ބްލޮކް ގްރާންޓްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ކައުންސިލްތަކަށް އެތައްސަތޭކަ މިލިޔަން ރުފިޔާއެއް ދޭއިރު، އެފަރާތްތަކުގެ ޒިންމާ އަދާކުރަންޖެހޭ ކަމަށް މިނިސްޓަ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. މުހައްމަދު މުއްތަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު އަހްމަދު ދީދީ މިނިސްޓަރާ ސުވާލު ކުރެއްވީ، އައްޑޫ ލިންކް ރޯޑް މަޝްރުއާ ބެހޭގޮތުންނެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރަށްރަށުގައި ހުންނަ މަގުތައް މެއިންޓެނެސް ކުރުމަކީ މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށެވެ. އެއީ ރަށްރަށުގައި އިންތިހާބުކޮށްފައި އޮންނަ ކައުންސިލްތަކުގެ ޒިންމާއެއް ކަަމަށްވެސް ވިދާޅުވިއެވެ.
"ސަރުކާރުގެ މިނިސްޓްރީގެ ޒިންމާއެއްނޫން، ރަށްރަށުގައި ހުންނަ މަގުތަކާއެއްޗެހި މެއިންޓެނެސްކޮށް ބެލެހެއްޓުމަކީ، އެއީ އެރަށެއްގައި އިންތިހާބުކޮށްފަ އޮންނަ ކައުންސިލްގެ ޒިންމާއެއް، އައްޑޫސިޓީ ކައުންސިލަށް އެތައް މިލިޔަން ރުފިޔާއެއް ދައުލަތުގެ ބަޖެޓުން ދޭއިރުގައި މަގުގަހުންނަ ޕޮޓް ހޯލްސްތައް ހެދޭވަރުގެ މެކެނިޒަމެއް ނެތީ ވިއްޔާ އަޅުގަނޑަށް ހީވަނީ ކައުންސިލް އޮތީ ފެއިލްވެފަހެން،"
މިނިސްޓަރު ވިދާޅުވީ، ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް އެތައް މިލިޔަން ރުފިޔާއެއް ދޭއިރު، މަގެއް ހަލާކުވިޔަސް އެކަން ކޮށްދޭން ޖެހެނީ ސަރުކާރަށް ކަމަށެވެ.
"މަގެއް ހަލާކުވިޔަސް ދައުލަތުން ޖެހެނީ އެކަމެއް ކޮށްލަދޭން، ކޮބައިތޯ، ދައުލަތުން އެތައްސަތޭކަ މިލިޔަން ރުފިޔާއެއް، ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލަށް ދިނީމަ އޭގެ ފައިދާއަކީ، ކައުންސިލުން ހަމައެކަނި ތިބެންވީތޯއޭ، ރައްޔިތުންނާ ވާހަކަ ދައްކާ ބައެއްގެ ގޮތުގައި، ކޮންކަމެއްތޯއޭ ކުރަނީ އެ ފައިސާއިން،"
އެހެންކަމުން ކައުންސިލްތައް ޒިންމާދާރު ކުރުވުމަށް މިނިސްޓަރު ވަނީ މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކްރިމިނަލް ކޯޓް
އިގްތިސޯދު
ކުށް