މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތަށް ހާއްސަ ލޯގޯ ޑިޒައިން ކުރުމުގެ މުބާރާތުގައި ބައިވެރިވުމަށް މަޖީދިއްޔާގެ އިސްދަރިވަރުންގެ ޖަމިއްޔާ (އެމްއެމްޑީޖޭ) އިން ހުޅުވާލައިފިއެވެ.

އެމްއެމްޑީޖޭ އިން ބުނީ މަޖީދިއްޔާގެ އަހަރީ ދުވަހާ ގުޅޭ ލޯގޯ ޑިޒައިންކުރުމުގެ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން އެ ސްކޫލުގެ ސަގާފަތާއި ތަރިކަ ރަމްޒުކޮށްދޭ ރަސްމީ ލޯގޯއެއް ތައްޔާރުކުރުމަށް މިހާރުގެ ދަރިވަރުންނާއި ކުރީގެ ދަރިވަރުންނަށް ދައުވަތު އަރުވައިފައިވާ ކަމަށެވެ.

އެ މުބާރާތުން އެވޯޑު ހާސިލުކުރާ ލޯގޯ ބޭނުންކުރާނީ 100 އަހަރު ފާހަގަކުރުމަށް އަންނަ އަހަރު ބާއްވާ ހަރަކާތްތަކުގައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ލޯގޯ ފަރުމާ ކުރުމުގައި ހުންނަންޖެހޭ ޝަރުތުތައް:

  • ހާއްސަ އަދި ޒަމާންވީ ސެންޓެނިއަލް ލޯގޯއެއް ތައްޔާރުކުރުން.
  • މަޖީދިއްޔާ ސްކޫލުގެ ތަރިކަ އާއި މުސްތަގުބަލުގެ ތަސައްވުރު ދައްކުވައިދިނުން.
  • ރަސްމީ ބޭނުންތަކަށް އެންމެ އެކަށޭނަ ޑިޒައިނަކަށްވުން.

އެ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން މަޖީދިއްޔާ ސްކޫލުގެ ދިގު ތާރީހު ދައްކުވައިދޭ ގޮތަށް ލޯގޯ ޑިޒައިން ކުރަން ޖެހޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އޭގެ އިތުރުން ލޯގޯގައި ސަގާފަތާއި، ތަރިކައާއި، އިލްމީ ފެންވަރާއި، ގައުމީ އެހީތެރިކަމާއި، މުސްތަގުބަލުގެ އުންމީދުތައް ދައްކުވައިދޭން ޖެހެއެވެ. އަދި އެ ސްކޫލުގެ އައިޑެންޓިޓީއާއި ވިޝުއަލް ހަމަޖެހުމެއް ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުން ރަމްޒުކޮށްދޭން ޖެހެއެވެ.

ލޯގޯ ފަރުމާކުރުމުގެ މުބާރާތުގެ އުސޫލުތައްް:

  • ލޯގޯއަކީ ތަފާތު އެކި ވަސީލަތްތަކާއި ބޭނުންކުރެވޭނެ ފަދަ ލޯގޯއަކަށްވުން.
  • ހުށަހަޅާ ލޯގޯއާއެކު އެ ލޯގޯ ރަމްޒުކޮށްދޭ ގޮތް ކިޔައިދޭ ކުރު ތައާރަފެއް ހިމެނުން.
  • ހޮވޭ ފަރާތަކުން ލޯގޯގެ އެޑިޓްކުރެވޭ ފައިލްތައް ހުށަހެޅުން.

އެމްއެމްޑީޖޭ އިން ބުނީ އެ މުބާރާތަށް ލޯގޯ ހުށަހަޅަން ޖެހެނީ އެ ސުކޫލުގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ކަމަށާއި އެ މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް ހަނދާނީ ފިލާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ މުބާރާތުގައި ބައިވެރިވާން ދެ ގްރޫޕަކަށް ފުރުސަތު ހުޅުވާލެވިފައިވީ ނަމަވެސް، ބައިވެރިންނަށް ވަކިވަކިން ނުވަތަ ޓީމެއްގެ ގޮތުގައި ހުށަހެޅުމުގެ ފުރުސަތު ވެސް އޮވެއެވެ.

ހުށަހަޅާ ކޮންމެ ހުށަހެޅުމެއްގައި ހިމަނަން ޖެހޭނީ:

  • ލޯގޯ ޑިޒައިން ފައިލްތައް (ޕްރައިމަރީ، ވެކްޓާ ސޯސް އަދި ބްލެކް އެންޑް ވައިޓް ވާޝަން).
  • ޑިޒައިން އިންސްޕިރޭޝަން، ސިމްބޮލިޒަމް އަދި ކުލަ ޗޮއިސްތައް ބަޔާންކުރާ ކޮންސެޕްޓް ޑިސްކްރިޕްޝަން (އެންމެ ގިނަވެގެން 300 ލަފުޒު).
  • ބައިވެރިންގެ ނަން، ކޮންޓެކްޓް މައުލޫމާތު އަދި ކެޓަގަރީ (ދަރިވަރު / އެލުމްނައި).

ސެލެކްޝަން ޕްރޮސެސްގެ ތެރެއިން ފައިނަލް އިވެލުއޭޝަން ހެދުމަށް ހަމަޖެހިފައިވަނީ އެމްއެމްޑީޖޭ އިން ކަނޑައަޅާ ޓެކްނިކަލް ކޮމިޓީ / ޖަޖިން ޕެނަލަކުންނެވެ.

އެ ލޯގޯ ޑިޒައިންކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ނިޔަލަށެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް އެމްއެމްޑީޖޭގެ އެޑްމިނިސްޓްރޭޝަން އޮފީސް 7779550 ނަމްބަރަށް ގުޅާލުމުން ލިބޭނެއެވެ. އަދި [email protected] އަށް މެއިލްކުރުމުން ވެސް މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރޭނީ އަންނަ އަހަރުގެ އޭޕްރީލް 19 ގައެވެ.