ދެކުނު ކޮރެއާގެ ޒުލަކުން ގެއްލުނު ހިޔަޅު (ވުލްފް) ހޯދަން ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި ދެކުނު ކޮރެއާގެ ޑައޭޖެއޮން ސިޓީގައި ހުންނަ ޒުލަކުން ފިލާފައިވާ ހިޔަޅެއް ހޯދުމަށް އެ ސިޓީގެ އޮފިޝަލުން މަސައްކަތް ކުރާތާ ތިން ދުވަސް ވަނީ ވެފައެވެ.

ހިޔަޅު ހޯދުމަށް ތާމަލް ކެމެރާތަކާއި ޑްރޯން ބޭނުންކުރަން ފަށާފައިވާ އިރު، އެ މަސައްކަތް އިތުރަށް ފުޅާކޮށްފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެފައިވެއެވެ.

އެ ހިޔަޅު ހޯދުމަށް 300 އަށްވުރެ ގިނަ މީހުން އެކުލެވޭ ރެސްކިއު ޓީމަކުން މަސައްކަތް ކުރަމުން އަންނަ އިރު، އެ މަސައްކަތުގައި ފަޔާފައިޓަރުންނާއި ފުލުހުންގެ އިތުރުން ކޮރެއާގެ މިލިޓަރީވެސް ބައިވެރިވެއެވެ.

އުމުރުން ދެ އަހަރު ވެފައިވާ އެ ހިޔަޅު ބޭރަށް ނުކުމެފައިވަނީ ޒުލުގައި އެ ހިޔަޅު އުޅޭ ކޮށީގެ ފެންސް ދަށުން ކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

ހިޔަޅު ގެއްލުނު ސަރަހައްދުގައި ހުރި ސްކޫލެއް ވެސް ބަންދުކޮށްފައިވާ އިރު، އާންމުން ސަމާލުވުމަށް ވަނީ އަންގައިފައެވެ.

ހިޔަޅު ގެއްލުނު މައްސަލައިގައި ދެކުނު ކޮރެއާގެ ރައީސް ލީ ޖައޭ މިޔުންގް ވެސް ވަނީ ވާހަކަދައްކަވައިފައެވެ. ރައީސް ލީ ވަނީ ހިޔަޅު ގެއްލިފައިވާ އިރު، އޭގެ ނުރައްކާ އިންސާނުންނަށް ނުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި ސަލާމަތުން އެ ހިޔަޅު ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ފާހަގަކުރައްވައިފައެވެ.