ލަންކާ ކަނޑުގެ ސަރަހައްދުން ތެޔޮބޯޓެއް އެމެރިކާއިން ހިފައިފިއެެވެ.

ރިޕޯޓުތައް ބުނާގޮތުން އިއްޔެ ލަންކާ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ތެޔޮ ބޯޓު އެެމެރިކާއިން ހިފާފައިވާއިރު އެބޯޓު މިހާރު އޮތީ ލަންކާގެ އިރު ދެކުނުން 700 ކިލޯމީޓަރުގެ ސަރަހައްދެއްގައެވެ.

އިންޑިއާ ކަނޑުގައި ހަރަކާތްތެރިވާ އެމެރިކާގެ މިލިޓަރީން ހިންގި އޮޕަރޭޝަނެއްގައި އެބޯޓު ހިފާފައިވާއިރު އެކަމުގެ އިތުރު މައުލޫމާތު އެމެރިކާއިން އަދި އާންމުކޮށްފައެއް ނުވެއެވެ.

މެރިންޓްރެފިކް ވެބްސައިޓުގެ ޑޭޓާއިން ދައްކާގޮތުން ޓިފަނީ ނަމަކަށް ކިޔާ އެ ތެޔޮ ބޯޓުން 300،000 ޓަނުގެ ކާގޯ އުފުލާފައިވެއެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ބޯޓަކީ އިރާނާ ގުޅުން ހުރި ބޯޓަކަށް ވާތީ، އެމެރިކާއިން ވަނީ ފިޔަވަޅު އަޅާން ނިންމައިފައެވެ.

ގަލްފް ސަރަހައްދުން މިމަހުގެ 10 ވަނަ ދުވަހު ދަތުރުފެށި އެބޯޓު ލަންކާގެ ގޯލްގެ ޕޯޓަށް މިދިޔަ ހޮނިހިރު ދުވަހު ވަނީ ގާތްކޮށްފައެވެ. އަދި އެއަށްފަހު ސިންގަޕޫރަށް ދަތުރު ފެށިތަނާ އެމެރިކާގެ މިލިޓަރީން ވަނީ ހިފަހައްޓައިފައެވެ.