ބައިނަލްއަގުވާމީ ކަނޑު ދަތުރުފަތުރަށް ހޮރުމުޒް ކަނޑުއޮޅި މުޅިން ހުޅުވާލައިފީމޭ ބުނެ އިރާނުން މުޅިދުނިޔެއަށް އިއުލާނުކުރިތާ އެއްދުވަސްފަހުން ހޮނިހިރު ދުވަހު އެކަނޑުއޮޅި އަނެއްކާވެސް ބަންދުކޮށްފިކަމަަށް އީރާނުގެ އަސްކަރިއްޔާއިން ވަނީ އަންގައިފައެވެ. އީރާނުން މިފަހަރު ކަނޑުއޮޅި ބަންދުކުރަން ޖެހުމުގެ ސިއްރަކީ ކޮބައިބާވައެވެ. އެސަބަބަކީ އެމެރިކާއެވެ. އީރާނުގެ އިންގިލާބީ ގާޑުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަނޑުއޮޅި އަލުން ބަންދުކުރީ އެމެރިކާއިން ފަށައިގެންއުޅޭ ކަނޑުފޭރުމުގެ އަމަލުތައް ހުއްޓާނުލުމުން ކަމުގައެވެ. އީރާނުން އިޝާރާތް އެކުރާ ކަނޑުފޭރުމުގެ އަމަލަކީ އީރާނުގެ އައްސޭރި ހިސާރުކުރުމަށްޓަކައި ނުވަތަ ބަންދުކޮށްލުމަށްޓަކައި އެމެރިކާގެ ނޭވީން ހިންގަމުންގެންދާ އޮޕަރޭޝަނެވެ. ގާއިމުކޮށްފައިވާ ބްލޮކޭޑެވެ. މި ބްލޮކޭޑްގެ ދަށުން އީރާނުގެ އެންމެހައި ބަނދަރުތަކުން ނުކުންނަ އުޅަނދުތަކާއި އެ ބަނދަރުތަކަށް ވަނުމަށްޓަކައި ދަތުރުކުރާ އުޅަނދުތައް ހިފަހައްޓާނެ ކަމަށް އެމެރިކާއިން ދަނީ ބުނަމުންނެވެ. މިދެންނެވި ބްލޮކޭޑް ގާއިމުކޮށްފައިވަނީ ހޮރުމުޒް ކަނޑުއޮޅިން ބޭރުގައި އޮމާން ގަލްފުގައެވެ. އެ ގަލްފުންވެސް އޮމާނުގެ އައްސޭރިޔާވީ ފަޅީގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނާގޮތުން އީރާނާއެކު ދާއިމީ އެއްބަސްވުމެއް ގާއިމުކުރެވެންދެން އެމެރިކާގެ ބްލޮކޭޑް ދަމަހައްޓާނެއެވެ. ކޮންމެއަކަސް އީރާނުން ސިފަކުރަނީ މިއީ އެމެރިކާއިން ހިންގާ ކަނޑުފޭރުމުގެ އަމަލެއްގެ ގޮތުގައެވެ. އެ އަމަލުތައް ހުއްޓާނުލާހާ ހިނދަކު ހޮރުމުޒް ކަނޑުއޮޅި ދެންއޮންނާނީ ބަންދު ކުރެވިފައި ކަމަށްވެސް އީރާނުން ބުނެއެވެ. އީރާނުގެ ޚާރިޖީވަޒީރުގެ ނާއިބު ސައީދު ޚަތީބުޒާދާ ވިދާޅުވެފައިވަނީ އީރާނާއެކު ދާއިމީ އެއްބަސްވުމެއް ހަދަން އެމެރިކާ ބޭނުންވަނީ އީރާނު އެކަހެރިކޮށް، ހިސާރުކޮށް، މަޖުބޫރީ ހާލަތަކަށް ވައްޓާލައިގެން ކަމަށްވަންޏާ އެކަން ކާމިޔާބެއް ނުވާނެ ކަމުގައެވެ. ކޮންމެއަކަސް އީރާނުގެ ބަނދަރުތަކަށް ވަނުމާއި ނުކުތުން ހުއްޓުވައި އީރާނުގެ މުޅި އައްސޭރި އެތިބީ ހިތުން ބަންދުކޮށްގެންނެވެ. އީރާނު ކުޑަކަކޫ މައްޗަށް ތިރިކޮށްގެން އީރާނު ލައްވައި ކަންކަމަށް އެއްބަސްކުރުވަން އެމެރިކާއިން ޚިޔާލު ކުރަންޏާ އެކަމެއްވެސް ނުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ކުރިޔަށްއޮތް ތަނުގައި އެއްވެސް ބްލޮކޭޑެއް އޮވެގެން ނުވާނެކަމަށާއި އެފަދަ އެއްވެސް ބްލޮކޭޑެއް އީރާނުން ބަލައިނުގަންނާނެ ކަމަށްވެސް ޚަތީބުޒާދާ ވިދާޅުވިއެވެ. އެހެން ގައުމުތަކުން ކަންކަން ކުރަންވީގޮތް ބުނެދިނުމަކީ އެމެރިކާއަށް އޮތް ހައްގެއް ނޫންކަމަށާއި އިސްތިއުމާރީ ޒަމާން މުޅިން ނިމުމަކަށް އަންނަން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޚަތީބުޒާދާގެ މި ވިދާޅުވުން އައިސްފައިވަނީ ހަގުރާމަޔާމެދު ސައްލާކުރުމަށް ތުރުކީ، ޕާކިސްތާނު، މިސްރު އަދި ސައޫދީއަރަބިޔާގެ ޚާރިޖީވަޒީރުން ތުރުކީވިލާތުގައި ބޭއްވި އެއްވުމުގައި އީރާން ތަމްސީލު ކުރެއްވުމަށް އެގައުމަށް ވަޑައިގެން ހުންނަވައެވެ. އެމެރިކާޔާއި އީރާނުގެ މެދުގައި ފަށަންއުޅޭ މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އީރާނަށް އަލުން ބޮންއަޅަން އެމެރިކާ ފަސްނުޖެހޭނެކަމަށްވެސް ރައީސް ޓްރަމްޕު ވަނީ ބުނެފައެވެ.މި އިންޒަރުގެ ރައްދުގައި އީރާނުގެ ޚާރިޖީވަޒީރުގެ ނާއިބު ވިދާޅުވީ ޓްރަމްޕު ހިތާވާހާ ތަނަކަށް ބޮންއެޅުމަކީ އޭނާގެ އަމިއްލަ ކަމެއްކަމަށާއި އީރާނާ ދެކޮޅަށް އެއްވެސް ބަޔަކު އުދުވާނެއް ހިންގައިފިނަމަ އެ އުދުވާނަކަށް ރައްދުދީ ގައުމު ދިފާއު ކުރުމަކީ އީރާނުގެ ހައްގެއް ކަމުގައެވެ. އެކަމަށް އީރާނުއޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށްވެސް ޚަތީބުޒާދާ ވިދާޅުވިއެވެ. ހަގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ޝަރުތުތަކުގެ ތެރޭގައި ލުބުނާނަށް އިޒްރޭލުން ދެމުންދާ ހަމަލަތައް ހުއްޓާލުމާއި ލުބުނާނުގެ ތެރޭގައި ހިންގާ އުދުވާނީ އެންމެހައި އަމަލުތަކަށް ނިމުން ގެނައުންވެސް ހިމެނެއެވެ. ހުކުރުދުވަހު އީރާނުން ހޮރުމުޒް ކަނޑުއޮޅި ހުޅުވައިލިކަން އިއުލާނުކުރީ ލުބުނާނުގެ ހަގުރާމަވެސް ދިހަ ދުވަހަށް މެދުކަނޑައިލުމަށް އިޒްރޭލުން އެއްބަސްވެ އެގޮތަށް އަމަލުކުރަން ފެށުމުންނެވެ. ލުބުނާނަށް ހަމަލަދިނުމަކީ އިޒްރޭލަށް މިހާރު މުޅިން މަނާވެގެންވާ ކަމެއްކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުވެސް އިއުލާނު ކުރުމުންނެވެ.އެކަމަކު އޭގެ އެއްދުވަސްފަހުން އިޒްރޭލުގެ ފަރާތުން ފެނުނީ ނޭއްގާނިކަމާއި ދެކޮޅުވެރިކަމެވެ. ޚިޔާނާތްތެރިކަމާއި ޖައްބާރުކަމެވެ. އިޒްރޭލުގެ ސިފައިންވަނީ ބޮޑުބަޑިން ލުބުނާނުގެ ދެކުނުގެ ތަންތަނަށް އަލުން ހަމަލަދޭން ފަށައިފައެވެ. އަދި ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށްވަދެ މީސްމީހުންގެ ގެދޮރުވެސް ދަނީ ބުލްޑޯޒަރު ބޭނުންކޮށްގެން ވައްޓަމުން ސުންނާފަތި ކުރަމުންނެވެ. ފަލަސްތީނުގެ ގާޒާޔާއި ހުޅަނގުއައްސޭރީގައިވެސް އެކަންކުރާ ބީދައިންނެވެ. މިގޮތަށް އަމަލުކުރުމާއެކު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެބަބުނެއެވެ. ތިމަންނާމެން ލުބުނާނުގެ ދެކުނަކުން ނުވެސް ފައިބާނަމެވެ. އެތަނަށް އަރައިތިބީ ދެމިތިބުމުގެ ސިޔާސަތެއްގެ ދަށުންނެވެ. ކޮންމެއަކަސް ހޮރުމުޒް ކަނޑުއޮޅި ހުޅުވައިލުމަކީ ހަގުރާމަ މެދުކަނޑައިލުމުގެ ވަގުތީ އެއްބަސްވުމުގެ ތެރެއިން ކުރަންޖެހޭ ކަމަކަށްވާއިރު ލުބުނާނުގެ މަސްރަހު ފިނިނުވުމަކީ ނުވަތަ އިޒްރޭލުގެ އަނިޔާވެރިކަމަށް ނިމުމެއް ނުގެނައުމަކީ ވަރަށް ބޮޑު މައްސަލައެކެވެ.ހޮރުމުޒް ކަނޑުއޮޅި އަލުން ބަންދުކުރަން އީރާނުން ނިންމި ނިންމުމުގެ ފަހަތުގައިވާ ސަބަބުތަކުގެ ތެރެއިން ދެވަނަ ސަބަބަކީ ލުބުނާނުގެ ހަގުރާމަ ކަމަށް ގަބޫލު ކުރެވެއެވެ. ފުރަތަމަ ސަބަބަކީ އީރާނުގެ އިންގިލާބީ ގާޑުންވެސް ބުނެފައިވާ ފަދައިން އެމެރިކާގެ ބްލޮކޭޑެވެ. ކަނޑުފޭރުމެވެ. މިކަމަކީ ހަގީގަތަށް ބުރަވާއިރު ރައީސް ޓްރަމްޕު ބޭނުންވާ ބީދައިން ތަންފީޒުވަމުންދާ ކަމެއްވެސް ނޫނެވެ. އިންގިލާބީ ގާޑުން ނެރެ އާއްމުކުރި ޗާޓަކުންވެސް އެކަން އެނގެއެވެ. އީރާނުގެ ހުއްދަ ލިބިގެން ދަތުރުކުރާ އުޅަނދުތަކަށް އީރާނުގެ އައްސޭރިޔާ ކައިރިން ހޮރުމުޒްގެ އިރުމަތީ ބިތުގައި ރައްކާތެރިކަން ލިބިގެންވެއެވެ. އެހިސާބާ ކައިރިވާން އެމެރިކާއަކަށް ނުކެރެއެވެ. އެމެރިކާގެ މަނަވަރުތަކުން ފޮށި ހުރަސްއަޅަނީ ހޮރުމުޒްގެ ހުޅަނގު ބިތުން އޮމާނާވީ ފަޅިން ދަތުރުކުރާ އުޅަނދުތަކަށެވެ. އެކަން ކޮންމެވެސް މިންވަރަކަށް އެބަކުރެއެވެ. އެކަމަކު ބާރުގަދަ ބޮޑެތި ގައުމުތަކުގެ އުޅަނދުތަކާ ގާތެއް ނުވެއެވެ. އެކަމަކު ބްލޮކޭޑެއް ވިއްޔާ ވާނީ ބްލޮކޭޑަކަށްތާއެވެ. އީރާނުން އެބުނަނީ އެޒާތުގެ އެއްވެސް ކަމެއް ގަބޫލު ނުކުރާނޭ ވާހަކައެވެ.