މޯލްޑިވްސް ޕޮލިސް ސާވިސްގެ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު (ޓޫފޯ)، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފި އެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މަގާމުން ރިޓަޔާ ކުރެއްވުމާ އެކު، އެ މަގާމުގައި މިހާރު ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.

އަހްމަދު މުހައްމަދަކީ 1995 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު އިހްލާސްތެރި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން، އިންޑިއާގެ ސަރުދާރު ވަލްލަބްބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކަޑަމީން އައިޕީއެސް ޕްރޮބޭޝަނަރުންނަށް ދޭ ބޭސިކް ޓްރޭނިން ކޯސް ހިމެނޭހެން، ސީނިއާ އޮފިސަރުންގެ ތަމްރީނުތައް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.

އަދި ވިލާ ކޮލެޖުން މާސްޓާސް އޮފް ޝަރީއާ އަދި ބެޗްލާ އޮފް ޝަރީއާ (އޮނާސް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.