ގައުމީ އެއާލައިން، މޯލްޑިވިއަންއާއި ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސްއާ ދެމެދު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވިއަންއިން މިއަދު ބުނީ އެ އެއްބަސްވުމަކީ ރާއްޖޭގެ އެތެރެވަރީގެ އުދުހުންތަކާއި ދުނިޔޭގެ ބޮޑެތި މާކެޓްތައް ގުޅާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މޯލްޑިވިއަނުން ބުނީ އެ ޕާޓްނަޝިޕްގެ މައިގަނޑު މަގުސަދަކީ ދެ އެއާލައިންގެ ވަސީލަތްތައް ބޭނުންކޮށްގެން، ދަތުރުވެރިންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

އެ އެއްބަސްވުމާއެކު، ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ފްލައިޓްތަކުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް، މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭގެ 17 މަންޒިލަކަށް އެއްވެސް ދަތިކަމެއް ނެތި ދަތުރުކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިފައިކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި، ކޮލަމްބޯ މަގުން ރާއްޖެ އަންނަ ފަތުރުވެރިންނަށް މި އެއްބަސްވުމުގެ ސަބަބުން ވަރަށް ބޮޑު ލުޔެއް ލިބޭނެއެވެ. ހަމައެހެންމެ، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންނަށްވެސް މޯލްޑިވިއަން މެދުވެރިކޮށް ކޮލަމްބޯއަށް ގޮސް، އެތަނުން ސްރީލަންކަން އެއާލައިންސްގެ ފުޅާ ނެޓްވޯކް ބޭނުންކޮށްގެން ދުނިޔޭގެ ކޮންމެ މަންޒިލަކަށްވެސް ފަސޭހައިން ބުކިން ހެދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް މޯލްޑިވިއަނުން ބުންޏެވެ.

ޕާޓްނާޝިޕްގެ ދަށުން ދިވެހިންނަށް ލިބޭނެ އެންމެ ބޮޑު ފަސޭހައަކީ، ރާއްޖޭގެ ކޮންމެ ޑޮމެސްޓިކް އެއާޕޯޓެއްގައި ހުރެގެންވެސް ބައިނަލްއަގުވާމީ ކަނެކްޓިން ފްލައިޓްތައް ބުކް ކުރެވޭނެ އިންތިޒާމު ހަމަޖެހުންކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ، މިއީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އޮންނަ ކަނެކްޓިވިޓީ ވަރުގަދަކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

"ސްރީލަންކަން އެއާލައިންސްގެ ބައިނަލްއަގުވާމީ ނެޓްވޯކާއި އަޅުގަނޑުމެންގެ ޑޮމެސްޓިކް ދަތުރުތައް ގުޅާލުމުން، ފަތުރުވެރިކަމަށާއި ދިވެހިން ބޭރަށް ކުރާ ދަތުރުތަކަށް ބޮޑު އިންގިލާބެއް އަންނާނެ،" އިޔާސް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދީ ގުޅުން ބަދަހިވެ، ދެ އެއާލައިންގެ ހިދުމަތްތައް އެއްފުރާޅެއްގެ ދަށަށް ގެނެވޭނެނެކަމަށް މޯލްޑިވިއަނުން ބުންޏެވެ. މީގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ ކޮންމެ ތަނަކުންވެސް ފަސޭހައިން ވާސިލުވެވޭނެ މަންޒިލަކަށް ވެގެންދާނެކަމަށް މޯލްޑިވިއަނުން ބުންޏެވެ.