އެކްސިޑެންޓުގައި ތިންވަނަ މީހާއަށް ލިބޭ ދާއިމީ އަނިޔާތަކަށް އިންޝުއަރެންސް ލިބޭނެ އިސްލާހެއް، އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުގެ ތަޅުމުން ބޭރުކޮށްލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި މި ބިލުގެ މަގުސަދެއް ކަމަށް ބިލުގައި ބުނެފައިވަނީ، އެއްގަމު ދަތުރުފަތުރުގައި ބޭނުންކުރާ އުޅަނދުތައް މިހާރު ރާއްޖޭގައި ތާޑްޕާޓީ އިންޝުއަރެންސް ލާޒިމުކޮށްފައިވީ ނަމަވެސް ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ނިޒާމެއް ނެތުމުގެ ސަބަބުން، އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސް އެޅޭތީ، އެކަމަށް ހައްލު ހޯދުން ކަމަށެވެ.
މިހެންކަމުން މި ބިލު ހުށަހަޅަނީ، އެކްސިޑެންޓެއްގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ބަދަލު ލިބޭނެ އުސޫލެއް ގާއިމް ކުރުމަށްޓަކައި ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ތައާރަފު ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ބިލުގައިވާ ގޮތުން އެއްގަމު އުޅަނދު ދުއްވަން ވާނީ އެ އުޅަނދެއް އެކްސިޑެންޓް ވެގެން ގެއްލުން ލިބޭ މީހަކަށް ނުވަތަ ތަނަަކަށް ނުވަތަ އެއްޗަކަށް، ލިބޭ ގެއްލުމަށާއި އެކްސިޑެންޓްވީ އުޅަނދަށް ނުވަތަ އުޅަނދު ދުއްވި މީހާއަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމުގެ ގޮތުން ކުރާ ކޮމްޕްރެހެސިވް އިންޝުއަރެންސް ކުރުމަށްފަހުގައެވެ.
މިހާރު ތައާރަފުކޮށްފައިވާ ތާޑްޕާޓީ އިންޝުއަރެންސް ތެރެއަށް ލައިފްލޯންގު އިންޖަރީ ނުވަތަ ދާއިމީ ޖިސްމާނީ ނުކުޅެދުންތެރިކަމަށް ނުވަތަ ދާއިމީ ބޭސްކުރަންޖެހޭ ފަދަ ގެއްލުންތަކަށް ބަދަލު ލިބޭނެ ކޮންޕްހެންސިވް އިންޝުއަރެންސެއް ތައާރަފު ކުރުމަކީ މުހިއްމު ކަމެއް ކަމަށް މި ބިލް ހުށަހަޅުއްވަމުން ކުޑޫ ވިދާޅުވިއެވެ.
މި ބިލުގެ އިބުތިދާއީ ބަހުސް މިއަދަށް ނިމިފައިވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު މަޖިލީހަށް ބަލައިގަނޭތޯ ވޯޓަށް އެހިއެވެ.
މިއަދުގެ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން މި ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ، އައްޑޫ މީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހްމާނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން ހިމެނޭހެން 10 މެންބަރުންނެވެ. ނަމަވެސް މަޖިލިސް ތަޅުމުން ބިލު ބޭރުކޮށްލީ އެ ބިލު ބަލައި ނުގަތުމަށް އެމްޑީއޭގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އާއި ޕީއެންސީގެ މެންބަރުން ހިމެނޭހެން 44 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް