މަޖިޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައިސް މުއިއްޒު މިހެން ވިދާޅުވީ، މަޖީދިއްޔާ ސްކޫލަށް 98 އަހަރު ފުރުމުގެ މުނާސަބަތުގައި ހެޔޮ އެދުއްތައް ފޮނުއްވައި، އެކްސް މެދުވެރި ކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

މަޖީދިއްޔާ ސްކޫލުގެ އެހާރާއި މިހާރުގެ ދަރިވަރުންނާއި ބެލެނިވެރިންނާއި މުދައްރިސުންނާއި ހިންގުންތެރީންނަށާއި ހިދުމަތްތެރީންނަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސް ވިދާޅުވީ، އެ ސްކޫލަކީ ރާއްޖޭގެ އެންމެ ޝަރަފްވެރި "އިލްމީ ބަގީޗާ" ކަމަށާއި އެ ސްކޫލުގެ ހަނދާންތައް ދިވެހިންގެ ހިތުގައި ބިންވަޅު ނެގިފައިވަނީ ޒިކުރާތަކާއެކު ކަމަށެވެ.

"މަޖީދިއްޔާގެ "ފަހުރުވެރި ހިޔަލުން" މި ގައުމަށް ގެނުވި ކުރިއެރުމާއި "މަޖީދިއްޔަ ނޫރުން" މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް. މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު. މި ގައުމުގެ އެންމެ ޝަރަފްވެރި "އިލްމީ ބަގީޗާ"،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ މަޖީދިއްޔާ ސްކޫލްގެ ލަވައިންނެވެ.

"މަޖީދީ މަޖީދީ ފަހުރުވެރި ހިޔާ މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ، ފުރާށޭ ދަރީން ހިތް އުލޫމުން މިތާ ކުރާށޭ ފިދާ ޖާނު ވަތަނަށްޓަކައި މި މަތިވެރި އިލްމީ އިމާރާތްތަކަށް އެދޭނީ ހަޔާތާ އުޖާލާ ކަމަށް"

ރާއްޖޭގެ ނިޒާމީ ތައުލީމް ފެށުނީ 19 އޭޕްރިލް 1927 ގައި މަދަރުސަތުއްސަނިއްޔާއާ އެކުއެވެ. އެއީ އައްސުލްތާން މުހައްމަދު ޝަމްދުއްދީން ތިންވަނައިގެ އިސްނެންގެވުމުގެ މަތިންނެވެ. މިހާރުގެ ގޮތުން ނަމަ އެއީ މަޖީދިއްޔާ ސްކޫލެވެ. ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު، އެ ސްކޫލްގައި ދެ ޖިންސަށް ކިޔަވައި ދޭންފެށީ 2011 ވަނަ އަހަރުއެވެ.