ހުރިހާ ސިޓީތަކަށް ޝުކުރުދަންނަވާ ކަމަށާއި ސިޓީތަކުން ލިބުނީ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމުގެ މެސެޖެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހަގީގަތުގައި ހުރިހާ ސިޓީތަކަށް ޝުކުރުއަދާކުރާކަމަށެވެ.

އެމަނިކުފާނު ގަބޫކުފުޅުކުރައްވަނީ ރައްޔިތުން ނިންމެވި ނިންމެވުމަކީ މި ސަރުކާރުގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ރައްޔިތުންގެ ފަރާތުން ލިބުނު ފުރުސަތެއް ގޮތުގައިކަމަށެވެ.

"ހަގީގަތުގައި ވަރަށް ޝުކުރު ދަންނަވަން ހުރިހާ ސިޓީތަކަށް، ގަބޫލުކުރަނީ އެބޭފުޅުން ނިންމެވި ނިންމެވުން އެއީ ކަންކަން ރަނގަޅުކުރުމަށްޓަކައި އެބޭފުޅުން ދެއްވި ފުރުސަތެއް ގޮތުގައި. އަދި ވަރަށް ބޮޑު ޝުކުރެއް ދަންނަވަން އަޅުގަނޑުމެންނަށް ތާއިދުކޮށް މެޖޯރިޓީ ދެއްވި ރަށްތަކަށްވެސް. ވަރަށް އުފާކުރަން އެކަމަށް. މި އިންތިހާބުގައި މިއޮތީ ކާމިޔާބީއާއި ނާކާމިޔާބީއާ ދެބައި އެއްކޮށް އަޅުގަނޑުމެންނަށް އައިސްފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކާމިޔާބީ ވަރަށް ކާމިޔާބުކަމާއެއްކޮށް ލިބިފައި އެބަހުރިކަން ބައެއް ރަށްތަކުން ފާހަގަވެފައިވާ ކަމަށެވެ. އެއީ ކުރިން ޕީއެންސީއަށް ތާއީދު ނުކުރާ ރަށްތަކުުގެ މުޅި މެޖޯރިޓީ ޕީއެންސީއަށް ވޯޓު ދިނުމުން ކަމަށެެވެ.

"ދުވަހަކު ޕީއެންސީ މި ފިކުރަށް، ވޯޓެއް ނުލިބޭ ރަށްރަށް އެއްކޮށް އެބަހުރި އަޅުގަނޑުމެންނަށް ވޯޓު ދީފައި. އެކަހަލަ ކާމިުޔާބީތައްވެސް އެބަހުރި. ފަސް ސިޓީން ވަރަށް ބޮޑު ނާކާމިޔާބީއެއް މި ލިބުނީ. އެހެންނަމަވެސް އަޅުގަނޑުމެން މި ނަގަނީ ވަރަށް ޕޮޒިޓިވްކޮށް." އެމަނިކުފާނު ވިދާޅުވިއެވެ.

މާލެ ސިޓީ ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން މި ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް އެމަނިކުފާނު އިތުރު ހިތްވަރެއްލާން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިސާލަކަށް މާލެއަށް ބަލައިފިއްޔާ އަޅުގަނޑަށް ވަރަށް ރަނގަޅަށް އެނގޭތަނެއް މާލެ ސިޓީއަކީ. އެހެންވީމަ މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން އަޅުގަނޑު އިތުރު ހިތްވަރެއްލާން މަސައްކަތްކުރާނަން." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ ކަންކަމާއި މަގުތައް ތަރައްގީ ކުރުންވިޔަސް ޕާކިންތަކަށްވެސް އެއްބާރުލުން ދޭނެ ކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވި ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ލޯކަލް ކައުންސިލު އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިޔަ ފަސްް ދާއިރާގެ ތެރެެއިން ތިން ދާއިރާއެއްގެ އިންތިހާބު ޕީއެންސީން ވަނީ ކާމިޔާބުކޮށްފައެވެ.