''ޖަމްޝީދާ ބުނެފިއްޔާމު ތި ވާނީ ތެދަކަށް...'' ސަމާސާ ރާގަކަށް ހާރޫން ބުންޏެވެ. އޭނަ ވެސް އެހުންނަނީ މަސްރޫރުގެ ދޮށީ ދަރިފުޅާ ބައްދަލުވާނެ އިރެއްގެ އިންތިޒާރުގައެވެ. ވިޔަފާރީގެ މާހައުލުގައި ފަތުއަޑު ކިޔާފައި ދެކެވެމުންދާ ވާހަކަތަކަށް ހާރޫން ސަމާލުކަމެއް ނުދެއެވެ. ތުންތުންމަތިން އެގޮތަށް ދެކެވޭ ވާހަކަތަކަށް ވުރެން ބޮޑަށް އޭނަ ބަރޯސާވަނީ އެމީހެއްގެ ހުނަރާއި ޝަހުސިއްޔަތެއްގެ މައްޗަށެވެ. އެހެންކަމުން ޒަރާރްގެ ހުރި ޤާބިލިއްޔަތުކަމާއި އެއީ ކޮން ކަހަލަ ޒުވާނެއްތޯ ބަލައިލަން ބޭނުމީ އެކުގައި މަސައްކަތްކުރުމަށްފަހުގައެވެ. އެހެން ނޫނީ ހަޤީޤަތެއް ނޭނގޭނެއެވެ.

އޮފީހަށްދާ ގަޑި ކުޑަތަންވުމާއެކު، ކޮފީ ޖޯޑު ހުސްކޮށްލުމަށްފަހު ހާރޫން ގޮޑިން ތެދުވިއެވެ. ކާމޭޒު ދޫކޮށް ދިއުމުގެ ކުރިން އޭނަގެ ނަޒަރު ތަނާލްއަށް ހުއްޓުނެވެ.

''މިއަދު ބުރާސްފަތި ދުވަހެއްނު... އެޕޮއިންޓްމެންޓް ގަޑިއާ ކައިރިކޮށްފަ ބައްޕަ އަންނަންތަ؟...'' ހާރޫން ހަނދާންކޮށްދިނެވެ. ކޮންމެ ބުރާސްފަތި ދުވަހަކީ ތަނާލްގެ ތެރަޕީ ދުވަހެވެ. ކްލިނިކާ ހަމައަށް ތަނާލް ގެންގޮސްދީ ހަދަނީ ހާރޫން އެވެ. އެހެންނަމަވެސް މިއަދު އޭނަ މަޑުކޮށްލީ ތަނާލްގެ ޚިޔާލު ހުރި ގޮތެއް ބަލައިލާށެވެ.

ބައްޕަގެ ސުވާލާއެކުގައި ތަނާލްއަށް އޭނަގެ ފޯނުން ކަލަންޑަރު ހުޅުވާލެވުނެވެ. ހަފްތާގެ ދުވަސްތަކުގެ ތަރުތީބު ގިނަ ފަހަރަށް އޮންނަނީ އޮޅިފައެވެ. ބޭރުތެރެއަށް ނިކުމެނޫޅޭތީއެވެ. ބައްޕަ ހަނދާންކޮށްނުދިންނަމަ އެޕޮއިންޓްމެންޓް މަތިން ހަނދާންނެތުނީހެވެ.

''މިއަދު އެކަނި ގޮސްލާނަން...'' މޭޒުމަތީ ފޯނު ބާއްވަމުން ތަނާލް ބުންޏެވެ.

''އެންމެ ރަނގަޅު...'' ލުއި ހިނިތުންވުމަކާއެކު ހާރޫން ބުންޏެވެ.

ސުމައްޔާގެ ނަޒަރު އިހުސާސްވުމާއެކު، ސުމައްޔާއާއި ހަތަރުކަޅިހަމަކޮށް ހާރޫން މަޑުމަޑުން ބޯޖަހާލިއެވެ. ހިމޭންކަމުގެ ދުލުން ދެމަފިރިންގެ ދެމެދުގައި ދެކެވުނު ވާހަކަތަކާ އެއްބަސްވަމުން، ހާރޫންއާއި ލުއި ހިނިތުންވުމެއް ސުމައްޔާ ބަދަލުކޮށްލިއެވެ.

*****

ގަޑީގެ ސިކުންތުކަށި ހިނގަމުން ދިޔަ އަޑު މާހައުލަށް ފެތުރިފައި އޮތެވެ. ތަނާލް އިނީ ތެރަޕީ ރޫމްގެ މެދަށް ވާހެން ހުރި ވަށް ސޯފާގައި އިށީނދެލައިގެންނެވެ. ކުރިމައްޗަށް ވާނެހެން ވަކިން ހުރި ސޯފާ ގޮނޑީގައި އިނީ ރާނިޔާ އެވެ. އޯގާތެރި ހިނިތުންވުމަކާއެކުގައި ރާނިޔާ މަޑުކޮށްލައިގެން އިނީ އިސްވެ ވާހަކަދެއްކުމުގެ ފުރުސަތު ތަނާލްއަށް ދީގެންނެވެ. އުމުރުން ސާޅީސް އަހަރުގެ ރާނިޔާއަކީ ޕޭޝެންޓުންނަށް އޯގާތެރި އަދި ޕޭޝެންޓުންގެ އިހުސާސްތައް ގާތުން ދަންނަ ތެރަޕިސްޓެވެ. ނަފުސާނީ ބަލީގައި ކޮންމެ މީހެއްގެ ތަޖުރިބާ އެއްގޮތެއް ނުވާނެތީއެވެ. އެކި މީހުންގެ ސިކުނޑިއަށް ނޭދެވޭ ފިކުރުތަކުން ކުރާ އަސަރާއި، އެމީހެއްގެ ހިތުގައި އުފެދޭ އިހުސާސްތައް އެއްގޮތެއް ނުވާނެއެވެ. ޖަޒުބާތުތައް ހިއްސާކޮށް ޒަހަމްވެފައިވާ ހިތްތައް ހުޅުވާލުމަކީ ގިނަ މީހުންނަށް ފަސޭހަކަމަކަށް ނުވާނެއެވެ. އެހެންކަމުން ޕޭޝެންޓުގެ ހާލަތު އެނގުމާއެކު، ގާތް ގުޅުމެއް ބޭއްވުން އެއީ ފަރުވާ ދިނުމުގެ ފުރަތަމަ މަރުހަލާއެވެ. ކިތަންމެ ވަގުތެއް ނެގިކަމުގައި ވިޔަސް މެއެވެ.

ތަނާލްގެ ނަޒަރު ހުއްޓިފައިވަނީ މަޑު ފެހި ކުލައިގެ ފާރުގައި ހަރުކޮށްފައި ހުރި ކުރެހުމަކަށެވެ. ކުޅަދާނެ ކުރެހުންތެރިއެއްގެ ފިހިގަނޑުން ދިރުން ގެނެސްދީފައިވާ ކުރެހުމުން ދައްކައިދެނީ ރާޅުފަށާ ކައިރީގައި ހުއްޓިގެން ހުރި ނޫކަށިފުރައިގެ އަންހެންކުއްޖެކެވެ. ޒުވާންކަމުގެ ޖޯޝު އެއަންހެންކުއްޖާގެ މޫނުން ފާޅުކޮށްދެއެވެ. މައުސޫމްކަމާއި، މުސްތަޤުބަލާ މެދު ކުރާ އުއްމީދާއިއެކު، ކަންބޮޑުވުންތަކުގެ ލިސާންތައް އެދެލޮލުން ހާމަކޮށްދެއެވެ. އެންމެ ބޮޑަށް ފާހަގަވަނީ އެއަންހެންކުއްޖާގެ ހިނިތުންވުމެވެ. އެއީ ފުޅާ އަދި ރީތި ހިނިތުންވުމެކެވެ. ރޫހަށް ދިރުން ލިބިފައިވާ ކަހަލައެވެ. ތަނާލްއަށް ވިސްނާލެވުނެވެ. އެފަދައިން އޭނަ އެންމެފަހުން ހިނިތުންވެލީ ކޮން ދުވަހެއްގައި ހެއްޔެވެ؟ ސިކުނޑީގެ ކަނަކުން އެސުވާލުގެ ޖަވާބު އިއްވާލަދިނެވެ. އެއާއެކު ޒަމީރާއި ކުރަމުން ދިޔަ ހަނގުރާމަ ނާކާމިޔާބުވެ، ހިދާންއާއެކު ވޭތުކުރެވުނު ޖާދުވީ ދުވަސްތަކުގެ މަންޒަރުތައް ލޯކުރިމަތިން ނިއުޅެން ފެށިއެވެ. އެކަމުގައި އޭނަގެ އިހުތިޔާރެއް ނުވާ ފަދައެވެ. ތަނާލްއަށް އިސްޖަހާލެވުނެވެ.

''އައި...'' ތަނާލް ފަށަން އުޅުނެވެ. މޭގައި އުތުރި އަރަން ފެށި ޖަޒުބާތުތަކުން އަޑެއް ނުނިކުތެވެ.

ރާނިޔާ އިނީ ހިމޭނުންނެވެ. ތަނާލްގެ އިހުސާސްތައް ހަމައަކަށް އެޅެންދެނެވެ. ބިއްލޫރި މޭޒުމަތީ ބަހައްޓާފައި ހުރި ފެންތަށި ތަނާލްގެ ގާތަށް ޖައްސާލަމުން، ކުރިން އިންހެން ގޮނޑީގައި ރާނިޔާ ހަމަޖެހިލިއެވެ. އޭނަގެ ސަމާލުކަން ހިނދުކޮޅަކަށް ވެސް ތަނާލްއާއި ވަކިނުވެއެވެ. އެމޫނަށް އަރާ ކޮންމެ ކުލަވަރެއް ދިރާސާކުރާ ކަހަލައެވެ.

ފެންތަށިން ކޯވަރެއް ބޯލަމުން ތަނާލްގެ ނަޒަރު އަނެއްކާ ދަތުރުކުރީ ކުރެހުމަށެވެ. ދެއަތުން ފެންތަށީގައި ބާރަށް ހިފަހައްޓާލެވުނީ އަތުގައި އުފެދުނު ތުރުތުރާއެކުގައެވެ. ހަމަހިމޭންކަމުގެ ސުކޫތު ދިގުލައިގެންދާން ފެށިކަމުގައި ވިޔަސް، އެހިމޭންކަމުން ތަނާލްއަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ. ތެރަޕީ ފަށައިގެން އުޅުނު ދުވަސްކޮޅު ރާނިޔާގެ ތޫނު ނަޒަރުން ތަނާލްއަށް ހުރެވުނީ ނުތަނަވަސްވެފައެވެ. އުދާސްކަމެއްގެ ތެރޭގައެވެ. އޭރު އެއްވެސް މީހަކާ ވާހަކަދައްކައި ގުޅުން ބަދަހިކުރަން ތަނާލްގެ ޒަމޫރު ފާޅުގައި ދެކޮޅު ހެދިއެވެ. އޭނަގެ މުޅި ދުނިޔެއަކީ އެކަނިވެރިކަމެވެ. އަމިއްލައަށް ފަރުމާކުރެވުނު ޖަލެކެވެ.

އަމިއްލަ ނަފުސަށް އަނިޔާ ދިނުމުގެ ނުބައި ވަސްވާސްތަކުން ސިކުނޑި ފުރުނެވެ. ވޭނާއި ކެކުޅުންތަކުން މިންޖުވެވެން އޮތީ އަމިއްލަ ފުރާނައަށް ގެއްލުން ދީގެންކަމުގައި ހީވާން ފެށިއެވެ. އެކަމަށް އަމަލުކުރުމަށް ޝައިތާނީ ވަސްވާހުން ސިކުނޑި ފުރި ބާރުވިއެވެ. ހަތަރުއުދަރެސް ފެނު ޖެހުނު ކަހަލައެވެ. ހަމަނޭވާލުމަށް ދަތިވި ހިނދު ތަނާލް ބޭނުންވީ އަމިއްލައަށް މަރުވާށެވެ. އެއީ ކިހާ ބޮޑު ފާފައެއްކަން ވިސްނުމާއެކު އޭނަ އިތުރަށް ބަލިކަށި ވިއެވެ. ނަފުސާނީ މާރިހެއްގެ އެހީތެރިކަން ހޯދަން މަޖުބޫރުވީ އެހިސާބުންނެވެ. އަނދިރީގެ ތެރެއަށް ގެނބިގެން ހިނގައިދާނެކަމުގެ ބިރަށެވެ.

ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި އޭނަގެ ހަށްޓަށް ލުޔެއް ލިބިއްޖެއެވެ. ވޭނައި ކުރިމަތިލެވޭނެ މަގުތައް ފަހިވެއްޖެއެވެ. ރާނިޔަގެ އެހީއާއެކު ކަނޑައެޅި ލަނޑުދަނޑިތައް ހާސިލްވެދާނެކަމުގެ އުއްމީދުގެ ހިތުގައި އޮތެވެ.

''އައި ފައިނަލީ ޑިސައިޑެޑް ޓު ލެޓް ގޯ އޮފް ދި އެޕާޓްމެންޓް...'' ތަނާލް ބަލައިލީ ރާނިޔާ އަށެވެ.

''އެޕާޓްމެންޓް ދޫކޮށްލުމުން އެކަމާ ތަނާލް ދެކެނީ ކިހިނެއްތަ؟...'' މަޑުމައިތިރި އަޑަކުން ރާނިޔާ ސުވާލުކޮށްލިއެވެ.

ތަނާލްއަށް އޭނަގެ ތިރީ ތުންފަތުގައި ދަތްއަޅާލެވުނެވެ. ހަޤީޤަތަށް ބުނާނަމަ އޭނަގެ ހިތުގެ ޒަހަމްތަކަށް ޝިފާއެއް ނުލިބުނެވެ. އަރުތެރެ ބެދެން ފެށި ކަމުގެ އިހުސާސާއެކު، އެއްނޭވާއިން ފެންތަށި ހުސްކޮށްލެވުނެވެ.

''އައި ސްޓިލް ފީލް އެމްޕްޓީ، ކީއްވެގެގެންތަ އަބަދު އެއް ހިސާބެއްގަ ހައްޔަރުވެފައި ހުންނަހެން ހީވަނީ، ކުރިއަށް ދާން އުޅުނަސް އެކަމެއް ނުވޭ، އަހަރެން ބޭނުން ރަނގަޅުވާން، ދެން ކީއްވެގެންތަ ބަދަލެއް ނުފެންނަނީ؟... ވައި ކާންޓް އައި ލެޓް ގޯ އޮފް ދިސް ޕެއިން، ދިސް ގިލްޓް، އެޕާޓެމެންޓް ދޫކޮށްލުމުން ހީވީ ފަސޭހަވާނެކަމަށް، އެވަގުތު އެނިނުމުމުން ލުޔެއް ލިބުނު، އެކަމަކު މިހާރު... މިހާރު އުނދަގޫވޭ، އަނބުރާ ދާން ބޭނުންވޭ...'' އިސްޖަހާލަމުން ތަނާލް ބުންޏެވެ. އޭނަ ހާމަކުރީ ހަޤީޤަތެވެ. އަނދިރިކަމާއި މުޅިން އޭނައަށް ދުރެއް ނުވެވުނެވެ. ހިޔަނިހެން އޭނަގެ ގާތުގައި ވާ ކަހަލައެވެ. ބަލިކަށިވާ ހިނދުގައި ވަކިތައް ހިއްޕާލުމުގެ ނިޔަތުގައެވެ.

''ޑޫ ޔޫ ވޮނަ ގޯ ބެކް؟...'' ތާނިޔާގެ ސުވާލުން ތަނާލް ސިހުނެވެ. އޭނަގެ ތުންފަތުގައި މަޑު ތުރުތުރުލުމެއް އުފެދުނެވެ. ލަސްލަހުން ސިކުނޑީގައި ރާނިޔާގެ ސުވާލު ތަކުރާރުކޮށްލެވުނެވެ.

''ތަނާލް...'' ރާނިޔާ ގޮވާލީ ތަނާލްއަށް އައި ބަދަލުންނެވެ. ނޭވާގެ ހިނގުން މަޑުވެ މުޅިން އެހެން ދުނިޔެއަކަށް ގެއްލިވާ ކަހަލައެވެ. އެދުނިޔެއިން ހަޤީޤަތަށް ލޯހުޅުވާލުމަށް ތަނާލްއަށް ރާނިޔާ އެހީވެދިނެވެ.

''ތަނާލް، ވަޓް ޔޫ އާރ ފީލް އިޒް ރިއަލް... ކުއްލި ގޮތަކަށް އެފަދަ ހާދިސާއަކާ ކުރިމަތިލާން ވުމުން އެކަމުގެ އަސަރު ސިކުނޑިއަށް ކުރާ ގޮތް ތަފާތުވާނެ... ޔޫ އާރ ސްޓިލް ޔަންގް... ހުރިހާ ކަމެއް މުޅިން ފަސޭހަވާން ވަގުތު ނަގާނެ، ކުރިން ވެސް އަހަރެން ބުނެދިނީމެއްނު... އެމަކަކު ތީ ކުރީގެ ތަނާލްއެއް ނޫން، ފަހަރެއްގައި ތަނާލްއަށް ޤަބޫލުކުރަން އުނދަގުލީކަމަށް ވެދާނެ... އެހެންވެއްޖެއްޔާމު އަހަރެން ބޭނުން ތަނާލްއަށް ރިމައިންޑާއެއް ދޭން... މާޒީގެ ހަނދާންތަކާ ދުރަށް ދާން އެޕާޓްމެންޓް ދޫކޮށްލުމަކީ ކުރިއަށް ދިއުމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް، ކޮންމެކޮންމެ މީހަކަށް އެފަދަ ނިންމުމެއް ނިންމަން ފަސޭހައެއް ނުވާނެ، އެއީ އެހަނދާންތަކާއެކު ދިރިއުޅުމަށް ބޭނުންވާނެތީ... ފަހަރެއްގައި މިއަދު ހީވެދާނެ ތިމަންނައަށް ލިބޭނެ ކުރިއެރުމަކީ ކޮބާ ހެއްޔޭ... ފަސޭހައެއް ނުލިބެޔޭ... އެކަމަކު އެއީ ގޯސް ވިސްނުމެއް... ދެޓްސް ޔޯ ނެގެޓިވް ފީލިންގްސް ޓްރައިންގް ޓު ޓޭކް ކޮންޓްރޯލް އޮފް ޔޫ... އެކަމަކާ ކުރިމަތިލާން ޖެހޭނެ، ތަނާލްގެ ނިންމުމާ މެދު ފަހުރުވެރިވާންވާނެ، އެއީ ވަރަށް އުނދަގޫ ނިންމުމެއް، އެހުރިހާ ހަނދާންތަކާ ދުރަށް ދިއުން ފަސޭހައެއް ނުވާނެ...'' ރާނިޔާ ބުންޏެވެ. ''ބައެއްފަހަރު ހީވެދާނެ މިކުރެވެނީ ބޭކާރު މަސައްކަތަކޭ، އިމްޕްރޫވް ނުވެޔޭ، ތެރަޕީ ނެގުމުގެ ބޭނުމެއް ނެތޭ، ފަހަރެއްގައި އެއީ މުޖްތަމައު ތެރޭގައި އޮންނަ ޓެބޫގެ ސަބަބުން އައިސްފާނެ ބަދަލެއް، އެކަމަކު އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ އިތުބާރު އަނބުރާ ލިބުމަކީ ހުރިހާ ކަމަކާ ކުރިމަތިލެވިދާނެކަމުގެ ހެއްކެއް... މިއަދު އަހަންނަށް ތަނާލްގެ ފަރާތުން އެބަދަލުތައް އެބަ ފެނޭ... ތި ސާބިތުކަމުގެ މަތީގައި ދެމިހުރުމަށް ދެން މަސައްކަތްކުރަންޖެހޭނީ...''

ތަނާލްގެ ދެލޮލުން ކަރުނަ ނީރާލީ މޭގައި އުފެދިގެން އައި މަސްހުނި ޖަޒުބާތުތަކުންނެވެ. އޭނަގެ ގިލަންވެރިކަމާއި ގުޅިފައިވާ މައިގަނޑު ސަބަބަކީ އެކްސިޑެންޓަށްފަހު ދިރިހުރުމުގެ ނަސީބު ހަމައެކަނި އޭނައަށް ލިބުނީތީއެވެ. ހިދާންއަށް އެފުރުސަތު ލިބުމަށް ތަޤުދީރުގައި ލިޔެވިފައި ނެތީ ކީއްވެގެން ހެއްޔެވެ؟ އެއީ އިންސާފުވެރި ގޮތެއް ހެއްޔެވެ؟

ތަޤުދީރުގެ ރޭވުންތަކުގެ ފަހަތުގައި ހިކުމަތެއް ފޮރުވިފައިވާނެކަން ތަނާލް ޤަބޫލުކުރެއެވެ. ނަމަވެސް ހިތުގެ ތަކުލީފުގެ ކުރިމަތީގައި އޭނަގެ އަޒުމާއި ހިތްވަރަށް ލޮޅުން އަރައިގެން ދަނީއެވެ.

ކުރިމަތީ ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގައި ކަރުނަ ފޮހެލެވުނެވެ. ނޭފަތުގެ ކުރީގައި ޓިޝޫކޮޅު ޖައްސައިގެން އިނުމަށްފަހު ތަނާލް ފުންނޭވާއެއް ދޫކޮށްލިއެވެ.

''އަލުން ވަޒީފާއަށް ނިކުންނަން ޑިސައިޑްކޮށްފިން...'' ތަނާލް ހާމަކުރިއެވެ. އެކަމުގައި ރާނިޔާގެ ޚިޔާލެއް ހޯދުމުގެ ނިޔަތުގައެވެ.

''ހައު ޑޫ ޔޫ ފީލް އެބައުޓް އިޓް؟...'' ރާނިޔާ ސުވާލުކޮށްލިއެވެ.

''ނާވަސް؟...'' ތަނާލް ބުންޏެވެ. އަހަރެއް ވަންދެން އެކަހެރި މާހައުލެއްގައި ދުވަސްތައް ހޭދަކޮށްފައިވުމުން މީހުންގެ ތެރެއަށް ނިކުމެ ހަދަން ގޮންޖެހުންތަކާއި ކުރިމަތިވާނެކަން ތަނާލްއަށް އެނގެއެވެ. ކުރީގެ ގާތް އެކުވެރިންތައް ވެސް ގެއްލިއްޖެއެވެ. އަމިއްލަ ދިރިއުޅުމާއިގެ މަސްޢޫލުވުމާއެކު އެކުވެރިންގެ ހަނދާނުން އޭނަގެ ނަން ފަނޑުވެގެން ދިޔައީއެވެ. ވަގުތު ހުއްޓުނީ ހަމައެކަނި ތަނާލް އަށެވެ. އެހެންކަމުން ތަނާލް އެނބުރި އަންނާނެ އިރަކަށް އެއްވެސް މީހަކު އިންތިޒާރެއް ނުކުރިއެވެ. މިއަދު ދިރިއުޅުމާއި ކުރިމަތިލާން ގަސްދުކުރި ހިނދު އޭނަ އެހުރީ ގިނިކަންޏާއެވެ. މަންމައާއި ބައްޕަގެ ފަރާތުން އެއްބާރުލުން ލިބޭނެ ކަމާމެދު އޭނަ ޝައްކެއް ނުކުރެއެވެ. އެހެނަސް އިހުސާސްތައް ހިއްސާކޮށްލާނެ މިތުރަކު ހުރުމަކީ ލިބޭނެ ކުރިއެރުމެކެވެ. ހިތާމައަކީ އޭނައަށް ހެދުނު ގޯސްތަކުން އެކުވެރިން ގެއްލުނީތީއެވެ.

''ގިނަ ދުވަސްފަހުން ވީމަ ނުތަނަވަސްވުން އެއީ މައްސަލައެއް ނޫން، އެކަމަކު ތަނާލް ވާނެ އަމިއްލަ ނަފުސަށް އިތުބާރުކުރަން، ޔޫ ޝުޑް ނޮޓް ޕުޝް ޔޯ ސެލްފް...'' ރާނިޔާ ނަސޭހަތްތެރިވުމާއެކު، އެއްބަސްވުމުގެ ގޮތުން ތަނާލް ބޯޖަހާލިއެވެ. ހުކުރު ދުވަހު އޮތް އިވެންޓުގެ ވާހަކަ ވެސް ތަނާލް ހިއްސާކުރިއެވެ. އޭގެ ތެރެއިން ވާހަކަތަކުގެ ކުރި ފަޅަން ފެށީ އިވެންޓަށް ތައްޔާރުވުމަށް ތަނާލްގެ ޚިޔާލު ހުރި ގޮތާއި ގުޅުވައިގެންނެވެ.

އާދައިގެ މަތިން ތެރަޕީ ސެޝަން ނިމިގެން ދިޔައީ ސިކުނޑީގެ ބުރަކަމަށް ލުޔެއް ގެނެސްދެމުންނެވެ. ރާނިޔާގެ މޫނުމަތިން ފެނުނު އުފާވެރިކަމުން ތަނާލްއަށް އިތުރު ހިތްވަރެއް ލިބުނެވެ. އެއީ ހެޔޮ ފާލެއްކަމުގައި ދެކެވުނެވެ. އެންޒައިޓީ ބޭހުގެ ޑޯސޭޖް މަތިކުރަން ރާނިޔާ ގަސްދެއްނުކުރިއެވެ.

ތެރަޕީ ރޫމުން ނިކުތުމުގެ ކުރިން ޝުކުރުވެރިކަމުގެ ހިނިތުންވުމެއް ތަނާލް ބަދަލުކޮށްލިއެވެ. މިއަދު އޭނައަށް އާދެވިފައި ހުރި ހިސާބަށް ވާސިލުވުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ރާނިޔާގެ ފަރާތުންނެވެ. އެކަމަށް އޭނަ އަބަދުމެ ޝުކުރުވެރިވާނެއެވެ.

*****

ހުކުރު ދުވަހަށް ވިއްސާރަ ވެސް އަލިކޮށްލައިފިއެވެ. ވަރިރޯޅިތައް ހިނދި ތޫފާނުގެ ލިސާންތައް އުދަރެހުން ފޮހެވިގެން ގޮސްފިއެވެ. އިރު އޮއްސުނީ އުޑުމަތި ސާފު ރީތި ރެއަކަށް ދަޢުވަތު ދެމުންނެވެ. ދުރުދުރުން ވިދާ ބަބުޅާ ހާސްތަރިތަކުގެ ދަރުބާރުން އެކަމަށް ހެކިވެއެވެ. ހަނދުވެސް އޭގެ ޝާއްބަކަމާއެކު މެދު އުޑުގައި ފަރިވެފައި އިނެވެ.

އިސްކޮޅުގެ ދިގުމިން ހުރި ލޯގަނޑު ކުރިމައްޗަށް ހުއްޓިލަމުން ތަނާލް ފަރި ބަލައިލިއެވެ. ގަދަ މުށިކުލައިގެ ވްރެޕް މެކްސީ ހަށިގަނޑަށް ދޫކޮށް އޮތަސް އައިބު ކަމަކަށް ނުދައްކައެވެ. ކްރީމް ކުލައިގެ ބުރުގާއާއެކު ލުއި މޭކަޕެއްކޮށްފައިވުމުން މޫނުން ފެންނަނީ ތާޒާ ކަމެވެ. ކުރިއަށް ޖެހިލައި، އަދިވެސް ބޮޑަށް އަމިއްލަ ސޫރައަށް ތަނާލް ބެލިއެވެ. ގިނަ މީހުންގެ ދަރުބާރަކަށް ހާޒިރުވާއިރުގައި އޭނަގެ ސޫރައަށް އައިސްފައިވި އަނަރޫފަކަން ހާމަވާން ތާނާލް ބޭނުމެއް ނޫނެވެ. ހިތްނުތަނަވަސްވެފައިވަނީ އެހެންވެގެންނެވެ. އަތުގައި މަޑު ތުރުތުރުލުމެއް ވިއެވެ. ތަނާލްއަށް ފާހަގަވެ މުށަށް ބާރުކޮށްލެވުނެވެ. ކޮޓަރީގެ ދޮރުގައި ޓަކިދިނީ އެވަގުތެވެ.

''ދަރިފުޅާ، އަވަސް ކުރޭ، ބައްޕަ ދެންމެ ބުނެފި ލޯންޗު ފުރާ ގަޑި ހަތްގަޑި ބަޔަށް ބަދަލުވެއްޖެޔޭ...'' ދޮރުގައި ޓަކިދެމުން މަންމަ ބުނި އަޑު ތަނާލްއަށް އިވުނެވެ. ލޯގަނޑު ކުރިމަތީ ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި ތަނާލް ފުންނޭވާއެއް ދޫކޮށްލެވިއެވެ. ރީތިވާ މޭޒުމަތީ އޮތް ކްލަޗް ނަގަމުން ފޯނު އޭގެ ތެރެއަށް ލިއެވެ. ކޮޓަރިން ނިކުންނަން ހިނގައިތްތަނާ އޭނައަށް ހުއްޓެވުނީ ރީތިވާ މޭޒުމަތީ ހުރި ބޭސްފުޅި ފެނުމުންނެވެ. އަޖުމަ ބަލައިލަން ތަނާލް ނިންމައިގެން ހުރީ މިރޭ ކާން ޖެހޭ ބޭސްތައް ސްކިޕްކޮށްލުމަށެވެ. އަބަދު ބޭހުގެ މައްޗަށް ބަރާސޯވެވެން ނެތީތީ އެވެ.

ސިކުނޑިއަށް ބާރުލަމުން ދަނިކޮށް ދެވަނަ ފަހަރަށް މަންމަ ދޮރުގައި ޓަކިދީފިއެވެ. ބަނދެވެން ފެށި ޚިޔާލުތަކުގެ ތެރެއިން ނިކުންނަން މަޖުބޫރުވިއެވެ. ތަނާލް ގަސްދުކުރީ އޭނަގެ ނިންމުންމަތީގައި ދެމި ހުންނާށެވެ. ބޭސްފުޅިއަށް ފުރަގަސް ދެމުން ކޮޓަރިން ނިކުތެވެ.

ތަނާލްގެ އިންތިޒާރުގައި ސުމައްޔާއާއި ހާރޫން ތިބީ ބޮޑުކޮޓަރީގެ ސޯފާގައެވެ. ހާރޫން ހުރީ ގަދަ ނޫކުލައިގެ ސޫޓެއްގައެވެ. ސުމައްޔާ ހުރީ ގަދަ މެރޫން ކުލައިގެ އަބަޔާއެއްގައެވެ. ތަނާލް ފެނުމާއެކު ހާރޫންގެ ދެމަފިރިން ސޯފާއިން ތެދުވިއެވެ.

''މިރޭ ބައްޕަ ހާދަ ހޭންޑްސަމްހެން ހީވެޔޭ...'' ބައްޕައަށް ބަލަމުން ތަނާލް ލުއި ހިނިތުންވުމެއް ދިނެވެ.

''ހަމައެކަނި މިރޭތަ؟...'' ސަމާސާ ރާގަކަށް ހާރޫން ބުންޏެވެ. އޭނަ ދެން ބަލައިލީ ސުމައްޔާ އަށެވެ. ޖަވާބެއްގެ އިންތިޒާރުގައެވެ. ސުމައްޔާ ދެފަރާތަށް ބޯހޫރާލިއެވެ. އެމަންޒަރު ފެނި ތަނާލްގެ ހިނިތުންވުން ފުންވެއްޖެއެވެ. ހިނިތުންވުމަކީ އޭނައާއި ބީރައްޓެހި ސިފައަކަށް ވެފައި ވިޔަސް، ލަސްލަހުން އެކަމަށް އާދަވާން ފަށައިފިއެވެ.

*****

ހަފްލާ ހަމަޖެހުނީ ''ސަރުވާ އިންޑަސްޓްރީސް''ގެ ފަރާތުން ހިންގާ ފަސްތަރީގެ ރިސޯޓެއްގައެވެ. މާލެއާއި ކައިރީގައި އޮންނަ ރިސޯޓަށް ދިއުމަށް ލޯންޗުގައި ހޭދަވަނީ ތިރީސް މިނެޓެވެ. ބާރު ސްޕީޑްގައި ދަތުރުކުރަމުން ދިޔަ ލޯންޗުގެ ފަހަތު ސީޓުގައި އިން ތަނާލްގެ ނަޒަރު ހުއްޓިފައިވީ އުޑުގައި ބަބުޅަމުންދާ ތަރިތަކަށެވެ. އެމަންޒަރުން އަވަސްވެފައިވި އޭނަގެ ހިތުގެ ހިނގުމަށް ކުޑަ ނަމަވެސް ލުޔެއް ގެނެސްދިނެވެ. ތަރިތަކުގެ ތެރެއަށް ގެއްލިފައި ވަނިކޮށް، ރިސޯޓްގެ ފަޅާއި އަރާ ހަމަވުމުން ލޯންޗުގެ ދުވެލި މަޑުކޮށްލައިފިއެވެ. ލަސް ދުވެއްޔެއްގައި ގޮސް ޖެޓީއަށް ލަފަންދެން ރިސޯޓްގެ މަލަމައްޗަށް ބަލަން ތަނާލް އިނެވެ.

މެހެމާނުންގެ އިސްތިޤުބާލަށް އައިސް ހުރީ ރިސޯޓްގެ ފްރޮންޓް އޮފީސް މެނޭޖަރުގެ އިތުރުން އޭނަގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންތަކެވެ. ހޫނު މަރުޚަބާއަކަށްފަހު ގެންދެވުނީ ހަފްލާ ކުރިއަށް ދިއުމަށް ހަމަޖެހިފައި އޮތް މާލަމަށެވެ. އެއީ ރިސޯޓްގެ ރިސެޕްޝަނާއި ކުރިމައްޗަށްވާހެން ހުރި ޕޫލް ބާރ އެވެ. މިރޭގެ ހަފްލާއަށް އެތަން ވަނީ ގެސްޓުންނަށް ވެސް ބަންދުކުރެވިފައެވެ. ބާރއަށް ދިއުމަށް އޮތް މަގުގެ ދެފަރާތުގައި ވަނީ ހުދު ފިނިފެންމަލުގެ ބޮޑެތި ގުލްދަސްތާތަކާއެކު ފާނޫޒުތަކެއް ބަހައްޓާފައެވެ. ކުރިއަށް ދާންވީ މަގުގައި ރަތް ދޫލައެކެވެ. ފާނޫޒުގެ އައްޔާއެކު ބޯމައްޗަށް ވާހެން ހުރި ކުލަކުލައިގެ ބޯގަންވިލާ ގަސްތަކުގައި ހަރުކޮށްފައިވި ހުދު ފެއަރީ ލައިޓްތަކުން މާހައުލަށް އިތުރު ދިރުމެއް ގެނެސްދެއެވެ.

ބާރއަށް ވަނުމަށް ހުރި މައި ދޮރާށި ކުރިމަތީ ޔުނިފޯމްގައި ތިބި މުވައްޒަފުންތައް، ހަފްލާއަށް އަންނަ މެހެމާނުންގެ ދައުވަތު ކާޑު ބަލައި، އެބަޔަކަށް ހާއްސަކުރެވިފައިވާ މޭޒަކާ ހަމައަށް ގެންދެއެވެ. އެކަމުން ވެސް އެއީ އާދައިގެ ހަފްލާއެއް ނޫންކަން ހާމަކޮށްދެއެވެ. ކިއު ލައިނުގައި ތިބި މީހުންގެ ދުލުން ވެސް ހަފްލާ ޒީނަތްތެރިކޮށްފައިވާ ގޮތުގެ ޝާހީކަމާއި ފުރިހަމަކަމުގެ ވާހަކަތައް ހުއްޓުމެއް ނެތި ދެކެވުނެވެ.

އެއިން އެއްވެސް ކަމަކަށް ތަނާލްގެ ޝައުޤެއް ނެތެވެ. އޭނަ ހުރީ ވީހާ ވެސް އަވަހަކަށް އެތެރެއަށް ވަނުމުގެ ހުއްދަ ލިބޭނެ އިރެއްގެ އިންތިޒާރުގައެވެ. ލައިނުގައި ތިބި މީހުން ހުއްޓުމެއް ނެތި ދައްކާ ވާހަކަތަކާއި އިވެމުންދާ މިޔުޒިކުގެ އަޑުން ތަނާލް ހާސްވާން ފެށިއެވެ. ބޭސް ބަހައްޓާފައި އާދެވުނުކަމުގެ މޮޔަ ރަނގަޅަށް ހީވާން ފެށުމުން ނަފުސަށް އޮތް އިތުބާރަށް ލޮޅުންއަރަން ފެށިއެވެ. ރޭގަނޑުގެ ފިނި މާހައުލުގެ ތެރެއިން ފިނި ދަލެއް ހިއްލަން ފެށިއެވެ. އެވަގުތު އޭނަގެ ކޮނޑުގައި މަންމަ ކޮއްޓާލުމުން ސިއްސައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ.

''ދަރިފުޅާ...'' ތަނާލްއަށް އައިސްފައި ހުރި ބަދަލުތައް ފާހަގަވުމުން ސުމައްޔާ ކަންބޮޑުވާން ފެށިއެވެ. މިހާ މީހުން ގިނަ ހަފްލާއަކަށް ތަނާލް ގެނައުން އެއީ ބުއްދިވެރި ވިސްނުމެއް ބާވައޭ އަމިއްލަ ޒަމީރާ ސުވާލުކޮށްލެވުނެވެ.

''ލައްބަ މަންމާ...'' ތަނާލް ހިނިތުންވެލަން މަސައްކަތްކުރިއެވެ.

''ދަރިފުޅު ބޭނުންނަމަ މާލެ ދާން މަންމަ ބައްޕައާ ވާހަކަދައްކަންތަ؟...'' ސުމައްޔާ ހިފައިލީ ތަނާލްގެ އަތުގައެވެ. އޭނަ ހާރޫން ފެނޭތޯ ހޯދާލިއެވެ. ރައްޓެއްސަކާ ދިމާވެގެން ހާރޫން ހުރީ ތަންކޮޅެއް ދުރުގައެވެ.

''ނޫން... އައިމް ފައިން...'' ތަނާލް ބުންޏެވެ. ސުމައްޔާއަށް ހުރެވުނީ ޝައްކެއްގެ މަތީގައެވެ. އޭނަ އެއްޗެއް ބުނަން އުޅުނުތަނާ އިވުނީ ޖަމްޝީދާގެ އަޑެވެ. ފަސްއެނބުރި ސުމައްޔާއަށް ބަލައިލެވުނެވެ. ހަރު ހިނގުމެއްގައި ޖަމްޝީދާ އާދެއެވެ. އޭނަ ހުރީ ވަރަކަށް ނަލަހެދިލައިގެންނެވެ. ޖަމްޝީދާއަށް ބަލާފައި އޭނަގެ އުމުރު ލަފާކޮށްލަން ދަތި ވާނެއެވެ. އޭނައަކީ ސިއްހަތަށް ބަލައިގެން އުޅޭ މީހެކެވެ. ސުމައްޔާ ގޮވައިގެން މަދުވެގެން ހަފްތާއަކު ތިން ދުވަހު ކަސްރަތުކުރަން ދާނެއެވެ.

''ތަނޫ...'' ތަނާލް ފެނުމުން ޖަމްޝީދާގެ ހިނިތުންވުން ފުޅާވެއްޖެއެވެ. ބޭރުތެރެއިން ތަނާލްއާއި ބައްދަލުވުމުން، ފުރަތަމަ ޤަބޫލުކުރަން ވެސް އުނދަގޫ ވިއެވެ. ހައިރާން ވިޔަސް، އެބަދަލާ މެދު އޭނަ ހުރީ އުފާވެފައެވެ. ތަނާލްއާއި މެދު ސުމައްޔާ ވިސްނާވަރާއި ކުރާހާ ފިކުރެއް ގާތުން ފެންނާތީއެވެ. އެކުވެރިޔާއަށް އެހީވާނެ ގޮތެއް ނޭނގި ޖަމްޝީދާ ވެސް ހުންނަނީ ދޭނެ ޚިޔާލެއް ނޭނގިފައެވެ.

ޖަމްޝީދާ އައިސް ބައްދާލުމުން ތަނާލްއަށް ހިނިތުންވެވުނެވެ. ޖަމްޝީދާގެ އޯގާތެރިކަން އިހުސާސްވުމުންނެވެ. ހަމައެއާއެކު ބީރައްޓެހި މާހައުލުން ދެނެފަރިތަ މޫނެއް ފެނުމުން ހާސްކަމަށް ލުޔެއް ލިބުނެވެ.

ޖަމްޝީދާ އައުމުން އިތުރަށް ތަނާލްގެ ހާލު އޮޅުންފިލުވަން ސުމައްޔާ ނޫޅުނެވެ. ތަނާލްގެ ބަހަށް އިތުބާރުކުރަމުންނެވެ. ނަމަވެސް، ތަނާލްއަށް ހާއްސަ ސަމާލުކަމެއް ދޭން ސުމައްޔާ ނިންމިއެވެ.

''އަންވަރު އަދިވެސް ރަނގަޅުނުވަނީތަ؟...'' ޖަމްޝީދާގެ ފިރިމީހާ ފެންނަން ނެތުމުން ސުމައްޔާ އެހިއެވެ. ހަފްތާއެއް ކުރިން އަރިދަފުސްގަނޑު ލައްވާލައިގެން އެކަމުގެ ޚަބަރު ސުމާއްޔާއަށް އޮތީ ލިބިފައެވެ.

''އާނ، މުޅިން ރަނގަޅެއް ނުވޭ، އެހާ ބަލިކޮށް އުޅެމުން މިހާ މީހުން ގިނަ ތަނަކަށް އަންނާކަށް ނުވާނެއެއްނު...'' ޖަމްޝީދާ އޮޅުންފިލުވައިދިނެވެ. އޮލަވާހަކައިގައި ތިއްބާ، ކިއު ލައިނު ކުރިއަށް ގޮސް އެންމެނަށް އެތެރެއަށް ވަދެވޭ ވަރު ވެއްޖެއެވެ. އެއާއެކު ތަނުގެ ފުރިހަމަކަން ހަމަލޮލަށް ތަސައްވަރުކޮށްލެވުނެވެ. ހޭލަމޭލަވަމުންދާ މެހެމާނުންނާއި އިވެމުންދާ ލައިވް މިޔުޒިކުގެ އަޑުން ހިނދުކޮޅަކަށް ވެސް ފަނޑުވެގެންނުދެއެވެ. މުވައްޒަފުގެ ފަހަތުން ގޮސް ސުމައްޔާމެން އިށީނީ ބާރގެ މެދުގައި ހުރި މޭޒެއްގައެވެ.

''ބަލާބަ، އެހެރީ އަޒީލާ... ވަރެއްގެ އަންހެނެއް އެއީ...'' ގޮނޑީގައި އިށީންނަމުން ޖަމްޝީދާ ބުންޏެވެ. ސުމައްޔާގެ ކޮނޑުގައި ކޮއްޓާލަމުން ކުރީ ސަފުގައި ހުރި މޭޒެއް ޖަމްޝީދާ ދައްކާލިއެވެ. ތަނާލް ވެސް އެދިމާއަށް ބަލައިލިއެވެ. އޭނައަށް ވެސް ޖަމްޝީދާ އިޝާރާތްކުރި އަންހެން މީހާ ފެނުނެވެ. އެއީ ހަމުގެ ކުލަ އަލި އަންހެނެކެނެވެ. ބަލާބެލުމަށް އުމުރުން ސާޅީހަކަށް އަހަރެވެ. މޭކަޕްކޮށްފައި ހުރިއިރު ހާމައަށް އޮތް ކަނދުރާގައި އަޅާފައިވަނީ އަލިމަހުގެ ހާރެކެވެ. ރީތި ޑިޒައިނަކަށް ގަތާފައި އޮތް ރާޅުބާނީ އިސްތަށިގަނޑުގައި ރަނުން ފަރުމާކުރެވިފައިވާ ދަތިތަކެއް ހަރުކުރެވިފައި ހުއްޓެވެ. އަތުގައި ވެސް ހުދުރަނުގެ ގަހަނާއެވެ. އިނގިލިތަކުގެ ކުރީގައި ރޫބީގެ އަނގޮޓިއެވެ. ގޮތްބޮޑުކަމާއި ކިބުރުވެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ.

''ބަލާބަ، އުމުރަށް ވުރެން ޒުވާންވާންވެގެން ފޯރިއެއް އެބަހުއްޓެއްނު، އަހަރެން އަޑުއެހިން އޭނަ ހުންނަނީ ޕްލާސްޓިކް ސާޖަރީ ވެސް ހަދައިގެންނޭ...'' ޖަމްޝީދާ ތުން އަނބުރާލިއެވެ. އޭނައާއި އަޒީލާގެ ދެމެދުގައި ނަފުރަތުގެ ހުޅުގަނޑު ރޯވީ އެކުވެރިންނާއެކު ދިޔަ ''ހައި ސޮސައިޓީ ބުކް ކްލަބެއް''ގެ ތެރެއިން ހިނގި ދެބަސްވުމަކަށް ފަހުގައެވެ. އޭނަގެ އެކުވެރިން ވެސް އަޒީލާގެ ތިލަފަތަށް ބަރުވި ފަހުން ޖަމްޝީދާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.

''ތިހެން މީހުންނާ ދިމާއަށް ބަސް ބުނާކަންނުވާނެޔޭ...'' އަޒީލާއަށް ދިން ނަޒަރަށްފަހުގައި ސުމައްޔާ ބުންޏެވެ.

''އޭނައާ ދިމާއަށް އެއްޗެއް ބުނެގެން މީހަކު ފާހަވެރިއެއް ނުވާނެ، އެއަށްވުރެން ނުލަފާ އަންހެނެކޭއެއީ، އަހަރެން ހިތަށް އަރާ މަސްރޫރަށް އޭނަގެ ފަރާތުން ކޯޗެއް ފެނިގެންބާވައޭ ފުރަތަމަ އަނބި ވަރިކޮށްފަ އެއަޒީލާއަކާ އިނީ... ނޫނޭވާ ހިތްނުބައި އަންހެނެއް... ކުރިން ކިޔާނުދެވޭދޯ؟... ހަމަ ސީދާ ބޮޑު ކަތުރުފަންޏެއް އެއީ... މައުސޫމް އަންހެނެއްގެ ދިރިއުޅުން ހަލާކުކޮށްފަ ހުރި ރަންޑިއެއް.... ދެމަފިރިއެއްގެ ދެމެދަށް ވަދެގެން ދިރިއުޅުންތައް ހަލާކޮށްފަ ހުރި ނުލަފާ މީހެއް... އެންމެނަށް އޭނަގެ ހަޤީޤަތް އެނގޭ އިރު ވެސް ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނުހުރެޔޭ... މުއްސަނދިކަން ދައްކަމުންދާއިރު އެމުއްސަދިކަން ހޯދި ގޮތް އަހަރުމެންނަށް އެނގެޔޭ...'' ޖަމްޝީދާ ތުންއަނބުރާލަމުން ބުންޏެވެ. އާންމުކޮށް އެފަދައިން ދެކެވޭ ވާހަކަތަކަށް ތަނާލް ސަމާލެކަމެއް ނުވެއެވެ. އެހެނަސް، ކޮންމެވެސް ވަރެއްގެ ޝައުޤުވެރިކަމެއް ހިތުގައި އުފެދުނެވެ. އަޒީލާ ދެކެ ޖަމްޝީދާ އެހާވަރަށް ރުޅިއަންނަން ޖާއިޒު ސަބަބެއް ވާނެތީއެވެ.

''ކިހިނެއްތަ؟...'' ސުމައްޔާއަށް ޖަމްޝީދާގެ ވާހަކަތައް ފަހުމުނުވެގެން އަހާލެވުނެވެ.

''މަސްރޫރު ވާވައްދައިގެނެއް ނޫންތަ!... މަސްރޫރާ ކައިވެނިކުރުމުގެ ކުރިން އޭނަ އަކީ މަސްރޫރުގެ ޕީ.އޭ، އެހެން އުޅެފަ މަސްރޫރުގެ ވިސްނުމާ ކުޅެލީ... އެކަމެއް ހިނގިއިރު މަސްރޫރުގެ އަންހެނުން އިނީ ދެވަނަ ދަރިފުޅަށް ބަލިވެ، ފުރަތަމަ ދަރިފުޅު ޒަރާރަށް ވާނީ ދިހަވަރަކަށް އަހަރު... އެއުފާވެރި ޢާއިލާގެ ހަމަޖެހުން ނަގާލައިގެން މިއަދު އޭނަ އެހުރި މަޤާމަށް އައިސްގެން އުޅެނީ... އަހަންނަށް އަޑު އިވުނު ގޮތުގަ މަސްރޫރުގެ ފުރަތަމަ އަނބިމީހާއަށް ލިބުނު ޝޮކު މަރުދުވަހާ ހަމައަށް ފިލައިގެން ނުދާ ކަމަށްވަނީ...'' ޖަމްޝީދާ ބުނެދިނެވެ.

ސުމައްޔާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މުދަލާއި ފައިސާގެ ދަހިވެތިކަމުގައި ދިރިއުޅުންތައް ބަރުބާދުކުރާއިރު ހިތުގައި ޒައްރެއްގެ މިންވަރު ވެސް ރަހުމެއް ނޯންނަނީ ބާވައޭ އަމިއްލަ ޒަމީރާއި ސުވާލުކޮށްލެވުނެވެ.

(ނުނިމޭ)