ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމުގައި ކުރިން ހުންނެވި ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން، ހުސްވި އިސް ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާން ހުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވައިލީ މިދިޔަ މާޗް މަހުގެ 25 ގައެވެ.
މިވަގުތު 11 ފަނޑިޔާރުން ތިއްބެވި ހައިކޯޓުގައި އިސް ފަނޑިޔާރެއް ނެތުމުން، އެ ކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ ޖަމީލް މޫސާއާ އެވެ.
އިސް ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ހަމަވިއިރު އެ މަގާމަށް ކުރިމަތިލެއްވީ އެ ކޯޓުގެ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރު ޖަމީލްގެ އިތުރުން ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އެވެ.
އެ މަގާމަށް އައްޔަން ކުރާނެ ބޭފުޅަކު ކަނޑައަޅާނީ ޖޭއެސްސީންނެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލެއްވިއިރު، ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމަށް ވެސް ޖޭއެސްސީން ކުރިމަތިލާން ހުޅުވާލި އެވެ.
ނަމަވެސް އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ އަދަދެއް އަދި ސާފެއް ނުވެއެވެ.
އިބްރާހިމް ޒަކީ
ހައިކޯޓު
ހައިކޯޓު
ހައިކޯޓު