''ޒަރާރްއަށް ވެސް އޭނަ ވަރަށް ނުބައިކަމަށްވަނީ، އޭނަގެ ފިރިހެން ދަރިއަށް ހުރިހާ މޮޅެއް ލިބެން ބޭނުންވެފަ ހުންނަނީ... ދެން ހަސަދަވެރިކަން ވެސް އޮންނާނެތާ؟... އަހަންނަށް ރަނގަޅީ ވެސް މިހަފްލާގަ ޒަރާރްއަށް ސީއީއޯގެ މަޤާމު ލިބިޖެއްޔާ، އޭރަށް ހުންނާނެ ފޯރިއެއް، ފަހަރެއްގަ އެއްޗެއް ވިސްނިދާނެހެން އަހަންނަށް ހީވަނީ...'' އަޒީލާ ދެކެ ވާފޫއްސެއްގެ ބޮޑުކަމުން ޖަމްޝީދާގެ ދުލަށް ހުއްޓުމެއް ނައެވެ.

''ދެން އެވާހަކަ ބާއްވަބަލަ، މީހުންގެ ވާހަކަދައްކައިގެން ވާނެ މޮޅެއް ނޯންނާނެ...'' ސުމައްޔާ ބުންޏެވެ. އަޒީލާއަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް އިތުރަށް އެމައުޟޫޢު ކުރިއަށް ގެންދަން ސުމައްޔާއަށް ކަމަކު ނުދިޔައެވެ. ވާހަކަ އުފުލުމަށް ޖަމްޝީދާ ކިތަންމެ ފޯރިއެއް ހުއްޓަސް އެޢާއިލާގެ ޒާތީ މަޢުލޫމާތުތައް ހިއްސާކުރަން ފެށުމުން އެވާހަކަތައް މެދުކަނޑާލުމަށް އެދުނީ އެހެންވެގެންނެވެ. ހަމައެއާއެކު ތަނާލް ނެގިމަޑުވެފައި އިނުމުން ސުމައްޔާއަށް އެހެން ކަމަކަށް ސަމާލުކަމެއް ނުދެވުނެވެ.

ތަނާލްގެ ހާލުއޮޅުންފިލުވަން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލެވުނީ ހަފްލާއަށް އައުމުގެ ކުރިން ހާރޫން އޭނައާއި ދެއްކި ވާހަކަތައް ހަނދާންވި ހިސާބުންނެވެ. ބިއްލޫރިން ފަރުމާކުރެވިފައިވާ ނާޒުކު ބުދެއްގެ އުސޫލުން ތަނާލްއާއި މެދުގައި ދެކެމުން އަންނަ ނަޒަރިއްޔާތު ބަދަލުކޮށްލަން އޭނަގެ ޒަމީރަށް ސުމައްޔާ ބާރުއެޅިއެވެ.

ގިނަ އިރެއް ނުވެ ހާރޫން އަތުވެއްޖެއެވެ. ޖަމްޝީދާއާއި ވާހަކަދައްކާލަމުން ހާރޫންގެ ސަމާލުކަން އަނބުރާލީ ތަނާލް އަށެވެ.

''އާދެބަލަ ބައްޕައާއެކު...'' އޯގާތެރި ހިނިތުންވުމަކާއެކުގައި ހާރޫން އެދުނެވެ.

ލިބިފައިވި ނުތަނަވަސްކަމުގެ ސަބަބުން ފިނިދަލެއް ހިއްލާފައިވި އެއަތްތިލަ، މެކްސީގެ ފަސްބައިން ފޮހެލަމުން ތަނާލް ކޮޅަށް ތެދުވިއެވެ. ބައްޕަގެ ފަހަތުން ކުރިއަށް ހިނގައިގަންނަމުން އޭނަ މަސައްކަތްކުރީ އަވަސްވަމުން ދިޔަ ހިތުގެ ތެޅުން ހަމައަކަށް އެޅުވޭތޯ އެވެ. ހުއްޓުމެއް ނެތި އިވެމުންދާ މީހުންގެ އަޑާއި މަސްހުނިވެފައިވި މިޔުޒިކުން ތަނާލްއަށް އުނދަގޫވިއެވެ. ނަމަވެސް މޫނުމަތިން އެކަމުގެ އަސަރުތައް ސިއްކުރެވޭތޯ އޭނަ ބެލިއެވެ. އޭނަގެ ގާތުގައި ބައްޕަ ހުރުމުން ކޮންމެވެސް ވަރެއްގެ ސާބިތުކަމެއް ލިބުނެވެ. މީހުންގެ ތެރޭގައި އެކަނި ނުވާނެތީ އެވެ.

''ތަނޫއަށް ބަލާފަ ހީވަނީ ކުރިއަށް ވުރެން ރަނގަޅުހެން...'' މޭޒު ދޮށުގައި އެކަނިވުމުން ސުމައްޔާގެ ގާތަށް ޖަމްޝީދާ ޖެހިލި އެވެ.

''ހޫމްމްމް...'' ސުމައްޔާއަށް އެއްބަސްވެވުނެވެ. ''ހިދާންއާއެކު އުޅުނު އެޕާޓްމެންޓް ވެސް ދޫކޮށްލައިފި...''

''އަސްލު؟، ތީ ހާދަ ރަނގަޅު ނިންމުމެކޭ...'' ޖަމްޝީދާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލި އެވެ.

*****

ކުންފުނީގެ ދަށުން މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ އިސްވެރިންނަށް ތަނާލް ތަޢާރަފްކޮށްދިނުމުގައި ހާރޫން އުޅުނެވެ. ކޮންމެ މީހެއްގެ ފަރާތުން ތަނާލްއަށް ހޫނު މަރުހަބާއެއް ލިބުނެވެ. އެކުގައި މަސައްކަތްކުރުމަށް ކުރެވޭ އުއްމީދުތައް ވެސް ހިއްސާކުރެވުނެވެ. އެކަމުން ބަރުވެފައިވި ތަނާލްގެ ސިކުނޑިއަށް ލުޔެއް ހޯދައިދިނެވެ. ހާސްކަމާއި ދުރުވެލުމުގެ މަގެއް ފަހިވާން ފެށިއެވެ. ވިޔަފާރީގެ ދާއިރާއަކީ އޭނަ އަބަދުވެސް ޝައުޤުވެރިކަން ހުންނަ ދާއިރާއެކެވެ. މީހުންގެ ޚިޔާލުތަކާއި ހުވަފެންތަކުގައި އޭނަގެ ޑިޒައިންތަކުން ކުލަޖައްސައިދިނުމަކީ އޭނަ ލޯބިކުރި ކަމެކެވެ. އަހަރުތަކެއް ވަންދެން އެދާއިރާއާއި ދުރުގައި އުޅުނު ކަމުގައި ވިޔަސް ދުރަށް ދިޔަ ކަމުގެ އިހުސާސެއް ނުކުރެވުނެވެ. ދެކެވުނު ވާހަކަތައް ފަސޭހައިން ނަގައިގަނެވި އޭނަގެ އަމިއްލަ ޚިޔާލުތައް ތަނަވަސްކޮށްލުމުގެ ފުރުސަތު ލިބުނެވެ.

ތަނާލްއަށް ހާރޫން ބަލައިލީ ފަހުރުވެރިކަމާއެކުގައެވެ. ޖަޒުބާތުގައި ބެހިގެންހިނގައިދާނެހެން ހީވި ވަގުތުކޮޅެއް ދިޔައެވެ. އޭނަގެ ލޮލަށް ސިފަކުރެވުނީ އަހަރުތަކެއް ކުރީގެ ތަނާލް އެވެ. ނުގުޑާ އަޒުމުގެ ކުޑަ މިންވަރެއް ފެނުމުގެ ނަސީބު ލިބުމުނެވެ. ތަނާލް ގޮވައިގެން ހަފްލާއަށް އާދެވުމުން އެކަމާ ހާރޫން އުފާވިއެވެ.

''ބައްޕަ ބޭނުން މަސްރޫރުމެނަށް ތަނޫ ތަޢާރަފްކޮށްދޭން، އެކަމަކު މިރެއަކު ނޫން... އަންނަ ހަފްތާގަ އޮންނާނެ މީޓިންގްއެއް...'' ތަނާލް ގޮވައިގެން އަނބުރާ ސުމައްޔާ ގާތަށް ދިއުމުގެ ކުރިން ހާރޫން ބުންޏެވެ. ލުއި ހިނިތުންވުމަކާއެކުގައި ތަނާލް ބޯޖަހާލިއެވެ. ކުރިއަށް ހިނގަމުން ދަނިކޮށް، މީހަކު ގޮވާލިހެން ތަނާލްއަށް ހީވިއެވެ. ލިބުނު ހައިރާންކަމާއެކު ފަސްއެނބުރިލެވުނެވެ، ދެވަނަ ސިކުންތުގައި ތުންފަތުގައިވި ހިނިތުންވުން ފަނޑުވެލައިފިއެވެ.

''ތަނޫ؟...'' ބާރ ކައިރީގައި ހުރި އަންހެންކުއްޖާގެ އަޑުގައިވަނީ ސުވާލު މާކެކެވެ. އަތުގައި އޮތް ހިމަ ތަށި ބާރ ކަންޓަރު މަތީ ބަހައްޓަމުން ތަނާލްއަށް ބަލަން އޭނަ ހުއްޓެވެ. އެއަށްފަހު ގާތުގައި ހުއްޓި ހުރި އަންހެންކުއްޖާގެ ކޮނޑުގައި ކޮއްޓާލަމުން ތަނާލް ދައްކާލައިފިއެވެ. ޤަބޫލުކުރަން ދަތިވެފައި އެއަންހެންކުއްޖާ ވެސް ދެލޯ ބޮޑުކޮށްލައިފިއެވެ. ހީވަނީ ލޮލަށް ފެންނަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ތިބި ހެންނެވެ.

''ތަނޫ!...'' އެތަނުން އެއްކުއްޖަކު އަޑަށް ބާރުލާފައި ގޮވާލިއެވެ. ވަށައިގެން ތިބި މީހުންގެ ސަމާލުކަން ހޯދަމުންނެވެ. މީގެ އިރުކޮޅެއްކުރިން ހަމަޖެހިފައި ހުރި ތަނާލްގެ މެޔަށް ކުއްލިއަކަށް ފިނިވާންފެށިއެވެ. ހިނިތުންވެލަން ކުރި މަސައްކަތް ކާމިޔާބެއް ނުކުރެވުނެވެ. ގާތަށް އައުމަށް އެދި ހަނާއަޅަން ފެށީ އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރެވުނު ކުރީގެ ގާތް އެކުވެރިންތަކެކެވެ.

''ކަމް ހިޔާރ...'' އަތުން ހަނާއަޅަމުން ވާހަކަދެއްކީ މަސްލާއެވެ. މަލްސާއާއި ޖެހިގެން ހުރި ދާނިޔާ ވެސް އޭނަގެ ނަޒަރު ތަނާލްއަށް ހުއްޓާލައިފިއެވެ. ތަނާލް އެމީހުންގެ ގާތަށް އަންނާނެ އިރެއްގެ އިންތިޒާރުގައި ތިބި ކަހަލަ އެވެ.

''ބައްޕަ ގޮސްލިޔަސް އެންމެ ރަނގަޅުދޯ؟...'' ހާރޫން ބަލައިލީ ތަނާލް އަށެވެ. ދިއުމުގެ ކުރިން ތަނާލްގެ ޚިޔާލެއް ހޯދަން ހާރޫން ބޭނުންވީއެވެ. އޭނައަށް މަލްސާއާއި ދާނިޔާ އެނގެ އެވެ.

ދޭނެ ޖަވާބެއް ނޭނގިފައި ތަނާލްއަށް ހުރެވުނީ ހުއްޓުން އަރާފައެވެ. މަލްސާއާއި ދާނިޔާ ދިން ދަޢުވަތާއި ދެކޮޅު ހަދަން ތަނާލް ފަސްޖެހުނެވެ. ތެދަށް ބުނާނަމަ އޭނަ ވަރަށް އެކަނިވެރިއެވެ. ބޭރަށް ގޮސްލާ ސިކުނޑީގެ ހާސްކަން ހިއްސާކޮށްލާނެ ރަހުމަތްތެރިއަކު އޭނަ ބޭނުމެވެ. އެކަމަށް ހުޅުވިގެން ދިޔަ ދޮރުގައި ކޮޅުފައިންޖަހަން އޭނަ ބޭނުމެއް ނުވިއެވެ.

''ހޫމްމްމް...'' ތަނާލް ބުންޏެވެ.

''އެންމެ ރަނގަޅު...'' ތަނާލްގެ އެކުވެރިންނަށް ހިނިތުންވެލަމުން ހާރޫން ހިނގައިގަތީ ސުމައްޔާމެން ގާތަށް ދިއުމަށެވެ.

ބައްޕަ ދިއުމާއެކުގައި ތަނާލްއަށް އިހުސާސްކުރެވުނީ އެކަނިވެރިކަމެވެ. ހާސްކަމުގެ ބޯފަރުދާތައް އޭނަ ވަށާލީ ބަސްބުނާހާ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. ނޭވާގެ ހިނގުން ކުރުވެ ހިތް ތެޅެން ފެށީ ބާރުބާރަށެވެ. ފިނި ދަލެއްގެ އަސަރާއެކު މީހާ ނުތަނަވަސްކުރުވައިފިއެވެ. ހުރި ފިޔަޅުމަތީ ހުންނަން ފެށުމުން މަލްސާއާއި ދާނިޔާ އެކަކުއަނެކަކާ ބައްދަލުކޮށްލި ނަޒަރު ތަނާލްއަށް ފާހަގަ ކުރެވުނެވެ. ކުރިއަށް ދާން ތަނާލްއަށް މަޖުބޫރުވީ އެހިސާބުންނެވެ.

''ވަޓް އެ ބިގް ސަޕްރައިޒް!، ބޭރުތެރެއިން ތަނޫ ފެނިދާނެކަމަކަށް އަހަރުމެން ހިޔެއް ނުކުރަން، އަބަދު ގޭގެ ވިއްޔާ އިންނަނީ...'' ބާރ ކައުންޓަރު ކައިރިއަށް ތަނާލްއަށް ހުއްޓުމާއެކު މަލްސާ ބުންޏެވެ. ދާނިޔާއަށް މަލްސާ ބަލައިލީ އޭނަގެ ވާހަކައަށް އެއްބާރުލުން ހޯދުމުގެ ނިޔަތުގައެވެ.

''މަލް އެބުނީ ތެދެއް...'' ދާނިޔާ އިތުރުކޮށްލިއެވެ. ''މިހާރު ކިހިނެއް؟، އަޑުއެހިން ތެރަޕީ ނަގަން ފެށި ވާހަކަ، ބަދަލެއް ނާދޭދޯ؟...''

''އެބުނާހެން... ވަޓް ޑިޑް ޔޯ ތެރަޕިސްޓް ސޭއި؟، އަހަރެން ކުޑަކޮށް ސްޓްރެސްވީމަ ގޮސްލިން ތެރަޕީ ނަގަން، މައި ތެރަޕިސްޓް ވޯޒް ޖަސްޓް އެ ފްރޯޑް... އެއްވެސް ބަދަލެއް އަހަންނަކަށް ނުފެނުނު...'' ދެލޮލުގެ ކަޅި މައްޗަށް އަރުވާލަމުން މަލްސާ ބުންޏެވެ.

ތަނާލް ހުރީ އުނދަގޫވެފައެވެ. އޭނައަށް މަލްސާއާއި ދާނިޔާގެ ފަރާތުން ގާތްކަމެއް ފާހަގަ ނުކުރެވުނެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ފިކުރު ގިނަވެ ސިކުނޑިއަށް ދޭހަވާ ގޮތެއް ހެއްޔެވެ؟

''ތަނޫ އަހަރުމެންނާ ދުރުވީމަ ފަހުން ހާލު އޮޅުން ފިލުވޭނެ ގޮތެއް ވެސް ނުވި، ނަންބަރު ވެސް ބަދަލުކޮށްލީ ވިއްޔާ، ޔޫ ޓޯޓަލީ ޗޭންޖްޑް، ފަހުން ގޮސް އެއްކޮށް ގުޅުން ކަނޑާލީ...'' މަލްސާގެ އަނގައަށް ހުއްޓުމެއް ނައެވެ. ހީވަނީ ތަނާލް ކުށްވެރިކުރަން އުޅޭހެންނެވެ. އެކުވެރިކަން ހީނަރުވެގެން ދިޔައީ މަލްސާއާއި ދާނިޔާގެ ސަބަބުން ނޫންކަން ހާމަކުރާހެންނެވެ. ސުވާލަކަށްފަހު ސުވާލެއް ފެންމަތިކުރަން ފެށީ ތަނާލްއަށް ޖަވާބު ދޭނެ ފުރުސަތެއް ނުދީއެވެ. ދާނިޔާ ވެސް ހަމަ އެފަދައިންނެވެ. ތަނާލްގެ ސިކުނޑިއަށް ބާރުބޮޑުވާން ފެށިއެވެ.

''ބައިދަވޭ، ތަނޫއަށް އިނގޭތަ؟، މަލް އިޒް ޕްރެގްނެންޓް...'' ދާނިޔާ ކުރިއަށް ޖެހިލައި މަލްސާގެ ދަށްބަނޑުގައި އަތް ޖައްސާލިއެވެ. ދެއެކުވެރިން ހީނލި އިރުގައި ތަނާލް އެތާ ހުރިކަމަކަށް ނުހެދި އެވެ.

ބީރައްޓެއްސެއް ފަދައިން ތަނާލްއަށް ހުރެވުނީ ވާހަކަދައްކަން ފަސްޖެހިފައެވެ. ހިތުގެ ހާސްކަމުގެ ތެރެއިން ވެސް އުއްމީދުގެ ފަނޑު ހުޅުކޮޅެއް ވިއެވެ. މަލްސާއާއި ދާނިޔާއާއެކު އޮތް އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް އާރާސްތުކުރެވިދާނެކަމުގެ އުއްމީދެވެ. އެހެނަސް ފެންނަން ފެށި މަންޒަރުތަކުން ބަޔާންކޮށްދެނީ މުޅިން އެހެން މަންޒަރެކެވެ. މަލްސާއާއި ދާނިޔާގެ ހަޔާތުން އޭނަ ބާކީވެއްޖެކަމުގެ އިހުސާސާއެކު ތަނާލްއަށް ކުށްވެރިކުރެވުނީ އަމިއްލަ ނަފުސެވެ.

މަލްސާއަށް މުބާރަކުބާދީދޭން ތަނާލްގެ ތުންފަތް ހަރާކާތްކޮށްލިއެވެ. އޭގެ ކުރިން ތަނާލްގެ ކުރި ކަނޑާލީ ދާނިޔާ އެވެ.

''މިހާރު ހިދާން މަރުވިތާ އަހަރެއްވެއްޖެދޯ... ހައު ޑޫ ޔޫ ފީލް؟... އަހަރުމެންގެ ތެރެއިން އެންމެ ފުރަތަމަ މެރީ ކުރީ ވެސް ތަނޫ، ކުއްޖަކު ލިބޭނީ ވެސް ތަނޫއަށް ކަމަށް ހީކޮށްގެން ތިބީ... ވަޓް ހެޕެންޑް ވޯޒް ސޯ ސޭޑް... ޔަންގް އޭޖްގަ ވިޑޯއަކަށް ވުން އިޒް ސޯ ސޭޑް... ނަސީބެއް އެކަހަލަ ކަމެއް އަހަންނަށް ދިމާނުވިކަން، އިމޭޖިން ހައު ޑިޕްރެސިންގް އިޓް ވިލް ބީ، ގޭގަ ހުންނަން ވެއްޖެއްޔާ އަހަރެން.......'' ދާނިޔާއަށް އޭނަގެ ޖުމްލަ ފުރިހަމަނުކުރެވުނީ އޭނަގެ ކޮނޑުގައި މަލްސާ ޖެހުމުންނެވެ. ދުލުކުރީގައި ހިފަހައްޓާލެވުނީ ދެނެވެ. ދެލޯބޮޑުކޮށްލަމުން ތަނާލްއަށް ބަލަން ދާނިޔާ ހުއްޓެވެ. މަތިއޮމާންކޮށްލުމުގެ ނިޔަތުގައި އޭނަ ކުރިއަށް ޖެހިލިއެވެ.

''އެހެން ބުނި އެއްޗެއް ނޫން...'' ތަނާލްގެ އަތުގައި ހިފަމުން ދާނިޔާ ބުންޏެވެ. ''ވައި އިޒް ޔޯ ހޭންޑް ސޯ ސްވެޓީ؟...''

ތަނާލް ދުރަށް ޖެހުނެވެ. ދާނިޔާގެ ޖުމްލައިން ހިތަށް ފުން އަސަރުތަކެއް ކޮށްފައިވަނިކޮށް، އެންމެފަހުން ދާނިޔާ ބުނި ޖުމްލައިން ތަނާލް ގަތީ ލަދެވެ. ހާސްކަމާއި ނުތަނަވަސްކަމުގެ ހައިޖާންގަނޑެއް ސިކުނޑީގައި އަފަންވާން ފެށިއެވެ. ނޭވާލާން ވެސް އުނދަގޫވެއްޖެއެވެ.

''ތަނޫ... ކިހިނެއްވީ؟... ބަލީތަ؟...'' ސުވާލުކުރީ މަލްސާއެވެ. ދެއެކުވެރިން ނަޒަރު ބަދަލުކޮށްލިއެވެ. ތަނާލް ފަހަތަށް ޖެހެން ފެށުމުން މަލްސާއާއި ދާނިޔާ ޚިޔާރުކުރީ ހިމޭންކަމެވެ. ހީވީ ތަނާލް ހުރި ހާލަތު ފެނި އެކަމާއި ކުރިމަތިލާން ބޭނުންނުވި ހެންނެވެ. ހަދާނެ ގޮތެއް ނޭނގިފައި ތިއްބާ، ދެއެކުވެރިންގެ މަދަދަށް އައީ މަލްސާގެ ފިރިމީހާއާއި، ދާނިޔާ ރައްޓެހިވެގެން އުޅޭ ޒުވާނާއެވެ. ތަނާލް މުޅިން ބާކީވީ އެހިސާބުންނެވެ. މާޒީގެ އަނދިރިކަމުގެ ތެރެއަށް ތަނާލްގެ ހިޔަނި އޮބުނެވެ.

ދެއެކުވެރިންގެ ސަމާލުކަން ހަޔާތުގެ ބައިވެރިންނަށް ހުއްޓާލީ ތަނާލްއާއި ކުރިމަތިލާން ބޭނުންނުވާތީއެވެ. އެންމެކުޑަމިނުން ތަނާލް ތަޢާރަފްކޮށްދިނުން ވެސް މުހިންމުކަމަކަށް ނުހެދިއެވެ. އެކަނި ހާލާއިގެން ދޫކޮށްލީއެވެ.

މަލްސާއާއި ދާނިޔާ ދެކޭ ގޮތުގައި ތަނާލްއަށް ދިމާވި ހިތާމަވެރި ހާލަތުން އަރައިގަތުމަށް އެހީތެރިކަމުގެ އަތެއް ދެމީހުން ވެސް ދިއްކޮށްލަ ދިނެވެ. އެކަމަށް ފުރަގަސް ދިނީ ތަނާލް އެވެ. ތަނާލް ހުރި ނާޒުކު ހާލަތާއި، އެހިތުގައި އަޅާ ވޭނާއި ކެކުޅުންތައް ފެންނަކަމަށް ނުވީ އެހިސާބުންނެވެ. ތެދަށް ބުނާނަމަ ތަނާލް އެމީހުންނާ ދުރުވިކަމީ މަލްސާއާއި ދާނިޔާގެ ނަޒަރުގައި އެމީހުންނަށް ލެއްވި ރަހުމަތެކެވެ. ތަނާލްގެ ހަޔާތް ބަނަވެފައިވި އަނދިކަމުގެ ހިޔަނި އެމީހުންގެ އުފާވެރިކަމަށް އެޅެން ބޭނުން ނުވާތީއެވެ. ނަފުސާނީ ބަލިމީހަކާއެކު ގާތް ގުޅުމެއް ބޭއްވުން ބުއްދިވެރި ކަމަކަށް ނުފެންނާތީއެވެ.

ލޯކުރިމަތިން ފެންނަމުން ދިޔަ އުފާވެރިކަމަށް ބަލަން ތަލަންއަށް ހުރެވުނީ ހަސަދަވެރިކަމުގެ ދެލޮލުންނެވެ. އެއީ އޭނަގެ ސިކުނޑިއަށް ބާރުބޮޑުވި ހިނދު އުފަންވި ގޯސް ޚިޔާލުތަކުގެ ނަތީޖާއެވެ. އެއާއެކު ތަނާލްއަށް އިސްޖަހާލެވުނެވެ. އެކުވެރިންގެ އުފަލާއި މެދު އެފަދަ ނަޒަރިއްޔާތަކުން ދެކޭނަމަ ހާމަކޮށްދެނީ އޭނަގެ ހިތުގެ ނުބައިކަމެވެ. އެފަދަ ހިތްނުބައި މީހަކަށް އޭނަ ވެދާނެ ހެއްޔެވެ؟

ތަނާލްގެ ދެލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. އެހިނދު ތުރުތުރުލުން އުފެދުނު ދެތުންފަތް ޖައްސާ ބާރުކޮށްލެވުނެވެ. ފަހަތަށް ޖެހެމުން ދަނިކޮށް މީހަކާއި މުޑިއަރައިފިއެވެ. މަޢާފަށް އެދެން ތަނާލް އެޅުނެވެ. އޭގެ ކުރިން އަމާޒުވީ އެމީހެއްގެ ރުޅިވެރި ބަސްތަކެވެ.

''ބަލައިގެން ނޫޅެވޭތަ!...'' ރުޅިއާއި ނަފުރަތުގެ ދިލަހޫނުކަން އެކުލެވިގެންވި އަޑުން ތަނާލް ފިނިކޮށްލިއެވެ. އޭނަގެ ފުރަގަހުން ހުއްޓި ހުރީ އަޒީލާ އެވެ. ބުމަގޮށްޖަހައިގެންނެވެ. ތަނާލް މަޢާފަށް އެދެން އުޅުމުން، ތަނާލްގެ ކޮނޑުގައި އަތްއަޅާ ކޮއްޕާލާފައި ކުރިއަށް ދިއުމަށް އަޒީލާ ހިނގައިގަތީ ފުސްމޫނަކާއެކުގައެވެ.

ތަނާލްއަށް ވަށައިގެން ހޯދާލެވުނެވެ. ކައިރީގައި ތިބި މީހުންގެ ނަޒަރު އިހުސާސްކުރެވުމުން ތަނާލްގެ ހިތް ތެޅެން ފެށީ ބާރުބާރަށެވެ. މާހައުލު އެނބުރެން ފެށި ކަހަލައެވެ. އޭނަގެ ނަޒަރު ހުއްޓުނީ މަންމަމެން ތިބި މޭޒަށެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒު ދޮށުގައި މަންމައާއި ޖަމްޝީދާ ތިބީ އަމިއްލަ ދުނިޔެއެއްގައެވެ. ބައްޕަ ވެސް އެދިމާއަށް ހިނގާފައިދާ މަންޒަރު ފެނުނެވެ.

މޭޒު ކައިރިއަށް ދިއުމަށް ތަނާލް އުޅުނެވެ. ނަމަވެސް އޭނަގެ ފައިގައި ހިލިހިލާ ޖެހުނީ ދާންވީ މަގުގައި ތިބި މީހުންގެ ނަޒަރު އޭނައަށް ހުއްޓިފައިވާތަން ފެނުމުންނެވެ. ތާނާލްއަށް ކުރިއަކަށް ނުދެވުނެވެ. އެހުރި ހާލަތުގައި މަންމެން ގާތަށް ގޮސްފިނަމަ ކަންބޮޑުވާނެ މިންވަރު ތަސައްވަރުކުރެވުނެވެ. އޭނައަށް ހެޔޮ ބަދަލެއް އާދޭތޯ މަންމެން ކުރާ އުއްމީދުތައް ވިއްސިވިހާލިވެގެންދާތަން ބަލަން ހުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟

އެއްލިކަޅިއަކުން ތަނާލްގެ ލޮލުގައި އަޅައިގަތީ ބާރގެ ފުރަގުން ޕޫލަށް ނިކުމެވެން ހުރި ދޮރެއެވެ. ޕޫލް ކައިރީގައި މީހުނެއް ވެސް ނޫޅެއެވެ. ހަފްލާގެ ހުރިހާކަމެއް އެތެރޭގައި ހަމަޖެހިފައި އޮތުމުންނެވެ. ތުރުތުރުއަޅަމުން ދިޔަ ދެއަތުން ތަނާލްއަށް އޭނަގެ މޫނުގައި ފިރުމާލެވުނެވެ. ފުންވަމުން އައި ނޭވާތައް ހަމައަކަށް އަޅުވަން އުޅޭ ހާލު ފިޔަވަޅުތައް ބާރުކޮށްލެވުނެވެ. އިސްއުފުލުމެއް ނެތި އޭނަގެ މަންޒިލަށް ވާސިލުވެވޭތޯ ތަނާލް ބެލިއެވެ. އޭރު ވެސް ހިތުގެ ތެޅުމަށް ބަދަލެއް ނާދެއެވެ. ހީވަނީ މޭގެތެރޭގައި ފިތި ބާރުވާހެންނެވެ. މޭގައި ވެސް ރިހުމެއް އުފެދެން ފަށައިފިއެވެ. ހިނދަށް ހިނދަކަށް އެރިހުން ގަދަވެ ހިއްސުތަކުގެ މައްޗަށް ކުރިހޯދަން އުޅުނެވެ. ވާން އުޅެނީ ކިހިނެއްކަމުގެ އިންޒާރު ތަނާލްގެ ހަވަނަ ހިއްސު އޭނައަށް ދިނެވެ. ބިރުވެރިކަމާއި ނާއުއްމީދުން ސިކުނޑި ފުރާލަމުންނެވެ.

*****

ބޭރަށް ނިކުމެވުމާއެކު ޖެހިލި ފިނި ވައިރޯޅިއާއެކު، ތަނާލްއަށް މޭގައި ދެއަތް ހުރަސްކޮށްލެވުނެވެ. ހޫނުވެ ހިއްލަމުންދާ ދަލަށް ރޯޅިތަކުން ނިމުމެއް ގެނެސްދިނެވެ. ތަނާލް ހިނގައިގަތީ އިންފިނިޓީ ޕޫލާގައި ޖެހިގެން ރާޅުފަށަށް ފޭބުމަށް ހާއްސަކޮށްފައި ހުރި ކުޑަ ސިޑީއާއި ދިމާއަށެވެ. ސިޑިން ފައިބައިގެން ދެވެން އޮތީ ތުނޑީގައި އަތުރާފައި ހުރި ސަންބެޑާއި ކަބާނާތަކާއި ދިމާއަށެވެ. އެހިސާބުގައި އެއްވެސް ބަޔަކު ނޫޅެއެވެ. ލިބުނު ހަމަޖެހުމާއެކު ފުންނޭވާއެއް ދޫކޮށްލަން ތަނާލް އުޅުނެވެ. ނަމަވެސް މެޔަށް އަރާފައި ހުރި ބާރުން ނެވާލުން ފަސޭހަކަމަކަށް ނުވިއެވެ. ވިންދުތަކުގެ އަޑު ވެސް ކަންފަތުގައި ބާރުބާރަށް ގުގުމައެވެ. ރޫރޫއަޅަމުން ދިޔަ ދެފައިން ގަދަކަމުން ފިޔަވަޅުއަޅަމުން ގޮސް އިށީނދެވުނީ ރުކެއްގެ ހިޔަލުގައި ހުރި ކަބާނާއެއްގައެވެ.

ކަނޑުން އަރައިގެން އަންނަ ނުސިޔާނު ރޯޅިތަކުގެ ގޯނާ ރުކުގެ ފަނަށް އަމާޒުވެއެވެ. ފަންތައް ހެލިލާ އަޑަށް މެދުކެނޑުމެއް ނައެވެ. ދުރުދުރަށް ފެތުރުފައިވާ ހުދު ދޮންވެލިގަނޑު މަތިން ދުވެލާ ކުރުކަކުނިތަކާއި، ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކަށް ތާނާލް ބެލިއެވެ. ބާރު ދުވެލީގައި ސިކުނޑީގައި ބުރުހަމަކުރަމުންދާ ޚިޔާލުތަކާ ދުރުވެލަން ބޭނުން ވިޔަސް ކާމިޔާބެއް ނުލިބުނެވެ. އިސްޖަހާލަމުން ތުރުތުރުއަޅަމުން ދިޔަ އަތްތިލައަށް ތަނާލް ބަލައިލިއެވެ. އެސްފިޔަތަކަށް ބަރުކުރަމުން އައި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތީ އެވަގުތެވެ. ފުރަތަމަ ކަރުނަތިކި ވެއްޓުނީ ތަނާލްގެ އަތްތިލަ އަށެވެ.

ތަނާލްގެ ހަށިގަނޑުގައި ރޫރޫލުމެއް އުފެދުނެވެ. ފަޒާގައި ދައުރުވާ ރޯޅިތަކުގެ ފިނިކަމުންނެއް ނޫނެވެ. އޭނަގެ ހިއްސުތަކުގެ މައްޗަށް އަތްގަދަކޮށްފައިވި ބިރުވެރިކަމުންނެވެ. އިހުސާސްތައް އަމިއްލަ ބާރުގެ ދަށަށް ގެންނަން ކުރި މަސައްކަތުގައި ކުރިއެރުމެއް ނުލިބުނެވެ.

ލޮލުގެ ހިމަކޮޅުން ހިޔަންޏެއްގެ ހިލަންވިހެން ތަނާލްއަށް ހީވިއެވެ. ވަގުތުން އޭނައަށް ބަލައިލެވުނީ ސިޑިއާއި ދިމާއަށެވެ. ސިޑީގެ ފަހު ހަރުފަތުގައި ހުރި ޒުވާނާ ފެނުނީ ދެނެވެ. ހިމޭންކަމާއެކު އެޒުވާނާ ބަލަން ހުރީ ތަނާލް އަށެވެ. އެއީ އިސްކޮޅުން ދިގު ޒުވާނެކެވެ. ދިއްލާފައި ހުރި ބޮކިތަކުގެ ފަނޑު އަލީގެ ތެރެއިން އެޒުވާނާގެ ސޫރަ ތަނާލްއަށް ސިފަކުރެވުނެވެ. ފަން އިސްތަށިގަނޑު އޮތީ ކުރުކޮށް ކޮށާލައި މައްޗަށްވާހެން ސްޓައިލްކޮށްފައެވެ. ފިރިހެންވަންތަ މޫނަށް އިތުރު ފުރިހަމަކަމެއް ގެނުވަނީ އާދައިގެ ވަރަކަށް ދިގުކޮށްފައި ހުރި ތުނބުޅިންނެވެ. ތަނާލްއާއި ހަތަރުކަޅި ބައްދަލުވުމާއެކު އެޒުވާނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ފަނޑުއަލިކަމުގެ ތެރެއިން ފެންނަ ދެލޮލުގެ ތޫނުފިލިކަން އިތުރުކޮށްދެމުންނެވެ. އެދެލޮލުން ތަނާލްއަށް އިހުސާސްކުރެވުނު އޯގާތެރިކަމުން އެޒުވާނާގެ ފަރާތުން ނުރައްކަލެއް ނެތްކަމަށް އޭނަގެ ސިކުނޑި ނިންމައިފިއެވެ. ހައިރާންކަން ގެނުވަމުންނެވެ.

އިސްއޮބާލަމުން ތަނާލް ކަރުނަ ފޮހެލިއެވެ. އެޒުވާނާގެ ހިލަމެއް ނުވުމުން ދެވަނަ ފަހަރަށް ވެސް ތަނާލް ބަލައިލިއެވެ. ކުރިން ވެސް ހުރި ތަނުގައި ޒުވާނާ ހުއްޓެވެ. ކަޅުކުލައިގެ ސޫޓެއްގައި ހުރި އެޒުވާނާގެ މޫނުން ކަންބޮޑުވުމުގެ ލިސާންތައް ތަނާލްއަށް ފާހަގަކުރެވުނެވެ. ހާއްސަކޮށް އެލޮލުން ފާޅުވި ޝުއޫރުތަކުންނެވެ.

ތަނާލްއާއި ނަޒަރު ވަކިކުރުމެއް ނެތި ޒުވާނާ ސިޑިން ފޭބިއެވެ. އޭނަގެ ހަރަކާތްތަކުގައި ވަނީ މަޑުމައިތިރިކަމެވެ. ވާހަކަނުދެއްކި ކަމުގައި ވިޔަސް އެޒުވާނާގެ އަމަލުތަކުން އަންގައިދިނީ ތަނާލްއަށް ނުތަނަވަސްކަމެއް ލިބެން ނޭދޭކަމެވެ. ހަމައެއާއެކު އެޒުވާނާގެ ފަރާތުން ތަނާލްއަށް އުނދަގުލެއް ކުރިމަތިނުވާނެކަމެވެ.

ޒުވާނާ ހުއްޓުނީ ތަނާލްއާއި ފަސްވަރަކަށް ފޫޓުގެ ދުރުމިން އެދެމެދުގައި ބަހައްޓަމުންނެވެ. ކަޅުކުލައިގެ ފަޓުލޫނަށް އަތް ޖަހާލަމުން އޭނަ ބަލަން ފެށީ ހާމައަށް އޮތް އުޑަށެވެ. އެއާއެކު މާހައުލަށް ވެރިވީ ހަމަހިމޭންކަމެވެ. ރުކުގެ ފަނުގައި ބީހިލާ ރޯޅިތަކާއި ގޮނޑުދޮށަށް ބީއްސާ ރާޅުގެ އަޑު ފިޔަވައެވެ. ބާރ އިން އިވޭ މިޔުޒިކުގެ އަޑު ވެސް އެދިމާއަށް އަންނަނީ ފުރޭނިގެންނެވެ.

''ހެނދުނު ވާރޭ ވެހުނުހެނެއް ވެސް ހިޔެއް ނުވޭދޯ؟...'' ބަރު އަޑަކުން ޒުވާނާ ސުވާލުކޮށްލިއެވެ. ނޭވާހިފަހައްޓައިގެން އިން ތަނާލްއަށް ލިބުނީ ހައިރާންކަމެވެ. އޭނަ ރޯން އިން މަންޒަރު އެޒުވާނާއަށް ރީއްޗަށް ފެންނާނެއެވެ. އެކަމާ ގުޅިގެން ސުވާލު ކުރުމުގެ ބަދަލުގައި ރޭގަނޑުގެ ހިތްގައިމުކަމާ އެޒުވާނާގެ ވާހަކަތައް ގުޅުވާލުމުން ތަނާލްއަށް އިނދެވުނީ ދޭނެ ޖަވާބެއް ނޭނގިފަ އެވެ. އޭނަ ވެދިން އިހުސާންތެރިކަމަށް ޝުކުރުވެރިވާން ނޭނގިފައެވެ.

ތަނާލްގެ ޖަވާބެއް ނުލިބި ވަގުތު ދިގުލައިގެންދިއުމުން އެޒުވާނާ ބަލައިލީ ހިނިތުންވުމަކާއެކުގައެވެ. އެހިނިތުންވުމުގައި ކަންބޮޑުވުމުގެ އަސަރު ފޮރުވިފައިވާތަން ތަނާލް ދުށްޓެވެ. ނަމަވެސް އޭނައަށް ފާހަގަކުރެވުނީ އެޒުވާނާގެ ތޫނުފިލި ދެލޮލުގައިވި އޯގާތެރިކަމެވެ. ބީރައްޓެހިކަމުގެ އިހުސާސެއް ތަނާލްއަކަށް ނުކުރެވުނެވެ.

''ޑޫ ޔޫ ނޯ ވަޓް އައި ލައިކް ޓު ޑޫ އޮން އެ ކްލިއާރ ނައިޓް ލައިކް ދިސް؟...'' އެޒުވާނާގެ ސަމާލުކަން އަނެއްކާ ވެސް ހުއްޓުނީ ހާމައަށް އޮތް އުޑަށެވެ. ސިއްރުސިއްރުން ތަނާލް ބަލައިލިއެވެ. ހިނދުކޮޅަކަށް ވިޔަސް މާޔޫސްކަމުގެ އޮޔެވަރު އެދެލޮލުގައި ދައުރުކޮށްލިހެން ތަނާލްއަށް ހީވިއެވެ. ފުޅާ ހިނިތުންވުން މޮޅިވެރިކަމަށް ބަދަލުވެދާނެހެން ވެސް ހީވިއެވެ. އެޒުވާނާގެ ނަޒަރު ތަނާލްއަށް ހުއްޓުނު ހިނދު އެހިރިހާ އިހުސާސެއް ބަދަލުވެގެން ދިޔައީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައެވެ. އިހުސާސްތަކުގެ މައްޗަށް އާދަޔާ ޚިލާފު ބާރެއް ލިބިފައިވާ ކަހަލައެވެ.

ބީރައްޓެހިކަމުގެ އަސަރާއެކު ތަނާލް އިނީ ޖަވާބެއް ދޭން ފަސްޖެހިފައެވެ. ނޭނގި ވިޔަސް ޒުވާނާގެ އަޑުގައިވި މަޑުމައިތިރކަމުން ތަނާލްގެ މެޔަށް އަރާފައި ހުރި ވާންކަމަށް ލުޔެއް ގެނެސްދިނެވެ.

''އަހަންނަށް ކަމެއްކޮށްދޭނަންތަ؟...'' ޒުވާނާ ސުވާލުކޮށްލިއެވެ. ތަނާލްއަށް އިނދެވުނީ ގަބުއަރާފައެވެ.

''ބިރުނުގަންނައްޗޭ، މާ ބޮޑު ކަމަކު ނޭދޭނަން...'' ލުއި ހުނުކަމާއެކު އޭނާ ބުންޏެވެ. ތަނާލްއަށް ބޯޖަހާލެވުނީ ބޭއިހްތިޔާރުގައެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. އެޒުވާނާއަށް އިތުބާރުކުރުމަށް އޭނަގެ ޒަމީރު ބާރުއަޅަން ފަށައިފިއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ބައްދަލުވިތާ ގިނަ އިރެއް އަދި ނުވެއެވެ.

''ކައުންޓް ދަ ސްޓާސް ވިތް މީ...'' ތަނާލްއަށް ހިނިތުންވަމުން ޒުވާނާ ސަމާލުވެލީ މެދު އުޑުގައި ބަބުޅަމުންދާ ތަރިތަކަށެވެ. ތަރިތަށް ގުނަން ފެށި އަޑު މާހައުލަށް ފެތުރުނެވެ.

''އެބަ ގުނަންތަ؟...'' ތަނާލްއަށް ބަލަމުން ޒުވާނާ އެހިއެވެ.

އިސްއުފުލާލަމުން ޒުވާނާގެ އަޑުގެ ދަށުން ތަނާލް ވެސް ތަރިތައް ގުނަން ފެށިއެވެ. ތަރިތަކުގެ ތެރެއަށް ގެއްލެން ފެށުމާއެކު ނޭވާގެ ހިނގުން ހަމައަކަށް އެޅުނެވެ. މެޔަށް ލުޔެއް ލިބުނެވެ. ހާސްކަމުގެ ނަގޫރޯޅި ހިނދި ސިކުނޑިއަށް ހަމަޖެން ގެނެސްދިނެވެ. އެއާއެކު ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

ޒުވާނާގެ މަގުސަދު ތަނާލްއަށް ވިސްނައިގަނެވުނީ ދެނެވެ. އޭނަ ހުރި ނާޒުކު ހާލަތު އެޒުވާނާ ހޯދައިގަތީ ކިހިނެއް ބާވައޭ ހިތާ ސުވާލުކޮށްލެވުނެވެ. ޕެނިކް އެޓޭކް އަކީ ބިރުވެރިކަން އޭގައި އެކުލެވިގެންވާ ކަމެކެވެ. މީހާ ދެންމެދެންމެ މަރުވެދާނެހެން ހީވާ ފަހަރުވެސް އާދެއެވެ. އެހާލަތުގައި ކަންތައް ކުރަންވީ ގޮތާއި އެހީތެރިވާނެގޮތުގެ ތަޖުރިބާ އެޒުވާނާގެ އެބަ ހުއްޓެވެ.

''ތެންކިއު...'' ހިތުގައި އުތުރި އަރަންފެށި ސުވާލުތައް ދުލާ ހަމައަށް ގެނައުމުގެ ބަދަލުގައި ތަނާލް ޝުކުރުއަދާކޮށްލިއެވެ. ޒުވާނާ ހަމައެކަނި ހިނިތުންވެލީއެވެ. އެހިނިތުންވުމުގައި ހިތާމައިގެ އަސަރު ހުއްޓެވެ.

ތަނާލް ބަލަން އިންދާ އެޒުވާނާއަށް ފޯނުކޯލެއް އައެވެ. ފޯނު ކަންފަތުގައި ޖަހަމުން އެތަނުން ދިއުމަށް އެޒުވާނާ އެނބުރުނެވެ. އޭގެ ކުރިން ތަނާލްއަށް އޭނަ އަވަސް ނަޒަރެއް ދިނެވެ. ތަނާލްއަށް އެހީވެވުނީތީ އެކަމުގެ އުފާވެރިކަން ޒުވާނާގެ މޫނުމަތިން ރަމްޒުކޮށްދިނެވެ. ފޯނުން ވާހަކަދައްކަމުން ޒުވާނާ ހިނގައިގަތީ ސިޑިއާއި ދިމާއަށެވެ. އެމަންޒަރު ބަލަން ތަނާލް އިނެވެ. ޝުކުރުވެރިކަމާއި އެއްވަރަށް ހައިރާންވެފައެވެ.

(ނުނިމޭ)