ނިންޓެންޑޯ އަދި އިލުމިނޭޝަން ގުޅިގެން އުފައްދާފައިވާ އެނިމޭޓެޑް ފިލްމު "ދަ ސުޕަ މާރިއޯ ގެލެކްސީ މޫވީ" އަށް، ދުނިޔޭގެ ބޮކްސް އޮފީހުގައި ފުރަތަމަ ހަފުތާބަންދުގައި 372.5 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެއެވެ. މިއާއެކު، މި ފިލްމު ވެފައިވަނީ ސިނަމާގެ ތާރީހުގައި އެނިމޭޓެޑް ފިލްމަކަށް ފަސްވަނައަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފެށުމަށެވެ.
މިދިޔަ ހަފުތާބަންދުގައި ސިނަމާތަކަށް ނެރުނު މި ފިލްމަށް އުތުރު އެމެރިކާގެ މާކެޓުން އެކަނިވެސް 190.1 މިލިއަން ޑޮލަރު ލިބިފައިވެއެވެ. އެހެނިހެން 80 މާކެޓަކުން 182.4 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ހޯދާފައެވެ.
މިއީ 2023 ވަނަ އަހަރު ނެރުނު "ދަ ސުޕަ މާރިއޯ ބްރަދަރސް މޫވީ" ގެ ކާމިޔާބީއަށްފަހު ނެރުނު ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަށް ފެށުމުގައި 375 މިލިއަން ޑޮލަރު ލިބިފައިވާއިރު، މިއީ އެނިމޭޓެޑް ފްރެންޗައިޒެއްގެ ދެ ފިލްމަކަށް ފެށުމުގައި 350 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބުނު ފުރަތަމަ ފަހަރެވެ.
ބޮކްސް އޮފީހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން މިއަށްވުރެ ބޮޑު އާމްދަނީއެއް ފެށުމުގައި ހޯދާފައިވަނީ "ޒޫޓޯޕިއާ 2"، "ނޭ ޒާ 2"، "މޮއާނާ 2" އަދި ފުރަތަމަ ސުޕަ މާރިއޯ ފިލްމުންނެވެ. މި ފިލްމަށް މިހާ ބޮޑު ތަރުހީބެއް ލިބިފައިވަނީ، އީސްޓަރ ބަންދާ ދިމާކޮށް ކުޑަކުދީންގެ ސްކޫލް ޗުއްޓީއާ ގުޅިގެން އާއިލާތަކުން ސިނަމާތަކަށް ދިއުން އިތުރުވުމުގެ ސަބަބުން ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.
ކްރިސް ޕްރެޓް، އާންޔާ ޓޭލަރ-ޖޯއި އަދި ޖެކް ބްލެކް ފަދަ މަޝްހޫރު ތަރިން އަޑުއަޅާފައިވާ މި ފިލްމު، މިހާރު ވަނީ 2026 ވަނަ އަހަރުގެ މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަޤާމުވެސް ހޯދާފައެވެ. ފާޑުކިޔާ ފަރާތްތަކުގެ ޚިޔާލު ތަފާތުވި ނަމަވެސް، އާންމުންގެ ފަރާތުން މި ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް
ހޮލީވުޑް