ނެޓްފްލިކްސްއިން ގެނެސްދޭ އެންމެ މަގުބޫލު އެއް ސީރީޒް ކަމަށްވާ "އެމިލީ އިން ޕެރިސް" ގެ ހަވަނަ ސީޒަންގެ ޝޫޓިން މޭ މަހު ފަށަން ނިންމައިފިއެވެ. މި ފަހަރުގެ ސީޒަންގައި ފްރާންސްގެ ޕެރިސްގެ އިތުރުން ގްރީސް އަދި މޮނާކޯގައިވެސް މުހިންމު މަންޒަރުތަކެއް ނަގާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ލިލީ ކޮލިންސް ލީޑު ރޯލު ކުޅޭ މި ސީރީޒްގައި އޭނާ ކުޅެނީ އެމެރިކާގެ މާކެޓިން އެގްޒެކެޓިވްއެއް ކަމަށްވާ އެމިލީ ކޫޕަރގެ ރޯލެވެ. އާ މަންޒިލްތަކާއެކު މި ސީރީޒްގެ ވާހަކައަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ކަމަށް ވަނީ ބެލެވިފައެވެ. ފާއިތުވި ސީޒަންތަކުގައި އިޓަލީގެ ރޯމް އަދި ވެނިސް ފަދަ ރީތި ސަހަރުތަކަށް އެމިލީ ދަތުރުކޮށްފައިވާއިރު، މި ސީރީޒް ވެފައިވަނީ ޔޫރަޕްގެ އެކި ސަގާފަތްތަކާއި ރީތިކަން ދައްކުވައިދޭ މުހިންމު އުފެއްދުމަކަށެވެ. އެހެންކަމުން ހަވަނަ ސީޒަންގެ އާ މަންޒިލްތަކަށް ބެލުންތެރިން ތިބީ ވަރަށް ބޮޑަށް އިންތިޒާރުކޮށްގެންނެވެ.
ގްރީސް އަދި މޮނާކޯގެ މަންޒަރުތައް
ފަސްވަނަ ސީޒަން ނިމިގެން ދިޔައިރު، އެމިލީގެ ލޯބިވެރިޔާ ގޭބްރިއަލް (ލޫކަސް ބްރާވޯ) ވަނީ ގްރީސްއަށް ދިއުމަށް ދައުވަތުދީ ޕޯސްޓްކާޑެއް ފޮނުވައިފައެވެ. މިއާއެކު ހަވަނަ ސީޒަންގައި ގްރީސްގެ ރީތި ރަށްތައް ކަމަށްވާ ސަންތޮރީނީ، މައިކޮނޯސް، އަދި ޕާރޯސް ފަދަ ތަންތަނުން އެމިލީގެ ދިރިއުޅުމުގެ އާ ސަފްހާތަކެއް ފެނިގެންދާނެކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، މޮނާކޯގެ މުއްސަނދި އަދި ޗާލު މާހައުލުގައިވެސް ސީރީޒްގެ ބައެއް މަންޒަރުތައް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ސީރީޒް އުފެއްދި ޑަރެން ސްޓާރ ބުނެފައިވާ ގޮތުގައި، ޕެރިސްއަކީ ސީރީޒްގެ މައިގަނޑު މަންޒިލް ކަމުގައި ވިޔަސް، ކެރެކްޓަރުތަކުގެ ދަތުރުތައް އެކި ގައުމުތަކަށް ކުރުމަކީ ސީރީޒްއަށް ދިރުން ގެނެސްދޭ ކަމެކެވެ. ގޭބްރިއަލްގެ ކެރެކްޓަރަކީ ސީރީޒްގެ މުހިންމު ބައެއްކަމަށާއި، އޭނާއާއި ނުލައި ސީރީޒް ކުރިއަށް ގެންދިއުމަކީ ނާދިރުކަމެއްކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ކާސްޓުންނާއި ކުރިއަށް އޮތް ތަފްސީލު
ހަވަނަ ސީޒަންގައި ލިލީ ކޮލިންސްގެ އިތުރުން އެޝްލީ ޕާކް، ލޫކަސް ބްރާވޯ، ލޫސިއަން ލެވިސްކައުންޓް، ސެމިއުއަލް އާނޯލްޑް އަދި ބްރޫނޯ ގޫއެރީ ފަދަ މުހިންމު ތަރިން އެނބުރި އަންނާނެ ކަމަށް ހަބަރުތައް ބުނެއެވެ. ފަސްވަނަ ސީޒަންއަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެންމެ 11 ދުވަހުގެ ތެރޭގައި 26.8 މިލިއަން ވިއުސް ލިބިފައިވެއެވެ. އާ ސީޒަންގެ ވާހަކަތައް އަދި ސިއްރުކުރެވިފައި ވީނަމަވެސް، މިއީ ކުރީގެ ސީޒަންތަކަށްވުރެ ފުރިހަމަ، އަދި ރޮމޭންސްއާއި ފެޝަންގެ ގޮތުން އިތުރު ކުރިއެރުންތަކެއް ފެންނާނެ ސީޒަނެއް ކަމަށް ބެލުންތެރިން އުންމީދުކުރެއެވެ. ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޝޫޓިން ކުރިއަށްދާނެ ކަމަށް ލަފާކުރެވޭއިރު، 2026 ވަނަ އަހަރުގެ ފަހުކޮޅު މި ސީޒަން ނެޓްފްލިކްސް މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް އަންނާނެ ކަމަށް ހަބަރުތައް ބުނެއެވެ.


ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް