ގާނޫނު އަސާސީ ބަދަލުކުރުމަކީ ރައްޔިތުން އެދޭ ކަމެއް ނޫން ކަމަށާއި ކުރީން ހުށަހަޅާފައިވާ އިސްލާހުތައް (ވަކީން ހާއްސަކޮށް ޖުޑީޝަރީ އިސްލާހު ކުރުމަށް ހުށަހަޅުއްވާފައިވާ ކަންކަން ފިޔަވައި) ގާނޫނު އަސާސީ ބަދަލުކޮށްގެން ގެންނާން ޖެހޭ އާ އެއްވެސް އިސްލާހެއް ކުރިއަށް އޮތް ތަނުގައި ނުގެންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ރައްޔިތުން އެހާ ރުހޭ ކަމެއް ނޫން ކަން މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އިން ސާފުވާ ކަމަށެވެ.

"އެހެންވީމަ، ގާނޫނުއަސާސީ ބަދަލުކޮށްގެން ގެންނަން ޖެހޭ ކަހަލަ އިސްލާހެއް ކުރިއަށް އޮތް ތަނުގައި ގެންނާކަށް އަޅުގަނޑުމެން ގަސްދެއް ނުކުރަން ދެނެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތާނގައި ގާނޫނު އަސާސީ ބަދަލުކޮށްގެން ގެންނާން ޖެހޭ އިސްލާހުތައް ނުގެނައި ނަމަވެސް ކުރިން އިއުލާނުކޮށްފައިވާ ގާނޫނީ އިސްލާހުތަކުގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އޭގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމާއި މަޖިލީހުގެ ވަކި ޕަސެންޓެއް އަންހެނުންނާއި ޒުވާނުންނަށް ހާއްސަކުރުމަށް ގާނޫނަށް ގެންނަން ރާވާފައިވާ އިސްލާހުތައް ހިމެނެ އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ކަންކަން ނިންމަވަނީ ރައްޔިތުންގެ ވިންދާއެއްގޮތަށް ކަމަށެވެ.