ޔުނިވާސިޓީތަކުން ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިނާ އެއްގޮތަށް ކޯސްތައް އެކްރެޑިޓް ކުރަން އަންގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓި(އެމްކިޔުއޭ)އިން މުއްދަތެއް ދީފި އެވެ.
އެމްކިޔުއޭއިން އިއްޔެ ކުރި އިއުލާނުގައިވާ ގޮތުން 2022 އޮގަސްޓްގައި އެ އޮތޯރިޓީން ގެޒެޓްގައި ޝާއިއުކޮށްފައިވާ "ޕްރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން"ގެ ދަށުން ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ކުރިން އެޕްރޫވަލް ހޯދާފައިވާ ޕުރޮގްރާމްތަކަށް އަލުން އެކްރެޑިޓޭޝަން ހޯދަންޖެހެއެވެ.
އެކަން ވާނީ، އެމްކިޔުއޭއިން (IUL)218-Accred/218/2025/2 ނަންބަރު އިއުލާނާއި، (IUL)218-Accred/218/2026/1 ނަންބަރުގެ އިއުނުން، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒުތަކުގެ ސަމާލުކަމަށް ގެނެސްފައި ކަމަށް އެމްކިޔުއޭއިން ބުންޏެވެ.
"ނަމަވެސް، ބައެއް މަރުކަޒުތަކުން މިއަދާ ހަމައަށްވެސް މި އޮތޯރިޓީން ކުރިން އެޕްރޫވަލްދީފައިވާ އަދި ހިންގަމުން ގެންދާ ޕްރޮގްރާމްތައް މިހާރު އަމަލުކުރަމުންދާ "ޕުރޮގްރާމް އެކްރެޑިޓޭޝަން ގައިޑްލައިން"ގެ ދަށުން އެއްގޮތަކަށްވެސް އެކްރެޑިޓޭޝަން ހޯދުމަށް ހުށަހަޅާފައިނުވާކަން ފާހަގަކުރަމެވެ. މިފަދަ މަރުކަޒުތަކާއެކު މިއަހަރުގެ ތެރޭގައި ބައްދަލުވުމެއް ބާއްވަން މަސައްކަތްކޮށް ބައްދަލުކުރެވިފައިވަނީ ވަރަށް މަދު މަރުކަޒުތަކަކާއެވެ." އެމްކިއުއޭގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ ތެރެއިން 30 ވަރަކަށް މަރުކަޒާ މިހާތަނަށް ވަނީ އެ މަރުކަޒުތަކުން މިނިސްޓްރީއަށް ދީފައިވާ އީމެއިލް އަދި ފޯނުގެ ޒަރީއާއިންވެސް ގުޅޭ ގޮތް ނުވެފައި ކަމަށެެވެ.
އެ މަރުކަޒުތަކާއެކު މިހާތަނަށް މުއާމަލާތްކުރެވިފައި ނުވި ނަމަވެސް، 22 އޮކްޓޯބަރު 2027 އިން ފެށިގެން އެފަދަ މަރުކަޒުތަކުން އާ ގައިޑްލައިންގެ ދަށުން އެކްރެޑިޓޭޝަން ނުހޯދާ ޕްރޮގްރާމްތައް ބާތިލުވާނެ ކަމަށް އެމްކިއުއޭއިން ބުނެއެވެ.
ކުރިން ޕްރޮގްރާމް ހިންގުމަށް އެޕްރޫވަލް ދީފައިވާ މަރުކަޒުތަކާއެކު އާ އެކްރެޑިޓޭޝަނާ ގުޅޭގޮތުން މުއާމަލާތް ކުރެވިފައިނުވާނަމަ އެ އޮތޯރިޓީގެ [email protected] މެއިލްއަށް އަންނަ މެއި މަހުގެ 31ގެ ކުރިން އެ މަރުކަޒެއްގެ މައުލޫމާތު ހިއްސާކޮށް، މެއިލްކުރުމަށް އެމްކިޔުއިން ވަނީ އެދިފައެވެ.
ހުރިހާ މަތީ ތައުލީމު ދޭ މަރުކަޒުތަކުން ވެސް އެކްރެޑިޓޭޝަން ނުހޯދައި ހުރި ޕްރޮގްރާމްތަކަށް 22 އޮކްޓޯބަރު 2027ގެ ކުރިން އެކްރެޑިޓޭޝަނަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް އެމްކިއުއިން ވަނީ އެދިފައެވެ. އެކްރެޑިޓޭޝަން ނުހޯދާ ހުރި ޕްރޮގްރާމްތައް 22 އޮކްޓޯބަރު 2027 ގެ ފަހުން ބާތިލުވާނެކަން ތަކުރާރުކޮށް އެމްކިއުއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
ފާތިމަތު ލިއުޝާ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ