ބައެއް ވިޔަފާރިތަކުން ޓީޓީއަށް ޑޮލަރު ހޯދަން ފޮނުވާ އިރު، އެއް ސަޕްލަޔަރަކަށް ފޮނުވަންޖެހޭ ފައިސާގެ ޓީޓީ ވެސް ބޭންކަށް ފޮނުވަނީ އެކި ބައިބަޔަށް ކަމަށާއި އެއީ އުސޫލާ ހިލާފު ކަމެއް ކަމުން އެ ފަދަ ޓީޓީތަކަށް ޑޮލަރު ދޫކުރާނީ އެއް މުއާމަލާތެއް ކަމަށް ބަލައިގެން ކަމަށް ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން މިއަދު ބުނެފިއެވެ.
ބީއެމްއެލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ޓީޓީގެ މުއާމަލާތްތައް ކުރުމުގައި ބޭންކުން ގެންގުޅޭ އެއްވެސް އުސޫލަކަށް ބަދަލު ނުގެންނަ ކަމަށާއި މި ދުވަސްވަރު އިތުރަށްވެސް ޓީޓީ ދޫކޮށްފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ، މިހާރު އޮންނަ އުސޫލަކީ، 10،000 ޑޮލަރާ ހަމައަށް ޓީޓީއެއްގެ 50 ޕަސެންޓް ވިއްކުން ކަމަށެވެ.
"50،000 ޑޮލަރުގެ ޓީޓީއެއް ހަދަން އަޔަސް އަޅުގަނޑުމެންނަށް ވިއްކޭނީ 10،000 ޑޮލަރު. މީގެ ކުރިން އިނީ 1000 ޑޮލަރާ ހަމައަށް ފަސް ޕަސެންޓު. މިހާރު އަޅުގަނޑުމެން މި ދަންނަވަނީ 50 ޕަސެންޓާ ހަމައަށް، ޓީޓީއެއްގެ 50 ޕަސެންޓް 10،000 ޑޮލަރު. މިސާލަކަށް 8،000 ޑޮލަރު ފޮނުވަން އަތުވެއްޖެޔާ 4،000 ޑޮލަރު އެއްކޮށްދެވޭނެ ދެއްތޯ 50 ޕަސެންޓު،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އެ އުސޫލު އެހެން އޮތް ނަމަވެސް ބައެއް ވިޔަފާރިތަކުން ބަހާލައިގެން ޓީޓީ ފޮނުވަން އަންނަ ކަމަށާއި އެއީ އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އެގޮތަށް އަންނަ ޓީޓީވެސް ބަލާނީ އެއް ޓީޓީގެ ގޮތުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެއް ސަޕްލަޔަރަކަށް، ހަމަ އެއް ފަރާތަކުން އިނގޭތޯ، އެއް ދުވަހަކު ނޫނިއްޔާ ހަމަ ދެ ދުވަހަކު ޖެހިޖެހިގެން ވިޔަސް އިނގޭތޯ، އެގޮތަށް ޓީޓީ އައީމާ މި ހުރީ ސްޕްލިޓުކޮށްފައި ކަން، އަޅުގަނޑުމެންނަށްވެސް އެނގޭނެ. އެެހެންވީމާ ދެން މިއަދު އަލުން އެ ޓީޓީއަކަށް އަލުން ނުވިއްކޭނެ" ޝަރީފް ވިދާޅުވިއެވެ.
އެ ފަދަ ހާލަތްތަކުގައި ބޭންކުން އެ ވިޔަފާރިއަކަށް އަންގަނީ އެއް ޓީޓީއަށް ޑޮލަރު ދޫކުރެވިފައިވާނަމަ، ބާކީ ޓީޓީތަކަށް ވެސް ޑޮލަރު ދޫކޮށްފައިވާނޭކަމަށް ކަން ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބަލާ އުސޫލަކުން އެއީ ހަމަ އެއް ޓީޓީ. ކިތަންމެ ވަރަކަށް ސްޕްލިޓް ކުރިއަސް އަޅުގަނޑުމެން ބަލަނީ އެއް ޓީޓީގެ ގޮތުގައި." ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ބައިނަލްއަގްވާމީ މާލީ އުސޫލުތަކާއި ގަވައިދުތަކަށް ފެތޭހެން ހިނގާ ހުރިހާ ވިޔަފާރިތަކަށް ޓީޓީގެ މުއާމަލާތް ބޭންކުން ފޯރުކޮށް އަންނަކަމަށެވެ
އަލީ ޔާމިން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް