މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އެ ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅައިފިއެވެ.

އެކުންފުނިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އީރާނާ ދެކޮޅަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވާ ހިރާސްތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އެކުންފުނިން އެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެކުންފުނިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގިނަ ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެމްޕީއެލުން އެ ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތައް:

  • ޝިފްޓް އުސޫލުން މަސައްކަތް ނުކުރާ އިދާރީ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑި 7:30 އިން 14:00 އަށް ކަނޑައެޅުން. (ކުރިން އެ މުވައްޒަފުންގެ ރަސްމީ މަސައްކަތު ގަޑިއަކީ 7:30 އިން 15:30 އެވެ.)
  • އޮޕްރޭޝަނަލް ޝިފްޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ ގަޑި ދުވާލަކު އަށް ގަޑިއިރަށް ވުރެ އިތުރު ނުކުރުން.
  • ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތުރައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލުން.
  • ބޭރުގެ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ހަމަޖައްސާ ދަތުރުތަކުގައި ވެސް، ކުންފުނިން ކުރާ ހަރަދުތައް ވީހާވެސް ކުޑަކުރުން، އަދި ރާއްޖެއިން ބޭރުގައި ތިބި ކަސްޓަމަރުންނާއި ސަޕްލަޔަރުންނާ އޮންލައިންކޮށް ބައްދަލުވުންތައް ބޭއްވުން.
  • ރާއްޖެއިން ބޭރަށް ފޮނުވައިގެން އެމްޕީއެލްގެ މުވައްޒަފުންނަށް ދޭ ތަމްރީނުތައް މިވަގުތަށް ހުއްޓާލައި، އެފަދަ ޕްރޮގްރާމްތައް އޮންލައިންކޮށް ބައިވެރިވުން.
  • މިމަހުގެ 15 ގައި ބޭއްވުމަށް ހަމަޖެއްސި "މޯލްޑިވަސް މެރިޓައިން ކޮންފްރެންސް 2026" ފަސްކޮށްލައި، އެ ކޮންފްރަންސް މި އަހަރުގެ އޮކްޓޯބަރު ފަސްވަނަ ދުވަހު ބޭއްވުން.
  • ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށާއި ކަރަންޓު އިސްރާފު ކުޑަކުރެވޭނެ އާދަތަކަށް މުވައްޒަފުންގެ އަހުލުވެރި ކުރުމަށް ހަރާކާތްތަކެއް ކުރިޔަށް ގެންދިއުން.
  • ހަރަދު ކުޑަކުރުމުގެ އޮޕަރޭޝަންސް ޝިިފްޓްތަކުގައި، މަސައްކަތް ކުރާ މުވައްޒަފުންގެ ޝިފްޓް ގަޑި ދުވާލަކު އަށް ގަޑިއިރަށްވުރެ އިތުރު ނުކުރުމަށް ނިންމި ނަމަވެސް، މާލެ ވިޔަފާރި ބަދަރުގެ މުދާ ބޭލުމާއި ކްލިއާކުރުމުގެ މަސައްކަތްތައް ހިނގާ ވަގުތުތަކަށް އެއްވެސް ބަދަލެއް ގެނައުމަށް ހަމަޖެހުފަ އެެއް ނުވޭ.

މި ބަދަލުތަކާއެކުވެސް މުދާ ބޭލުމާއި ކްލިއާކުރުމުގެ ހިދުމަތްތައް މިހާރެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ލިބޭނެކަމުގެ ޔަގީންކަން އެމްޕީއެލުން ދޭކަމަށް އެކުންފުނިން ބުންޏެވެ.