އަނަންޔާ ޕާންޑޭ އާއި ލަކްޝްޔާ ލަލްވާނީ ލީޑު ރޯލުން ފެނިގެންދާ އާ ފިލްމު "ޗާންދު މޭރާ ދިލް" ގެ ޓީޒާ އާންމުކޮށްފިއެވެ. ދަރްމާ ޕްރޮޑަކްޝަންސްއިން އުފައްދާ މި ރޮމޭންޓިކް ޑްރާމާ ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 22 ވަނަ ދުވަހުއެވެ. މީގެ ކުރިން މި ފިލްމު މިދިޔަ އަހަރު ނެރުމަށް މަސައްކަތްކުރި ނަމަވެސް، ފަހުން ވަނީ ތާރީޚު ފަސްކޮށްފައެވެ.

އެއް މިނެޓާއި 32 ސިކުންތުގެ މި ޕްރޮމޯޝަނަލް ކްލިޕުން ފެނިގެންދަނީ އާރަވް އަދި ޗާންދަނީގެ ދެމެދުގައި ހިނގާ ޖަޒުބާތީ އަދި ހަލަބޮލި ލޯބީގެ ގުޅުމެކެވެ. ކޮލެޖު ދުވަސްވަރުގެ ލޯބީގެ މައްޗަށް ބިނާކޮށްފައިވާ މި ޓީޒާއިން، އުފާވެރި ވަގުތުތަކަށްފަހު ހިތްދަތި އަދި ނުތަނަވަސް ކަންތައްތަކަކާ ކުރިމަތިލާ މަންޒަރުތައް ދައްކުވައިދެއެވެ. ޓީޒާގައި ފެންނަ ގޮތުން، މިއީ ތާރީޚީ ލޯބީގެ ވާހަކައެއް ކަމަށް އަންހެން ކުއްޖާ ބުނުމުން، ފިރިހެން ކުއްޖާ ބުނަނީ ތާރީޚީ ލޯބީގެ ވާހަކަތައް ނިމިގެންދާނީ ވަރަށް ހިތާމަވެރިކޮށް ކަމަށެވެ.

https://www.youtube.com/watch?v=rtNIehqaVfQ

މި ޓީޒާ އާންމުވުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ މިއީ ކުރިން ނުކުމެފައިވާ ބައެއް އުފެއްދުންތަކާ އެއްގޮތް ފިލްމެއް ކަމަށް ބުނަމުންނެވެ. ޚާއްސަކޮށް، އަހާން ޕާންޑޭ އާއި އަނީތު ޕައްޑާ ފެނިގެންދިޔަ ފިލްމު "ސައްޔާރާ" އާއި ސަންދީޕް ރެޑީ ވަންގާގެ "ކަބީރް ސިންގް" ގެ ތީމްތަކާއި ވިޝުއަލްތަކާ މި ފިލްމާ ވަރަށް ބޮޑަށް ވައްތަރު ކަމަށް ބެލުންތެރިން ފާހަގަކޮށްފައިވެއެވެ. ބައެއް މީހުން ވަނީ މިއީ އެ ފިލްމުތަކުގެ ކޮޕީއެއް ކަމަށްވެސް ތުހުމަތުކޮށްފައެވެ.

ބެލުންތެރިންގެ މި ފާޑުކިޔުންތަކާ ގުޅިގެން ޕްރޮޑަކްޝަން ޓީމުން ސީދާ ރައްދެއް ދީފައި ނުވި ނަމަވެސް، ޕްރޮޑިއުސަރު ކަރަން ޖޯހަރް ބުނި ގޮތުގައި މިއީ ޒަމާނީ ލޯބީގެ ގުޅުންތަކުގައި ހުންނަ އުނދަގޫ ކަންތައްތައް ދައްކުވައިދޭ ތަފާތު ވާހަކައެކެވެ. އަދި ލޯބީގައި ކޮންމެވެސް ވަރަކަށް މޮޔަވާން ޖެހޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. ވިވެކް ސޯނީ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގެ މިޔުޒިކް ތައްޔާރުކޮށްފައިވަނީ ސަޗިން-ޖިގަރް އެވެ. މިއީ އަނަންޔާ އާއި ލަކްޝްޔާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.