މޯލްޑިވްސް ނޭޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް)ގެ ތަމްރީނުގެ ތިންވަނަ ބުރަށް ކުރިމަތިލުމުގެ މުއްދަތު ޑިފެންސް މިނިސްޓްރީން އިތުރުކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހުކުރި އިއުލާނެއްގައި ބުނެފައިވަނީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލުމަށް އެ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި، ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިއަދަށް ކަމަށެވެ.

ނަމަވެސް ޑިފެންސް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ މުއްދަތު މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މުއްދަތު އިތުރުކުރި ސަބަބެއް ޑިފެންސުން ހާމަނުކުރި ނަމަވެސް މިއަދާއި މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާތީ މުއްދަތު އިތުރުކުރީކަމަށް ބެެލެވެއެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް ކުރިމަތިލެވޭނެއެވެ. އުމުރުން 18 އަހަރު ނުވާ ކުއްޖަކު ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ބައިވެރިވާން ބޭނުންވާ ނަމަ، އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތް ނަމަ، އަދި ކުއްޖާއަކީ ފުރިހަމަ ސިއްހަތެއްގައި ހުރި ކުއްޖެއް ނަމަ، ބައިވެރިވެވޭނެއެވެ.

ވަތަނީ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމަށްފަހު [email protected] އަށް އީމެއިލުން ނުވަތަ ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށް ފޯމު ހުށަހެޅެން ހުންނާނެއެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.