ސިޔާސީ ޕާޓީން ވަކިކޮށްގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހާބެހޭ ގާނޫނު އަދި ވުޖޫދުގައި ނެތް ކަމަށް ދައުލަތުން ބުނެފިއެވެ.
ދައުލަތުން މިހެން ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެންބަރުންގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް 2024 ވަނަ އަހަރު ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ.
އެ ބަދަލު ސައްހަކަމަށް ވަކާލާތު ކުރައްވަމުން މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ، އެ އިސްލާހަށް އަމަލުކުރެވޭނީ އޭގައި ބަޔާންކުރާ ގާނޫނު ވުޖޫދުވެގެން ކަމަށާއި އެއީ އަދި ވުޖޫދު ނުވާ ގާނޫނެއް ކަމަށެވެ.
"ފުރަތަމަ ބައިގައި ކުރިއަށް އޮތް މަޖިލީހަށް ހޮވޭ މެންބަރަކު އަމަލު ކުރާ ގޮތަކުން ޕާޓީގެ ގޮނޑި ގެއްލޭކަމަށް މި ބުނާ ވާހަކަ، ދެވަނަ ބައިގައި މި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، އެއީ މިހާރު ކުރިއަށް މިދާ މަޖިލީހުގެ މެންބަރަކު އަމަލު ކުރާގޮތަކުން އެބޭފުޅުންގެ ގޮނޑި ގެއްލޭ ހާލަތެއް މެދުވެރިވާކަން، ތިންވަނަ ބައިގައި މި އޮންނަނީ އަމިއްލަައަށް ކުރިމަތިލައްވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގެންފިނަމަ އެ ބޭފުޅެއްގެ ގޮނޑި ގެއްލޭ ވާހަކަ، އެކެއް އަދި ދޭކަށް ބަލައިލި ނަމަވެސް އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި އުމުރުގެ ތެރޭގައި ފުރަތަމަ ކަމަށް މި އޮންނަނީ އެ މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން، އެއީ އޭގެ އެއް ހާލަތު، ދެވަނައަށް މި އޮންނަނީ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކި ކުރުން، މީގަ އެބަ އާދޭ ގާނޫނެއްގެ ވާހަކަ އަދި މީގަ މި ބުނާ ގާނޫނެއް ވުޖޫދު ވެފައެއް ނެތް،"
ވަކީލު ވިދާޅުވީ، ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހުގެ ސަބަބުން މަޖިލީހުގެ މިނިވަންކަން ނުގެއްލޭ ކަމަށާއި އިސްލާހު ގެނެސްފައިވަނީ މެންބަރުން ވަކިކުރުމުގެ މުޅި ބާރު ޕާޓީތަަކަށް ލިބިދޭ ގޮތަށް ނޫން ކަމަށެވެ.
އޭނާގެ އެ ނުކުތާއަށް ބާރު ދިނުމުގެ ގޮތުން ފާހަގަކުރެއްވީ ވެސް އެ އިސްލާހުގައި އޮންނަނީ ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ޕާޓީން ވަކިކުރުމުން ކަމެވެ.
އިބްރާހިމް ޒަކީ
ސުޕްރީމް ކޯޓް