ޓްރީ ޓޮޕް ހޮސްޕިޓަލުގެ މިއަހަރުގެ ފުރަތަމަ ހެލްތު ކޭމްޕް ށ. ފުނަދޫގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

އެ ހޮސްޕިޓަލުން ނެރުނު ނޫސް ބަޔާނުގައިވާ ގޮތުން، މިމަހުގެ 10 އިން 11 އަށް ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޭމްޕަކީ ށ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ހިންގި ހަރަކާތެކެވެ. މި ކޭމްޕުގެ މައިގަނޑު މަގުސަދަކީ މާލެއަށް ދަތުރުކުރުމުގެ ބަދަލުގައި ރަށުގައި ތިބެގެން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތާއި ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ މަޝްވަރާ ހޯދުމުގެ ފުރުސަތު އެ ސަރަހައްދުގެ ރައްޔިތުންނަށާއި ރިސޯޓު މުވައްޒަފުންނަށް ފަހިކޮށްދިނުމެވެ.

އެ ހޮސްޕިޓަލުން ބުނީ މި ކޭމްޕުގައި 350 މީހުން ބައިވެރިވި ކަމަށެވެ. މިއީ އަތޮޅުތެރޭގެ ރަށްތަކަށް އަމާޒުކޮށްގެން ޓްރީ ޓޮޕް ހޮސްޕިޓަލުން ކުރިއަށްގެންދިޔަ 17 ވަނަ ސިއްހީ ކޭމްޕެވެ. މި ހަރަކާތްތަކުގެ ޒަރީއާއިން މިހާތަނަށް 4000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ އެހީތެރިކަމާއި ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ށ. އަތޮޅުގައި ބޭއްވި ހެލްތު ކޭމްޕްގެ ތެރެއިން -- ފޮޓޯ/ ޓްރީ ޓޮޕް ހޮސްޕިޓަލް

މި ކޭމްޕުގައި ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަތް ހާއްސަ ޑޮކްޓަރަކު ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ކަށީގެ ބަލިތަކާއި، ނާރުގެ އޮޕަރޭޝަނާއި، ހަމުގެ ބަލިތަކާއި، ހޯމޯންގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރުން ހިމެނެއެވެ.

ކޭމްޕްގައި ބައިވެރިވެވަޑައިގެންނެވި ޑޮކްޓަރުން:

  • ކަށީގެ ބަލިތައް (އޮތޮޕީޑިކް) - ޑރ. މުހައްމަދު ހަބީބު އަދި ޑރ. އަލީ މުޒްނީ
  • ނާރުގެ އޮޕަރޭޝަން (ނިއުރޯސާޖަރީ) - ޑރ. އަނީޝް މާން ސިންގް
  • ހަމުގެ ބަލިތައް (ޑާމަޓޮލޮޖީ) - ޑރ. އަނޫ އަގަރްވާލް
  • ހޯމޯންގެ ބަލިތައް (އެންޑޯކްރިނޮލޮޖީ) - ޑރ. ޕަންކަޖް ޕަޓަވާރީ
  • ފުއްޕާމޭގެ ބަލިތައް (ޕަލްމޮނޮލޮޖީ) - ޑރ. ނަޒްމީ ލަތީފް
  • ކުޑަކަމުދާ ނިޒާމުގެ ބަލިތައް (ޔޫރޮލޮޖީ) - ޑރ. މެހެމެތު އޮޑާ

ބަލިމީހުންނަށް ފަރުވާ ދިނުމުގެ އިތުރުން ށ. އަތޮޅު ހޮސްޕިޓަލުގެ މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ހާއްސަ ސެޝަންތަކެއް ވެސް ބާއްވާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މި ހަރަކާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމުގައި ށ. އަތޮޅު ހޮސްޕިޓަލާއި ފުނަދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ އެއްބާރުލުން ލިބިފައިވާ ކަމަށް އެ ނޫސް ބަޔާނުގައިވެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ. އެންމެ ޒަމާނީ ޓެކްނޮލޮޖީ އާއި ފުރިހަމަ ލެބޯޓަރީ ހިދުމަތްތަކާއެކު، ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ އަމާޒަކީ ރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ސިއްހީ ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.