ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ޖިބޫޓީގެ ރައީސް ހަވަނަ ދައުރަކަށް ހުވާކުރުމަށް ތައްޔާރުވެއްޖެއެވެ.

ޖިބޫޓީގައި ބޭއްވި އެގައުމުގެ ރިޔާސީ އިންތިހާބު މިހާރުގެ ރައީސް އިސްމާއިލް އޮމަރް ގުއްލެއާ ކާމިޔާބު ކުރައްވާފައިވަނީ ވޯޓް ލީ މީހުންގެ %97.8 ވޯޓު ހޯއްދަވައިގެންނެވެ.

ރައީސް އިސްމާއީލާ ދެކޮޅަށް އެ އިންތިހާބުގައި ވާދަކުރައްވާފައިވާ މުހައްމަދު ފަރާހް ސަމަޓަރ އަށް %2.19 ވޯޓު ލިބިވަޑައިގެންފައިވާއިރު އެ ގައުމުގެ އިދިކޮޅުން ވަނީ އިންތިހާބު ބޮއިކޮޓްވެސް ކޮށްފައެވެ.

ދުނިޔޭގެ އެންމެ ބާރުބޮޑު އެއް ކެނަލް އޮންނަ ސުއެޒް ކެނަލްގެ ބަޔަކަށް ނިސްބަތްވާ ޖިބޫޓީ އަކީ މީގެ ކުރީން ފްރާންސްގެ ހިމާޔަތުގައި އޮތް ގައުމެކެވެ. ފުރިހަމަ މިނިވަންކަމެއް ލިބުމަށްފަހު ޖިބޫޓީން ވަނީ ބޭރު ގައުމުތަކާ އެކު ގާތް ގުޅުމެއް ގާއިމުކޮށްފައެެވެ. އެގޮތުން ޖިބޫޓީއަކީ އެމެރިކާއާއި ޗައިނާގެ އިތުރުން ފްރާންސް އަދި ޖަޕާން ފަދަ ބޮޑެތި ގައުމުތަކާ ގާތް ގުޅުމެއް އޮންނަ، އަދި އެ ގައުމުތަކުގެ މިލިޓަރީ ޖިބޫޓީގައި އޮންނަ ގައުމެކެވެ.