ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ އެކްޓަރު ރާޖްޕާލް ޔާދަވް، އޭނާ ޖަލަށްލުމާ ގުޅޭގޮތުން އާންމުންގެ މެދުގައި އޮތް އޮޅުންތައް ސާފުކޮށްދީފިއެވެ. ފަހުގެ އިންޓަވިއުއެއްގައި އޭނާ ބުނީ، ޖަލަށް ދާން ޖެހުނީ ހަމައެކަނި ފަސް ކްރޯޑު ރުޕީސްގެ ލޯނެއް ނުދެއްކިގެން ނޫން ކަމަށާއި، އެއީ ގާނޫނީ ގޮތުން އުފެދުނު ވަރަށް ބޮޑު މައްސަލަގަނޑެއްގެ ސަބަބުން ކަމަށެވެ.
ރާޖްޕާލް ފާހަގަކުރި ގޮތުގައި، އޭނާގެ މައްޗަށް އައިސްފައިވާ ހުކުމަކީ ގިނަ ބަޔަކު ހީކުރާ ފަދަ އާދައިގެ ދަރަނީގެ މައްސަލައެއް ނޫނެވެ. އޭގެ ބަދަލުގައި އެ މައްސަލައިގައި ގާނޫނީ ގިނަ ކަންތައްތަކެއް އެކުލެވިގެންވާ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ޝަރުއީ މަރުހަލާގައި ކަންކަން ހިނގައިދިޔައީ އޭނާއަށް އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ގަބޫލުކުރެވޭ ކަމަށާއި، ނަމަވެސް ކޯޓުގެ ނިންމުމަށް އިހުތިރާމުކޮށް ހުކުމް ތަންފީޒުކުރީ ކަމަށެވެ.
މި މައްސަލައަކީ 2010 ވަނަ އަހަރު އޭނާ އުފައްދަން އުޅުނު ފިލްމަކަށް ނެގި ފަސް ކްރޯޑު ރުޕީސްގެ ލޯނަކާ ގުޅިގެން އުފެދުނު މައްސަލައެކެވެ. ރާޖްޕާލް ބުނީ، އެ ފައިސާގެ މުއާމަލާތްތަކުގައި އޮޅުންތަކެއް ހުރި ކަމަށާއި، އެއްބަސްވުންތަކުގައި ހުރި ބައެއް މާއްދާތަކުގެ ސަބަބުން ކޯޓު މަރުހަލާގައި އޭނާއާ ދެކޮޅަށް މައްސަލަ ނިމިގެން ދިޔައީއެވެ. މީގެ އިތުރުން، އޭނާގެ މައްޗަށް ތުހުމަތުކުރެވުނީ ހަމައެކަނި ފައިސާ ނުދެއްކުމުގެ މައްސަލައެއް ނޫން ކަމަށާއި، ކޯޓަށް ދޮގު މައުލޫމާތު ދިން ކަމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވުނު ކަމަށް އޭނާ ފާހަގަކުރިއެވެ.
އޭނާ އިތުރަށް ބުނީ، ޖަލުގައި ހޭދަކުރި ދުވަސްތަކަކީ އޭނާގެ ހަޔާތުގައި އައި ވަރަށް އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ނަމަވެސް، މިހާރު އެކަންކަމުން އަރައިގަނެ، އަލުން ފިލްމީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާގެ އުންމީދަކީ އާންމުންގެ މެދުގައި އޮތް މި ކުށްހީތައް ފިލައިގެން ދިއުމެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް