ކާފަ ގާތަށް ދިއުމުގެ ކުރިން ފަހު ފަހަރަށް އަންހެންކުއްޖާއާއި ދިމާއަށް ޒަރާރް ބަލައިލިއެވެ. އެއަންހެންކުއްޖާ ގޮސް އިށީން މޭޒު ދޮށުގައި ތިބި މީހުނަށް އޭނަ އަވަސް ނަޒަރެއް ދިނެވެ. ބަލާބެލުމަށް ހީވަނީ އެއީ އެކުއްޖާގެ ޢާއިލާ މެންބަރުން ހެންނެވެ. އެއަންހެންކުއްޖާ ހަފްލާއަށް އައިސް އުޅެނީ އެކަނި ނޫންކަން އެނގުމުން ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ. ސިކުނޑީގެ ކަނެއްގައި އުފެދުނު ޝައުޤުވެރިކަން ވަންހަނާކޮށްލަމުން، ޒަރާރް މިސްރާބު ޖެހީ ކާފަ ގާތަށް ދިއުމަށެވެ.

ޒަރާރްގެ ތުންފަތުގައިވި ހިނިތުންވުން މިލައިގެން ދިޔައީ އޭނަ ފެނުމާއެކު ބައްޕަގެ މިޒާޖަށް އައި ބަދަލުތައް ފާހަގަކުރެވުމުންނެވެ. ބޯޑު މެންބަރުންނަށް ސަމާލުކަން ހުއްޓާލައިގެން ހުރީ ޒަރާރްއަށް ނުބަލަންވެގެން ކަހަލައެވެ. އެކަމުގެ ސަބަބުން ޒަރާރްއަށް އުނދަގޫ ވިއެވެ. ބައްޕަގެ އަމަލުތައް ދޭހަކުރަން ސިކުނޑި ނުކުޅެދުނެވެ. އޭނަ ފެންނަ ހިސާބެއްގައި ހުންނަން ބައްޕަ ބޭނުން ނުވާ ކަހަލައެވެ. އެކަމުގެ ސަބަބުން އަމިއްލަ ނަފުސަށް އޮތް އިތުބާރަށް ލޮޅުން އަރަން ފެށިއެވެ. ހިސާބަކަށް ޖެހިލުންވުން އުފެދުނެވެ. ރާއްޖެ އައިތާ ހަފްތާއެއް ވާން ކައިރިވި އިރުގައި ރުހުމުގައި އޭނައާއި ބައްޕަ ވާހަކަދައްކާފައި ނުވެއެވެ. ވަގުތު ހޭދަކޮށްފައެއް ނުވެއެވެ. ބޭޤަރާރުކަމުގެ އިހުސާސްތަކުން ޒަރާރް މާޔޫސްކުރުވައެވެ. ޝަކުވާތައް ހިތުގައި ފުނިޖެހެމުން ދިޔައެވެ. ރުހުމުގެ ލޮލަކުން އޭނައާއި ދިމާއަށް ބައްޕަ ބަލައިލާނެ ދުވަހެއް އަންނާނެ ހެއްޔެވެ؟

ކާފަގެ ގާތަށް ހުއްޓެމުން، ސިކުނޑީގައި ދައުރުވަމުންދާ ޚިޔާލުތަކާއި އުދާސްތައް ވަންހަނާކޮށްލެވުނީ ލުއި ހިނިތުންވުމެއްގެ ފަހަތުގައެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު އަލުން އޭނަ ހޯދިއެވެ. އެންމެނަށް ފެންނަ ހިސާބުގައި އޭނަގެ ޝަހުސިއްޔަތުން އުނިކަމެއް ފާހަގަ ވުމުގެ ފުރުސަތު ދެވޭކަށް ނެތެވެ. ހިނިތުންވުންތަކުގެ ފަހަތުގައި ހަސީލަތާއި މަކަރުވެރިކަން ސިއްރުކޮށްގެން ތިބި މީހުން މަދެއް ނޫނެވެ. އޭނަގެ ދުޝްމަނުންތައް ދެއްކުންތެރިކަމުގެ ފަހަތުގައި ބަލަމުން އެދަނީ އޭނަގެ ބަލިފައެއް ފެނޭތޯއެވެ. ކަނު ލޮލެއް ދޭން ބޭނުން ވިޔަސް، އޭނަގެ ހަނދާނަށް އަންނަނީ ބޮޑުދައިތަގެ އިންޒާރުތަކެވެ.

''ޒަރާރްއަށް ހެވެއް އެދޭނެ މީހަކަށް ހުންނާނީ ހަމައެކަނި ޒަރާރްގެ ކާފައާއި މާމަ، ދެން ތިބީ މުޅިން ވެސް ޒަރާރްއަށް ލިބޭނެ ކާމިޔާބީތަކާ މެދު ހަސަދަވެރިވާނެ މީހުން، ހާއްސަކޮށް އަޒީލާ...'' ރާއްޖެ ބަދަލުވާން އުޅޭ ކަމުގެ ޚަބަރު ދިނުމުން އުފެދުނު ހަމަޖެނުހެމުގެ ތެރޭގައި ބޮޑުދައިތަ ދިން އިންޒާރުގެ މަތިން ޒަރާރް ހަނދާން ވިއެވެ. ޒަރާރް ބެލީ ވިސްނުންތެރިކަމާއެކު ހުރިހާ ކަމަކާ ކުރިމަތިލާށެވެ. އޭނަގެ ނިންމުންމަތީގައި ދެމިހުންނަންޖެހޭތީއެވެ. މުސްކުޅިވެފައިވާ މާމައާއި ކާފަގެ ހައްޤުގައެވެ. ބައްޕައަށް މަޢާފްކޮށްދީ މަންމަގެ ވަސިއްޔަތް ފުރިހަމަކޮށްދިނުމަށެވެ.

ބޯޑްމެންބަރުންނަށް އޭނަ ތަޢާރަފްކޮށްދޭން ކާފަ ފެށުމާއެކު، ބައްޕަ ދުރަށް ދާން އުޅުނު މަންޒަރު ލޮލުގެ ހިމަކޮޅުން ޒަރާރްއަށް ފެނުނެވެ. އޭނައަށް ކާމިޔާބީ ލިބުމަށް ބައްޕަ ނޭދޭހެން ޒަރާރްއަށް ހީވިއެވެ. އަނެއްކާ ވެސް ކަންފުތުގައި ގުގުމާލީ ބޮޑުދައިތަގެ ޖުމްލައެކެވެ.

''އިނގޭ މިހެން ބުނާއިރު ޒަރާރްއަށް އަސަރުކުރާނެކަން، އެކަމަކު މިއީ ހަޤީޤަތް، ޒަރާރްގެ ބައްޕައަށް އަބަދު މުހިންމުވާނީ ދައްޔާން، މިވީހާ އަހަރުތަކުގައި ވަރަށް ސާފުކޮށް މަސްރޫރު ވަނީ އޭނަގެ ޢާއިލާއަކީ ކޮބައިކަން ބުނެދީފަ، ދައްތަ މިހުރިހާ ވާހަކައެއް މިބުނަނީ ޒަރާރްއަށް ވިސްނައިދޭންށޭ... އަޅެ ދައްތަގެ ބަސް ޤަބޫލުކޮށްބަލަ، އެމީހުން ޒަރާރްއަށް ރަނގަޅެއް ނުވާނެޔޭ...'' ބޮޑުދައިތަގެ ލޮލުން އޮހޮރުނު ކަރުނަތަކުން ޒަރާރްގެ މޭގައި ޅިޔައެޅުނެވެ. ބޮޑުދައިތަގެ ލޮލުން ފޭބި ކަރުނަތަކުން ސާބިތުކޮށްދިނީ މައިވަންތަ ކަމުގެ ކުލުނާއި ލޯތްބެވެ.

''އަޅުގަނޑު ބޭނުމީ ކޮންމެ މީހަކަށް ޗާންސެއް ދޭން، ބައްޕައާއި ދޮންމަންމައަށް ފަހު ދައްޔާނަށް ވެސް، އެއީ އަޅުގަނޑުގެ ކޮއްކޮ، ހާލްފް ބްރަދާސްއަށް ވިޔަސް އަޅުގަނޑު ބޭނުން ގުޅުން ރަނގަޅުކުރަން... ދައްތާ، އަޅުގަނޑަށް އެނގެޔޭ ކުރިއަށް އޮތީ އުނދަގޫ ދުވަސްތަކެއްކަން، އަބަދު އަޅުގަނޑަށް ހިމާޔާތްދީގެން ދައްތައަށް ނުހުރެވޭނެއެއްނު، ކޮންމެވެސް ދުވަހަކުން މާޒީއާއި އަޅުގަނޑު ކުރިމަތިލާން ޖެހޭނެ، ވެދިޔަ ކަންތައް ނުވާކަމަކަށް ނެހެދޭނެ... އަޅުގަނޑަށް ދައްތަ އިތުބާރުކުރަމެއްނު، އައި ވިލް ލުކް އާފްޓާ މައި ސެލްފް، އެންޑް އައި ކޭން ޓޭކް ކެއާރ އޮފް މައި ސެލްފް ވެރީ ވެލް، ޖިމަށް ދަނީ އެހެންވެގެންނޭ...'' ބޮޑުދައިތަގެ ޝަކުވާތަކަށް ނިމުމެއް ގެނެސްދޭން ޒަރާރް ސަމާސާކޮށްލުމުން ކަރުނައިގެ ތެރެއިން ވެސް ހިނިތުންވެލި މަންޒަރު ޒަރާރްއަށް ސިފަކުރެވުނެވެ. އެތައް ނަސޭހަތެއްދީ އޭނައަށް ބޮޑުދައިތަގެ ރުހުން ދިނެވެ. ޝަރުތުތަކާއެކުގައެވެ. އެއީ ލިބުނު ކުޑަ ކާމިޔާބެއްކަމުގައި ޒަރާރް ދެކުނެވެ.

''މަސްރޫރު...'' ޖާބިރުގެ އަޑު މަޑެވެ. ނަމަވެސް އެގޮވާލުމުގެ ފަހަތުގައި ފޮރުވިފައިވި އިންޒާރުތައް އެއްވެސް މީހަކަށް ސިއްރެއް ނުވިއެވެ. މާހައުލަށް ވަގުތުން ފެތުރުނީ ނުތަނަވަސްކަމެވެ. ބޯޑްމެންބަރުންތައް އެކަކުއަނެކަކާ ނަޒަރުބަދަލުކޮށްލީ ޖާބިރާއި މަސްރޫރާ ދެމެދު އޮއްނަ ފިނި ހަނގުރާމައިގެ ހިލަންވެފައިވާތީއެވެ.

ގަދަކަމުން ހިނިތުންވެލަމުން މަސްރޫރު މަޑުކޮށްލިއެވެ. ޖާބިރު އަނެއްކާ ވެސް އޭނަގެ ސަމާލުކަން ޒަރާރްއަށް ހުއްޓާލިއެވެ. އޭނަގެ އަޑުން ވެސް ޒަރާރް ދެކެ ފަހުރުވެރިވާ މިންވަރު ހާމަކޮށްދިނެވެ. ބޯޑްމެންބަރުން ތިބީ ޒަރާރްއާއި މެދު ހިތްހަމަޖެހިފައެވެ. ހެޔޮ ބަދަލެއްގެ ފެށުންކަމުގައި ޔަޤީންކޮށްގެންނެވެ. އޭގެ ސަބަބުން ޒަރާރްގެ ނުތަނަވަސްކަމަށް ނިމުމެއް ގެނައެވެ. ބައްޕަގެ ރުހުމާއި ލޯބި އޭނަގެ މިންނެތް މަސައްކަތުން ހޯދުމަށް އަޒުމުކަނޑައަޅަމުން ޒަރާރް ހިނިތުންވެލިއެވެ.

*****

''ދައްޔާން!...'' އެކުވެރިންނާއެކު ޑީޖޭ ސްޓޭންޑް ކައިރީގައި ހުރި ދައްޔާނަށް އަޒީލާ ގޮވާލީ ރުޅިވެރިކަމާއެކުގައެވެ. އަޒީލާ ފެނުމާއެކު ދައްޔާނާ އެކު ތިބި އެކުވެރިން އަވަސްއަވަހަށް އެކި ދިމަދިމާއަށް ގޮސް ގެއްލިއްޖެއެވެ. ޑީޖޭއަށް އަޒީލާ ކަޅިއަޅާލުމާއެކު ވަގުތުން މިޔުޒިކުގެ އަޑު މަޑުކޮށްލައިފިއެވެ.

''ހަމަ މިހާރު އަހަންނާއެކު އާދޭ...'' އަޒީލާ ކުރީ އަމުރެވެ. ދައްޔާނަށް ދެކޮޅު ހެދޭނެ ޖާގައެއް އަޒީލާ ނުދިނެވެ. އޭނަ މިސްރާބު ޖެހީ ޕޫލާ ދިމާއަށެވެ. މީހުންގެ ލޯތަކުން ފަރުދާވެގެން މެނުވީ، ދައްޔާނާއި މެދު އުފެދުނު ނުރުހުންތެރިކަމުގެ ރުޅިގަނޑު ބޭރުކުރާކަށް އޭނަ ބޭނުމެއް ނުވިއެވެ.

''ޔެސް މޯމް...'' ބޮޑާހާކަމުން ދައްޔާން އޭނަގެ މަންމަގެ ފަހަތުން ހިނގައިގަތެވެ. އޭނަގެ މޫނުން ފެންނަނީ ފޫހިކަމެވެ. އެކުވެރިންނާއެކު މަޖާނަގަމުން ދަނިކޮށް މަންމަ އައުމުން އެކަމުގެ ރުޅިވެރިކަން މޫނުން ރީއްޗަށް ފެނެއެވެ.

އުމުރުން ވިހި އަހަރުގެ ދައްޔާނަކީ ވެސް އިސްކޮޅުން ދިގު ޒުވާނެކެވެ. ހެދިހުރި އިސްކޮޅާއި އެއްވަރަށް ރޫފަ ރަނގަޅެވެ. ގަވައިދުން ޖިމަށް ދިއުމުގެ ނަތީޖާއެއްގެ ގޮތުން ބައިމަތިފުޅާ ހަށިގަނޑުގެ މަސްތަކުގައި ވަރުޖެހިފައި ހުއްޓެވެ. ޒަރާރްއަށް ވުރެން ބޮޑަށް ހަށިގަނޑުން ވަރުގަދަ ކަމަށް ދައްކައެވެ. ޒަރާރްއާއި ޚިލާފަށް ދައްޔާނަށް އޭނަގެ ބައްޕަގެ ސިފަތައް ލިބިފައެއް ނުވެއެވެ. ނަމަވެސް އޭނައަކީ ވެސް ރީތި ޒުވާނެކެވެ. އެކަން ރަނގަޅަށް ދައްޔާން ދަނެއެވެ. އަންހެންކުދިންގެ ފަރާތުން ލިބޭ ސަމާލުކަމަށް އޭނަ ލޯބި ކުރެއެވެ. ކަސްރަތީ ހަށިގަނޑު ދެއްކުމަކީ އޭނަގެ އާދައެކެވެ. އަންހެންކުދިންގެ ހިތްތައް ފަތަހަކޮށް ޒަހަމްކޮށްލަނީ ވެސް ރަހުމެއް ނެތިއެވެ. އެއްފަހަރާ އެތައް ކުދިންނަކާ ގުޅުން ބާއްވައެވެ. މުއްސަނދިކަމުގެ ޝާނުގައި ދުނިޔެއަށް ލޯހުޅުވިފައި ހުރުމުން ބޭނުން ކޮންމެ ކަމެއް ހާސިލުވާނެކަމުގެ ޔަޤީންކަން ދައްޔާނަށް ލިބިފައި ވެއެވެ. މީހުންގެ އިހުސާސްތަކަށް ޤަދަރުކުރާކަށް ނޭނގެއެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގެ އިންތިހާއެވެ. އޭނަގެ ހުރިހާ ނޭދެވޭ ސިފައަކާއި ހެދޭ ގޯސްތައް މަންމަގެ ނުފޫޒުން ފޫބައްދައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތުމުން ބޮޑެތި ޤާނޫނީ ކުށްތަކަށް އަރަން ޖެހިލުމެއް ނުވެއެވެ. ސަފާރީ ތަކަށް ގޮސް ޕާޓީކުރުމުގައި ހައްދެއް ނެތެވެ. ފަރުދާގެ ފުރަގަހުގައި މަސްތުވާތަކެތީގެ އެތައް ޖަރީމާއެއް ހިންގައިފިއެވެ. މަންމަ އޭނަ ދެކެ ވާލޯބީގެ ނާޖާއިޒް ފައިދާ ނަގާނެ ހުރިހާ އުކުޅެއް ވަނީ ހުޝިޔާރުކަމާއެކު ދަސްކޮށްފައެވެ. ހަރުދަނާ އެއްވެސް ސިފައެއް ދައްޔާނަށް ލިބިފައެއް ނުވެއެވެ. ޒަރާރްއާއި އަޅާބަލާއިރު އުޑާ ބިމުގެ ތަފާތު ހުރެއެވެ.

''ކީއްކުރަން އެމީހުން ގެނައީ؟...'' އަޒީލާ ސުވާލުކުރީ ދަތްކުޑި ވިކައިގެން ހުރެފައެވެ. ދައްޔާން ދެކެ ކިތަންމެ ވަރަކަށް ލޯބި ވިޔަސް، މިފަހަކަށް އައިސް އަޒީލާގެ ސިނގުރުޅިގަނޑު ކޮންޓްރޯލެއް ނުވެއެވެ. ޒަރާރް މާލެ އައި ފަހުން ދައްޔާންގެ ޝަހުސިއްޔަތުގައި ހުންނަ އުނިކަންތައް އައިބުމަކާއެކު ފާޅުވާތީއެވެ. އޭނަގެ ތަރުބިއްޔަތުގައި ހުރި ނާޤާބިލިޔަތުކަން ވެސް ހާމަކޮށްދޭތީއެވެ. އެކަމާ ވެސް އަޒީލާ ރުޅި އަންނަނީ ޒަރާރް ދެކެއެވެ. އޭނަގެ ހިތް ދުވަހަކު ޒަރާރްގެ މައްޗަށް ސާފެއް ނުވާނެއެވެ.

''ޗިލް މޯމް!... ދެއި އާރ މައި ފްރެންޑްސް...'' އަތުގައި އޮތް ފުސް ބިއްލޫރީގެ ''ޓަމްބްލާ ގްލާސް'' ތުނބުގައި ޖައްސަމުން ދައްޔާން ބުންޏެވެ. މަންމަގެ ލޮލުން ބުރަމުން ދިޔަ އަލިފާން ކަނިތައް ދައްޔާނަށް ފެނުނެވެ. ނުފެން ކަމަށް ހެދީ ގަސްދުގައެވެ.

ދައްޔާންގެ އަތުގައި އޮތް ތަށްޓަށް އަޒީލާ ބަލައިލީ ޝައްކުގެ ނަޒަރުންނެވެ. ވަގުތުން ދައްޔާންގެ އަތުން ތަށި ޖަހައިގެން ފިއެވެ. އެފަދަ ހަމަލާއަކަށް ވިސްނައިގެން ނެތުމުން، ތަށީގައި ހުރި މުށި ކުލައިގެ ބުއިމުން އެތިފޮދެއް ދައްޔާންގެ ހުދުކުލައިގެ ގަމީހަށް ބަންޑުން ވިއެވެ. އޭނަ ހަފްލާއަށް އައީ ނޫކުލައިގެ ސޫޓެއްގައެވެ. މަންމަ މަޖުބޫރުކޮށްގެންނެވެ. މިހާރު ސޫޓްގެ ޖެކެޓުވީ ހިސާބެއް ވެސް އޭނައަކަށް ނޭނގެއެވެ. ބޮޑަށް ލަފާކުރެވޭ ގޮތުގައި ހަފްލާއިން ފެނުނު އަންހެންކުއްޖަކާއެކު ފާޚަނާގައި އެކަނިވާން ހަދައިގެން އެތާނގައި ބޭއްވުނީއެވެ.

''މި ކޯޗެއް!...'' ތަށި ގެނެސް ނޭފަތާއި ކައިރިކޮށްލަމުން އަޒީލާއަށް ދަތްކުނޑިވިކައިގަނެވުނެވެ. ''އާރ ޔޫ ޑްރަންކް؟...''

''ނޯ...'' ދައްޔާން ދެކޮޅު ހެދިއެވެ. މަންމަގެ ސުވާލުން ދައްޔާގެ ބުމަ ގޮށްޖެހުނެވެ.

''ތިހެން ބުނީމަ އަހަރެންވީ ޤަބޫލުކުރަންތަ؟، މީހުނަށް ނުފެންނަ ތަނެއްގަ ދައްޔާން ބޭނުން ގޮތަކަށް އުޅުނަސް މަންމައަށް ހެޔޮ، އެކަމަކު މިރެއަކު ނޫން!، ކާފަ ހުރިކަމެއް ނޭނގޭތަ؟...'' އަޒީލާއަށް އޭނަގެ އަޑު ކޮންޓްރޯލްކުރެވުނީ ކިރިޔާއެވެ.

ޒަރާރް އައީއްސުރެން އަޒީލާ ހުންނަނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ވަކިން ހާއްސަކޮށް ޖާބިރު އިންތިޒާމު ކުރި ހަފްލާގެ ސަބަބުން އޭނަގެ ބޮލުގެ އެއްފަޅިން ރިހުން ނުފިލައެވެ. ކަންފަތުގައި ގުގުމަނީ އިންޒާރުގެ ރަނގަބީލެވެ. ދައްޔާންގެ މުސްތަޤުބަލު ނިގުޅައިގަންނަން ޒަރާރް މަކަރުވެރިކަމާއެކު ފަތުރަމުންދާ ދަންމަޅި އޭނައަށް ފެންނާތީއެވެ. މިހުރިހާ އަހަރެއްފަހުން ރާއްޖެ އަންނަން ނިންމީ ނުބައި ނިޔަތެއްގައެވެ. ހީލަތުން އެއުޅެނީ ދައްޔާނަށް ވާރުތަވާން ހުރި މުދާގަނޑު ފޭރިގަންނާށެވެ. ޤާބިލިއްޔަތުކަމެއް ނެތަސް ކުންފުނީގެ ހިންގުންތެރިކަން ލިބުން ހައްޤީ ދައްޔާނަށެވެ. އެއީ އަޒީލާ ޤަބޫލުކުރާ ގޮތެވެ. މިހުރިހާ އަހަރު އޭނަ ކުރި ބުރަ މަސައްކަތާއި ވި ޤުރުބާނީތައް ފެނަށް ވެގެންދާ މަންޒަރު ބަލަން ހުރެވޭނީ ކިހިނެއް ހެއްޔެވެ؟ ޒަރާރްގެ ނުބައި ރޭވުންތައް ހަށީގައި ނޭވޭ ހުރިހާ ހިނދަކު ކާމިޔާބުވިޔަކަ ނުދޭނެއެވެ. ބަދު ދުޢާ ވެސް ކުރާނެއެވެ. ދެރައީ މަސްރޫރުގެ ފަރާތުން އެއްބާރުލުން ނުލިބޭތީއެވެ. މަސްރޫރަށް ވިސްނައިދޭން އުޅުނަސް އެދެވޭ ކަހަލަ ނަތީޖާއެއް ނުނެރެވުނެވެ.

އަޒީލާ އެންމެ ބޮޑަށް ބިރުގަންނަނީ މަސްރޫރްއާއި ޒަރާރްގެ ގުޅުން ރަނގަޅުވެދާނެތީއެވެ. އެގުޅުން ފަހުނެވާވަޅަށް އެޅިފައި އޮތީ ވެސް އޭނަގެ ވިސްނުންތެރިކަމުންނެވެ. މަސްރޫރުގެ މައްޗަށް ފޯރުވަމުންދާ ނުފޫޒަށް ޒަރާރްގެ ސަބަބުން ލޮޅުން އައުމުގެ ފުރުސަތެއް ހަމަހިލާ އޭނަ ނުދޭނެއެވެ. ދެބަފައިންގެ ގުޅުން ބަދަހިވެއްޖެނަމަ އެއީ ދައްޔާނަށް އޮތް ބޮޑު ނުރައްކަލެކެވެ. ޒަރާރް މަރުވާނެ ނަމައޭ ވެސް އެތައް ފަހަރަކު އަޒީލާގެ ހިތަށް އަރައެވެ.

''ސޯ؟...'' ބޮލުގެ ފުއްކިބައިގައި ދައްޔާން އަތްތިލަ ހިނގާލިއެވެ.

''ދައްޔާން!...'' ދަތްތަކަށް ބާރުލަމުން އަޒީލާ ވަށައިގެން ހޯދާލަމުންނެވެ. އެއްވެސް ބަޔެއްގެ ސިއްރު ނަޒަރު ހުއްޓިފައިވޭތޯ ބަލައިލީއެވެ.

''ކުރިން ވެސް އެނގުނޭ އެމީހުންނާއެކު ރަނގަޅު ކަމެއް ނުކުރާނެކަން، ވަޓް އިޒް ރޯންގް ވިތް ޔޫ!...'' އަޒީލާ ބުންޏެވެ. އަޑުގައި ހަރުކަށިކަމެވެ.

''މޯމް!...'' ލަފުޒުތަކަށް ދަމާލާފައި ދައްޔާން ޖަހާލީ ހިނިގަނޑެކެވެ. އަޒީލާއަށް ހީވީ އޭނަގެ މޫނު މައްޗަށް ހޫނު ހަމަލާއެއް އަމާޒުވީ ހެންނެވެ. ވަގުތުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.

''މިރެއަކީ ރައްޓެހިންނާއެކު ސަމާސާކޮށް އުޅެންވީ ރެޔެއް ނޫން، މިރޭ ވާން މިއުޅޭ ގޮތެއް ހަމަ ނޭނގެނީތަ؟... ޒަރާރް އައިސްގެން އުޅެނީ ކީއްކުރަންތޯ ތި ސިކުނޑިން ވިސްނާލިންތަ؟... ކޮންމެ ކަމެއް މަޖާކަމަކަށް ހެދުމުގެ ބަދަލުގަ ސިކުނޑި ބޭނުންކޮށްބަލަ.. ހީ އިޒް ޓްރައިންގް ޓު ސްޓީލް ޔޯ ފިއުޗާ ފްރޮމް ޔޫ!...'' ފުންނޭވާއަކަށް ފަހު އަޒީލާ ބުންޏެވެ. ރުޅިވެރިކަމުގެ ހަތިޔާރު ބެހެއްޓީ މުޅިން ތަފާތު ގޮތަކަށް ދައްޔާނުގެ ވިސްނުމަށް ވެރިވެގަތުމަށެވެ.

''ޔޫ މީން މައި ބްރަދާރ؟...'' ފަރުވާކުޑަ ގޮތަކަށް ދައްޔާން ބުންޏެވެ. ލޭގެ ގުޅުން އެދެމެދުގައި އޮތަސް އެއްބައިވަންތަކަމެއް ނެތެވެ. ޒަރާރްއަށްޓަކައި ކުޑަމީސް ކުލުނެއް ދައްޔާންގެ ހިތުގައި ނުވެއެވެ. ލޯބި އޮތީ މާ ދުރުގައެވެ. މަންމަ ބުނެދީފައިވާ ގޮތުގައި ޒަރާރްއަކީ އޭނަގެ ދުޝްމަނެކެވެ. ބޭބެއެއްގެ ހައިސިއްޔަތުން ދެކެން އޮތީ މަނާކޮށްފައެވެ. ނަފުރަތުގެ ގިނި އަލިފާން ރޯވެ އަނދަނީ ވެސް މަންމަގެ ނުފޫޒުންނެވެ.

''އޭނައަކީ ދައްޔާންގެ ބޭބެއެއް ނޫން، އެކަން ސިކުނޑީގަ ބާއްވާތި، މިހުރިހާ ދުވަހު ރާއްޖޭން ބޭރުގަ އުޅެފަ ކުއްލިޔަކަށް އައިސްގެން އެއުޅެނީ ދައްޔާންގެ ހައްޤުތަކަށް އަރައިގަންނަން، ނުބައި މީހެއްނު، ބަދަލު ހިފަން ނޫނޭވާ ކުޅަދާނަ، ރަހުމާ އޭނަ ފޮނުވާފަ އެހެރިހާ ޒާރާއަށް ވީ ގޮތުގެ ބަދަލު ހިފަން، ކިތަންމެ ހިތްހެޔޮ މީހަކަށް ހެދިގެން އުޅުނަސް އޭނަ ދައްޔާނަށް ރަނގަޅު ގޮތެއް ވާކަށް ނޭދޭނެ...... ބަލާބަލަ، މިހާރު ވެސް ކާފަ ގާތުގަ އެހެރީ ދައްޔާންގެ މަޤާމު ނުހައްގުން ފޭރެން ވެގެން...'' ދައްޔާންގެ މުލައްދަނޑީގައި ހިފާ ބާރއާއި ދިމާއަށް އަނބުރާލަމުން އަޒީލާ ބުންޏެވެ. އޭނަގެ މަޤުސަދު ހާސިލުވެއްޖެކަން އަންގައިދިނީ ދައްޔާންގެ މޫނަށް ވެރިވި ކުލަވަރުންނެވެ. ޕޫލާއިވީ ފަޅީގައި ހުރި ދޮރުން ޕޯޑިއަމް ކައިރި ފެނެއެވެ. އޭނަ ދައްކާލީ ޖާބިރާއެކުގައި ހުރި ޒަރާރް އެވެ.

''ދަރިފުޅަށް އެބަފެނޭތަ؟....'' އަޒީލާ އެހިއެވެ. ދައްޔާން ޖަވާބެއް ނުދިނެވެ. ޒަރާރްއަށް ދައްޔާން ބަލަން ފެށީ ދެލޯ ހަނިކޮށްގެންނެވެ. ރުޅިވެރިކަމުގެ އޮޔެވަރު އެދެލޮލުގައި އުފެދެން ފެށިއެވެ. އެއީ އަޒީލާ ބޭނުންވި ގޮތެވެ. ފިތުނައިގެ ވިހައިން ދައްޔާނަށް އޭނަ ވިސްނައިދިނީ ޒަރާރްއަކީ ބޮޑު ބިރެއް ކަމެވެ.

''އޭނަގެ މަކަރުވެރިކަމުން ކާފަގެ ވިސްނުމާ ވެސް ކުޅެލައިފި، ކުންފުނީގެ ސީއީއޯ އަކަށް ވާން ޖެހޭނީ ދަރިފުޅު، އެއީ ދަރިފުޅުގެ ހައްޤެއް!، ޔޫ އާރ ދަ ކޮމްޕެނީސް ފިއުޗާ، ނޮޓް ހިމް!...''

ދައްޔާންގެ ބުރަކަށީގައި ފިރުމަމުން އަޒީލާ ބުންޏެވެ. ދައްޔާންގެ އުނިސިފަތައް އަޒީލާއަށް ނުފެންނަ ކަހަލައެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ ވިއްޔާއެވެ. އެއީ އޭނަގެ ''ޕާރފެކްޓް ސަން'' އެވެ. އެންމެ ކުޑަމިނުން ދައްޔާންގެ ކިޔެވުން ފުރިހަމަވެފައެއް ވެސް ނެތެވެ. ލަންޑަނަށް ޑިގްރީ ހަދަން ގޮސް ކުރިހާ ވެސް ކަމަކީ ޕާޓީ ކުރުމެވެ. ދާދި ފަހުން ޔުނިވާސިޓީން ސަސްޕެންޑްކޮށްލީ، ޑްރަގްސް ބޭނުންކޮށް ޕާޓީކުރުމުގެ ތެރެއިން އަންހެންކުއްޖެއްގެ އަބުރާއި އިއްޒަތަށް އަރައިގަތުމުން، އެކުއްޖާ މައްސަލަ ޖެއްސި ހިސާބުންނެވެ. ފައިސާއާއި ނުފޫޒުން އެމައްސަލަ އިތުރު ކަންފަތަކާ ހަމައަށް ދިއުމުގެ ފުރުސަތެއް އަޒީލާ ނުދިނެވެ. ރިޝްވަތާއި ހީލަތްތެރިކަމުގެ ނިވަލުގައި އެވިޔާނުދާ ހަޤީޤަތް އަޒީލާ ސިއްރުކުރިއެވެ. ދައްޔާން އަނބުރާ ރާއްޖެ އައުމުން ޖާބިރުމެންގެ ނުރުހުމުން ސަލާމަތްކުރަން ފަށުވި ދޮގުތަކެއް ހެދިއެވެ. ކިޔެވުން ފުރިހަމަ ކުރަން ދައްޔާން ބޭނުންވަނީ ކުންފުނީގައި މަސައްކަތްކުރުމަށް ފަހުގައި ކަމަށެވެ. މަސްރޫރަށް ވަސްވާސްދީގެން ކުންފުނީގެ މަތީ މަޤާމަކަށް ގެންދަން ވެސް އުޅުނެވެ. އެމުހުތާދު ހާސިލް ނުވީ ޖާބިރާ ހެދިއެވެ. ޖާބިރުގެ ނުފޫޒާ ހުރެ ދައްޔާނަށް ޖެހުނީ އާދައިގެ މުވައްޒަފެއްގެ މަޤާމަށް ދާށެވެ. އެކަން ވެސް އޭނަ ފަރުމާކޮށްލީ މަސައްކަތު ތަޖުރިބާ ހޯދުމަށް ކަމަށެވެ. މަތީ މަގާމަކަށް ދައްޔާން ދާން ބޭނުންވަނީ އެކަމުގެ ހުނަރާއި ޤާބިލިއްޔަތުކަން ލިބިގެން ކަމަށެވެ. ދޮގުހެދުމަކީ އަޒީލާގެ ކަށީގައި ހިފާފައިވާ އެކަމުގެ ހުނަރު ލިބިފައި ހުރި ކަމެވެ. އޭނަގެ ހަތިޔާރު ވެސް މެއެވެ.

''ދަރިފުޅު ޖެހޭނެ ވިސްނައިގެން އުޅެން... މަންމަ ބުނާ ގޮތަށް ކަންތައްކޮށްފިއްޔާމު ހުރިހާ ކަމެއް ބަދަލުކޮށްލެވޭނެ...'' އަޒީލާ ބުންޏެވެ.

''ކިހިނެއް؟...'' ޒަރާރްއާއި ނަޒަރު ވަކިކުރުމެއް ނެތި ދައްޔާން ބުނެލިއެވެ. ދައްޔާންގެ ކޮލުކަށިގަނޑަށް ވާންވެލައިފިއެވެ.

އެސުވާލަށް ދޭނެ ޖަވާބެއް އަޒީލާއަކަށް ނޭނގުނެވެ. އޭނަ ވިސްނާލިއެވެ. އޭނަގެ މުރާދު ހާސިލްކުރަން އޮތް ހަމައެކަނި ގޮންޖެހުމަކީ ޖާބިރެވެ. މުސްކުޅިވެ ޖާބިރު އަވަހަށް މަރުވެދާނެކަމަށް އުއްމީދުކޮށްގެން ހުންނަތާ އަހަރުތަކެއް ވެއްޖެއެވެ. އޭނަގެ ހުވަފެންތައް ހަޤީޤަތަކަށް ނުހެދެނީސް މަޖުބޫރުވެފައިވަނީ މުޅިން އެހެން މަންޒަރެއް ދެކޭށެވެ.

''މަންމައަށް ވަގުތުދީ...'' އަޒީލާ އެދުނެވެ. ''އެކަމަކު މިދުވަސްކޮޅު ދައްޔާން އެބަޖެހޭ ތިއުޅުން އިސްލާހުކުރަން، ކާފައަށް އެއްޗެއް ބުނުމުގެ ފުރުސަތު ދީގެން ނުވާނެ، ދަރިފުޅާއި ޒަރާރް ތަފާތުކުރާ މިންވަރު އެބަފެނެއެއްނު، އެއީ ހުސް ޒަރާރްގެ ނުބައިކަން...''

ދައްޔާނަށް ވަސްވާސްލައިދެމުން އަޒީލާ ދަސްކޮށްދިނީ ޒަރާރްއަށް ނަފުރަތުކުރާށެވެ. ޒަރާރްއަކީ އެއްބަފާ ބޭބެއެއްކަމުގައި ނުދެކުމަށެވެ. ލޭގެ ގުޅުމަށް އިހުތިރާމް ނުކުރުމަށެވެ. ދައްޔާންގެ ހިތް ޒަރާރްގެ މައްޗަށް އަޒީލާ ކިލަނބުކުރުވިއެވެ. ޚުދު އޭނަގެ ހިތުގައި ފޮރުވިފައި އޮތް ނަފުރަތު މުޅިން އެހެން ހަރުފަތަކަށް ގެންދިޔައެވެ. އެއީ ވެސް ދައްޔާން ތަރުބިއްޔަތުކުރުމުގައި އަޒީލާ ފެއިލްވެފައިވާކަމުގެ ނިޝާނެކެވެ.

ވެދިޔަ ހުރިހާ ކަމަކަށް ފަހުގައި ވެސް ހިނިތުންވުމަކާއެކުގައި ދިރިއުޅުމާ ކުރިމަތިލުމަށް ޒަރާރްއަށް ރަހުމާ ދަސްކޮށްދިން އިރުގައި، ދައްޔާނަށް އަޒީލާ ދަސްކޮށްދީފައިވަނީ ދައްޔާންގެ ކޮންމެ މުހުތާދެއް ގަދަ މަޖުބޫރުން ހާސިލުވާނެ ކަމަށެވެ. ނަފުރަތަރާއި ރުޅިވެރިކަމުގެ ހޫނުން ޒަރާރްއާއި މެދު ދައްޔާން ދެކޭ ނަޒަރިއްޔާތު ބަދަލުކޮށްލީ އެހެންވެގެންނެވެ.

*****

ހަފްލާ ފެށިގެން ދިއުމާއެކު އެންމެންގެ ނަޒަރު ހުއްޓުނީ ޕޯޑިއަމަށެވެ. ކުންފުނީގެ ކުރު ތަޢާރަފަކާއި ކުންފުނީގެ ފަރާތުން ރާއްޖޭގެ ތަފާތު ޖަމިއްޔާތަކަށްދޭ ފައިސާގެ އެހީތެރިކަމަށް ފަހުގައި ޕޯޑިއަމަށް ދެން އެރީ ޖާބިރެވެ. ޝައުޤުވެރިކަމާއެކު ބަލަމުން ދަނިކޮށް ޒަރާރް ތާޢަރަފްކޮށްދީފިއެވެ. ސަރުވާ އިންޑަސްޓްރީސްގެ ސީއީއޯގެ ގޮތުގައެވެ. މަރުހަބާގެ އަޑުން މާހައުލު ގުގުމާލިއެވެ. އަޒީލާއަށް ވާގިވެރިވާ މީހުން ވެސް މޫނުގައި ދެއްކުންތެރިކަމުގެ މާސްކު އަޅައިގެން އަތްތިލަބަޑިޖަހަން ފެށީ ޒަރާރްގެ ކަމިޔާބީއާ މެދު ހަސަދަވެރިވާ ހާލުގައެވެ.

''ޒަރާރް...'' ތަނާލްއަށް ހިމޭންކަމުގެ ދުލުން ބުނެވުނެވެ. ސްޓޭޖަށް އެރި ޒުވާނާ ފެނުނީއްސުރެން ތަނާލްގެ ނަޒަރު އެޒުވާނާއާއި ވަކިނުވެއެވެ. އެންމެފަހުން އެޒުވާނާގެ ތަޢާރަފެއް ލިބުނީތާއެވެ. ޒަރާރްއަށް ލިބުނު ކާމިޔާބިއަށް މަރުހަބާ ކިޔުމުގެ ގޮތުން ތަނާލް އަތްތިލަބަޑިޖަހާލިއެވެ. އޭރު ވެސް އޭނަގެ ޚިޔާލުތަކާއި ގުޅިފައިވަނީ ޒަރާރްއާއި އޭނަގެ ފުރަތަމަ ބައްދަލުވުމެވެ. ހިމޭންކަމާއެކު އޭނައަށް ދިން ހިތްވަރެވެ. ދެވަނަ ފަހަރަށް ބައްދަލުވުމުގެ ނަސީބު ލިބިއްޖެނަމަ ޒަރާރްއަށް ޝުކުރުއަދާކުރަން ތަނާލް އަޒުމުކަނޑައެޅިއެވެ. ޒަރާރްއާއި ބައްދަލުކުރަން ޚިޔާލުކުރެވުމުން ޖެހިލުންވުމުގެ އަސަރެއް ނުއުފެދުނެވެ. އެމަކާ ތަނާލްއަށް ހައިރާންވިއެވެ.

''ނަސީބެއް، ބަލައްޗޭ އެންމެ ޤާބިލު ސީއީއޯއަށް ޒަރާރް ވާނެ... ކިހާ ހޭންޑްސަމް، އަންހެންކުދިންތެރޭގަ ނިކަން މަޝްހޫރުވާނެ... ދޯ ސުމައްޔާ...'' ޖަމްޝީދާއަށް އާދަޔާ ޚިލާފު ޖޯޝެއް ލިބިފައި ވިއެވެ. އެހެން އެންމެނަށް ވުރެން އޭނަގެ އަތްތިލަބަޑީގެ އަޑު ގަދައެވެ. އަޒީލާއަށް ލިބުނު ނާކާމިޔާބީ ފާހަގަ ކުރަނީއެވެ.

ޖަމްޝީޖާގެ އަޑަށް ތަނާލް ވެސް ފަރުވާތެރިވެ ޒަރާރްއަށް ބަލައިލަން އުޅުނެވެ. ނަމަވެސް އޭނަގެ ހިތާއި ނަފުސު އެކަމަށް އިންޒާރުކޮށްފިއެވެ. އެއާއެކު ތަނާލްއަށް އިސްޖަހާލެވުނެވެ. ހިދާން ނޫން ފަރާތަކަށް ބަލަން އޭނަގެ ޒަމީރު ނޭދޭ ކަހަލައެވެ.

*****

ފަތިހުގެ ފިނިފިނި ރޯޅިތަކުން ފަޒާގައި ކުރަމުން ދިޔައީ ރަސްކަމެވެ. ތުނިތުނިކޮށް ވެހިލާ ވާރޭގެ އަޑު މިޔުޒިކެއް ފަދައެވެ. ހިތްގައިމުގެ ދުވަހެއްގެ ފެށުމެކެވެ. ނިންޖާއި އަރާމުގެ ތަންމަތި ދޫކޮށް ޒަރާރް އަވަސްވެގަތީ ފަތިސް ނަމާދަށް މިސްކިތަށް ދިއުމަށެވެ. ގަމަތް ދިނުމުގެ ކުރިން މިސްކިތަށް ދެވޭތޯ ފެންވަރާ ތާޒާވެލިއެވެ. ކަޅުކުލައިގެ ބޯ ސްވެޓާރއަކާއި ޖިންސެއް ލަމުން ޑޮލްޗޭ އެންޑް ގަބާނާގެ ''ކޭ'' ކަލެކްޝަންގެ ސެންޓް ފުޅި ނަގައި ގަޔަށް ޖަހާލިއެވެ. ކޮޓަރިން ނިކުންނަން އޭނަ ހިނގައިގަތީ ސްވެޓާރ މަތިން ''ދަ ނޯތް ފޭސްގެ'' ޖެކެޓެއް ލައިގެންނެވެ.

މިސްކިތް ހުންނަނީ ގެއާއި ކައިރި ހިސާބެއްގައެވެ. ހިމަފޮދުވާރޭގެ ސަބަބުން ނުތެމި މިސްކިތާ ހަމައަށް ދެވުނެވެ. ޖަމާއަތުގައި ނަމާދުކޮށް ނިމިގެން ގެއަށް ދިއުމަށް ކުރިން މިސްކިތް ހޯދާލެވުނެވެ. ބައްޕަގެ ހިލަމެއް ވޭތޯއެވެ. މިވީހާ ތަނަށް އޭނައަށް މިސްކިތުން ބައްޕަ ފެނިފައިވާ އަދަދު އެއްއަތުގެ އިނގިލިތަކުން ގުނާލެވޭނެއެވެ. ކޮއްކޮ ދައްޔާން އަމުދުން ފެނިފައެއް ނުވެއެވެ. ކާފަގެ ބަލި ހާލަތު ހުންނަ ގޮތުން މިސްކިތަށް ދެވޭ ގޮތެއް ނުވެއެވެ. އެހެންކަމުން ނަމާދުކުރަނީ ގޭގަ އެވެ.

ދީނީ ކަންކަމަށް ބައްޕައާއި ކޮއްކޮ ސަމާލުކަން ނުދޭތީ ޒަރާރް ދެރަވެއެވެ. ފަހަރެއްގައި އެކަމަށް އޭނަގެ ސަބަބުން ހެޔޮ ބަދަލެއް އައިސްދާނެއެވެ. އެޚިޔާލުން ޒަރާރްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ގެނެއެވެ.

ޖެކެޓްގެ ހޫޑީ ބޮލުގައި އަޅުވާލަމުން ލަސް ހިނގުމެއްގައި ޒަރާރް ހިނގައިގަތީ ގެއާއި ދިމާއަށެވެ. އިރުގެ އަލިކަމެއް ނުވާތީ އަނދިރީގެ ފޭރާމެއް އުދަރެހުގައި ލެވިފައި ވެއެވެ. މަގުތަކުން ފެންނަނީ ހިމޭންކަމެވެ. ޖިންސުގެ ޖީބަށް އަތް ޖަހާލި ޒަރާރްއަށް ފިޔަވަޅުތައް އަވަސްކޮށްލީ ވައިރޯޅިތައް ބާރުވާން ފެށީމަ އެވެ.

''ދާރް''ގެ ގޭޓާއި ޒަރާރް އަރާހަމަވުމާއެކު ދޮރުފާރަވެރިޔާ އަވަސްވެގަތީ ގޭޓު ހުޅުވުމަށެވެ. ޒަރާރް އެމީހާއަށް ހެނދުނުގެ މަރުޚަބާ އަރިސްކޮށްލަމުން އެތެރެއަށް ވަނެވެ. ގޭޓުން ވަންނަ އިރު އޮންނަނީ ކުދި ގާތަށް އަޅާފައިވާ ފުޅާ މަގެކެވެ. އެމަގުން ދެވެނީ ގޭގެ ޕޯޓިކޯއަށެވެ. ޕޯޓިކޯގެ އެއްފަޅީގައި ގަރާޖެވެ. އަނެއްފަޅީގައި ގޭގެ ބަގީޗާއަށް ވަދެވޭ މަގެވެ. މެދު ގޯތީގައި އަނބުރަގަހާއި، ތަފާތު މާމެލާމެލީގެ ޖާދޫ ފެނެއެވެ.

ކޮޓަރިއަށް ދިއުމުގެ ބަދަލުގައި ޒަރާރް މިސްރާބުޖެހީ ބަދިގެއަށެވެ. އިހުސާސްކުރެވެމުން ދިޔަ ފިނިކަމަށް ނިމުމެއް ގެންނަން އޭނަ ހުރީ ހޫނު ކޮފީއެއް ބޭނުންވެފައެވެ. ކޮފީއަށް ފަހު ޖިމަށް ދިއުމުގެ ވިސްނުމެވެ.

ކާކޮޓަރިން ލާފައި ބަދިގެއަށް ޒަރާރް ވަނެވެ. ހެނދުނުގެ ނާސްތާ ތައްޔާރުކުރަން ގޭގެ ހާދިމުން އުޅުނެވެ. އެތަނުން ޒަރާރް ފެނުމާއެކު ފުރަތަމަ ވެސް އެއްޗެއް ބޭނުންތޯ ސުވާލުކޮށްލީ ދެބައިއުމުރަށްދާ ޕާކިސްތާނު އަންހެނެކެވެ. އޭނަ ފެނުމާއެކު ޒަރާރްގެ ތުންފަތަށް ދެމިލީ އުފާވެރި ހިނިތުންވުމަކުންނެވެ.

''ޝަބާނާއްތަ...'' ޝަބާނާއަށް ޒަރާރް ގޮވާލިއެވެ. ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން އަދިވެސް ޝަބާނާގެ ނަން ޒަރާރްގެ ޚިޔާލުތަކުން ފޮހެވިގެން ނުދެއެވެ. ޝަބާނާއާއި އޭނަގެ މަންމައާ ގާތް ގުޅުމެއް އޮތެވެ. އެކަމުގެ ސަބަބުން އޭނައަށް ވެސް ޝަބާނާގެ ސަމާލުކަން އިންތިހާއަށް ލިބުނެވެ. އެދުވަސްތައް ހަނދާންވުމުން ޒަރާރްގެ މޫނު މިލައިގެންދާން އުޅުނެވެ. އެވަގުތު ޝަބާނާ ގޮވާލިއެވެ. ގިނަ އަހަރު ރާއްޖޭގައި ހޭދަކޮށްފައިވުމުން ދިވެއްސަށް ނިކަން ފަރިތަ އެވެ.

''ކޮފީއެއް ތައްޔާރުކޮށްލަން...'' ޒަރާރް ބުންޏެވެ. ޝަބާނާ އަވަސްވެގަތީ ޒަރާރްއަށް ކޮފީ ތައްޔާރުކޮށްދޭށެވެ. ޝަބާނާގެ މޫނުން ފެނުނު އުފާވެރިކަމުން އެކަމާ ޒަރާރް ދެކޮޅެއް ނެހެދި އެވެ. އަހަރުތަކެއް ފަހުން ދެކެފަރިތަ މޫނެއް ފެނުމުން ހަޤީގަތުގައި ޒަރާރްގެ އެކަނިވެރިކަން ފިލަ އެވެ. އޮފީހަށް ނިކުންނަން ފެށުމުން ރައްޓެހިންތަކެއް ލިބިދާނެކަމަށް އޭނަ ހުރީ އުއްމީދުކޮށްގެންނެވެ.

(ނުނިމޭ)