މި މަހު ޗައިނާގެ ސަންޔާ، ހައިނާން އައިލެންޑްގައި ކުރިއަށްދާ އޭޝިއަން ބީޗް ގޭމްސްގައި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ (އެމްއޯސީ)ގެ މީޑިއާ އޮފިޝަލްގެ ގޮތުގައި މަސައްކަތް ކުރުމަށް "ވަން"ގެ ސްޕޯޓްސް އެޑިޓަރު މުހައްމަދު ޝަމްއޫން ޗައިނާއަށް ފުރައިފިއެވެ.
ހަ ވަނަ އޭޝިއަން ބީޗް ގޭމްސް ކުރިއަށްދާނީ މިއަދުން ފެށިގެން މިމަހު 30ގެ ނިޔަލަށެވެ. މި އެޑިޝަންގައި ރާއްޖޭން ވާދަކުރާނީ ހަތަރު ކުޅިވަރަކުންނެވެ. އޭޝިއަން ބީޗް ގޭމްސްގައި ރާއްޖޭން ވާދަ ކުރާނީ ހޭންޑްބޯލް، އެތުލެޓިކްސް، އޯޕަން ވޯޓާ ސްވިމިންގެ އިތުރުން ވޮލީބޯލްއެވެ. އޭގެ ތެރެއިން ހޭންޑްބޯލްއިން ފިރިހެން ޓީމެއް ވާދަކުރާ އިރު، ދެން ހުރި އިންޑިވިޖުއަލް ކުޅިވަރުތަކުން ދެ ޖިންސުގެ އެތުލީޓުން ބައިވެރިވެއެވެ.
ޝަމްއޫން ވަނީ 2018 ވަނަ އަހަރު މަޑަގަސްކަރައިގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި މިދިޔަ އަހަރު ބަހުރެއިންގައި ބޭއްވި އޭޝިއަން ޔޫތު ގޭމްސްގައިވެސް އެމްއޯސީއާއެކު މަސައްކަތް ކޮށްފައެވެ.
އޭޝިއަން ބީޗް ގޭމްސްގެ ހަވަަނަ އެޑިޝަން ސަންޔާގައި ބާއްވަން ފުރަތަމަ ތާވަލުކުރީ 2020 ވަނަ އަހަރަށެވެ. އެފަހަރު ކޮވިޑް 19 ގެ ސަބަބުން ގޭމްސް ފަސްކުރަން ޖެހުނީއެވެ.
މީގެ ކުރިން އޭޝިއަން ބީޗް ގޭމްސް އެންމެ ފުރަތަމަ ބޭއްވީ 2008 ވަނަ އަހަރު އިންޑޮނޭޝިއާގެ ބާލީގައެވެ. ފުރަތަމަ ދެ އަހަރުން ބާއްވަމުން އައި ގޭމްސް، 2010 ވަނަ އަހަރު އޮމާންގެ މުސްކަޓުގައި ބާއްވާފައިވާ އިރު، 2012 ވަނަ އަހަރު ޗައިނާގެ ހައިޔާންގާއި 2014 ވަނަ އަހަރު ތައިލެންޑްގެ ފުކެޓްގެ އިތުރުން 2016 ވަނަ އަހަރު ވިއެޓްނާމްގެ ޑަ ނާންގްގައިވެސް ބާއްވާފައިވެއެވެ. މިހާރު ނިންމާފައި ވަނީ ގޭމްސް ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ ގޮތަކަށެވެ.
އާއިޝަތު މާހާ
ވަން ކުޅިވަރު
ވަން ކުޅިވަރު
ވަން ކުޅިވަރު
ވަން ކުޅިވަރު