އިޒްރޭލުން ލުބުނާނަށް ހަމަލާދީ 254 މީހުން މަރާލައިފިއެެވެ.
އެމެރިކާ އާއި އިރާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ފަހުން ހައްދުފަހަނަ އަޅާފައިވާ އިޒްރޭލުން ވަނީ ލުބުނާނަށް ދޭ ހަމަލާތައް އިތުރުކޮށް ވަރުގަދަކޮށްފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭ އިޒްރޭލުން ލުބުނާނަށް ދީފައިވާ ހަމަލާތަކުގައި މިހާތަނަށް 254 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެ ހަމަލާތަކުގައި 1،100 މީހުންނަށް އަނިޔާވެ ފަރުވާ ދެމުން އަންނަ އިރު، ލުބުނާނުގެ ވެރިރަށް ބޭރޫތާ އިންވެގެން އޮންނަ އަވަށްތަކުގައި ހުންނަ ހޮސްޕިޓަލުތައް ފުރިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިޒްރޭލުން ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތަށް އަމާޒުކޮށް ކަމަށްބުނެ ދީފައިވާ ހަމަލާތައް ލުބުނާނުގެ އާންމުން އުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްފައިވާ އިރު، އޮފިޝަލުން ވަނީ އިޒްރޭލުން 10 މިނެޓުތެރޭ 100 އަށްވުރެ ގިނަ ސަރަހައްދުތަކަށް ހަމަލާ ދީފައިވާ ކަމަށް ބުނެފައެވެ.
އިޒްރޭލުން ލުބުނާނަށް މި ފަހުން ދޭން ފެށި ހަމަލާތަކުގެ ތެރެއިން އެންމެ ނުރައްކާތެރި އަދި ގެއްލުން ބޮޑު ހަމަލާ އިއްޔެ ދީފައިވާ އިރު، އިރާނުން ވަނީ އެމެރިކާ އާއި އެގައުމުން ވި އެއްބަސްވުމާ އިޒްރޭލުން ހިލާފު ވެފައިވާ ކަމަށް ބުނެފައެވެ. އަދި ލުބުނާނަށް ހަމަލާދޭނަމަ، އެއްބަސްވުން ދޫކޮށްލާނެ ކަމަށް ބުނެފައެވެ.
އެމެރިކާގެ އިތުރުން އިޒްރޭލުން ވެސް އިއްޔެ ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާން ނުހިމެނޭ ކަމަށް ބުނެފައެވެ.
މުހައްމަދު އައުޒަމް
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު