އެއްމެދު އިމާރާތުގެ ގާނޫނުގެ ދަށުން، ގިނަ ބަޔަކަށް އެޕާޓްމަންޓް ވިއްކާފައިވާ އިމާރާތްތައް ނުވަތަ ސްޓްރާޓާ އިމާރާތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި އުފައްދަންޖެހޭ "މެނޭޖްމަންޓް ކޯޕަރޭޝަންތައް" އެކުލަވާލުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ،

މިހާތަނަށް ހުޅުމާލޭގައި އެޗްޑީސީން ހަދާފައިވާ އެފަދަ ހުރިހާ އިމާރާތްތަކެއް ބަލަހައްޓަމުން އައީ ސީދާ އެ ކޯޕަރޭޝަނުންނެވެ. ނަމަވެސް "އެއްމެދު އިމާރާތުގެ މެނޭޖްމަންޓް ހިންގުމުގެ ގަވާއިދު" ލާޒިމްކުރާ ގޮތުގެ މަތިން، އެ ޒިންމާ ދެން ހަވާލުކުރާނީ އަލަށް އުފައްދާ މެނޭޖްމަންޓް ކޯޕަރޭޝަންތަކާއެވެ.

އެޗްޑީސީން މިއަދު ބުނީ އެ މަސައްކަތުގެ ދަށުން އެންމެ ފުރަތަމަ ކޯޕަރޭޝަންތައް އުފައްދާނީ ވިނަރެސް ފްލެޓުތަކުގައި ކަމަށެވެ. އެޗްޑީސީން ބުނީ ވިނަރެސްގެ ތިން ސްޓްރާޓާއެއްގެ ފުރަތަމަ އަހަރީ އާންމު ޖަލްސާތައް މި މަހުގެ 26، 27 އަދި 28 ގައި ބޭއްވުމަށް ވަނީ ނިންމާފައި ކަމަށެވެ.

އެ ޖަލްސާތަކުގައި ކޮންމެ ސްޓްރާޓާއެއް ހިންގުމަށް ހަތަރު މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އިންތިހާބު ކުރާނެ ކަމަށާއި އެ ކައުންސިލްގައި ހިމެނޭނީ ރައީސް، ހަޒާންދާރު، ސެކްރެޓަރީ އަދި އާންމު މެންބަރެއްކަމަށް އެޗްޑީސީން ބުންޏެވެ.

ވިނަރެސް މަޝްރޫއުގެ ޓަވަރުތައް ބަހާލެވިފައިވާ ގޮތަށް ބަލާއިރު، ސްޓްރާޓާ 1 ގައި ހިމެނެނީ ޓަވަރު 1 އިން 4 އެވެ. ސްޓްރާޓާ 2 ގައި ޓަވަރު 5 އިން 8 ހިމެނޭއިރު، ސްޓްރާޓާ 3 ގައި ހިމެނެނީ ޓަވަރު 9 އަދި 10 އެވެ. މި ތިން ސްޓްރާޓާގައި ޖުމްލަ 1،344 ރެސިޑެންޝަލް ޔުނިޓް ހިމެނެއެވެ.

އެޗްޑީސީން ބުނީ ޖަލްސާތަކުގައި އިމާރާތްތަކުގެ ވެރިންނާއި، އެ ކޯޕަރޭޝަނުގެ އިތުރުން ހައުސިން މިނިސްޓްރީގެ ފަރާތުން ބައިވެރިވާނެ ކަމަށެވެ. އަދި ވިނަރެސްގެ މަސައްކަތް ނިމުމުން، ހުޅުމާލޭގެ އެހެން އެއްމެދު އިމާރާތްތަކުގައިވެސް އެފަދަ ކޯޕަރޭޝަންތައް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް އެޗްޑީސީން ބުންޏެވެ.

އެ ބަދަލުގެ ސަބަބުން އިމާރާތްތަކުގެ އާންމު ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށާއި، ދިގު މުއްދަތަކަށް އިމާރާތްތައް ބެލެހެއްޓުމުގެ ކަންކަން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެޗްޑީސީން ބުންޏެވެ.