ލަންކާގައި ކައްކާ ގޭސް ވިއްކާ އަގު ބޮޑުކޮށްފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެޔޮ ލިބޭ އަގު ބޮޑުވުމާއެކު ސްރީލަންކާ އިން ވަނީ އެގައުމުގައި ވިއްކަމުން އަންނަ ކަންކާ ގޭހުގެ އަގު ރެއިން ފެށިގެން ބޮޑު ކުރުމަށް ނިންމައި އެކަން އިއުލާންކޮށްފައެވެ.

ލަންކާގެ ގޭސް ކުންފުނި އިޓްރޯ އިން ބުނީ އެގައުމަށް ގޭސް އެތެރެކުރާ އަގު ބޮޑުތަނުން ބޮޑުވެފައިވާ ކަމަށާއި ގޭސް ބޭނުން ކުރާ ނިސްބަތް ވެސް އިތުރުވެފައިވާ ކަމަށް ފާހަގަވެފައިވާ ކަމަށެވެ.

ރެއިން ފެށިގެން ލަންކާގައި ވިއްކާ ކައްކާ ގޭހުގެ އަގަށް އައި ބަދަލުތަކަށް ބަލާއިރު 12.5 ކިލޯގެ ގޭސް ސިލިންޑަރެއް ކުރިން ލިބެމުން އައި 775 ރުޕީސް ވަނީ 4،765 ރުޕީސް އަށް ބޮޑުވެފައެވެ.

ލިޓްރޯ އިން ވަނީ ކުރިން ފަސް ކިލޯގެ ސިލިންޑަރެއް 308 ރުޕީސް އަށް ލިބުނު ކަމަށާއި ދެން ލިބޭނީ 1،910 ރުޕީސް އަށް ކަމަށް ބުނެފައެވެ. ލަންކާއިން ވިއްކާ 2.3 ކިލޯގެ ސިލިންޑަރެއްގެ އަގުވެސް 890 ރުޕީސް އަށް ވަނީ ބޮޑުކޮށްފައެވެ. ކުރިން އެސައިޒުގެ ސިލިންޑަރެއް ލިބޭނީ 140 ރުޕީސް އަށެވެ.

ލިޓްރޯ އިން ވަނީ ލަންކާއަށް ގޭސް ލިބުން ދަތި ނުވާވަރަށް މިހާރުވެސް ބޯޓުތައް ދަތުރުކުރަމުން އަންނަ ކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ލަންކާއަށް އެތެރެވުމަށް މިހާރުވެސް ރާއްޖެ ސަރަހައްދުގައި 38،000 މެޓްރިކް ޓަނުގެ ގޭހާއެކު ބޯޓެއް އޮތް ކަމަށާއި މިމަހަށް އެވަރުން ވާނެ ކަމަށް ލިޓްރޯ އިން ބުނެއެވެ.

ލިޓްރޯ އިން ވަނީ ލަންކާއަށް އެތެރެކުރާ ގޭހުގެ އިތުރު ޝިޕްމަންޓެއް 20،000 މެޓްރިކް ޓަނުގެ ގޭހާއެކު މިހާރު ދަތުރުކުރަމުން އަންނަ ކަމަށާއި ރާއްޖެ ސަރަހައްދަށް އެބޯޓު ގާތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. މީގެ އިތުރުން ދެކުނު އެމެެރިކާއިން ވެސް 20،000 މެޓްރިކްޓަނުގެ ގޭސް ޝިޕްމަންޓެއް ދަތުރު ފަށާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.