ގާނޫނުއަސާސީ އާއި ކަމާގުޅޭ ގާނޫނުތަކުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓާ ހިލާފަށް ސަރުކާރުން ހަރަދުކުރަމުންދާކަމަށް ބުނެ، ހުށަހެޅި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހަށް ހުށަހެޅުއްވި މި ގަރާރުގައި ބުނެފައިވަނީ، މަޖިލީހުގެ ހުއްދަ ލިބިގެން ނޫނީ، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގައިވާ މިންވަރަށްވުރެ ހަރަދު އިތުރުކޮށްގެން ނުވާނެ ކަމަށާއި، ވަކިކަމަކަށް ހަރަދުކުރުމަށް ބަޖެޓްގައި ކަނޑައަޅާފައިވާނަމަ އެ ހަރަދެއް ކުރަންވާނީ އެކަމަށް އެކަނިކަމަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ހަމަ އެގޮތަށް، ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި، ނުވަތަ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތް ނޫން ގޮތަކަށް ދައުލަތުގެ ފައިސާއިން ހަރަދުކުރުމާއި، ދައުލަތުގެ މުދަލެއް ވިއްކުން، ނުވަތަ ނައްތާލުން، ނުވަތަ ދޫކޮށްލުމަކީ ހުއްދަނޫން އަމަލެއްކަމަށް ބެލޭނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، ޕެންޝަންސް އެސެޓް އިންވެސްޓްކުރުމާބެހޭ އެއްވެސް ހުށަހެޅުމެއް ސަރުކާރުން ނުވަތަ އެހެންވެސް ފަރާތަކުން ވެސް ހުށަހަޅަންވާނީ ލިއުމުން ކަމާއި، އެ ހުށަހެޅުމެއް އާއްމުކޮށް ހާމަކުރަންވާނެ ކަމަށް ޕެންޝަނާބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން ސަރުކާރުން ދަރަންޏަށް ފައިސާ ނަގަންވާނީ ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށް، ގިނަވެގެން 91 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސްކުރާގޮތަށް، އެޑްވާންސެއްގެ ގޮތުގައި ކަމަށާއި، އެގޮތަށްވެސް ފައިސާ ނެގޭނީ ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ލިބުނު ޖުމްލަ އާމްދަނީގެ 2.5 ޕަސެންޓަށްވުރެ އިތުރު ނުވާނެ ގޮތަށްކަަމަށް ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ބުނެފައިވާ ކަމަށްވެސް ހިމަނާފައިވެއެވެ.
ނަމަވެސް ގާނޫނުތަކުގައިވާ އެ އުސޫލުތަކާ ހިލާފަށް ފައިސާ ނެގުމުގެ ބޭނުމުގައި ޕެންޝަން ފަންޑް މެދުވެރިކޮށް ނާޖާއިޒް މުއާމަލާތެއް ހިންގުމަށްފަހު އެ ފައިސާ ސަރުކާރަށް ނެގުމަށް މަސައްކަތް ކުރަމުންދާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
އެގޮތަށް ފައިސާ ނެގުމަކީ ގާނޫނުތަކާއި ކަމާގުޅޭ އުސޫލުތަކާ ހިލާފަށް ސަރުކާރުން ކުރާކަމެއްކަން ބަޔާންކޮށް އެކަމާ އިހުތިޖާޖު ކުރުމުގެގޮތުން ފެންޝަން ފަނޑު ބޯޑުގެ ޗެއާމަނާއި ޗީފް އެގްޒެކެޓިވް އޮފިސަރާއި ޗީފް އޮޕަރޭޓިން އޮފިސަރާއި ޗީފް ފައިނޭންސް އޮފިސަރާއި އަދި ބޯޑު މެންބަރުންތަކެއް އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެކަމުގެ ތެރެއިން، ފެންޝަން ފަންޑުގައި ފަހަށް ރައްކާކޮށްފައި ހުރި ރައްޔިތުންގެ ފައިސާ އެގޮތް މިގޮތަށް ހަރަދުކޮށް ހުސްކޮށްލަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ގަރާރުގައި ވަނީ މިކަމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްގައި ދައުލަތަށް ފައިސާ ހޯދާނެކަމަށް ފިނޭންސް މިނިސްޓަރު ބަޔާންކޮށްފައިވާ ކަންކަމާ ވެސް ހިލާފަށް މަޖިލީހުގެ ހުއްދަ ހޯދުމަކާނުލައި މަޖިލީހަށް އެންގުމަކާނުލައި ސަރުކާރުން ކުރާކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
މި ގަރާރު ބަލައިގަންނަން ފެނޭތޯ ބެލުމަށް މިއަދު ނެގި ވޯޓުގައި މަޖިލިސް ތަޅުމުގައި ތިއްބެވި 47 މެންބަރުންގެ ތެެރެއިން، މި ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ، ވެލިދޫ ދާއިރާގެ އެމްޑީއެން މެންބަރު މުހައްމަދު އައްބާސާއި އެމްޑީޕީ މެންބަރުން ހިމެނޭހެން އެންމެ ނުވަ މެންބަރުންނެވެ.
މަޖިލިސް ތަޅުމުން މި ގަރާރު ބޭރުކޮށްލީ، ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް