހުގައި ފިލާ ހުރެ، ރާއްޖޭން ބޭރަށް ގޮސް އަޒީލާއާއި ކައިވެނިކޮށް، އަޒީލާ ބަލިވެއިންކަން ފަޅާ އެރި ދުވަހެވެ. ސިއްރިޔާތުގައި އަހަރުތަކެއް ވަންދެން ކުރިއަށް ގެން ދިޔަ އެގުޅުން ޒާރާއަށް އެނގުނީ ކިހިނެއްކަމެއް މަސްރޫރަށް ނޭނގެއެވެ. އެވަގުތު އެހަޤީޤަތް ހޯދުން މުހިންމެއް ނުވިއެވެ. އަޒީލާގެ އަވާގައި ޖެހި ޒާރާއާއި ކުރިމަތިލުމަކަށްދާން އޭނަ ފަހެއް ނުޖެނުނެވެ. މަސްރޫރު ބޭނުންވީ ޒާރާ ވަރިކުރާށެވެ. އޭނަގެ އަނބިމީހާގެ މަގާމުގައި ހަމައެކަނި އަޒީލާ ބަހައްޓާށެވެ. އެދެމަފިރިންގެ އަލަތު ދަރިފުޅާއެކު މުސްތަޤުބަލު ބިނާކުރާށެވެ. އެހިތުގެ ވެރިޔާއަށް އަޒީލާ ވުމުން، ޒާރާއަށް އޭނަގެ ހަޔާތުން ކުޑަމީސް ޖާގައެއް ދޭން މަސްރޫރުގެ ޒަމީރު ދެކޮޅުހެދިއެވެ.
''ކީއްވެ؟...'' ފިސްފިންވަމުން ދިޔަ ހިތުގެ ވޭނާއި ކެކުޅުންތައް ސާފުކޮށް ޒާރާގެ ދެލޮލުން މަސްރޫރަށް ބަޔާންކޮށްދިނެވެ. އެހިތުގެ ޝަކުވާތަކެވެ. އާދޭސްތަކެވެ. ލޮލުގައި ވިދާބަބުޅަން ފެށި ގިލަންވެރިކަމުގެ ކަރުނައެވެ. ކުރި އިތުބާރަށް އަރައިގެން އައި ވަރުގަދަ ލޮޅުމެވެ. ލޯބި ސަޒާއަކަށް ވެގެން ދިޔަ މަންޒަރެވެ.
''ޖަވާބުދީބަލަ... ކީއްވެގެންތަ؟... އަހަރެންގެ އުނިކަމެއް ހުރީތަ؟... އަހަރެން ވާލޯބީގައި އުނިކަމެއް ހުރީތަ، ހެޔޮނުވާނެ މަސްރޫރު، އަހަރެންގެ ސުވާލުތަކަށް ޖަވާބުދީބަލަ، ތިހިމޭންކަމުގެ މާނަ އަހަރެން ނަގަންވީ ކިހިނެއްތަ؟، އަހަންނަށް ސިއްރުން މިކަމެއް ހިނގާތާ ކިތައް އަހަރު ވެއްޖެ؟... މަސްރޫރު!، ޖަވާބުދީބަލަ، އަހަރެންގެ ސުވާލަށް ޖަވާބުދީބަލަ...'' މަސްރޫރުގެ ގަމީހުގައި ދެއަތުން ހިފަހައްޓަމުން ޒާރާ ރޮޔެ އާދޭސްކުރިއެވެ. ހުއްޓުމެއް ނެތި އެލޮލުން ފޭބި ކަރުނުން ހާމަކޮށްދިނީ މަސްރޫރު ދެކެވީ ތެދުވެރި ލޯތްބަށް އައި ހިތި ނިމުމެވެ. އެދުވަހު އެހަޤީޤަތް ޤަބޫލުކުރަން މަސްރޫރަށް މުހިންމެއް ނުވިއެވެ. އޭނައަށް އިސްކުރުވެރުވީ އަޒީލާ އެވެ. މިއަދު އެކަމާ އޭނަ ލަދުގަނެ ދެރަވެއެވެ.
''އަހަރެންދެކެ ލޯބިވަންތަ؟... ޒަރާރް ދެކެ ލޯބިވަންތަ، ދުނިޔެއަށް އުފަންނުވާ މިދަރިފުޅު ދެކެ ލޯބިވަންތަ؟...'' އަށްމަހުގެ ބަނޑުގައި އަތްޖައްސަމުން ޒާރާ ގިސްލިއެވެ. ''އަހަންނަށް މަސްރޫރުގެ ފަރާތުން ލިބުނީ ވަގުތީ އުފާވެރިކަމެއްތަ، ޖަވާބުދީބަލަ، ކީއްވެ އެއްޗެއް ނުބުނެ ތިހުންނަނީ!، ތީ ރަހުމެއް ނެތް މީހެއް، މާބަނޑު އަންހެންނަކަށް މިފަދަ ވޭނެއް ދޭނީ ހިލަ ހިތެއްގެ ވެރިއަކަށްވީމަ، އަހަރެން މަސްރޫރަށް ހާދަ އިތުބާރެއް ކުރީމޭ... އަހަރެން ވި ލޯބީގެ އަގެއް ހަމަ ނެތީތަ؟... އަހަރެންގެ ފަރާތުން ލިބުނު ކުދިންނަށް ވީމާ ޒަރާރްމެނަށްޓަކައި ތި ހިތުގައި ރަހުމެއް ވެސް ނެތީތަ؟... މަސްރޫރް!، އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުދެވެންޏާ އަހަންނަށް މަޖުބޫރުވާނެ، ކައިވެނިކޮށްގެން ހުރެ ހިލޭ އަންހެންނުންނާ ގުޅުން ބޭއްވުން އެއީ ކޮންކަހަލަ ކަމެއްކަން ހަމަ ނޭނގެނީތަ؟، ފާފައެއްކަމެއް ނޭނގޭތަ؟... ތެދުވެރި ފިރިއަކަށް ވެސް ނުވެވުނު، ރަނގަޅު ބައްޕައަކަށް ވެސް ނުވި... އަހަރެން ދެކެ ލޯބި ނުވަންޏާ އަހަރެން.... އަހަރެން ވަރިކުރޭ!...''
''ތިހިރީ ވަރިކޮށްފަ...'' އެއީ ޒާރާއަށް އޭނަ އަމާޒުކުރި އެންމެ ފަހުގެ ޖުމްލައެވެ. ޒާރާގެ މޫނުން ފާޅުވި ސިހުމާއި ކަރުނައިގެ ސިލްސިލާ އަދިވެސް މަސްރޫރްގެ ސިކުނޑީގައި ބިންވަޅު ނެގިފައިވިއެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން ފާޅުވި ކެކުޅުންތަކެވެ. ނިމުމެއް ނުވާ ޝަކުވާތަކާއި އާދޭސްތަކެވެ. ޒަރާރްއަށް ބަލައިލާ ކޮންމެ ފަހަރަކު މަސްރޫރަށް ސިފަކުރެވުނީ ކަރުނުން ފުރިފައިވި ޒާރާގެ ދެލޮލެވެ. ކުށްވެރިކަމާއެކު އިސްޖަހާލެވެނީ އެހެންވެގެންނެވެ. އޭނަގެ ހުރި އުނި ސިފަތައް ހަނދުމަކޮށްދޭތީއެވެ. އޭނަގެ ހަޔާތުން ޒަރާރް ބާކީކޮށްލީ ރަހުމެއް ހަމްދަރުދީއެއް ނެތިއެވެ. ބައްޕައެއްގެ މަސްއޫލިއްޔަތު އުފުލަން އޭނަ ދެކޮޅު ހެދީ ހަމައެކަނި ޒަރާރް އަށެވެ. ފާޅުގައި އޭނަ ޒަރާރްއަށް ބުނެދިނީ ޒަރާރްއަށް ވުރެން އޭނައަށް މުހިންމުވާނީ ދައްޔާން ކަމަށެވެ. މިއަދު ޒަރާރް އޭނަގެ ކުރިމައްޗަށް ހުއްޓިއެހުރީ ޒުވާނެއްގެ ގޮތުގައެވެ. ރަނގަޅު ޝަހުސިއްޔަތެއްގެ ލިބިފައި ވެއެވެ. އެއިން އެއްވެސް ކަމެއްގައި އޭނަގެ ހިއްސާއެއް ނެތެވެ.
އެތެރެއަށް ވަނުމުގެ ބަދަލުގައި މަސްރޫރު އިށީނީ ސޯފާގައެވެ. ބައްޕަގެ އެހަރަކާތުން ޒަރާރްއަށް ސިހުން ލިބުނެވެ. ހުއްޓުން އަރާފައި ބަލަން އިނީ އެހެންވެގެންނެވެ. ޒަރާރްގެ މޫނަށް ވެރިވީ ބަޔާންކުރަން ދަތި ޝުއޫރެކެވެ.
ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔައެވެ. ޒަރާރްއާއި ވާހަކަދައްކަން މަސްރޫރުގެ ދޫ ހަރަކާތްކުރިއެވެ. ނަމަވެސް ބުނަންވީ ކީކޭކަމެއް ނޭނގުނެވެ. ބައްޕަގެ ލޯބިން މަހުރޫމްވުމުން އެކަމަށް މަޢާފަށް އެދެންވީ ހެއްޔެވެ؟ ރުޅިއާއި ނަފުރަތާއެކު އޭނައާއި ކުރިމަތިނުލާތީ އެކަމަށް ޝުކުރުވެރިވާންވީ ހެއްޔެވެ؟
''ބައްޕަ...'' މަސްރޫރް ބުނަން އުޅުނެވެ. އޭނައަށް ޒަރާރްއާއި ކުރިމަތިލުން ފަސޭހައެއް ނުވިއެވެ. ޒަރާރްގެ މައްޗަށް އިހުމާލުވެފައިވާ މިންވަރު ތަސައްވަރުކުރެވި ދުލުގައި ތަޅެއްލެވުނެވެ. އަރުތެރޭގައި ކައްޓެއް ތާށިވެފައިވާ ކަހަލައެވެ. ހިންދިރުވާލުން ވެސް ފަސޭހައެއް ނުވިއެވެ. މިއަދު ޒަރާރްއަށް ލިބިފައިވާ ތަރުބިއްޔަތުގައި އޭނަގެ އެއްވެސް ހިއްސާއެއް ނެތެވެ. ޤާބިލު ޒުވާނަކަށް ޒަރާރް ވެފައިވަނީ ރަހުމާއާއި އަލީގެ ސަބަބުންނެވެ. ޒަރާރްއާ މެދު އޭނަ ފަހުރުވެރި ވިޔަސް ދުލާ ހަމައަށް ގެނައުން ފަސޭހައެއް ނުވިއެވެ. އޭނަގެ ލޯތްބާއި އަޅާލުން ލިބުނީ ހަމައެކަނި ދައްޔާނަށެވެ. ލޮލުގެ ނޫރު ފަދައިން ބަލާ ބޮޑުކުރިޔަސް ދައްޔާންގެ ފަރާތުން އޭނަ ދުށުމަށް ބޭނުންވާ ސިފަތަކެއް ނެތެވެ. އޭނަގެ ބަސް ޤަބޫލުކުރުމާއި އަދަބުއިހުތިރާމް އަދާކުރުން އެއީ ދައްޔާން ދަންނަކަމެއް ނޫނެވެ. ފަހަރެއްގައި އެއީ ޒަރާރްއާ މެދު ކަންތައް ކުރެވުނު ގޮތުން އޭނައަށް ކުރިމަތިވި އިމްތިހާނެކެވެ. ޒަރާރްއާއި ދައްޔާނުގެ ތަރުބިއްޔަތުގައި އެހާ ބޮޑު ތަފާތެއް ވަނީ ކީއްވެގެން ހެއްޔެވެ؟ އޭނަ އެދޭ ފަދަ ތޫނުފިލި، ޒިންމާދާރު ޒުވާނަކަށްވީ އޭނައާއި ދުރުގައި ހުރެ ބޮޑުވި ފިރިހެންދަރިފުޅެވެ. އޭނަގެ ހަޔާތުން ބޭކާރުކޮށްލި ދަރިފުޅެވެ. އޭނަގެ ނަމާއި ޝަރަފު ދަމަހައްޓާނެ ކަމުގެ ޔަޤީންކަން އޮތް ދަރިފުޅަކީ ވެސް ހަމަ އެކަނި އެއެވެ. ތަޤުދީރި މިދައްކަނީ ކޮންފަދަ ނުބައި ސަމާސާއެއް ހެއްޔެވެ؟
''މަސްރޫރު...'' އިވުނީ އަޒީލާގެ އަޑެވެ. ސިކުނޑީގައި އުފެދިފައިވި ހައިޖާންގަނޑުގެ ތެރެއިން މަސްރޫރަށް ލޯހުޅުވާލެވުނީ ދެނެވެ. އަޒީލާ ފެނުމާއެކު މަސްރޫރުގެ މުޅި ތަބީއަތު ބަދަލުވެގެންދާން ނެގީ ފަޅި ސިކުންތުކޮޅެކެވެ. މޫނުގައިވި މޮޅިވެރިކަމުގެ ލިސާންތައް ބަދަލުވީ ބީރައްޓެހިކަމެވެ.
ޒަރާރްއަށް ބަލައިލުމެއް ނެތި މަސްރޫރު ކޮޅަށް ތެދުވިއެވެ. އަޒީލާ ބަލަން ހުއްޓާ މަސްރޫރު ވަނީ އެތެރެއަށެވެ. ޒަރާރްއާއި ވާހަކަދައްކަން ލިބުނު ފުރުސަތު ގެއްލިއްޖެކަމުގެ ހިތިކަމާއި ކުރިމަތިލުމުންނެވެ. އެތަނަށް އަޒީލާ އައުމުން މަސްރޫ ގާތަށް ރުޅިއައެވެ. އަޒީލާގެ ނިޔަތާ މެދު ޝައްކު އުފެދުނެވެ. ދެން ޒަރާރްއާއި ވާހަކަދައްކަން އޭނައަށް ހިތްވަރުލިބޭނެކަމެއް ވެސް ނޭނގެއެވެ.
މަސްރޫރު ދިޔަ ދިމާއަށް ބަލަން ހުރެފައި އަޒީލާގެ ނަޒަރު ހުއްޓުނީ ސޯފާގައި އިން ޒަރާރް އަށެވެ. ޒަރާރްއާއި މަސްރޫރާ ދެމެދު އެއްވެސް ވާހަކައެއް ދެކެވުނު ނަމަ އެކަމެއް އެނގެން އަޒީލާ ބޭނުންވިއެވެ. ދެބަފައިން ތިބި ހާލަތުން އޭނަގެ ހިތުގައި ނުތަނަވަސްކަމުގެ ވިންދު ޖަހަން ފެށިއެވެ. ޒަރާރްއަށް ބަލަން އަޒީލާ ހުއްޓެވެ. އޭނައަށް ޒަރާރްގެ އިހުސާސްތައް ދޭހަކުރަން އުނދަގޫވެއްޖެއެވެ.
*****
ހެނދުނުގެ ނާސްތާއަށް ފަހުގައި ތަށިތައް ނެގުމުގައި މަންމައަށް އަތްގާތްކޮށްލަދޭން ތަނާލް އުޅުނެވެ. ސިންކު ކައިރީ ތަށި ދޮންނަން ހުރި ސުމައްޔާގެ ނަޒަރު ތަނާލްއަށް ހުއްޓުނެވެ. ވިސްނަން ހުރެފައި ތަނާލްއަށް ސުމައްޔާ ގޮވާލިއެވެ.
''ބައްޕަ ބުނި ރޭގަ ދަރިފުޅާއި މަލްސާއާއި ދިމާވިޔޭ، ކިހިނެއް ދިޔައީ؟...'' ސުމައްޔާ ސުވާލުކޮށްލިއެވެ. ރޭއްސުރުން އޭނަ އެހުންނަނީ އޮޅުންފިލުވަން ބޭނުން ވެފައެވެ.
އަތުގައި އޮތް ތަށި މަންމަގެ އަތަށް ދިއްކޮށްލި ތަނާލްގެ ހަރަކާތްތައް މަޑުޖެހިލިއެވެ. މަންމަގެ ސުވާލަށް ޖަވާބުދޭނެ ގޮތަކާ މެދު ފިކުރުހިންގާލެވުނެވެ. ދޮގު ހަދަން އޭނަ ބޭނުމެއް ނުވިއެވެ. އެކަމުން ލިބޭނެ މަންފާއެއް ނެތެވެ.
''ދެއި އާރ ނޮޓް މައި ޓްރޫ ފްރެންޑްސް...'' ތަނާލް ބުންޏެވެ. ތަނާލްގެ މޫނާއި ނަޒަރުވަކިކޮށްލުމެއް ނެތި ސުމައްޔާ ބޯޖަހާލިއެވެ. އިތުރަށް އެމައުޟޫޢު ކުރިއަށް ގެންދަން ސުމައްޔާ ޚިޔާލެއް ނުކުރިއެވެ. ނިމިފައިވި ކަމެއްގެ ވާހަކަދެއްކުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟
''އަޅާނުލާ، އެއީ މާކަ ރަނގަޅު ކުދިބައެއް ވެސް ނޫން، އެއަށްވުރެން ރަނގަޅު ރަހުމަތްތެރިން ދަރިފުޅަށް ލިބޭނެ...'' ސުމައްޔާ ބުންޏެވެ. ''މާދަން އޮފީހަށް ނިކުންނަން ޖެހޭ ދުވަހެއްނު، އޭގެ ކުރިން ވާނެ ޝޮޕިންގްކޮށްލަންދާން، ނޫންތަ؟...''
އޭނަ ގެއިން ބޭރަށް ގެންދަން މަންމަ ދެއްކި ބަހަނާއަކަށް ވިޔަސް އެކަމާ ތަނާލްއަށް ރުހެވުނެވެ. އޮފީހަށް ދާން ފެށުމުގެ ކުރިން އޭނަގެ ވޯޑްރޯބް އާކޮށްލަން އެބަޖެހެ އެވެ.
''ހޫމްމްމް...'' ތަނާލް ބުންޏެވެ. އައު އުއްމީދެއް ލިބިފައިވުމުން މުސްތަޤުބަލާ މެދު ދެކެވެމުންދާ ނަޒަރިއްޔާތު ލަސްލަހުން ބަދަލުވާން ފެށި އެވެ. ނުތަނަވަސްކަމުގެ އުދާސްތަކާ ކުރިމަތިލާނެ ގޮތެއް ހޯދަން އޭނަ ބޭނުމެވެ.
(ނުނިމޭ)
ފުރުސަތު މި އެދޭ
އައި އަށް ވަރަށް ކަމްގޮއްސި މި ވާހަކައި ގެ ޕާސްޓް ގެނެއްސަ ހުރި ގޮތް. ޥވވ އިމޯޝަނަލް. ޥަރަހަ ސަަޅި
ކަސްތޫރީ - 2 މަސް ކުރިން