މިފްކޯއިން މަސްދަޅުގެ އަގު ބޮޑުކުރަން ނިންމީ ސަރުކާރަށް އެނގިގެން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުއްޖެއެވެ.

މިފްކޯއިން މިދިޔަ ހޯމަ ދުވަހު ތެޔޮ މަސްދަޅުގެ އަގުބޮޑުކުރުމަށްފަހު، ހަމަ އެ ދުވަހު ވަނީ ކުރިން ހުރި އަގަށް މަސްދަޅުގެ އަގު ދަށްކުރުމަށް ނިންމައިފައެވެ.

ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި މިނިސްޓަރުން އެކުލެވޭ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ އިންތިހާބު ނިމުމުން ވަކި ބާވަތެއްގެ ތަކެތި އަގުބޮޑުކުރަނީ ކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި އެފަދަ ވިސްނުންފުޅެއް ރައީސް ނުގެންގުޅުއްވާ ކަމަށެވެ.

ކޮންމެ ހާލަތެއްގައި ވެސް އިސްކަންދެއްވާނީ ރައްޔިތުންނަށް ބޭނުންވާ ކެއުމުގެ ބާވަތްތަކާއި އަސާސީ ބާވަތްތައް ލިބޭނެކަން ކަށަވަރުކުރުމަށް ކަމަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ރައީސް ވިދާޅުވަމުން ގެންދެވި ކަމަށާއި ވަކި ހާއްސަ ކޮމިޓީއެއް އެކުލަވައިލެއްވީ ވެސް އެކަމަށްޓަކައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެން ވިދާޅުވާން ލިބުނު ފުރުސަތަކަށް ވެދާނެ ކަންނޭނގެ މިފްކޯ އިން މަސްދަޅުގެ އަގަށް ބަަދަލު ގެނައުން. އެކަމަކު އެއީކީ ސަރުކާރުގެ މި ސިސްޓަމްގެ ތެރެއިން އެއްވެސް ފަރާތަކަށް އެނގިގެން ވެފައި އޮތް ކަމެއް ނޫން. އެހެންވީމާ އެ ހާލަތު ބަދަލުވެއްޖެ ނޫންތޯ. މި ދަންނަވަން އުޅޭ ވާހަކައަކީ މި ސަރުކާރުގެ ޕްރޮޔޯރިޓީއެއް ނޫނޭ ރައްޔިތުންގެ އަސާސީ ބާވަތްތައް އަގުބޮޑުކުރުމަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިފްކޯއިން މިދިޔަ ހޯމަ ދުވަހު ބުނެފައިވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ހަރަދު ވަރަށް ބޮޑަށް މައްޗަށް ދިއުމާ ގުޅިގެން މަސްދަޅުގެ އަގު ބޮޑުކޮށްފައިވާ ކަމަށެވެ. މިފްކޯއިން ބުނި ގޮތުގައި މިދިޔަ މަހުގެ ކުރިން 11.57 ރުފިޔާ‏އަށް ލީޓަރެއް ލިބެމުން ދިޔަ ތެޔޮ މިހާރު މިފްކޯއަށް ލިބެނީ 14.32 ރުފިޔާއަށް ކަމަށެވެ.

އެހެންވެ 17.50 ރުފިޔާއަށް ވިއްކަމުންދިޔަ ތެޔޮ މަސްދަޅެއް 18.50 ރުފިޔާއަށް ވިއްކުމަށް އޭރު މިފްކޯއިން ނިންމާފައިވެއެވެ.

ނަމަވެސް ހަމަ އެ ދުވަހު ފަހުން މިފްކޯއިން ބުނެފައިވަނީ، މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގަށް ގެނައި ބަދަލާ ގުޅިގެން، ރައްޔިތުންގެ ހިޔާލާއި ރައްޔިތުންގެ ދިރިއުޅުމުގެ އަގަށް ރިއާޔަތްކޮށް، ކުރިން އޮތްގޮތަށް މަސްދަޅުގެ އަގު ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން މިފްކޯގެ މަސްފިހާރަތަކުން ކުރިއެކޭ އެއްގޮތަށް ތެޔޮ މަސްދަޅެއް 17.50 ރުފިޔާއަށް އަދި މަސްދަޅު ކޭހެއް ވިއްކާނީ 760 ރުފިޔާއަށް ވިއްކަމުންގެންދާނެ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.