ސަރުކާރު ކުންފުނި (އެސްއޯއީ) ތަކުގެ މުވައްޒިފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރާތީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ތަޅުމުން ބޭރުކޮށްލައިފިއެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓަށް މަދުކުރުމަށް ފިނޭންސް މިނިސްޓްރީން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް އެންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ.

މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ ބަޔަކު ވަޒީފާތަކުން ވަކިކުރުމަށް ނިންމި ނިންމުމުގެ ސަބަބުން އެތައް އާއިލާއެއް ނިކަމެތިވެގެންދާނެ ކަަމަށެވެ.

މި މައްސަލައާ ގުޅިގެން ކަންބޮޑުވާ ސަބަބުތަކެއް ހާމަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ، ވަޒީފާއާބެހޭ ގާނޫނުގައި ލާޒިމުކުރާ ފަދަ އެކަށީގެންވާ ސަބަބަކާ ނެތި، ކަމާބެހޭ ޕްލޭނަކީ، ހަރުދަނާ ސިޔާސަތެއް ނެތި ކުއްލިއަކަށް މުވައްޒިފުންތަކެއް ވަކިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮންމެހެން ބޭނުން ނުޖެހޭ މިންވަރަށް ސަރުކާރު ކުންފުނިތަކަށް މުވައްޒަފުން ނެގުމާއި ސަރުކާރުން ދޭ މުސާރަ އާއި އިނާޔަތްތަކަށް އާބާދީގެ ބޮޑުބައެއް ބަރޯސާވާން ޖެއްސުމަށްފަހު ކުއްލި ގޮތަކަށް އެމީހުން ވަޒީފާއިން ވަކިކުރުމަކީ، އެކަމުގެ ނޭދެވޭ އަސަރު އާއިލާތަކަށްކޮށް، ނަފްސާނީ ބަލީގެ ޝިކާރައަކަށް މުޖުތަމުގެ ގިނަ ބަޔަކު ވެގެން ހިނގައިދާނެ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ، މުވައްޒަފުން ވަކިކުރަނީ، ހަރަދު ކުޑަކުރަންނަމަ، އެކަން އެންމެ ފުރަތަމަ ފަށަންވާނީ އާދައިގެ މުވައްޒަފުންނާ ހިސާބުން ނޫން ކަމަށެވެ. އަދި މިކަމަކީ ދައުލަތުގެ ފައިސާ އެއްވެސް ހައްދެއްނެތި އިސްރާފު ކުރުމަށް ހިންގާ ކަންކަން ހުއްޓައިލުމުން ހަރަދު ކުޑަވާނެކަން އެނގޭއިރު އެފަދަ ކަންކަން ހުއްޓައިލުމެއްނެތި ރައްޔިތުންނަށް ބުރައަކަށްވާ ގޮތަށް ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ރާވާފައިވާކަން ހާމަވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މި ކުއްލި މައްސަލަ ބަލައިގަތުމަށް މިއަދު ނެގި ވޯޓުގައި މަޖިލިސް ޖަލްސާގައި ތިއްބެވި 52 މެންބަރުންގެ ތެެރެއިން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ، އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުންނާ އެކު އެންމެ 12 މެންބަރުންނެވެ. މަޖިލިސް ތަޅުމުން އެ ކުއްލި މައްސަލަ ބޭރުކޮށްލީ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް އާއި ޕީއެންސީގެ މެންބަރުންނާގެ 39 މެންބަރުން ވޯޓު ދެއްވައިގެންނެވެ.