''ކޮބާ ތަނޫ؟...'' މޭޒު ކައިރިއަށް ހުއްޓުނު ހާރޫން ފެނުމާއެކު ސުމައްޔާ ސުވާލުކޮށްލިއެވެ. އެކަނި ހުރި ހާރޫން ފެނުމުން ސުމައްޔާއަށް ލިބުނީ ހައިރާންކަމާއި ނުތަނަވަސްކަމެވެ.

''ހަމަޖެހިލަބަލަ...'' ގޮނޑީގައި އިށީންނަމުން ހާރޫން ބުންޏެވެ. ''ރައްޓެހި ކުދިންތަކާ ދިމާވެގެން އެކުދިންނާ އެކުގަ ހުރީ...''

ހާރޫންގެ ޖުމްލައާއެކު ސުމައްޔާއަށް ވަށައިގެން ހޯދާލެވުނެވެ. އިހުނަށްވުރެން މީހުން ގިނަވެ މާހައުލުން ފެންނަނީ ހަލަބޮލިކަމެވެ. އެންމެންގެ ތެރެއިން ސުމައްޔާއަށް ތަނާލް ފާހަގަކުރެވޭ ގޮތެއް ނުވިއެވެ. އެއާއެކު އޭނަ ހާސްވެއްޖެއެވެ. އެހުރިހާ އިރެއް ވަންދެން އޭނަ ހިތްހަމަޖައްސާލައިގެން ހުރީ ތަނާލްއާއެކު ހާރޫން ހުންނާނެކަމުގެ ޔަޤީންކަން އޮތުމުންނެވެ.

''ކޮންބައެއްތަ؟...'' ސުމައްޔާއަށް އަހާލެވުނެވެ. އޭރު ވެސް ހަލުވިކަމާއެކު ވަށައިގެންވި މާހައުލަށް ސުމައްޔާގެ ނަޒަރު ދަތުރުކުރެއެވެ. މޭޒުމަތީ އޮތް ސުމައްޔާގެ އަތުގައި ހާރޫން ހިފާލީ ސުމައްޔާގެ މޫނަށް ވެރިވާން ފެށި ކުލަވަރުތައް ފާހަގަވުމުންނެވެ.

''ސުމައްޔާ...'' ހާރޫން ގޮވާލިއެވެ. ''އެނގެއެއްނު މަލްސާމެން، މިކޮޅަށް އަންނަނިކޮށް އެކުދިންނާ ދިމާވީ...''

''އެހެންތަ؟...'' ސުމައްޔާއަށް އަހާލެވުނެވެ. އެކިފަހަރު މަތިން މަލްސާއާއި ސުމައްޔާ ވަނީ ދިމާވެފައެވެ. އެކްސިޑެންޓަށް ފަހުގައި ތަނާލްގެ ގާތުގައި ތިބި މަދު އެކުވެރިންގެ ތެރޭގައި މަލްސާ ހިމެނުނެވެ. ނަމަވެސް ވަގުތު ދިގުލައިގެން ގޮސް ނެގިމަޑުވެފައި ހުރި ތަނާލްގެ މިޖާޒަށް ބަދަލު އައުން ލަސްވުމުން މަލްސާ ވެސް ދުރުވީއެވެ. އެކަމާ މަލްސާ ދެކެ ސުމައްޔާ ނުރުހުނަސް ޝަކުވާކުރާކަށް ބޭނުމެއް ނުވިއެވެ. ހެޔޮ އެދޭ ރަހުމަތްތެރިން ފެންނާނީ ވެސް ހާލުގައި ޖެހޭ ފަހަރުގައެވެ. ތަނާލްގެ ގާތުގައި އޭރު ތިބި އެކުވެރިން ދުރުވުމުން އެކަމުން ރަމްޒުކޮށްދިނީ މީހުންގެ ނިޔަތާއި ހިތް ފަޅި ސިކުންތުކޮޅެއްގައި ބަދަލުވެދާނެކަމެވެ. ނިކަމެތިވެ ހާލުގައިޖެހޭ ދުވަހު ރަނގަޅު މަގު ދައްކައިދޭން ތިބޭނީ ހަމައެކަނި ހުލްޤުހެޔޮ އެކުވެރިންނެވެ.

''އާނ، އެދިމާގަ އެބަތިބި...'' ހާރޫން އިޝާރާތްކޮށްލީ ބާރއާއި ދިމާއަށެވެ. ސުމައްޔާ ބަލައިލިއެވެ. އެހިސާބު ފުރާލާފައި އޮތީ ނޫކަށިފުރައިގެ ޒުވާނުންނާއިގެންނެވެ. ތަނާލް ފެންނަ ގޮތް ނުވުމުން ސުމައްޔާއަށް ލިބުނީ އިތުރު ހާސްކަމެކެވެ. ތެދަށް ބުނާނަމަ މަލްސާއާއި ދާނިޔާއަށް އޭނަ ކުރި އިތުބާރު އޮތީ ގެއްލިފައެވެ. ތަނާލްއަށް ހެޔޮ ގޮތް ވުމަށް އެދޭނަމަ ދެގޮތެއް ނުވެ ގާތުގައި ތިބީހެވެ. އެކަމަށް އެއްޗެއް ބުނަން އުޅުނު ތަނާ ހާރޫން ވާހަކަދައްކަން ފެށި އެވެ.

''ތަނޫއާއި ބައްދަލުވީމަ ވަރަށް އުފަލުން ތިބީ، އަހަންނަށް އެނގޭ ސުމައްޔާ ބުނަން ތިއުޅެނީ ކީކޭކަން، އެކަމަކު ކުދިންނަށް ކަންތައް ކުރެވުނު ގޮތުން މަޢާފަށް އެދި އެކުވެރިކަން ދެމެހެއްޓުމުގެ ފުރުސަތު ދޭން ވާނެއެއްނު... އެއީ ތަނޫއަށް ވެސް އެންމެ ރަނގަޅު ގޮތް، ދޯ ޖަމްޝީދާ؟...'' ސުމައްޔާއަށް ވިސްނައިދެމުން ހާރޫން ބަލައިލީ ޖަމްޝީދާ އަށެވެ. ކުއްލިއަކަށް އެކަމުގެ ތެރެއަށް އޭނަ ގެނައުމުން ޖަމްޝީދާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއްފަހަރު ސުމައްޔާގެ މޫނަށް އަނެއް ފަހަރު ހާރޫންގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ.

''އެބުނީ ތެދެއް، ތިހާ ވަރަށް ނުވިސްނަބަލަ...'' ޖަމްޝީދާ އެއްބާރުލުން ދިނީ ހާރޫނަށެވެ.

*****

ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތަކަށް ބަލަން އިން ތަނާލްއަށް އޭނަގެ މޭގައި ފިރުމާލެވުނެވެ. ކަރުތާފެނަށް ގެނބެމުން ދިޔަ ކަމުގެ އިހުސާސްތަކާ މުޅިން ދުރުވެވިއްޖެ އެވެ. ސިކުނޑީގައި އުފެދިފައިވި ހައިޖާންގަނޑަށް ވެސް ނިމުން އަތުވެއްޖެ އެވެ. އެހުރިހާ ކަމަކަށް ޝުކުރު އަދާކުރެވުނީ އެގޮތް ނޭނގޭ ޒުވާނާ އަށެވެ. އޭނައަށް ވެދިން އެހީތެރިކަމަށް ޝުކުރު އަދާކުރާނެ ގޮތެއް ވެސް ތަނާލްއަކަށް ނޭނގުނެވެ. އެޒުވާނާގެ ހަޤީޤަތަކީ ކޮބާ ހެއްޔެވެ؟

''ކިހިނެއްތަ އަހަންނަށް ޕެކިން އެޓޭކެއް ޖެހިގެން އުޅޭކަން އެނގުނީ؟...'' ތަނާލްއަށް ސުވާލުކޮށްލެވުނީ އޭނަގެ އަމިއްލަ ނަފުސާއެވެ. ޕެކިން އެޓޭކް ޖެހޭ ހާލަތުގައި އަމަލުކުރާނެ ގޮތްތަކަށް ރާނިޔާ ވަނީ އަޅިއަޅުވާލާފައެވެ. ނޭވާގެ ހިނގުން ހަމައަކަށް ގެނެސް ސިކުނޑިއަށް ލުޔެއް ގެނެވޭނެ އުކުޅުތަކެވެ. ނަމަވެސް އެހާލަތު މެދުވެރިވާ ހިނދުގައި ގިނަ ފަހަރު އެއިން ކަމަކަށް ސަމާލުކަމެއް ނުދެވެއެވެ. ބިރުވެރިކަމުގެ ގަދަ އޮޔެވަރުގައި ނަފުސު ބެހުމާއެކު ސަމާލުވެވެނީ ހަމައެކަނި ބިރުވެރިކަމުގެ އިހުސާސަށެވެ. މަރު އައިސް ތިމާއާއި ބައްދަލުކުރަނީ ހެން ހީވާތީއެވެ. ހިތް ހުއްޓިދާނެހެން ހީވަނީ މަދެއްކޮށެއް ނޫނެވެ. ގާތުގައި މީހަކު ނެތްނަމަ އިތުރަށް ހާލަތު ގޯސްވެއެވެ.

ތަނާލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ ޚިޔާލުތަކާ ގުޅިފައިވަނީ އިރުކޮޅެއް ކުރީގެ ހާދިސާއެވެ. އުޑަށް ވެސް ނަޒަރު ހިންގާލެވުނެވެ. އެޒުވާނާގެ ހިތްހެޔޮ މިޒާޖުން ހަނދުމަކޮށްދިނީ ހިދާން މަތިންނެވެ. އެއާއެކު މޭގައި ރިހުމެއް އުފެދުނެވެ.

ހިދާން ނޫން ފިރިހެނެއްގެ ފަރާތުން ރައްކާތެރިކަން އޭނައަށް އިހުސާސް ކުރެވުނު ފުރަތަމަ ފަހަރެވެ. އެކަމާ ދެކެންވީ ކިހިނެއްކަމެއް ނޭނގުނެވެ. އިހުސާސްތައް އޮޅުންބޮޅުން ވެއްޖެއެވެ. އަނެއްކާ ވެސް ސިކުނޑީގައި ޚިޔާލުތައް ފުނިޖެހިގެން ގޮސްފާނެހެން ހީވާން ފެށިއެވެ. އެޚިޔާލުތަކާއެކު އެކަނިވުން އެއީ ބުއްދިވެރިކަމެއް ނޫނެނެވެ. ކޮޅަށް ތެދުވެވުނީ އެހެންވެގެންނެވެ.

މަންމަމެން ގާތަށް ދިއުމަށް ތަނާލް މިސްރާބުޖެހިއެވެ. ބާރ ކައިރިން ދަނިކޮށް މަލްސާއާއި ދާނިޔާ ފެނުނެވެ. ދެއެކުވެރިން ނޫންކަމަށް ހެދިފައި ތަނާލްއާއި ދިމާއަށް ބަލައިލިއެއްކަމަކު، މިފަހަރު ތަނާލްއަށް ގޮވާކަށް ނޫޅުނެވެ. ހަޤީޤަތުގައި އެކަމަށް ތަނާލް ޝުކުރުވެރިވިއެވެ. މިރޭ އެއްކަމެއް ސާފުވެގެން ހިނގައްޖެއެވެ. އެކުވެރިއެއްގެ މަދަދަށް އިންތިހާއަށް ބޭނުންވި ހިނދުގައި އޭނައަށް އޯގާތެރިކަމުގެ އަތެއް ދިއްކޮށްލީ ބީރައްޓެއްސެކެވެ.

*****

ކަޅުކުލައިގެ ސޫޓްގެ ޖީބަށް ފޯނުލަމުން ޒަރާރް ގޮސް އިށީނީ ޕޯޑިއަމާއި ކައިރީގައި ހުރި މޭޒެއްގެ ދޮށުގައެވެ. އެމޭޒު ޒީނަތްތެރި ކޮށްފައިވަނީ މެހެމާމުންނަށް ހާއްސަ ކުރެވިފައިވާ މޭޒުތަކާއި ތަފާތުވާނެހެންނެވެ. މޭޒު މަތީ އަޅާފައި އޮތް ސެޓިން ފޮތީގެ ކުލައިން ފެށިގެން ގޮސް މޭޒުމަތީ ބަހައްޓާފައި ހުރި މަލުގެ ގުލްދަސްތާތަކާއި ނެޕްކިން ވެސް ތަފާތެވެ. ޝާހީ ކަމުގެ ކުލަވަރެވެ.

''ކޮންތާކަށް ގޮސްފަތަ ތިއައީ؟، ކާފަ އުޅުނު ދަރިފުޅު ވީތަނެއް ނޭނގިގެން...'' މޭޒު ދޮށުގައި އިން އުމުރުން ދުވަސްވީ އަންހެންމީހާއަށް ޒަރާރް ފެނުމާއެކު ސުވާލުކޮށްލިއެވެ. ޒަރާރް ފެނުމާއެކު، މުސްކުޅިވެ ރޫގިނަވެފައިވި މޫނަށް ވެރިވި އުޖާލަކަމުން ޒަރާރްއަށް އެހިތުން ދެވިފައިވާ ހާއްސަ މަޤާމު ބަޔާންކޮށްދެއެވެ.

''މާމައަށް ދެން އެނގެއެއްނު، އަޅުގަނޑު ފެނުނީމަ އެންމެން އަންނަނީ އަޅުގަނޑު ފަހަތުން، ހާއްސަކޮށް އާންޓީސްމެން، ކޮންމެ މީހަކު ވެސް އެމީހެއްގެ ދަރިފުޅު ތަޢާރަފްކޮށްދޭން އުޅެނީ...'' ސަމާސާ ރާގަކަށް ޒަރާރް ބުންޏެވެ.

''އެހެންތަ؟... ނިކަން މާމައަށް ދައްކާލަބަ، ކޮންމެކޮންމެ އަންހެންކުއްޖަކަށް މާމަގެ ޒަރާރްއެއް ނުލިބޭނެ...'' ސަރުވާ ބުންޏެވެ. ''ދެން އެހެންވެއްޖެޔާ އަންނާނީ މާމަ ގާތަށް، އޭރަށް ނުކެރޭނެ ދަރިފުޅަށް އުނދަގޫ ކުރާކަށް...''

''އެހެންވެއެއްނު އަވަހަށް މާމަ ގާތަށް މިއައީ...'' ޒަރާރްއަށް ހެވުނެވެ.

ތުރުތުރުލުމެއް އެކުލެވިގެންވި ކަނާއަތްތިލަ އުފުއްލާލަމުން ޒަރާރްގެ މޫނުގައި ސަރުވާ ފިރުމާލިއެވެ. ލޯތްބާއި ކުލުނުން ފުރިގެންވި ހަރަކާތަކެވެ. ޒަރާރްގެ ގަދަ ހޭޒަލް ކުލައަށްދާ ދެލޮލަށް ދިން ނަޒަރާއެކު ސަރުވާގެ މޫނަށް މޮޅެވެރިކަމުގެ އަސަރު ގެނުވިއެވެ. ޒަރާރްއަކީ މަސްރޫރުގެ ޒުވާން އުމުރުގައި މަސްރޫރުގެ ކޮޕީއެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެދިގު އިސްކޮޅެވެ. އަންހެންކުދިންގެ ހިތްތަކާ ކުޅެލާނެ ފަދަ ބާރެއް ލިބިގެންވި ފިރިހެންވަންތަ ސޫރައެވެ. އެޝަހުސިއްޔަތެވެ. ނަމަވެސް މަސްރޫރާއި ޒަރާރް ވަކިކޮށްދޭ ސިފަތައް މަދެއް ނޫނެވެ. މަސްރޫރާއި ޚިލާފަށް ޒަރާރްއަކީ މީހުންނާ ގުޅޭ އެކުވެރި މިޒާޖެއްގެ ޒުވާނެކެވެ. އަބަދުމެ ހިނިތުންވުމެއް އެތުންފަތުގައި ވާނެއެވެ. ދެކަފިވެގެން އަންނަ މިޒާޖުގެ އިތުރުން ޒަރާރްގެ ދެލޮލުގެ ކަޅިއަކީ، ޒަރާރްއަށް އޭނަގެ މަންމަ ޒާރާގެ ފަރާތުން ލިބުނު ހަދިޔާއެކެވެ. އެންމެ ބޮޑަށް ފާހަގަ ވަނީ އެދެލޮލެވެ. ސަރުވާގެ މޭގައި އުފަންވި ޖަޒުބާތުތައް މާޒީއާއި ގުޅުނީ އެހެންވެގެންނެވެ. އެއްއިރެއްގައި އުފާވެރިކަމުގެ މަހިނޫރުން ބެބުޅި ދެލޮލުގެ ހަނދާންތައް އާލާވުމުންނެވެ. މާޒީ ބަދަލުކުރެވޭނެނަމަ އޭނަ އެކަމެއް ކުރިތާ ކޮން ދުވަހެއް ހެއްޔެވެ؟ އެހެނަސް އިހާލީ ޤާނޫނަކީ އިންސާނުންނަށް ބާރުފޯރުވޭނެ އެއްޗެއް ނޫނެވެ. ތަޤުދީރުގައި ލިޔެވިފައިވާ ގޮތެއް ބަދަލެއް ނުކުރެވޭނެއެވެ.

''މާމާ...'' މިލާމޯޅިވެގެން އައި މާމަގެ މޫނު ފެނުމުން ޒަރާރްއަށް ގޮވާލެވުނެވެ. ވެރިވި ހިމޭންކަމުގެ ތެރެއިން މާމަގެ އިހުސާސްތައް ޒަރާރްއަށް ދޭހަކުރެވުނެވެ. މާމަގެ އަތުގައި ޒަރާރްއަށް ހިފާލެވުނީ އެހެންވެގެންނެވެ.

''އަޅުގަނޑު މިއައީނު، ދެން މާމައާއި ދުރަކަށް ނުދާނަމޭ، މާމައާއި ކާފައަށް އަޅުގަނޑުވި ވަޢުދުތަކުގައި ދެމިހުންނާނަމޭ...'' ޒަރާރްގެ ދިނީ ޔަޤީންކަމެވެ.

''އެނގޭ މާމަގެ ބަސް ދަރިފުޅު ޤަބޫލުކުރާނެކަން............... މާޒީ ބަދަލުކުރެވޭނެނަމައޭ މާމަގެ ހިތަށް އަރާ، އޭރުން ދަރިފުޅު މާމަމެންނާ ދުރުގަ ބޮޑުވާކަށް ނުޖެހުނީސް...'' ސަރުވާއަށް ދޫކޮށްލެވުނީ އުދާސްކަމުގެ ނޭވާއެކެވެ. މިރޭ އާދަޔާ ޚިލާފަށް އޭނަ ޖަޒުބާތީ ވެއްޖެއެވެ.

''މާމައެއް ނޫންތަ އަޅުގަނޑަށް ނަސޭހަތްތެރިވީ މާޒީން އިބުރަތް ހަދައިގަނެ މުސްތަޤުބަލާ ކުރިމަތިލާން، މިއަދު އަޅުގަނޑު މިހިރީ މާމަގެ އެދުމުގެ މަތީގައި ކުރިއަށްދާން، އިރާދަކުރެއްވިއްޔާ ހީނަރުވެގެން ގޮސްފައިވި ހުރިހާ ގުޅުމެއް އަޅުގަނޑު ރަނގަޅުކޮށްދޭނަން، މާމައާއި ދުރުގައި ހޭދަކުރެވުނު ވަގުތުތައް ހޯދައި ނުދެވުނަސް ދެން މާމައާއި ދުރަކަށް ނުދާނަން...'' ޒަރާރްގެ އަޑުގައިވި ސާބިތުކަމުން ސަރުވާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ދުލުން ބުނަން ފަސޭހަ ވިޔަސް އެކަމުގައި ހުރި ގިނަގުނަ ގޮންޖެހުންތައް ތަސައްވަރުކުރެވޭތީއެވެ.

ސަރުވާގެ ލޮލުގެ ހިމަކޮޅުން ފޭބި ކަރުނަ ފޮހެލަދިނީ ޒަރާރް އެވެ. ދެފަރާތަށް ބޯހޫރާލީ އިތުރަށް އެފަދަ މަންޒަރެއް ފެންނަން ބޭނުންނުވެޔޭ ބުނާ އުސޫލުންނެވެ.

ޒަރާރްގެ އަތުގައި ބާރަށް ސަރުވާ ހިފާލި އެވެ. އަދި ފުޅާ ހިނިތުންވުމެއް ބަދަލުކޮށްލި އެވެ.

''ދެން އަވަހަށް ކާފަ ގާތަށް ދާން އުޅޭ، ދަރިފުޅު ވީތަނެއް ނޭނގިގެން ކާފަ ސުވާލުކުރީމަ ގުޅަން ޖެހުނީ، ހަފްލާ ފެށޭއިރު ކާފަ ގާތުގަ ހުންނަންވާނެ...'' ސަރުވާ ބުންޏެވެ.

މާމަގެ އަތްތިލައަށް ބޮސްދެމުން ޒަރާރް ގޮނޑިން ތެދުވިއެވެ. ކާފަ ގާތަށް ދާން އުޅެނިކޮށް މާމަ ގޮވާލުމުން ޒަރާރް ހުއްޓުނެވެ.

''ރަހުމާމެންނަށް ގުޅިންދޯ؟...'' ސަރުވާ ސުވާލުކޮށްލިއެވެ. ރަހުމާއަކީ ޒަރާރްގެ މަންމަ ފަރާތު ބޮޑުދައިތައެވެ. ޒާރާގެ ކޮއްކޮއެވެ.

ޒާރާއާއި މަސްރޫރުގެ ކައިވެނި ރޫޅި ދެފަރާތުގެ ޢާއިލާގައި އުފެދުނު ބޮޑު ހައިޖާންގަނޑުގެ ތެރެއިން ޒަރާރް ސަލާމަތްކޮށްދިނީ ރަހުމާ އެވެ. މިއަދު ޒަރާރް ފުރާފުރިހަމަވެ ރަނގަޅު ޝަހުސިއްޔަތެއްގެ ވެރިއަކަށް ވެފައިވަނީ ރަހުމާ ދިން ރަނގަޅު ތަރުބިއްޔަތުގެ ސަބަބުންނެވެ. އެކަމުގެ ހުރިހާ ޝުކުރެއް ލިބެން ޖެހޭނީ ރަހުމާ އަށެވެ. އަޒީލާގެ ނުރުހުމާއި ނަފްރަތުގެ ހިޔަނީގެ ތެރޭގައި ޒަރާރް ބޮޑުވުމުގެ ޖާގައެއް ރަހުމާ ނުދިނީތީއެވެ. ޢާއިލީ ހަމަނުޖެހުމުން ޒަރާރް ސަލާމަތްކޮށްދިނީތީއެވެ.

''ލައްބަ...'' ޒަރާރް ބުންޏެވެ.

''މިރޭގެ ހަލްފާ އިންތިޒާމުކުރެވުނު ސަބަބު ރަހުމާއަށް އެނގޭތަ؟...'' އޮޅުންފިލުވުމުގެ ނިޔަތުގައި ސަރުވާ އެހިއެވެ.

''އަޅުގަނޑު ބުނިން...'' ޒަރާރް ޖަވާބު ދިނެވެ.

''ކީކޭތަ ބުނީ؟...'' އިތުރު ސުވާލެކެވެ.

''ހިތްހަމަނުޖެހިފަ ހުރީ...'' ދޮގު ހެދުމުގެ ބަދަލުގައި ޒަރާރް ހާމަކުރީ ތެދެވެ.

''އެހެންވެންތަ ރާއްޖަ ނައީ؟...'' ސަރުވާއަށް ޖަވާބު އެނގޭ ހާލުގައި ވެސް އެހިއެވެ. ރަހުމާއާއި ފިރިމީހާ އަލީ ދިރިއުޅެނީ ރާއްޖޭން ބޭރުގައެވެ. އެއީ ޒަރާރްއަށްޓަކައި ރަހުމާ ވި ޤުރުބާނީއެކެވެ. އަޒީލާގެ ހިޔަނި ވެސް ޒަރާރްގެ ދިރިއުޅުމަށް އެޅެން ރަހުމާ ބޭނުމެއް ނުވިއެވެ. މެލޭޝިޔާއަށް ދިރިއުޅުން ބަދަލުކޮށް މިހުރިހާ ދުވަހު ޒަރާރް ވެސް ދިރިއުޅުނީ މެލޭޝިޔާގައެވެ. ރާއްޖެ އައުމުގެ ހުއްދައެއް މިވީހާ އަހަރު ތެރޭގައި ޒަރާރްއަށް ރަހުމާ ދީފައެއް ނުވެއެވެ. ޒަރާރްއާއި ބައްދަލުކުރަން ސަރުވާއާއި ޖާބިރު ދާން ޖެހެނީ މެލޭޝިޔާއަށެވެ. މަސްރޫރަށް އޭނަގެ ފިރިހެންދަރިފުޅާ ބައްދަލުކުރުމަށް ރަހުމާ ދެކޮޅެއް ނަހަދައެވެ. ޒަރާރްގެ ބައްޕައަށް މަސްރޫރު ވީތީއެވެ. އެހެންކަމުން އެގުޅުމަށް އާރޯކަން ގެނެސްދިނުމުގެ ފުރުސަތު ރަހުމާ ދިނެވެ. ނަމަވެސް އެއްބާރުލުން ނުލިބުނީ މަސްރޫރުގެ ފަރާތުންނެވެ. މެލޭޝިޔާއަށް ދާ ދަތުރުތަކުގައި މަސްރޫރު ބައިވެރިކުރަން ޖާބިރާއި ސަރުވާ މަސްކަތްކުރިޔަސް މިއަދާ ހަމައަށް އަލިމަގެއް ލިބިފައެއް ނެތެވެ. އެކަމާ ސަރުވާ ކުރާ ހިތާމަތައް ފެނި ޖާބިރު ހުންނަނީ މަސްރޫރު ދެކެ ރުޅި އައިސްފައެވެ. ދެބަފައިންގެ ގުޅުން ގޯސްވެފައިވި ސަބަބުތަކުގެ ތެރެއިން ބޮޅެކެވެ.

''މާމާ، އަޅުގަނޑު ހުރިހާ ކަމެއް ހަމައަކަށް އަޅުވަން މަސައްކަތްކުރާނަން...'' ޒަރާރް ބުންޏެވެ. އިންތިހާއަށް ވަރުބަލިވެހައި ހުއްޓަސް މޫނުން ފާޅުވިޔަކަ ނުދިނެވެ.

''މާމައަށް އެނގޭ، ދެން ދަރިފުޅު އަވަހަށްދޭ...'' ޖާބިރުގެ ގާތަށް ދިއުމަށް ސަރުވާ އެދުނެވެ. ޒަރާރް ދިޔަ ދިމާއަށް ބަލަން ސަރުވާ އިނީ މޮޅިވެރިކަމާއެކުގައެވެ.

''ޒާރާ... ދަރިފުޅު ދުނިޔޭގައި ހުރިނަމަ ފަހުރުވެރިވާނެ ފަދަ ކުއްޖެއް ޒަރާރްއަކީ، ވެދިޔަ ކަންތަކަށް ފަހުގައި ވެސް އެދަރިފުޅުގެ މޫނުން ރުޅިވެރިކަމާއި ނުރުހުމުގެ ޒައްރެއްގެ މިންވަރު ވެސް އަހަރެން ނުދެކެން، އަޒީލާއާއި ކުރިމަތިލީ މަޑުމައިތިރިކަމާއެކު... އެދަރިފުޅަށް ލިބިފައި އެވަނީ ޒާރާގެ ހިތްހެޔޮކަން، އަހަރެން ކަންބޮޑުވަނީ ކުރިމަތިވާނެ ގޮންޖެހުންތަކުން އެދަރިފުޅުގެ އަޒުމަށް ގުޑުން އަރާފާނެތީ، ޖާބިރު ހަވާލުކުރަން އެއުޅެނީ އާދައިގެ މަސްޢޫލިއްޔަތެއް ނޫން، ޒަރާރްއާއި ދެކޮޅުވެރިވާނެ މީހުން ގިނަ، އަހަރެންގެ ދުޢާއަކީ އެދަރިފުޅުގެ މަސައްކަތްތައް ﷲ ފަސޭހަކޮށްދެއްވުން، އެދަރިފުޅަށް ސާބިތުކަން ލިބުން، މަސްރޫރާއި އޮތް ގުޅުން ރަނގަޅުވުން، ދެފަރާތުގެ ޢާއިލާ ސުލްހަވުން، އެދުވަސް ދުށުމުގެ ނަސީބު ލިބޭނެބާ؟...'' ސަރުވާއަށް ބުނެވުނެވެ.

*****

ޖާބިރު ހުރީ ޕޯޑިއަމަށް އަރަން ހުރި ސިޑި ކައިރީގައެވެ. ސަރުވާ އިންޑަސްޓްރީސްގެ ބޯޑު މެންބަރުންނާއެކުގައެވެ. ހުދުކުލައިގެ ގަމީހަކާއި ނޫކުލައިގެ މުންޑެއްގައި ހުރިކަމުގައި ވިޔަސް ޖާބިރަށް ކޮންމެ މީހެއްގެ އިހުތިރާމާއި ޤަދަރުލިބިފައި ވެއެވެ. ވެރިމީހާދެކެ ޖެހިލުންވުމަށް ވުރެން ބޮޑަށް ޤަދަރާއި އިއްޒަތް ލިބިފައިވަނީ ޖާބިރުގެ މިންނެތް މަސައްކަތުންނެވެ. ބުރަ މަސައްކަތުން ދާއޮހުރުވައިގެން ރާއްޖޭގެ އެންމެ މަޝްހޫރު ކުންފުންޏަކަށް ސަރުވާ އިންޑަސްޓްރީސް ހެދީވެސް ޖާބިރުގެ ނުގުޑާ އަޒުމުންނެވެ.

ކާފަ އޭނަ ދެކެ ވާލޯބި ޒަރާރްއަށް އަބަދުމެ އިހުސާސް ވެއެވެ. ވިޔަފާރީގެ ދާއިރާއިން މާސްޓާސް ނިމުމާއެކު ރާއްޖެ ބަދަލުވުމުގެ ވިސްނުން ނެތަސް، އެނަޒަރިއްޔާތު ބަދަލޮކޮށްލަން ޖެހުނީ ކާފަގެ އެދުމަށެވެ. ކާފަގެ ހުށަހެޅުން ބޮލާލައިޖެހުމުގެ ހިތްވަރެއް ޒަރާރްއަކަށް ނިލިބުނެވެ. ހަމައެއާއެކު ކާފަގެ ހުވަފެންތަކާއި އުއްމީދުތައް ވިއްސިވިހާލިވެގެންދާ މަންޒަރު ބަލަން ހުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ކާފަގެ ހުށަހެޅުން ޒަރާރް ޤަބޫލުކުރީ ފުންކޮށް ވިސްނާފައެވެ. ރަހުމާގެ ދެކޮޅުވެރިކަމާއެކުގައި ވެސް މެއެވެ. އެކަމުން އޭނަގެ ހިތަށް އުނދަގޫ ވިޔަސް، މަރުބަލީގައި މަންމަ ކުރި ވަސިއްޔަތް ފުރިހަމަކޮށްދޭން ޖެހިފައިވުމުން ރާއްޖެ އައުމަށް ގަސްދުކުރީއެވެ.

ޒަރާރްގެ ފިޔަވަޅުތަކަށް ލަސްކަމެއް ވެރިވީ މަސްރޫރު ފެނުމުންނެވެ. ކާފަގެ ފަހަތުގައި ހުރި މަސްރޫރަށް ޒަރާރް ބަލައިލީ ޖެހިލުންވުމާއެކުގައެވެ. އުމުރުގެ ބޮޑުބައި ޒަރާރް ހޭދަކުރީ އެބައްޕައާ ދުރުގައެވެ. އޭގެ ސަބަބުން އެހިތް ފުރިފައިވަނީ ޝަކުވާތަކުންނެވެ. ބައްޕަގެ ލޯތްބާއި ކުލުނަށް އޭނަ ފެންބޮވައިގެންފައިވާ މިންވަރު އިހުސާސްނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ރުހުމާއެކު އޭނައާއި ދިމާއަށް ބަލައިލާނެ އިރެއްގެ އިންތިޒާރުގައި ހުރިކަން ހަމަ ނޭނގެނީ ހެއްޔެވެ؟

އުމުރުން ދިހަ އަހަރުގައި އޭނަގެ މުޅި ދުނިޔެ އެފުށްމިފުށަށް ޖެހިގެން ދިޔައެވެ. ކަންތައް ވީ ގޮތް ވިސްނައިގަންނަން އޭރު ޒަރާރްގެ ޅަސިކުނޑި ނުކުޅެދުނެވެ. މަންމައަށް ދިމާވި ހާލަތެވެ. ދެޢާއިލާގެ ގުޅުމަށް އައި ވަރުގަދަ ޒަލްޒަލާއެވެ. ކޮއްކޮއެއް ލިބޭތީ އުފަލާއެކު ގުނަމުން ދިޔަ އިންތިޒާރަށް އައި ހިތި ނިމުމެވެ. މަންމައަށް ކުއްލިއަކަށް ދިމާވި ހާލަތުން ކޮއްކޮއަށް ދުނިޔެއަށް ނޭވާލުމުގެ ނަސީބެއް ވެސް ނުލިބުނެވެ. ނިއުޅެމުން ދިޔަ މަންޒަރުތަކުގެ ބޮޑު ތަސްވީރު ޒަރާރްއަށް ފެންނަ ގޮތެއް ނުވިއެވެ. މަންމަގެ ކަރުނަތަކާއި ގިސްލުންތަކެވެ. ނިމުމެއް ނުވާ ހިތާމަތަކެވެ. އެދުވަސްވަރު ފެނުނު ބޮޑުދައިތަގެ ރުޅިވެރިކަމެވެ. ހުރިހާ ކަމަކަށް ހައްލު ހޯދަން އުޅުނު މާމައާއި ކާފަ އެވެ. އެހައިޖާނުން ޒަރާރްގެ ފުރާވަރުގެ މައުސޫމްކަން ރަހުމަކާ ނުލާ ފޭރިގަތެވެ. ހިމޭންކަމުގެ ދުނިޔެއަށް މަންމަ ގެނބެމުންދާ މަންޒަރު ބަލަން މަޖުބޫރުވިއެވެ. މަންމަގެ ހިތާމަތަކާއި ގުޅިފައިވަނީ ބައްޕަކަން ދޭހަކުރެވުނު ހިނދު މަންމަގެ ގާތަށް ބައްޕަ އައުމަށް އެދެވުނެވެ. ޚުދު އޭނައަށް ވެސް ބައްޕަގެ ލޯތްބާއި އަޅާލުން ބޭނުންވެފައިވީތީއެވެ. ނަމަވެސް އެދުވަސް ދުށުމުގެ ނަސީބެއް ޒަރާރްއަކަށް ނުލިބުނެވެ. މަންމަގެ ގިލަންވެރިކަމަށް ނިމުމެއް ނައެވެ. އެކަމުން މަންމަ ބަލިކަށިވީ މަންޒަރު ބަލަން މަޖުބޫރުވިއެވެ. ބައްޕައާ މެދު ހިތުގައި އެތައް ހާސް ޝަކުވާއެއް ފުނިޖެހުނެވެ. އޭނައާއި މަންމައަށް ވުރެން އެހެން ޢާއިލާއެއް ބައްޕައަށް މުހިންމުވެއްޖެކަން އެނގުނީ ބޮޑުދައިތަގެ ފަރާތުންނެވެ. އިންތިހާއަށް ހިތުގައި ޖެހުނެވެ. ހިމޭންކަމާއެކު މަންމަގެ ލޮލުން އޮހޮރުނު ކަރުނަތައް ފޮހެން މަޖުބޫރުވީ ޒަރާރް އަށެވެ. ނަފުސާނީ ގޮތުން ބަލިކަށިވެ ދާއިމީ ބަލި މީހަކަށް މަންމަ ވީ ދުވަހު މަންމައަށް އަޅާލުމާއި ލޯބި ދޭން ޖެހުނީ ވެސް ޒަރާރް އަށެވެ.

ޒަރާރްއަށް ހިތްވަރާއި މައިވަންތަކަމުގެ ލޯބި ލިބުނީ ބޮޑުދައިތަގެ ފަރާތުންނެވެ. ބައްޕައެއްގެ ފަރާތުން ލިބެންޖެހޭ ރައްކާތެރިކަމާއި އޯގާތެރިކަން ލިބުނީ ބޮޑުދައިތަގެ ފިރިމީހާގެ ފަރާތުންނެވެ. މުޅި ދުނިޔެ ބަނަވަމުން އައި އަނދިރީގެ ބޯފަރުދާތައް އުއްމީދުގެ ދޯދިތަކުން ފޫއަޅުވާލީ ދެނެވެ. ނުރުހުމާއި ނަފުރަތުގެ ނޭދެވޭ ސިފަތައް ދޫކޮށްލަން މަޖުބޫރުވީ އެހެންވެގެންނެވެ. އެގޯސް އިހުސާސްތަކުގެ އަސަރު އޭނަގެ ސިކުނޑިއަށް ސަވާރުވާން މަންމަ ނޭދޭތީއެވެ. މަޢާފްކުރުމުގެ ރީތި އާދަ އޭނައަށް ދަސްވީ ވެސް މަންމަގެ ފަރާތުންނެވެ. ބަލިމީހަކަށް ވިޔަސް އެމަންމަގެ ހުރި ހިތްވަރަކުން އޭނައަށް ރަނގަޅު މަގު ހޯދައިދޭން މަސައްކަތްކުރި އެވެ. ފަހަރެއްގައި ބައްޕައަށްޓަކައި ހިތުގައި ނަފުރަތުގެ ހުޅުކޮޅު ރޯނުވީ އެހެންވެގެންނެވެ. މަރު ބަލީގައި ވެސް މަންމަ ކުރި ވަސިއްޔަތަކީ ބައްޕައަށް މަޢާފްކޮށްދިނުމަށެވެ. ބައްޕަ ކުށްވެރިކުރުމުގެ ބަދަލުގައި ފުރުސަތެއް ދިނުމަށެވެ.

ޒަރާރްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ކުރިއަށް ޖެހިލަން އުޅުނު ވަގުތު، ފިޔަވަޅުތައް މަޑުޖައްސާލެވުނީ ޕޫލާއިވީ ފަޅީގައި ހުރި ދޮރުން ވަދެގެން އައި އަންހެއްކުއްޖާ ފެނުމުންނެވެ. އެއާއެކު ޒަރާރްގެ ނަޒަރު އެއަންހެންކުއްޖާއަށް ހުއްޓުނެވެ. ފަރުވާތެރިކަމާއެކުގައި ޒަރާރް ބެލިއެވެ. އެއީ ހަމަ އެއަންހެންކުއްޖާއެވެ. ކަބާނާތައް ކައިރިން ބައްދަލުވި އަންހެންކުއްޖާއެވެ.

ޕޫލް ކައިރީ ހުރި ސިޑިން ފައިބަން ޒަރާރް އުޅުނީ އޭނަގެ ފަހަތުން އުޅުނު އަންހެންކުއްޖަކަށް ފިލަން ވެގެންނެވެ. ފަހަރެއްގައި ވެސް އެތަނުގައި އިތުރު މީހަކު ހުރެދާނެ ކަމަކަށް ޒަރާރް ހިޔެއް ނުކުރެއެވެ. އެކަނިމާއެކަނި އިން އަންހެންކުއްޖާ ފެނުމުން ޒަރާރް ޝައުޤުވެރިކަން ހުއްޓުނީ އެހެންވެގެންނެވެ. ފަނޑުއަލިކަމުގެ ތެރެއިން ވެސް ފާހަގަ ކުރެވުނު އެރީތިކަމަށް ވުރެން ބޮޑަށް، ޒަރާރްގެ ސަމާލުކަން ހޯދީ އެއަންހެންކުއްޖާ އިން ނާޒުކު ހާލަތެވެ. ހަށިގަނޑުގައި އަޅަމުން ދިޔަ ރޫރޫއާއި ކޯތާފަތުން ރޮނގުދަމާލި ކަރުނަ އެވެ. ތުރުތުލުން އުފެދިފައިވި ދެއަތުން މޭގައި ފިރުމަން އުޅުނީ ނޭވާލާން އުނދަގޫވެފައިވާ ފަދައަކުންނެވެ. އެކުއްޖާގެ މަދަދަށް ޒަރާރްއަށް ދެވުނީ ފެންނަމުން ދިޔަ މަންޒަރުގެ ފަހަތުގައިވި ސަބަބު ނަގައިގަނެވުމުންވެ. ތަކުރާރުކޮށް އެމަންޒަރުތައް މަންމަގެ ފަރާތުން ފެނިފައިވުމުންނެވެ. އެއަންހެންކުއްޖާއަށް ޓަކައި ޒަރާރްގެ ހިތް ފުރިގެން އައީ ހަމްދަރުދީންނެވެ.

ހަމަޖެހުމުގެ އަސަރު މިހާރު އެއަންހެންކުއްޖާގެ މޫނުން ޒަރާރް ދުށްޓެވެ. އެއާއެކު ޒަރާގެ ތުންފަތަށް މައުނަވީ ހިނިތުންވުމެއް ވެރިވިއެވެ. އެއަންހެންކުއްޖާއަށް އެހީވެވުނީތީ އެކަމުގެ އުފާވެރިކަމެވެ. ޒަރާރްގެ ނަޒަރު އެއަންހެންކުއްޖާއާއި ވަކިކޮށްލަން މަޖުބޫރުވީ ކާފަ ގޮވާލުމުންނެވެ.

(ނުނިމޭ)