ކުރިއަށްއޮތް އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމުގެ ގޮތުން ވަކި ކޮޅެއް ނުނަންގަވާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވާދަކުރައްވައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީވެސް ވަނީ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވައިފައެވެ.

އޭގެ ތެރެއިން މީކާއީލްގެ ކެމްޕޭން ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މީކާއީލް ވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް އޭނާއަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ރައީސް ޝާހިދު، އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވަކިކޮޅެއް ނެގުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ދާއިރާތަކާއި އެކި މަގާމުތަކުގެ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ބޭފުޅުންނަށް ޝާހިދު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

އެމްޑީޕީއަކީ ސިޔާސީ ޕާޓީތަކުގެ ފަލްސަފާ ރާއްޖެއަށް ގެނެސް، ޕާޓީތައް ހިންގާނެ ގޮތް ކިޔައިދިން ޕާޓީކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ، ކުރިއަށް އޮތް އެތެރޭގެ އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް ކަމަށެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އެ އިންތިހާބަކީ އެމްޑީޕީގެ މެންބަރުން އެކަތިގަނޑަކަށްވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ޕާޓީން ކުރާ މަސައްކަތުގެ ފެށުމަކަށް ވެގެންދާނެއެވެ. އެހެންކަމުން މިއީ ޕާޓީގެ މުސްތަގުބަލާ ގުޅިފައިވާ މުހިންމު ނިންމުންތަކެއް ނިންމޭނެ ފުރުސަތެއްކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ޝާހިދު ވަނީ އެމްޑީޕީއަކީ ވޯޓުން އުފާވެރިކަން ހޯދާ ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި ޕާޓީގެ ވީހާވެސް ގިނަ މެމްބަރުން އެތެރޭގެ އިންތިހާބުގައި ބައިވެރިވެ، ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.