އިޒްރޭލުން ލުބުނާނަށް ހަމަލާދޭނަމަ އެއްބަސްވުން ދޫކޮށްލާނެ ކަމުގެ އިންޒާރު އިރާނުން ދީފިއެވެ.

އިޒްރޭލާއި އެމެރިކާ އިސްވެ އިރާނަށް ދިން ހަމަލާއަށްފަހު މެދުއިރުމަތީގައި ފެށުނު ހަނގުރާމަ މަހަކަށް ވުރެ ގިނަ ދުވަހަށް ދިގުލައި ދިޔަ ފަހުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސް ވުމަކަށް އެމެރިކާ އާއި އިރާނުން ވަނީ އައިސްފައެވެ.

އިރާނުން ހުށަހެޅި 10 ހުށަހެޅުމަށް އެމެރިކާ އިން އެއްބަސްވެ ހެދި އެއްބަސްވުން ކުރިޔަށް ދާން ފެށުމާއެކު އިޒްރޭލުން ވަނީ ލުބުނާނަށް ދެމުން ދިޔަ ހަމަލާތައް ވަރުގަދަ ކުރަން ފަށައިފައެެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ކަމަށް ބުނެ ލުބުނާނުގެ އާންމުން އުޅޭ ތަންތަނަށް އިޒްރޭލުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުން 10 މިނެޓުގެ ތެރޭގައި ލުބުނާނުގެ 100 އަށް ވުރެ ގިނަ ސަރަހައްދަށް ހަމަލާ ދީފައިވެއެވެ.

އިޒްރޭލުގެ ހަމަލާތައް ލުބުނާނަށް އަމާޒުވާން ފެށުމާއެކު އިރާނުން ވަނީ އެއީ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށް ބުނެ ހަމަލާ ދޭނަމަ އެއްބަސްވުން ދޫކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.

އިޒްރޭލުން ލުބުނާނަށް މިފަހުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 1،530 މީހުން މަރުވެފައިވާ އިރު، 4،812 މީހަކަށް އެކިވަރުގެ އަނިޔާވެ ފަރުވާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.