އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުގެ މަގާމުން އިބްރާހިމް ވަހީދު (އިބުރޭ) ވަކިކޮށްފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަބްދުލްގަފޫރު މޫސާ (ގަޕޯ) ސޮއިކުރައްވައި އިބުރޭއަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދިނުމަށް ޗެއާޕާސަންގެ ނައިބު (އިދާރީ) އާއި ޗައާޕާސަންގެ ނައިބު (މާލީ) ގައުމީ މަޖިލީހުގެ ރުހުމާއެކު ޗެއާޕާސަން އައްޔަންކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
ހަމަ އެ މާއްދާގައި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނައިބަކު ވަކިކޮށް، ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނައިބު ކަމަށް އައްޔަންކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ސިޓީގައިވެއެވެ.
އެހެންކަމުން އެ މާއްދާގައި ޗެއާޕާސަންގެ ނައިބުކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަން ޖެހޭ ކަމަށް ބުނެފައިވާތީވެ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ޗެއާޕާސަންގެ ނައިބު (އިދާރީ) ކަމުން އިބްރާހިމް ވަކިކޮށްފައިވާ ކަމަށް ގަފޫރުގެ ސިޓީގައި ވިދާޅުވިއެވެ.
އެ ސިޓީގައި އިބުރޭ ވަކިކުރި ސަބަބެއް ފާހަގަކޮށްފައި ނުވި ނަމަވެސް، އެމްޑީޕީގެ ތެރޭގައި ހަމަޖެހުންތަކެއް ދަނީ ހިނގަމުންނެވެ. އެ ހަމަނުޖެހުންތައް ފެށިފައިވަނީ، ލޯކަލް ކައުންސިލު އިންތިހާބާއި ހިޔާލު ހޯދުމުގެ ވޯޓުގައި އެމްޑީޕީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ވާހަކަދެއްކެވުމުގެ ފުރުސަތު ނުދިނުމާއެކުއެވެ. އެހެންކަމުން އެ ޖަލްސާގައި ނަޝީދާއި ފައްޔާޒް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅިގެން ގަފޫރު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލްސާގައި ވާހަކަދައްކަަވަން ކުރީގެ ފައްޔާޒާއި ރައީސް ނަޝީދު އެދިވަޑައިގެންނެވި ކަމަށާއި އެ ބޭފުޅުންނަށް އެ ފުރުސަތު ހަމަޖެއްސުމަށް މަސައްކަތްކުރައްވަމުން ގެންދަވަނިކޮށް، މަސްލަހަތު ގެއްލޭ ގޮތަށް ފެތުރި ވާހަކަތަކާ ގުޅިގެން ހިތާމަކުރައްވާ ކަމަށެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ