ނީތޫ ކަޕޫރާއި ކަޕިލް ޝަރްމާ މުހިންމު ރޯލުތަކުން ފެނިގެންދާ އާ ކޮމެޑީ ފިލްމު "ދާދީ ކީ ޝާދީ" ގެ ރަސްމީ ޓްރެއިލާ އާންމުކޮށްފިއެވެ.

މި ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ އާއިލީ ކައިވެންޏެއްގެ ތައްޔާރީތައް ވަމުންދަނިކޮށް، ނީތޫ ކަޕޫރު ކުޅޭ މާމަގެ ކެރެކްޓަރު ކައިވެނިކުރަން ނިންމުމުން ދިމާވާ ކަންތައްތަކެއްގެ މައްޗަށެވެ. އާންމުކޮށް ފެންނަ ކައިވެނީގެ ކޮމެޑީ ފިލްމުތަކާ ހިލާފަށް، މި ފިލްމުގެ ޓްރެއިލާއިން ފެނިގެންދަނީ މާމަގެ ވާހަކައަށް މުޅި ފިލްމުގެ މިސްރާބު ބަދަލުވެގެންދާ ތަނެވެ.

https://youtu.be/q2zwd3OVcnM

ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފައިވާ ގޮތުގައި، މިއީ އާއިލީ ކޮމެޑީތަކަށް އާ ދިރުމެއް ގެނެސްދޭނެ ތަފާތު ފިލްމެކެވެ. މި ފިލްމުގައި ކަޕިލް ޝަރްމާ ފެނިގެންދާނީ އާއިލާގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކާއި މަޖާ ކަންތައްތަކުގައި މުހިންމު ދައުރެއް އަދާކުރާ މީހެއްގެ ގޮތުގައެވެ. އޭނާގެ ކެރެކްޓަރަކީ މާމަގެ ނިންމުމާ ގުޅިގެން އާއިލާގެ ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތަކުގައި މެދުވެރިއެއްގެ ރޯލު އަދާކުރާ މީހެކެވެ.

"ދާދީ ކީ ޝާދީ" ގެ ޓްރެއިލާ އާންމުކުރުމާއެކު، ތަފާތު ވާހަކަޔަކަށް އުފައްދާފައިވާ މި ފިލްމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. ހާއްސަކޮށް ނީތޫ ކަޕޫރުގެ ތަފާތު އެކްޓިންއާއި ކަޕިލް ޝަރްމާގެ ކޮމެޑީގެ ހުނަރު އެއްކޮށް ފެނިގެންދާތީ، މިއީ ބެލުންތެރިންނަށް ކަމުދާނެ ފިލްމަކަށް ވާނެކަމަށް ބޮލީވުޑް ހަބަރުތައް ބުނެއެވެ.