ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މީހުންގެ އަތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބޭރު ފައިސާ ގަންނަމުންދާކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް އެ ބޭންކުން މިއަދު ދޮގުކޮށްފިއެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ހައިސިއްޔަތުން ބޭންކުން އަބަދުވެސް އަމަލުކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ކަނޑައަޅާފައިވާ ހަރުދަނާ އުސޫލުތަކާއި ރިޕޯޓިން ފްރޭމްވޯކްތަކުގެ ތެރެއިން ކަމަށެވެ.
"ބޭންކް އޮފް މޯލްޑިވްސްއިން ގަވާއިދާ ހިލާފު، ނުރަސްމީ ޕްރައިވެޓް ޑީލަރުންގެ ގޮތުގައި ބްލެކް މާކެޓްގައި އެކްސްޗޭންޖްކުރާ ފަރާތްތަކުން ބޭރު ފައިސާ ހޯދާފައިވާ ކަމަށް ބުނެ ކާކު ކަން ނޭގޭ ފަރާތަކުން ސޯޝަލްމީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު، އަދި އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ބޭންކުން ވަނީ ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް 226 މިލިޔަން ޑޮލަރު ވިއްކާފައި ކަމަށެވެ. އޭގެތެރެއިން 106.2 މިލިޔަން ޑޮލަރަކީ ކާބޯތަކެއްޗާއި ޒަރޫރީ މުދާ އެތެރެކުރުމަށް ދޫކުރި ފައިސާކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ މިދިޔަ އަހަރުގެ އެވްރެޖާ އަޅާބަލާއިރު 142 ޕަސަންޓުގެ ބޮޑު އިތުރުވުމެއްކަމަށް ސައީދު ވިދާޅުވިއެވެ. ނިމިދިޔަ އޭޕްރިލް މަހުގެ ފުރަތަމަ 15 ދުވަހުވެސް ޒަރޫރީ މުދަލަށް 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު ބޭންކުން ދޫކޮށްފައިވާކަމަށް ސައީދު ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސައީދު ވިދާޅުވީ އެ ހިސާބުތަކުން އެނގެނީ ބޭންކުގެ ޑޮލަރު ރިޒާވް ހުސްވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަން ކަމަށެވެ.
ބޭންކުގެ މާލީ ހާލަތު ވަރުގަދަކަން ފާހަގަކުރައްވަމުން ސައީދު އިތުރަށް ވިދާޅުވީ، ބީއެމްއެލްގެ ބެލެންސް ޝީޓާއި ކެޕިޓަލް އެޑިކުއަސީ ހުރީ ވަރަށް ހަރުދަނާ މިންވަރެއްގައި ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދުގެ މައިބަދައިގެ ގޮތުގައި އޮތް ބީއެމްއެލުން އަބަދުވެސް މަސައްކަތް ކުރާނީ ދެފުށް ފެންނަ ގޮތެއްގައި ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް